بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް، ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރ އިބްރާހީމް ފިކުރީ، ޓީ.ޓީ. އެސޯސިއޭޝަންގެ ރައީސް ޢަލީ ރަޝީދު، ފުވައްމުލަކު މެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން މުޙައްމަދުދީދީ، ކައުންސިލް މެންބަރުން، ދައުލަތުގެ ސްޓޭޓް މިނިސްޓަރުން، ޓީ.ޓީ. އެސޯސިއޭޝަންގެ ވެރިން އަދި ވަރަށް ޚާއްޞަކޮށް، އަޅުގަނޑުމެންނާއެކު ބައިވެރިވާ ޤައުމީ ޓީމުގެ ޒުވާން ކުޅުންތެރިން، ފުވައްމުލަކު ސްކޫލްގެ ދަރިވަރުން، ބެލެނިވެރިން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިއަދު އެންމެ ފުރަތަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ދެންމެ ޔޫތު މިނިސްޓަރ އެ ވިދާޅުވިގޮތަށް، މިދިޔަ އަހަރުތަކުގެ ތެރޭގައި ޚާއްޞަކޮށް، ޓޭބަލް ޓެނިސްގެ ދާއިރާއިން ދިވެހިރާއްޖެއަށް ވަރަށް ރީތި ރަން ވަނަތަކެއް ހޯދައިދީފައިވާކަން. އެކަމަށްޓަކައި ޤައުމީ ޓީމުގެ ޒުވާން ކުޅުންތެރިންނަށް އަޅުގަނޑު ހަމަ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން.

އާދެ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، ޒުވާން ކުޅުންތެރިންނާއެކު މިފަދަ ކަމެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ލިބިގެންދިޔުމަކީ. މި ރަށަށް ހުރިހާ ބޭފުޅުންނަށްވެސް، ހުރިހާ ކުދިންނަށްވެސް ވަރަށް ބޮޑަށް މަރުޙަބާ.

އެނގިވަޑައިގަންނަވާނެ، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކަށް ވެގެންމިދަނީ ރާއްޖޭގެ ތަރައްޤީ. ރާއްޖޭގެ ތަރައްޤީގެ މަސައްކަތް ކުރިއަށްދާއިރު، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަހަންމިއްޔަތުކަން މި ދެއްވަނީ ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތު ކުރުމަށްޓަކައި، ރަނގަޅު ދަރިންތަކެއް އުފެއްދުމަށްޓަކައި، ދަރިވަރުންތަކެއް އުފެއްދުމަށްޓަކައި. ހަމައެއާއެކު، ރަނގަޅު ދަރިން އެކިއެކި ދާއިރާތަކުން ބިނާކުރުން. ހުނަރުވެރި ދަރިންތަކެއް ބިނާކުރުން އެއީ، ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތު. ހަމަމިއާއެކު، ރާއްޖޭގެ ތަރައްޤީގެ ތެރޭގައި ކުޅިވަރު ތަރައްޤީކޮށް އާލާކުރުމަކީ އެއީ ވަރަށް މުހިންމު ސިޔާސަތެއް.

އެނގިވަޑައިގަންނަވާނެ، ކުޅިވަރަކީ މިއީ ވަރަށް މުހިންމު ރޯލެއް އަދާކުރާ ކަމެއް. އަޅުގަނޑުމެންގެ އެކުވެރިކަމާއި އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ ހެލިފެލިވެއުޅުމާއި، އަޅުގަނޑުމެންގެ ޞިއްޙަތަށް، ޢާންމު ޞިއްޙަތަށް، އަޅުގަނޑުމެންގެ ވެލްބީންގއަށްވެސް، ކުޅިވަރުގައި މަސްއޫލުވެގެން އުޅުން ވަރަށް މުހިންމު. މިއީކީ ވަކި ޢުމުރަކަށްވެސް އޮތް ކަމެއް ނޫން. ޒުވާނުން، ޢުމުރުން ދުވަސްވީ ފަރާތްތައް، އެމީހަކަށް ކުޅެވޭ ކުޅިވަރެއް ކުޅުމަކީ އެއީ އަޅުގަނޑުމެން ހަމަ ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމެއް.

އާދެ، ފުވައްމުލަކަކީ ކުޅިވަރުގެ ރޮނގުގައި، އަޅުގަނޑުމެން ކުޑައިރުއްސުރެ ފެށިގެން ވަރަށް ގިނަ ތަފާތު ކުޅިވަރުތަކުގައި އެކިއެކި މީހުން ވަރަށް ބޮޑަށް ހަރަކާތްތެރިވާ ރަށެއް. ޓޭބަލް ޓެނިސް، އަދި ފުޓްބޯޅަ، ވޮލީ، މިހެންގޮސް ވަރަށް ގިނަ ކުޅިވަރުތަކަށް ވަރަށް ބޮޑު ޝައުޤުވެރިކަމެއް، ފުވައްމުލަކު ރައްޔިތުންގެ މެދުގައި އޮވޭ. އަޅުގަނޑުމެންގެވެސް ހަނދާނަށް އަންނަނީ، އަޅުގަނޑުމެން ކުޑައިރުވެސް މުޅިން ކުޅިވަރުގައި އުޅޭ ހަނދާން. ފުޓްބޯޅައާއި އަދި އެނޫން ކުޅިވަރުތަކުގައި.

މިއަދު އަޅުގަނޑު ބެލެނިވެރިންނަށް ވަކިން ޚާއްޞަކޮށް، އަދި ޕްރިންސިޕަލުންނަށް ދަންނަވާލަން ބޭނުންވަނީ، މި ދެންނެވި ކަންތައްތައް ޚާއްޞަކޮށް، ތަރައްޤީއާއި އެ ރަން ވަނަތައް ޙާޞިލުކުރުމަށްޓަކައި އަޅުގަނޑުމެން އެބަޖެހެޔޭ، އަޅުގަނޑުމެންގެ ދަރިން އެކި ކަންކަމުގައި ބައިވެރިކުރުވަން. މިއަދު އަޅުގަނޑުމެންނަށް މި ލިބިގެންދާ، މި ފެށިގެންދާ ޕްރޮގްރާމަކީ، އަޅުގަނޑު ދަންނަވާނީ މިއީ ހަމަ ރަނުގެ ފުރުޞަތެކޭ. އާދެ، ރަން ވަނަތައް ހޯދުމަށްޓަކައި ލިބޭ މި ރަނުގެ ފުރުޞަތުގެ ބޭނުންހިފަން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން.

އެނގިވަޑައިގަންނަވާނެ، ސަރުކާރުގެ މިއަދު ވިސްނުން މުޅިން ތަފާތު. މުޅި ޤައުމު ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން ހިފާފައި މިހިރީ. ޚާއްޞަކޮށް، އަތޮޅުތެރޭގައި މިފަދަ ޕްރޮގްރާމްތައް ހިންގުމާއި، ކުޅިވަރުގެ ހަރަކާތްތަކާއި އަދި އެނޫންވެސް ކަންތައްތައް ސަރުކާރުން ފުޅާކުރުމަކީ އެއީ މުޅި ދިވެހިރާއްޖޭގެ ތަރައްޤީ ގެނެވޭ ކަމަކީ. އެނގިވަޑައިގަންނަވާނެ، ދަތި ދުވަސްވަރެއް ދިޔަނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އޭގައި ނިންމެވީ، ރައްޔިތުންނަށް ކޮށްދެއްވަންޖެހޭ ކަންތައްތައް، ކޮންމެ ޙާލަތެއްގައިވެސް ކުރަންޖެހޭނެ ކަމަށް. އެނގިވަޑައިގަންނަވާނެ، ދަތި ދެ އަހަރެއް ދިޔައިރުވެސް، ޢާންމު ގޮތެއްގައި ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފުރިހަމަކުރެވޭތޯ، އެ މަސައްކަތް ސަރުކާރުން ބަލަމުންދިޔައީ. އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންތައްތަކަކީ، އެއީ އަޅުގަނޑުމެންނަށް މިއަދު ފަހަށް ބޭއްވޭނޭ ކަންތައްތަކެއް ނޫން. އެކަންތައްތައް ކުރެވޭނެ ގޮތްތައް ހޯދައިގެން، އަސާސީ ކަންތައްތައް ފުއްދަން އެބަޖެހޭ.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މިހާރު ފާހަގަކުރަމުން މިދަނީވެސް ދުނިޔޭގެ ތިމާވެށީގެ ދުވަސް. އަޅުގަނޑުމެންގެ މުޅި ރާއްޖެއަށް، މުޅި ޤައުމަށް ތިމާވެށީގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އަޅުގަނޑުމެންނަށް އެބަ އެނގޭ. އެހެންވީމާ، އަޅުގަނޑުމެން ގޮނޑުދޮށްތައް ހިމާޔަތް ކުރުމާއި، އަދި ޚާއްޞަކޮށް، ވޭސްޓް މެނޭޖްމަންޓް، މީގެ ސިޔާސަތު ސަރުކާރުން އެކުލަވައިލާފައިވާއިރު، މިކަންތައްތަކަކީ މިއީ ނުކޮށް ދޫކޮށްލެވޭނެ ކަންތައްތަކެއް ނޫން.

އެހެންވީމާ، މިއަދު ހަމަ ތިމާވެށީގެ ދުވަހާވެސް ގުޅިގެން ޚާއްޞަކޮށް، ޓޭބަލް ޓެނިސް ޓީމުގެ ޒުވާން ކުޅުންތެރިންނަށާއި، ތިޔަ ހުރިހާ ކުދިންނަށާއި، އަދި ފުވައްމުލަކުގެ ހަމަ ހުރިހާ ލޮބުވެތި ދަރިވަރުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސަރުކާރުގެ މި ސިޔާސަތާއެކު މިކަމުގައި އަޅުގަނޑުމެން މަސައްކަތްކޮށް، ކޮންމެ މީހަކީވެސް ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި، ތިމާވެށްޓާ ގުޅޭގޮތުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، އަޑު އުފުލައި، ޕްރެކްޓިކަލީ އެކަމުގައި އުޅޭ މީހެއްގެ ގޮތުގައި، ކުއްޖެއްގެ ގޮތުގައި އެކަން ދައްކުވައިދޭށޭ. ތަންތަނަށް ކުނި ނޭޅުމާއި، އަޅުގަނޑުމެންގެ ގޮނޑުދޮށްތައް ރީތިކޮށް، އަބަދުވެސް ސާފުކޮށް ބޭއްވުމާއި، އަދި ވަކިން ޚާއްޞަކޮށް، އެއްފަހަރު ބޭނުންކުރެވޭފަދަ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންނުކުރުމާއި، އެއްޗެހިތައް މި ދެންނެވި ގޮތަށް އުކާނުލުން، މިއީ އަޅުގަނޑުމެން ގައިގައި މިއަދު އަށަގަންނުވަންޖެހޭ، އަޅުގަނޑުމެން އެގޮތަކަށް ޢަމަލުކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ހަމަ ދަންނަވާލަން. ޚާއްޞަކޮށް، މި ދެންނެވިހެން ޓީ.ޓީ ޓީމަށާއި އަދި މި ރަށުގެ ސްކޫލް ދަރިވަރުންނަށް، މުދައްރިސުންނަށް އަޅުގަނޑު ހަމަ މިކަމުގައި ދަންނަވާލަން.

އާދެ، އަޅުގަނޑުގެ އުންމީދަކީ ﷲ އިރާދަކުރެއްވިއްޔާ، ކުޅިވަރުގެ ރޮނގުން ދިވެހިރާއްޖެ މިހާރު ހޯދަމުންމިދާ ކާމިޔާބީތަކަށް އިތުރު ބޮޅެއް އަނެއްކާވެސް މީގެތެރެއަށް ދިޔުން. ފުވައްމުލަކުގައި މި ފެށޭ މި ޕްރޮގްރާމާއެކު، އިތުރު ދަރިންތަކެއް، ކުޅިވަރުގެ މައިދާނުގައި ނުކުމެ، ދެންމެ އެ ވިދާޅުވިގޮތަށް، ދުނިޔޭގެ ރަން ވަނަތައް ހޯދުމުގައި ނެޝަނަލް ޓީމާއެކު، ފުވައްމުލަކުގެ ޒުވާނުން ބައިވެރިވެގެން ދިޔުން.

މި ފުރުޞަތުގައި، ފުވައްމުލަކުގެ މި ނިމިގެންދިޔަ އެތްލެޓިކްސް މީޓުގައި، މި ކޮމްޕެޓިޝަންގައި ފުވައްމުލަކުގެ ދަރިވަރުން، ފުވައްމުލަކު ސްކޫލް ހޯދި ކާމިޔާބީވެސް ފާހަގަކޮށް، އެފަރާތަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

އާދެ، މިއިން ކޮންމެ ކަމެއްވެސް އަޅުގަނޑުމެންނަށް މި ކުރެވެނީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން. ޚާއްޞަކޮށް، މީގައި ބެލެނިވެރިން ހޭދަކުރައްވާ ވަގުތު، އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން. ބެލެނިވެރިން އެ ކުރައްވާ ބުރަ މަސައްކަތް ކުރަމުން، ދަރިންނަށް ރަނގަޅު ތަޢުލީމެއް ހޯއްދަވައިދެއްވައި އަދި އެ ދަރިން އެކި ރޮނގުރޮނގުން ކުރިއެރުވުމަށްޓަކައި އެ ކުރައްވާ މަސައްކަތަކީ، އަޅުގަނޑު ގަބޫލުކުރަނީ އެއީ ޢާއިލާއަށްޓަކައި ކުރެވޭ ކަމެއްގެ ގޮތުގައި. އަދި އެއީ ޤައުމީ ކަމެއް ކަމަށް.

އެހެންވީމާ، ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތް ޚާއްޞަކޮށް، ސްކޫލްތަކުގެ ޕްރިންސިޕަލުން ކުރައްވާ މަސައްކަތްތައް ފާހަގަކޮށް ޖުމްލަކޮށް، އަޅުގަނޑު ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެއާއެކު، މިނިސްޓަރ މަޚްލޫފް، ރާއްޖޭގެ ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ވަރަށް ބުރަކޮށް، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ރާއްޖޭގެ އުތުރާއި ދެކުނާއި، އެކި ހިސާބުތަކުން އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ. އެކަމަށްޓަކައި މިނިސްޓަރ މަޚްލޫފްގެ މުޅި ޓީމަށް އެއްކޮށް، ހުރިހާ އެސޯސިއޭޝަންތަކެއްވެސް ހިމެނޭގޮތަށް، ޓީ.ޓީ އެސޯސިއޭޝަނަށާ އެއްކޮށް، އަޅުގަނޑު ޝުކުރު އަދާކޮށްލަނީ.

އަޅުގަނޑުގެ އުންމީދަކީ ވީހާވެސް އަވަހަށް ޓީ.ޓީ.ގެ މިފަދަ މަރުކަޒެއް އަނެއްކާވެސް ތިޔަ ވިދާޅުވިގޮތަށް ގދ. ތިނަދޫގައި، ހަމައެއާއެކު އައްޑޫ އަދި ކުޅުދުއްފުށީގައި ވީހާވެސް އަވަހަކަށް ހުޅުވިގެން، މި މަސައްކަތް، މި ފުރުޞަތު ފަހިވެގެންދިޔުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން، އެއް ވިސްނުމެއްގައި މަސައްކަތްކޮށް، ޤައުމަށްޓަކައި އަބަދުވެސް ކާމިޔާބު ހޯދާ ބައެއްގެ ގޮތުގައި اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ޤައުމަށް ފަހި ދުވަސްތަކެއް اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރައްވާށި.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.