ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރިޔަށްދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ ރާއްޖެ ހިންގަވާގޮތާއި މެދު ކަމަދޫ ރައްޔިތުން ތިބީ ހިތްހަމަޖެހިގެންކަމަށާއި، މީގެ ކުރިން ދުވަހަކުވެސް ކަމަދޫއަށް ހަމަޖެހިފައިނެތް ތަރައްޤީގެ މަޝްރޫޢުތައް މި ސަރުކާރުން ހަމަޖައްސަވައިދެއްވައިފައިވާތީ ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ކަމަދޫ ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ގޮތުގައި ކައުންސިލުން ފާހަގަކުރައްވާފައި ވަނީ ރަށްގިރާ މައްސަލައާއި، ކަމަދޫ ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ރަށުގައި ފުލުހުންގެ ޚިދުމަތް ނެތުމުން ހުރި ކަންބޮޑުވުންތަކާއި، ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި، މިސްކިތުގެ ޢިމާރާތް ގިނަ ދުވަސްވެފައިވުމުގެ ސަބަބުން ހުރި ދަތިތަކާއި، ކަމަދޫގައި ތަރައްޤީކުރާ ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތަކެވެ. މީގެ އިތުރުން ވެސް ކަމަދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރަމުންދާ ބައެއް ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައި، ކަމަދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތައް ކަމަދޫގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ކުރެވޭނެ އުޞޫލެއް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

މީގެ އިތުރުން ވެސް ފުލްޓައިމްކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތައް ކުރުމުގައި ދިމާވާ ދަތިތައް ކައުންސިލްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރުއްޔާއާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި މުހިންމު މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ކައުންސިލާ ޙިއްޞާކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި އެދެވޭ ނަތީޖާއެއް ހޯދުމަށްޓަކައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ބައްދަލުވުންތަކުން ރަށްރަށުގެ ކަންކަމާގުޅޭގޮތުން ލިބޭ މަޢޫލޫމާތަކީ ކަންކަން ރަނގަޅުކުރުމަށް ވަރަށް ފަސޭހަވެގެންދާކަމެއްކަން ފާހަގަކުރައްވާފައެވެ.