ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރުވާންޑާއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ރުވާންޑާގެ ވެރިރަށް ކިގާލީއަށް ވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ކިގާލީ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ، ރުވާންޑާގެ މިނިސްޓަރ އޮފް ލޯކަލް ގަވަރމަންޓް ޜޯން-މަރީ ވިއަނޭ ގަތަބާޒީއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ޑިމޮކްރަސީ އާއި، އިންސާނީ ޙައްޤުތަކާއި، ހެޔޮވެރިކަމާއި، ޤައުމުތަކުން އެކުގައި މަސައްކަތް ކުރުމާއި، ދުނިޔޭގެ ޞުލްޙަ މަސަލަސްކަން ކުރިއެރުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢާއެކު، ޚާއްޞަކޮށް ކޮމަންވެލްތުގެ މެންބަރު ޤައުމުތަކާއެކު ރާއްޖެއިން އަބަދުވެސް މަސައްކަތްކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ދެއްވާ އަހަންމިއްޔަތު ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. އަދި، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަ ޤައުމުތައް ބައިވެރިވާ މިފަދަ ފޯރަމްތަކުގެ ޒަރިއްޔާއިން، އެންމެން ޝާމިލުވާ، އަދި ތިމާވެށްޓާ މެދު ހޭލުންތެރި ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް ބޭނުންވާ ފަންނީ ތަޖުރިބާއާއި އެހީތެރިކަން ހޯދުމަށެވެ.

މި ބައްދަލުވުމުގެ ހަވާސާގައި، ޤައުމުތަކުގެ ވެރިންނާއެކު ބާއްވަވާ މަޝްވަރާ ބައްދަލު ކުރެއްވުންތަކުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާކުރުމަށާއި، ބައިނަލްއަޤްވާމީ މައްސަލަތައް ޙައްލުކުރުމުގައި ރާއްޖެއިން ބައިވެރިވެ މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވާނެއެވެ.

މި ބައްދަލުވުމަށް 54 ޤައުމެއްގެ އެންމެ އިސްވެރިން ކިގާލީއަށް ވަޑައިގަންނަވާއިރު، މި ބައްދަލުވުމުގައި ޒުވާނުންނާއި، އަންހެނުންނާއި، ވިޔަފާރިއާއި، މަދަނީ މުޖުތަމަޢުގެ މައްޗަށް އަލިއަޅުއްވާލައްވައި މަޝްވަރާތައް ކުރައްވާނެއެވެ. މީގެ އިތުރުން ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިން، ކޮމަންވެލްތް ލީޑަރުންގެ ރިޓްރީޓުގައި ވަކިން ބައްދަލުކުރައްވައި، ކޮންމަންވެލްތްގެ ޤައުމުތަކުން އިސްކަންދޭ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.

2020 ވަނަ އަހަރުގެ ފެބްރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުނު ފަހުން، މިއީ ކޮމަންވެލްތްގެ އިސްވެރިންގެ ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ.