بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

      ނެތުމުގެ ތެރެއިން މި ޢާލަމް ކާކުތަ ހަދާ ނެރުއްވީ،
             ފަތުރުއްވަވާ މި ބިންތައް އުޑުތައް ބިނާ ކުރެއްވީ

ޚާލިޤުވަންތަ اللهُ سُبْحَانَهُ وَتَعَالَى ގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ، ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ފިކުރީ، ޔޫ.އެން.ޑީ.ޕީ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ އެންރީކޯ ގަވެގްލިއާ، ފުވައްމުލަކު މެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން މުޙައްމަދުދީދީ، ފުވައްމުލަކު ސިޓީ ކައުންސިލްގެ މެންބަރުން، އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި އިސްވެރިން، މި ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި ފުވައްމުލަކުގެ މުއައްސަސާތަކުގެ ވެރިން، ސްކޫލް ދަރިވަރުން، އަދި ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރެވޭ މިއަދުގެ ތަހުނިޔާ، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުންނަށް އަޅުގަނޑު އަރިސްކުރަން. އާދެ، އެނގިވަޑައިގަންނަވާނެ، ވަރލްޑް އެންވަޔަރަންމަންޓް ޑޭ ފާހަގަ މި ކުރެވެނީ، ވަރަށް މުހިންމު ބޭނުމެއްގައި. އާދެ، ތިމާވެށްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާމެދު މީހުން ހޭލުންތެރިކުރުވައި އަދި ތިމާވެށްޓަށް ގެއްލުން ލިބޭ ކަންތައްތަކުން މީހުން ދުރުހެލިކުރުމަކީ، މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް ބޭނުން.

އާދެ، މިފަދަ ދުވަހެއްގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ، ޚާއްޞަކޮށް، ނެތިގެންދާ މި ވަސީލަތްތަކާމެދު. އާދެ، މޫސުމީ ބަދަލުތަކާ ގުޅިގެން އަޅުގަނޑުމެންނަށް ލިބެމުންދާ ގެއްލުންތަކުގެ މަތިން ވިސްނަން. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޖެއްސުން ތަފާތުގޮތަކަށް އަޅުގަނޑުމެން ބައްޓަން ކުރަންޖެހޭ. އެނގިވަޑައިގަންނަވާނެ، މީގެތެރޭގައި، މި ހިމެނެނީ ދިރިއުޅުމަށްޓަކައި އިންސާނުންނަށް ބޭނުންވާ އެންމެ މުހިންމު ކަންތައްތައް. އާދެ، ފެނުގެ މުހިންމުކަން އަދި ކަނޑުތަކާއި، ފަރާއި، ގޮނޑުދޮށްތަކަށް ލިބެމުންދާ ގެއްލުންތަކަކީ، މިއީ މި ދެންނެވި ކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ފައިދާއަށް، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފަސޭހައަކަށްޓަކައި، އަޅުގަނޑުމެން މި ވަސީލަތްތައް ބޭނުންހިފާއިރު، ގިނަފަހަރަށް އަޅުގަނޑުމެންނަކަށް ވިސްނިފައެއް ނޯވޭ، މި ވަސީލަތްތައް، މިފަދަ މަތިވެރި ނިޢުމަތްތަކެއް ގެއްލިގެން ދިޔުމުން، ދެން އަޅުގަނޑުމެން އުޅެންޖެހޭނެ ގޮތެއް. އެއީ އެހާ ބޮޑަށް އަޅުގަނޑުމެން ވިސްނާ ކަންތައްތަކަކަށް ވެފައެއް ނެތް. އަދި މި ދެންނެވި ވަސީލަތްތައް ގެއްލިއްޖެނަމަ، ދެން އުޅެންޖެހޭނެ ގޮތްތަކަކީ އެއީ އަޅުގަނޑުމެންގެ ސިކުނޑިތަކަށް އެހާ ފަސޭހައިން ގެނެސްފައި ހުރި ކަންތައްތަކެއް ނޫން.

އާދެ، އެހެންނަމަވެސް، މިއަދުގެ ޙަޤީޤަތަކީ، ދުނިޔޭގެ މޫސުމަށް ވަރަށް ބޮޑެތި ބަދަލުތައް އެބަ އާދޭ. ދުނިޔޭގެ ޖައްވު ހޫނުވެ ތަޣައްޔަރުވަމުން އެބަދޭ. އަޅުގަނޑުމެން ކުރީގައި އަޑުނާހާ މިންވަރަށް އަޅުގަނޑުމެންގެ ޤައުމުގައި އަދި ދުނިޔޭގެ އެހެން ތަންތަނުގައި ފެންބޮޑުވަމުން އެބަދޭ. އަދި ހަމަ އެއާއެކު، ރާއްޖޭގެ ތާރީޚުގައިވެސް އަޅުގަނޑުމެންނަށް ނުފެންނަ މިންވަރަށް އުދައެރުމާއި، މި ދެންނެވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދަނޑުވެރިކަމަށާއި، އެކި ކަންކަމަށް ލިބެމުންދާ ގެއްލުން އިންތިހާއަށް އިތުރުވަމުން އެބަދޭ.

އާދެ، ތިމާވެށްޓަށް އަންނަ ބަދަލުތައް، ކްލައިމެޓް ޗޭންޖް، ކްލައިމެޓް ކްރައިސިސް، މި ކަންތައްތަކާ ގުޅޭގޮތުން ވަރަށް ގިނަ ވާހަކަތަކެއް، ދުނިޔޭގެ އެކި ޤައުމުތަކުގައި އެކި ލީޑަރުން ދައްކަވަމުން އެބަދޭ. ދެންމެ މިނިސްޓަރ ޝައުނާ ވިދާޅުވެދެއްވީ، މީގެ ފަންސާސް އަހަރު ކުރިން ސްވިޑްންގެ ސްޓޮކްހޯމްގައި، ދުނިޔޭގެ ލީޑަރުންގެ މެދުގައި ބޭއްވިގެންދިޔަ ބައްދަލުވުމުގެ ވާހަކަ. ހަމަ އެއާއެކު، އަޅުގަނޑުމެންނަށް ފެނިގެންދިޔަ، 1992 ވަނަ އަހަރު ބްރެޒިލްގައި ބޭއްވިގެންދިޔަ އާރތް ސަމިޓް. އަދި ހަމަ އެއާއެކު، ކިޔޯޓޯ ޕްރޮޓޮކޯލް، 1997 ވަނަ އަހަރު ބޭއްވުނު. އެއަށްފަހު، 2015 ވަނަ އަހަރު ޕެރިސް އެގްރިމެންޓުގެ ގޮތުގައި ޓްރީޓީއެއްގެ މުއާޙަދާއެއްގައި ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގެ ލީޑަރުން ސޮއިކުރެއްވި.

އާދެ، އެނގިވަޑައިގަންނަވާނެ، ތިމާވެށީގެ ކަންތައްތަކުގައި ދިމާވާ މި ގޮންޖެހުންތައް، ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށްޓަކައި، ރާއްޖޭގެ ކުރީގެ ސަރުކާރުތަކުންވެސް އަބަދުވެސް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައި އެބަވޭ. އެނގިވަޑައިގަންނަވާނެ، މިއަދުގެ މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް، ދުނިޔޭގެ އެންމެ ކުރީ ސަފުގައި، ލީޑަރުންގެ އެންމެ ކުރީ ސަފުގައި، ޚާއްޞަކޮށް، ކުދި ޖަޒީރާ ޤައުމުތަކަށް މިކަމުން ލިބިގެންދާނެ ގެއްލުންތަކާ ބެހޭގޮތުން އެ ވާހަކަތައް އެބަ ދެއްކޭ. މިކަމުގައި ހުރި ނުރައްކާ ވަރަށް ބޮޑަށް ހާމަކުރަމުން އެބަ ގެންދެވޭ. އަޅުގަނޑު ހަމަ މި ފުރުޞަތުގައި ފާހަގަކޮށްލަން ބޭނުންވޭ، އަޅުގަނޑުމެންގެ އެންވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވަރަށް ގިނަ މަސައްކަތްތަކެއް، އެންވަޔަރަންމަންޓް މިނިސްޓްރީގެ ޓީމާއެކު ކުރައްވާކަން. އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ މުޅި ޓީމު މިކަމުގައި ކުރާ މަސައްކަތް ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން.

އާދެ، އެނގިވަޑައިގަންނަވާނެ، މިސާލަކަށް، އަޅުގަނޑުމެންގެ ގޭގޭގައި އުޅެމުންދާއިރު، ދިމާވާ ކަންތައްތަކެއްގެ ސަބަބުން ގޭތެރޭގެ ޙާލަތު ހުންނަ ގޮތަކުން، އަޅުގަނޑުމެން އެ ގޭގައި އުޅެން ބޭނުންނުވާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެ ގެ ދޫކޮށްލާފައި، އެހެން ގެޔަކަށް ދެވިދާނެ. ހަމަ އެއާއެއްކޮށް، އަޅުގަނޑުމެންނަށް ރަށުން ބޭރަށް، އެހެން ރަށަކަށްވެސް ދެވިދާނެ. އަދި ޤައުމުގައި އުޅޭ މީހަކަށް، އެހެން ޤައުމެއްގެ މީހަކަށްވެސް ފަހަރެއްގައި ވެވިދާނެ. އެހެންނަމަވެސް، ދުނިޔޭގެ މޫސުމީ ބަދަލުތަކާ ގުޅިގެން ތިމާވެށްޓަށް މި ލިބޭ ގެއްލުންތަކަށް އަޅުގަނޑުމެންނަކަށް ނެތް ޗޮއިސްއެއް. އަޅުގަނޑުމެންގެ މިއޮތީ އޮންލީ ވަން އާރތް. އަޅުގަނޑުމެންނަށް މިއޮތީ ހަމަ މި ފަސްގަނޑުގައި، މި ބިމުގައި ދިރިއުޅުން. އަޅުގަނޑުމެންނަކަށް އެހެން އެއްވެސް ޗޮއިސްއެއް ނެތް. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ މިއަދު މިކަމުގައި އެކްޝަންތަކެއް ނަގަން. ހަމައެކަނި ވާހަކަ ދައްކާ ބައެއްގެ ގޮތުގައި ދުނިޔޭގެ ލީޑަރުންވިޔަސް، އަޅުގަނޑުމެންވެސް ތިބެގެން ފަރުޖެއްސޭކަށް ނެތް.

އާދެ، އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖެ ވެގެން މިދަނީ އެންމެ ވަލްނަރަބަލް، މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ފޯފުރޮންޓް ޤައުމަކަށް. އެންމެ ފުރަތަމަ އަސަރުކުރާނެ ކުދި ޖަޒީރާ ޤައުމެއްގެ ގޮތުގައި. އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމު، އަޅުގަނޑުމެންގެ މި ޖަޒީރާ ރަށްތައް ސަލާމަތް ކުރުމަށްޓަކައި މިހާރު ހެދިފައިވާ ޕްލޭންތަކާ އެއްގޮތަށް، މި ކަންތައްތައް ކުރަން އެބަޖެހޭ. އާދެ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގެއްލުންވެގެންދާނެ، ދުނިޔޭގެ ވަރަށް ބޮޑު ބަޔަކަށް، އަޅުގަނޑުމެންގެ ކައިރިން ބަލައިފި ކަމަށްވަންޏާ، ބަންގްލަދޭޝް، ވިއެޓްނާމް، ކެމްބޯޑިއާ، ޖަޕާން، ކެރީބިއަންގެ ޤައުމުތައް، މިހެން ގޮސް ދުނިޔޭގެ އެތައް ހިސާބުތަކަކަށް މީގެ އަސަރު ފޯރާނެ.

އާދެ، އަޅުގަނޑު ދަންނަވާލަން އޮތީ، ވަރަށް ޒިންމާދާރުކަމާއެކު އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އާދެ، ކާބަން އެމިޝަން މަދުކުރުމަށާއި، ޚާއްޞަކޮށް، ޕްލާސްޓިކްގެ ސަބަބުން އަޅުގަނޑުމެންގެ ތިމާވެށްޓަށާއި، ގޮނޑުދޮށްތަކަށާއި، މަސްމަހާމެއްސަށާއި، އަދި ޕްލާސްޓިކްގެ ސަބަބުން ވައި ތަޣައްޔަރުވެ، އަޅުގަނޑުމެންގެ ނޭވާލާ ނިޒާމަށް ޖެހޭނެ ބަލިތަކާއި، ޢާންމު ޞިއްޙަތަށްޓަކައިވެސް، އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަން އެބަޖެހޭ.

އާދެ، އެނގިވަޑައިގަންނަވާނެ، ދުނިޔޭގެ ޤައުމުތަކަށް ބަލައިފި ކަމަށްވަންޏާ، މި ދެންނެވި ކަންތައްތައް ޙާޞިލުކުރުމަށްޓަކައި ވަރަށް ކާމިޔާބުކަމާއެކު މަސައްކަތްކުރާ ޤައުމުތައްވެސް އެބަހުރި. އަޅުގަނޑުމެންނަށް މިއަދު ހަވީރު މި ރަށުން ފެނިގެންދިޔައީ، ވަރަށް އުފާވެރި މަންޒަރެއް. އާދެ، އަޅުގަނޑުމެން ދިޔައީ ބައިސްކަލް ބުރެއްގައި. އެއީ އަޅުގަނޑުމެން ބޮޑުވެގެން އައިއިރު، އަޅުގަނޑުމެންގެ ސްކޫލް ނިމެންދެންވެސް އަޅުގަނޑުމެން އުޅުނުގޮތް. އަޅުގަނޑުމެން އޭރުވެސް ދުއްވީ ބައިސްކަލް. ރެލީ ބައިސްކަލް އޭރުވެސް ދުއްވީ. މިއަދު އަޅުގަނޑުމެންނަށް މި ފެނިގެންދިޔައީ ފުވައްމުލަކުގެ ވަރަށް ގިނަ ރައްޔިތުން، އަޅުގަނޑުމެން އެންމެންއެކީ ބައިސްކަލް ބުރެއްގައި ދިޔަ މަންޒަރު. އަޅުގަނޑު ދަންނަވާލަން މިއުޅެނީ، ކުރިން ކުރިމަތިނުވާފަދަ މައްސަލަތަކެއް، ކަންތައްތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވީމާ، އެކަން ޙައްލުކުރުމަށްޓަކައި، ކުރިން އަޅުގަނޑުމެން ނޫޅޭގޮތަކަށް، ނުކުރާ ކަންތައްތަކެއް އަޅުގަނޑުމެން ކުރުމަކީ އެއީ، އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެކޭ. އެއީވެސް އަޅުގަނޑުމެންނަށް ޗޮއިސްއެއްގެ ގޮތުގައި އޮތް ކަމެއް ނޫން.

އާދެ، މިނިސްޓަރ ޝައުނާ ވިދާޅުވިގޮތަށް މިހާރު، މި ހަފްތާތެރޭގައި އަޅުގަނޑުމެންނަށް މި ފެށިގެންދިޔައީ ވެމްކޯގެ މަސައްކަތްތަކެއް. އާދެ، އެކަންވެސް މި ކުރައްވަނީ ހަމަ ދިވެހި ރައްޔިތުން. އަޅުގަނޑު ދަންނަވާލަން ބޭނުން، ދުނިޔޭގެ ޤައުމުތަކަށް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، ޖަޕާނަށް ބަލައިލިޔަސް، ސިޓީތަކުގައި އެބަފެނޭ އެތައް ބާވަތެއް. 32 ބާވަތް ވަކިކޮށްލާފައި، އެ ސެގްރިގޭޝަން ގެންދާ ސިޓީތައްވެސް އެބަހުރި.

އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ ފުވައްމުލަކުގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، އަދި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، ސަރުކާރުން ކުރާ މިފަދަ ކޮންމެ މަސައްކަތެއް އެއީ، މާދަމާގެ މި ޤައުމުގެ ރައްޔިތުންނަށްޓަކައި އަދި އަޅުގަނޑުމެންގެ ދަރިންނަށްޓަކައި އަޅުގަނޑުމެން ކުރާ ކަމެއްގެ ގޮތުގައި ބަލައިގެން، ހުރިހާ ރައްޔިތުންވެސް އެންމެން އެކުގައި މި މަސައްކަތް ކުރަމާ ހިނގާށޭ.

ކުރަންހުރި ކަންތައްތައް ވަރަށް ގިނަ. އަޅުގަނޑުމެން އެބަޖެހޭ ވޭސްޓް މަދުކުރަން ވިސްނަން. އިސްރާފު ކުރުމާއި، ބޭނުންނޫން ގޮތްތަކުގައި ތަކެތި ހޯދައި އެތަކެތި އުކާލުންފަދަ ކަންތައްތައް އަޅުގަނޑުމެން މަދުކުރަން އެބަޖެހޭ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ހަމައެކަނި ދިމާވެފައި މިއޮތީވެސް މި ޤައުމަށް ކްލައިމެޓް ޗޭންޖް، ނުވަތަ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން އެކަންޏެއް ނޫން. އަޅުގަނޑުމެން ދާދި އިހަކަށްދުވަހު، އަދި މިހާރުވެސް ތަޙައްމަލް ކުރަމުން މިދަނީ، އެއީވެސް އަޅުގަނޑުމެން ދުވަހަކުވެސް ވިސްނައިގެން ތިބި އަދި އަޅުގަނޑުމެން އެކްސްޕެކްޓް ކުރިވަރުގެ ކަމެއްވެސް ނޫން. ބޮޑު ޕެންޑަމިކެއްގެ ސަބަބުން އަޅުގަނޑުމެންނަށް ލިބިގެންދިޔަ ގެއްލުންތަކާއި، ޤައުމަށް ދިމާވި ގޮތްތައް، ރައްޔިތުން އުޅެންޖެހުނު ދަތިހާލު މިއީ އަޅުގަނޑުމެން ހަނދާންނައްތާލާވަރުގެ ކަންތައްތަކެއް ނޫން.

މި ހުރިހާ ސަބަބަކާ ހެދި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ލައިފްސްޓައިލް، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި އަޅުގަނޑުމެން ބަދަލުކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ހޯދައި، އެ ގޮތްތަކަށް އަޅުގަނޑުމެން ދިރިއުޅެން އެބަޖެހޭ. އުކާލާ ތަކެތި، ކުނި އުކާލުން، އަދި އެއްވެސް އެއްޗެއް މަގުމައްޗަށް، ގޮނޑުދޮށަށް، އެއްވެސް ތަނަކަށް، އުކާލުމަކީ އެއީ އަޅުގަނޑުމެންފަދަ ރީތި ނަލަނަލަ ރާއްޖެއެއް، ކުދި ޖަޒީރާ ރަށްތަކުގެ ނަލަ ބަޔަކު އެކަމަކުން ދުރުހެލިވާންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދަންނަވަން.

އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖެއަށް ދަތުރުކުރާ މުޅި ދުނިޔޭގެ ފަތުރުވެރިންގެ ތެރެއިން އަންނަ ކޮންމެ މީހެއްގެ ޑްރީމަކަށް ވަނީ، އަޅުގަނޑުމެންނަށް ލިބިފައި އޮތް ޤުދުރަތުގެ ހަދިޔާ، ރީތި ގޮނޑުދޮށްތަކާއި، ސާފު މޫދާއި، ދޮންވެލި ތުނޑިތައް ދެކިލުމަށް ދިވެހިރާއްޖެއަށް އެއްފަހަރު ނަމަވެސް އައިސްފައި މި ރީތިކަން، މި ނަލަކަން ދެކިލުން. މިކަންތައްތައްވެސް އަޅުގަނޑުމެން ތާއަބަދަށް، އަޅުގަނޑުމެންގެ ދަރިންގެ ދަރިންނާ ހަމައަށް ގެންދިޔުމަށްޓަކައި ތިމާވެށްޓަށް އަޅުގަނޑުމެން އެބަޖެހޭ ސަމާލުކަންދޭން. ކެއަރ ފޮރ ދަ ނޭޗަރ، ގެދޮރާއި، އަޅުގަނޑުމެންގެ ދަރިންދެކެ އަޅުގަނޑުމެން ލޯބިވާފަދައިން، އަޅުގަނޑުމެންގެ ތިމާވެށި ދެކެ ލޯބިވެ، ތިމާވެށްޓަށް ގެއްލުން ލިބޭނޭ ކުޑަނަމަވެސް ކަމެއް ނުކޮށް، އެކަމުން އަޅުގަނޑުމެން ދުރުހެލިވާން އެބަޖެހޭ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ތަންކޮޅެއް ދިގުވެސްވެއްޖެ. އެހެންނަމަވެސް، މި މައްސަލައަކީ މިއީ، ކުޑަކުޑަ ކަމަކަށްނުވާތީވެ، މިކަމުގެ ޙައްސާސްކަމުން، މިކަމުގައި ހުރި ބިރުވެރިކަމުން، އުޅެންޖެހިދާނެ ގޮތްތަކުގެ ތަޞައްވުރު ކުރާއިރުވެސް އަޅުގަނޑުމެންނަށް އެއީ އުނދަގޫ ގޮތްތަކެއް ކަމަށް ފެންނާތީ، މިކަމުގެ ނާޒުކުކަމުން، އެ ވާހަކަ ހަމަ ދައްކަންވެސް އެބަޖެހޭ.

އާދެ، އަޅުގަނޑުމެން އެބަޖެހޭ ޚާއްޞަކޮށް، އަޅުގަނޑުމެންގެ މުޖުތަމަޢު މިކަމަށް ވަރަށް ބޮޑަށް ހޭލުންތެރިވެ، މި ޕްރެކްޓިސް ކުރަން. އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑަށް، ސްކޫލްތަކުގެ ޕްރިންސިޕަލުން، އަދި ޓީޗަރުން މިތަނުން ފެންނަންވެސް ތިއްބެވުމާއެކު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ. ސްކޫލްތެރެއިން ސްކޫލް ދަރިވަރުންގެ ހޭލުންތެރިކަން އަޅުގަނޑުމެން އިތުރުކުރުވައި، ތިމާވެށީގެ ކަންތައްތަކުގައި، މި ދެންނެވި ގޮތަށް ކަންތައްތައް ކުރުމުގެ އާދަ، ކުދިންގެ ގައިގައި އިތުރަށް އަށަގެންނެވުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ދިވެހިރާއްޖެއަކީ، ކްލީން މޯލްޑިވްސްއަކަށް، ގްރީން މޯލްޑިވްސްއަކަށް، އެންމެން އެކުގައި މަސައްކަތްކޮށްގެން، އަޅުގަނޑުމެން ހަދަން އެބަޖެހޭ.

އެނގިވަޑައިގަންނަވާނެ، ދިވެހިންނަކީ، އެ ކުރާ ކަމެއް ވަރަށް ރަނގަޅަށް، ވަރަށް ރަނގަޅަށް ކުރާ ބައެއް. އަޅުގަނޑުމެން ސަމާލުކަންދީގެން، ރަނގަޅަށް އެކަމަކަށް އަޅުގަނޑުމެން ފޯކަސްކޮށްގެން، މަސައްކަތްތަކެއް ކޮށްފި ކަމަށްވަންޏާ، ﷲ އިރާދަކުރެއްވިއްޔާ، އެއްވެސް ޝައްކެއްނެތި، އަޅުގަނޑުމެން ތިބޭނީ އެކަމުގައިވެސް ހަމަ އެންމެކުރީ ސަފުގައި. އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، މިއަދުގެ މި ކަންތައްތަކުގައި ތިޔަބޭފުޅުން ތިޔަ ދެއްކެވި ނަމޫނާ، މިއަދު މި ރަށުން މި ފެނިގެންދިޔަ ކަންތައްތައް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދިޔުމަށް އަޅުގަނޑު ދަންނަވާ ހާލު އަދި ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރައްވައި، އަދި ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ތިމާވެށްޓަށް އަންނަ ބަދަލުތަކުން އަޅުގަނޑުމެންގެ ޤައުމު ސަލާމަތް ކުރައްވައި، މި ރީތި ރަށްތަކުގައި އުފާވެރިކަމާއެކު ތާއަބަދަށް ދިރިއުޅުމުގެ ނަސީބު اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރެއްވުން. އަދި އަޅުގަނޑުމެން އެންމެންނަކީ، ތިމާވެށްޓަށް ލޯބިކުރާ، އަމިއްލަ ޒިންމާ އަބަދުވެސް އަދާކުރާ ބައެއްގެ ގޮތުގައި ލެހެއްޓެވުން. ދިވެހި ޤައުމާއި ރައްޔިތުންނަށް އުފާފާގަތި ތަނަވަސް ދުވަސްތަކެއް اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރައްވާށި. އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.