ރާއްޖޭގެ ނޮމިނަލް ޖީޑީޕީ، 2023 ގައި ފުރަތަމަ ފަހަރަށް 100 ބިލިއަން ރުފިޔާ ހުރަސްކުރާނެ ކަމަށާ، މި އަހަރުގެ ޖީޑީޕީ ކުރިއަރާދާ މިންވަރު 13 އިންސައްތައިގައި ހުންނާނެކަމަށް ލަފާކުރެވޭ ކަމަށާ، ރާއްޖޭގެ އިޤްތިސާދު ކުރިއަށްދަނީ ރަނގަޅު މިސްރާބަށް ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ މިހާތަނަށް ލިބޭނެކަމަށް ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް ޢާމްދަނީ ލިބިފައިވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން، އެމަނިކުފާނު ވިދާޅުވިގޮތުގައި މިއަހަރުގެ މިހާތަނަށް ލިބޭނެކަމަށް ބަޖެޓުކުރީ 8.5 ބިލިއަން ރުފިޔާ ނަމަވެސް، މިހާތަނަށް 11.1 ބިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރާދާ މިންވަރު ރަނގަޅު ކަމުގައިވިޔަސް، ދުނިޔޭގެ އިޤްތިޞާދަށް އަރާ ލޮޅުންތަކުގެ އަސަރު މި ރާއްޖެއަށްވެސް ކުރާނެތީ އެކަންކަމަށް ސަމާލުވެ ރާއްޖެއިން ވެސް ވިސްނައިގެން ކުރިޔަށްދާނެކަމުގައި ހާމަކުރައްވާފައެވެ.

މިގޮތުން، ކޮވިޑް-19 އާއި ގުޅިގެން ދުނިޔެ ހުއްޓުމަކަށް އައި ދަތި ޙާލަތުގައިވެސް ރާއްޖޭގެ އިޤްތިޞާދު ރަނގަޅަށް ބެލެހެއްޓުނުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، އެމަނިކުފާނު ވަނީ މިހާރު ދުނިޔޭގައި ހިނގާ ރަޝިޔާ-ޔޫކްރޭން ހަނގުރާމައާއި ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތަކުގައި ތެލާއި، ކާޑާއި، މުދަލުގެ އަގު ބޮޑުވަމުންދިޔަ ކަމުގައިވިޔަސް ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ދަށްވިޔަނުދީ ހިފެހެއްޓުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ހާމަކުރައްވާފައެވެ. މިގޮތުން، އެމަނިކުފާނު ވަނީ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަކީ ލިބޭ ޢާމްދަނީއަކުން ޚަރަދުތައް ފުއްދުމާއި، ޚަރަދުތައް ކުޑަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމާއި، ބޮޑެތި އާ މަޝްރޫޢުތައް މިވަގުތައް ފެށުން ހުއްޓާލުމާއި، އާ ލޯނުތައް ނެގުން މަދުކުރުން ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިވަގުތައް ބަލާ ނަމަ ދައުލަތުގެ ރިޒަރވް ރަނގަޅު މިންވަރެއްގައި ހިފެހެއްޓޭކަން ހާމަކުރައްވާފައެވެ. މިގޮތުން، ރާއްޖޭގެ ޔޫސަބަލް ރިޒަރވް މިހުރީ ޝާއިޢުކޮށްފައިވާ ޑޭޓާތަކަށް ބަލާއިރު، އެއިން އެއްވެސް އަހަރެއްގައި ހުރި ވަރަށްވުރެ މަތީގައި ކަން ހާމަކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީއިން މަހުން މަހަށް ބޭނުންވާ ކާޑާއި، ތެލާއި، ބޭސް ގަނެވޭ ވަރަށް ރިޒަރވް ހުންނާނެކަމުގެ ޔަޤީންކަންދެއްވާކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނޫސްވެރިންކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.