بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ސޮކަރ ވެޓަރަންސް އެސޯސިއޭޝަންގެ ޗެއަރމަން ޢަލީ ޝަމީމް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިން، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މުދައްރިސުން، އަދި މިއަދުގެ
މި ކުޅިވަރު ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި މިއަދުގެ މެޗުގައި ކުޅޭ އަޅުގަނޑުމެންގެ ލޯބިވާ ތުއްތު ތުއްތު ހުރިހާ ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުމެންނަށް އެންމެފަހުން މި ދަނޑުގައި ކުދިންނާ މި ބައްދަލުކުރެވިގެން ދިޔައީ 2019 ވަނަ އަހަރު. އެއަށްފަހު މިއަދު، ދެ އަހަރަށްފަހު ކިޑްސް ފުޓްބޯލް ފިއެސްޓާ، ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ނަމުގައި މި ކުރިއަށް ގެންދެވެނީ. މި މުބާރާތުގައި، މި ފިއެސްޓާގައި ބައިވެރިވާ ހުރިހާ ސްކޫލުތަކަށް އަދި ހުރިހާ ތުއްތުކުދިންނަށް އަޅުގަނޑު ވަރަށް ބޮޑަށް މަރުޙަބާ ކިޔަން.

އާދެ، އެނގިވަޑައިގަންނަވާނެ، މިއީ ވަރަށް މުހިންމު ކަމެއް. ވަކިން ޚާއްޞަކޮށް، މިއަދު މިޙަފްލާގައި، މި ފުޓްބޯލް ފިއެސްޓާގައި މި ބައިވެރިވަނީ ގްރޭޑް 1، ގްރޭޑް 2 ގެ ތުއްތުކުދިން. އެނގިވަޑައިގަންނަވާނެ، ތުއްތުކުދިންނަށް އެކުދިންގެ އުމުރުގައި މިއީ ވަރަށް މުހިންމު ދުވަސްވަރެއް. ޚާއްޞަކޮށް، މިކަހަލަ ކުޅިވަރު މުބާރާތްތަކާއި، އަދި ރައްޓެހިންނާއެކު މިފަދަ ކުޅިވަރުގެ މައިދާނުން ބައްދަލުކުރުމުން ވަރަށް ގިނަ ކަންތައްތަކެއް ހާސިލުވޭ. އާދެ، އެކުދިންގެ ހުނަރު އިތުރުވުމުގެ އިތުރަށް، ޔަޤީންކަން ލިބިގެންދޭ. ކޮންފިޑެންސް ބިލްޑްވެގެންދޭ. އަދި އެކަކު އަނެކަކާ ރައްޓެހިކަން ޤާއިމުކޮށް، މައްސަލަތައް ޙައްލުކުރުމަށްޓަކައި އެކުދިންނަށް ވަރަށް ގިނަ ކަންތައްތައް ދަސްވެގެންދޭ.

އެހެންވީމާ، އަޅުގަނޑު ދަންނަވާލާނީ، މިއީ ޚާއްޞަކޮށް، ވެޓަރަންސް އެސޯސިއޭޝަންގެ ފަރާތުން ކުރެވޭ، ވަރަށް މުހިންމު މަސައްކަތްތަކެކޭ. އެނގިވަޑައިގަންނަވާނެ، ފުޓްބޯޅައަކީ ދިވެހިރާއްޖޭގައި ފެށުނީއްސުރެ، އަޅުގަނޑުމެން ދުނިޔެއަށް އައިއިރުވެސް، އެންމެ މަޤްބޫލް، އެންމެ މަޝްހޫރު، އެކަމަކަށް، އެ ކުޅިވަރަކަށް އެންމެ ގިނަ ރައްޔިތުންގެ ސަޕޯޓް ލިބޭ، އެންމެ ބޮޑަށް އެޝައުޤުވެރިކަން އުފެދޭ ކުޅިވަރު. އެހެންވީމާ، މިއަދު މި ތުއްތުކުދިންނަށް މިގޮތަށް އިންތިޒާމު ކުރެވޭ ކަންތައްތަކުގެ ތެރެއިން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އެކަމުގެ ނަތީޖާއަކަށް ފެނިގެންދާނީ، ހުނަރުވެރި ދަރިންތަކެއް ތައްޔާރުކުރުމުގެ އިތުރުން، ޤައުމަށް ރަން ވަނަތަކެއް ހޯދައިދޭ ކުޅިވަރު ކުޅުންތެރިންތަކެއްވެސް އުފެދިގެން ދިޔުން. މިކަމަށްޓަކައި އިންތިޒާމުކުރާ ފަރާތްތަކަށް، ޚާއްޞަކޮށް އަދި މިކަމުގެ ހުރިހާ ބައިވެރިންނަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް އަރިސްކުރަން.

އާދެ، ވޭތުވެދިޔަ ދުވަސްތަކަކީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް. އަޅުގަނޑުމެން ބޭނުންވާ އެތައް ކަންތައްތަކެއް ނުކުރެވިގެން ހިނގައްޖެ. ޚާއްޞަކޮށް، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ކޯވިޑުގެ މިދިޔަ ދުވަސްވަރުގައި އެންމެ ބޮޑު ގެއްލުމެއްވެސް ވެގެންދިޔައީ، ޚާއްޞަކޮށް، ކުދިންނަށް، ދަރިވަރުންނަށް. ސްކޫލްތައް ބަންދުކުރަން ޖެހުމުގެ ސަބަބުން އެ ދިމާވި ދަތި ކަންތައްތަކަކީ އެއީ، ގެއްލިގެންދިޔަ ކަންތައްތައް ހޯދުމަށްޓަކައި މިއަދު އަޅުގަނޑުމެން ދައްކަންވީ ވާހަކައަކީ، އަޅުގަނޑުމެން ހުރިހާ އެންމެން އެކުގައި މަސައްކަތްކުރުން. ކަންތައްތަކަށް ހުރި ހުރަސްތައް ނައްތާލައި، ސްކޫލްތަކާއި، މުޅި މުޖުތަމަޢާއި، ސަރުކާރުގެ އިދާރާތަކާއި، އަދި އަމިއްލަ ޖަމުޢިއްޔާތައް މީގައި ވަރަށް މުހިންމު ރޯލެއް މި އަދާކުރަނީ ޤައުމެއް ބިނާކުރުމުގައި. ޤައުމުގައި ރަނގަޅު ދަރިންތަކެއް، ރަނގަޅު ޖީލެއް ބިނާވެގެންދިޔުމުގައި އަމިއްލަ ފަރާތްތަކުގެ، މުޖުތަމަޢުގެ އެ ބައިވެރިވުމަކީ އެންމެ މުހިންމު ކަންތައްތައް. އެހެންވީމާ، މިއަދު އަޅުގަނޑުމެން ޕޮޒިޓިވްކޮށް ކޮންމެ ކަމެއްގައިވެސް ވިސްނަންވީ. އަޅުގަނޑުމެންނަށް ހުރަސްތައް ނައްތައިލެވޭނެ، އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެ ކަމަށްވަންޏާ.

އާދެ، ވިއްސާރަވެސް ވެއްޖެ. އަދި ވަގުތު ކުޑަތަންވުމާއެކުގައި އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ. އެހެންނަމަވެސް، ނިންމާލުމުގެ ކުރިން، އަޅުގަނޑު އަދިވެސް ދަންނަވާލަން އޮތީ، ތުއްތުކުދިންނަށް ރާއްޖޭގައި ރަނގަޅު ޖީލެއް، ހެޔޮލަފާ ރަނގަޅު ޖީލެއް، ޤައުމައިގެން ކުރިއަށްދެވޭނެފަދަ ޖީލެއް ބިނާކުރުމަށްޓަކައި އަޅުގަނޑުމެންނަށް މަސައްކަތް ކުރަން އޮތީކީ ހަމައެކަނި މަދަރުސާގެ ހަތަރު ފާރުތެރެއިންނެއް ނޫނޭ. މަދަރުސާގެ ބޭރުންނާއި ގެއިންނާއި، އަދި މުޅި މުޖުތަމަޢުގެ ތެރެއިން އަޅުގަނޑުމެން މި މަސައްކަތް ކުރަން އެބަޖެހޭ. އެންމެ ބޮޑަށް އަޅުގަނޑުމެން ވިސްނަންވީ ދަރިންނަށްޓަކައި. މާދަމާ މި ޤައުމައިގެން ކުރިއަށްދާނޭ ބަޔަކު ތައްޔާރުކުރުން. އެއީ އަޅުގަނޑުމެން މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައްޗަށް ލާޒިމުވާކަމެއް. އެންމެ މުހިންމު ކަމެއްގެ ގޮތުގައި، އަޅުގަނޑުމެން އެންމެން އެކުގައި ގުޅިގެން މަސައްކަތްކޮށްފި ކަމަށްވަންޏާ އެއްވެސް ޝައްކެއްނެތް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބުވާނެ.

ހަމައެއާއެކު، އަޅުގަނޑު ދަންނަވައިލާނަން. ކޮންމެ ކަމެއް ކުރުމުގައި، ޚާއްޞަކޮށް، މިފަދަ ކުޅިވަރުގެ ކަންތައްތައް އިންތިޒާމު ކުރުމުގައިވެސް، ކޮންމެ ބަޔަކު ކުރާ ކަމަކަށްވީނަމަވެސް އަޅުގަނޑުމެން ޔަޤީންކުރަންޖެހޭނެ ކުދިންގެ ރައްކާތެރިކަން. ކުދިންގެ ރައްކާތެރިކަމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް ފުރިހަމައަށް އަޅުގަނޑުމެން އަބަދުވެސް ބަހައްޓަންޖެހޭނެ. ކުއްޖަކަށް ގެއްލުމެއް ނުވާނެފަދަ ގޮތަކަށް ކަންތައްތައް ކުރުމަކީ އެއީ، އަޅުގަނޑުމެން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ ކަމެއް. ހަމައެއާއެކު، އަޅުގަނޑުމެން ހަމަހަމަކަމަށް އަބަދުވެސް ވާހަކަ ދައްކާ ބައެއްގެ ގޮތުގައި ތިބިއިރު، އެކަމަށް އަޅުގަނޑުމެން އަބަދުވެސް ބާރުއަޅަންޖެހޭނެ. ވަކި ކުއްޖަކަށްވީތީ، ވަކި މީހަކަށްވީތީ، ވަކި ސްކޫލަކަށްވީތީ، ވަކި ބަޔަކަށްވީތީވެސް ފުރުޞަތު ލިބުން ހަނިވެގެނެއް ނުވާނެ، އެ ވިސްނުމުގައި އަޅުގަނޑުމެން ހިނގައްޖެ ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ތެރޭގައި ބޮޑުވެގެންދާ ކުދިންގެ ހިތުގައި އަބަދުވެސް އޮންނާނީ، އެކުދިންނަށް ފެންނާނީ ހަމަހަމަގޮތެއްގައި އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައިވެސް އެ ފުރުޞަތުތައް ހުޅުވައިލެވިފައި އޮންނަ ތަން.

ދެން ކުދިންނަށް ބުނެލަން އޮތީ، ހުރިހާ ކުދިންވެސް މިހާރު، ނިޔާޒު ބޭބެ ދެންމެ އެވިދާޅުވީ، ކޮންމެ ކުއްޖަކީ ގޯލްޑް މެޑަލިސްޓަކަށްވެސް ވާނެ ވާހަކަ. ގޯލްޑް މެޑެއްޔެއް ލިބޭ ވާހަކަ. އެހެންވީމާ، ކުޅުމުގައި ހުރިހާ ކުދިންވެސް ޕާސްކޮށްގެން، އެކަކު އަނެކަކަށް ޕާސްކޮށްގެން ކުދިން ޖެހޭނެ ލަނޑުޖަހަން މަސައްކަތް ކުރަން. ޓީމެއްގެ ގޮތުގައި އަބަދުވެސް ޕާސް ކުރަންވާނެ. އެކުގައި ވާހަކަ ދައްކައިގެން ވަރަށް މޮޅަށް ކުޅެ ލަނޑުޖަހާފައި އިރާދަކުރެއްވިއްޔާ، ގޯލްޑް މެޑެއްޔެއް ލިބިގެން މިފަހަރު ކޮންމެ ކުއްޖަކުވެސް ގެޔަށް ދާނީ.

ދެން ވަރަށް ކާމިޔާބު ފިއެސްޓާ މުބާރާތަކަށް އެދެމުން، މި ވަކިވެލާނީ، ވަރަށް ބޮޑަށް ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ.