މިރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް އިފްތިތާޙްކުރި އާރްޓީއެލް ބަސްތަކުގެ ޚިދުމަތް ފެށުމާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ 'އެއްގަމު ދަތުރުފަތުރުގެ ދާއިމީ ޙައްލު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރަށްވެހިންނަށް' މި ނަމުގައި އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ބަހުގެ ޚިދުމަތް ތަޢާރުފުކުރުމަށް މިރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އާރްޓީއެލްގެ ބަސްތައް ރަސްމީކޮށް ތަޢާރަފްކޮށްދެއްވާފައެވެ. މިގޮތުން ގްރޭޓަރ މާލެ ރީޖަންގެ ޓްރާންސްޕޯޓް ލިންކުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ދަށުން އެމްޓީސީސީއިން ވަނީ 86 ފަސިންޖަރުންގެ ޖާގައިގެ 15 ބަސް ގެނެސްފައެވެ. މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއިި، ދައުލަތުގެ ވަޒީރުންނާއި، ސަރުކާރާއި، އެމްޓީސީސީގެ އިސް ވެރިންގެ އިތުރުން އެމްޓީސީސީގެ މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުން އެތަނުގައި ވަޒަންވެރިވިއިރު ދޭންޖެހޭ އެތަކެއް ޒަރޫރީ އަދި އަސާސީ ޚިދުމަތްތައް ލިބެން ނެތްކަމަށާ، އެހެން ނަމަވެސް މި ސަރުކާރުން ދަނީ އެކަންކަން ފުރިހަމަ ކުރުމަށް ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކުރަމުންކަމަަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މިރޭ އިފްތިތާޙްކުރެވުނު ބަހުގެ ޚިދުމަތަކީ ވެސް ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތެއްކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އަދިވެސް ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވެފައިވާ އެތަކެއް ޚިދުމަތްތައް ހުރިކަމުގައެވެ. މިގޮތުން ސަރުކާރުން ދަނީ ސްކޫލްތަކާއި، މިސްކިތްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އިތުރުން މަގުތައް ހެދުން ފަދަ ކަންކަން ކުރަމުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންގެ އެތަކެއް ކަންބޮޑުވުންތައް އަދިވެސް ހުރިއިރު، އެމީހުންނަށް ދިމާވާ ގޮންޖެހުންތަކާއި އެމީހުންގެ ޝަކުވާތައް ސަރުކާރުން ގާތުން ބަލައި އަޑުއަހަމުންދާނެކަމަށާއި، އެކަންކަމަށް ދެވެން އޮތް ޙައްލަކީ ކޮބައިތޯ ބަލައި އެ ޙައްލުތައް އެމީހުންނަށް ހޯދައިދިނުމަށް ސަރުކާރުން ކުރިޔަށް އޮތްތާގައިވެސް މަސައްކަތްކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހި އާބާދުވެ ނިމޭ އިރު ގާތްގަނޑަކަަށް ހަތްދިހަ ހާހެއްހާ މީހުން އެތަނުގައި ދިރިއުޅޭނެކަމަށް ލަފާކުރެވޭތީ، އެތަނަށް ބޭނުންވާ މިންވަރަށް ޚިދުމަތްތައް ޤާއިމުކުރުމާއި ޚިދުމަތްތައް ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރާއްޖޭގެ ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ދިނުން އެމްޓީީސީސީއާ ސަރުކާރުން ޙަވާލުކުރިފަހުން އެދެވޭ ކުރިއެރުންތަކެއް ފެންނަމުންދާކަމުގައި ވިދާޅުވަމުން ރައީސުލްޖުމްހޫމްހޫރިއްޔާ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ޝުކުރުއަދާކުރައްވާފައެވެ.