بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ޞާލިޙް، އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ ސުހައިލް އަޙްމަދު، މަޖީދިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލްކަން ކުރެއްވި ބޭފުޅުން، ސްޓިއަރިންގ ކޮމިޓީގެ އެންމެހައި ބޭފުޅުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި އެޗް.ޑީ.ސީ.ގެ އިސްވެރިން، މަޖީދިއްޔާ ސްކޫލްގެ ޓީޗަރުންނާއި، ހީވާގި މުދައްރިސުން، އަދި ކުރީގެ ދަރިވަރުންނާއި، ވަކިން ޚާއްޞަކޮށް، މިހާރުގެ ލޮބުވެތި ދަރިވަރުން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑު، މަޖީދިއްޔާ ސްކޫލް މިހާރު މި ފާހަގަކުރަމުންމިދާ، 95 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ޚާއްޞަކޮށް، ސްކޫލްގެ އެންމެހައި ދަރިވަރުންނަށާއި، ކުރީގެ މުސްކުޅި ދަރިވަރުންނަށާއި، އަދި މަޖީދިއްޔާ ސްކޫލްގައި ކުރީގައި ވަޒީފާ އަދާކުރެއްވި އެންމެހައި ފަރާތްތަކަށާއި، މިހާރުގެ މުދައްރިސުންނަށާއި، ހުރިހާ ބޭފުޅުންނަށް އަރިސްކުރަން.

އާދެ، އެނގިވަޑައިގަންނަވާނެ، މަޖީދިއްޔާ ސްކޫލްގެ ޙަޔާތުގައި 95 ވަނަ އަހަރު ގުނަމުންދާއިރު، މަޖީދިއްޔާ ސްކޫލުން ވަނީ މުޅި ދިވެހިރާއްޖެ، މުޅި ޤައުމު ފަޚުރުވެރިވާފަދަ އާދެ، ޚާއްޞަކޮށް، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ޤައުމު އަޅުގަނޑުމެންނާ ހަމައަށް މިހިސާބަށް ގެނައުމަށްޓަކައި މަސައްކަތް ކުރެއްވި، ޚިދުމަތް ކުރެއްވި އެތައް ބަޔަކު އުފައްދާފައިވާކަން. އަޅުގަނޑަށް އަޅުގަނޑުގެ ކުރިމަތިންވެސް އެބަފެނޭ ވަރަށް ގިނަ ބޭފުޅުން. އާދެ، މަޖީދިއްޔާ ސްކޫލް އުފައްދާފައިވާ ބޭފުޅުން.

އާދެ، ސްކޫލެއް، ޢިލްމީ ބިނާއެއް، ޢިލްމީ ހިޔާއެއްގެ އެންމެ ބޮޑު ބޭނުމަކަށް މިވަނީ، މުޖުތަމަޢަށް ފައިދާހުރި ދަރިންތަކެއް އުފެއްދުން. އާދެ، އަޅުގަނޑު ދަންނަވަން އޮތީ އިރާދަކުރެއްވީތީ، މަޖީދިއްޔާ ސްކޫލްގައި ކުރީގައި، އާދެ، ވޭތުވެދިޔަ އަހަރުތަކުގައި، ދިގު މުއްދަތެއްގައި މަސައްކަތް ކުރެއްވި ފަރާތްތަކުން ޤައުމަށްޓަކައި އެ ވިސްނުންފުޅުގައި މަސައްކަތް ކުރައްވައިފިއޭ. އަދި މިހާރުގެ މެނޭޖްމަންޓުން، މިހާރުގެ މުދައްރިސުންނާއި އަދި ސްކޫލް ހިންގަވަން ތިއްބެވި އެންމެހައި ބޭފުޅުންގެ ފަރާތުން މިއަދުވެސް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މާދަމާ މި ޤައުމާ ހަވާލުވާނެ، ޤައުމަށްޓަކައި، އާދެ، އަޅުގަނޑުމެން ފަޚުރުވެރިވާނޭފަދަ ދަރިންތަކެއް އުފެއްދުމަށް ކުރައްވާ މަސައްކަތް. ކުރީގެ ބޭފުޅުންނަށާއި އަދި މިހާރުގެ ހީވާގި އެންމެހައި މުވައްޒަފުންނަށް، ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، އެކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އެއްވެސް ޝައްކެއްނެތް، އަޅުގަނޑު މި ދެންނެވި ގޮތަށް މިއަދު މަޖީދިއްޔާއިން ކުރަމުން އެ ގެންދިޔަ ކަންތައްތަކުގެ ތެރެއިން، މިއަދު މި ފަށާ، އާދެ، "މަޖީދިއްޔާ ފޮރ ނޭޗަރ"، މިއީ އަޅުގަނޑު ދަންނަވާނީ ވަރަށް މުހިންމު ކަމެކޭ. މިއީ ވަރަށް މުހިންމު ކަމެއް. އާދެ، އަޅުގަނޑުމެންގެ މުޅި ޤައުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ތިމާވެށީގެ މައްސަލަތައް. އެނގިވަޑައިގަންނަވާނެ، މުޅި ދުނިޔޭގައިވެސް އެންމެ ކަންބޮޑުވާ، އެކަމަކަށް ޙައްލު ހޯދުމަށްޓަކައި އެންމެ ދަތި އުނދަގޫ ކަމަކަށް މިއަދު ކުރިމަތިވެފައި މިއޮތީ ތިމާވެށްޓާ ގުޅުންހުރި ކަންތައްތައް. އާދެ، ކްލައިމެޓް ޗޭންޖް، ކްލައިމެޓް ކްރައިސިސް. އަޅުގަނޑުމެންނަށް މި ދިމާވެފައި ހުރި ކަންތައްތައް. މިއީ ވަރަށް ރަނގަޅު މިސާލެއް. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޤައުމު، އަޅުގަނޑުމެން މިފަދަ ބޮޑު ކަންބޮޑުވުމެއް، ގޮންޖެހުމެއް އަޅުގަނޑުމެންގެ ކުރިމަތީގައި އޮތްއިރު، މިއިން ދައްކުވައި މިދެނީ، މިކަން ޙައްލުކުރެވެން އޮތީ، އަޅުގަނޑުމެން އެންމެން އެއްކޮށް މަސައްކަތް ކޮށްގެންކަން.

އާދެ، އަޅުގަނޑު މިއަދު ހަމަ ހުރިހާ ދަރިވަރުންނަށް، ތުއްތު ކުދިންނާއި، އަދި ވަކިން ޚާއްޞަކޮށް، ހުރިހާ އެންމެންނަށް، މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ދަންނަވާލަން އޮތީ، މިއީ އެންމެންގެ މަސައްކަތެކޭ. މިއީ އެންމެންގެ ކަމެކޭ. އަޅުގަނޑުމެންގެ ފަޅާއި، ފަރުތަކާއި، ގޮނޑުދޮށްތައް، އަޅުގަނޑުމެންގެ އެއްގަމާއި އަދި ޖައްވުގެ ސާފުކަން، މިކަން ޔަޤީން ކުރުމަކީ މިއީ ކޮންމެ އިންސާނަކު، ކޮންމެ މީހަކު ކުރަންޖެހޭ ކަމެއް. ޙަޤީޤަތަކީ އަޅުގަނޑުމެން ހަމަ އެންމެ ކަންބޮޑުވާ ކަމަކީ، މި ދެންނެވި ގޮތަށް އަޅުގަނޑުމެންނަށް ކުރިމަތިވެފައި ހުރި ކަންތައްތައް.

އާދެ، އަޅުގަނޑު ހަމަ ތުއްތު ކުދިން ކައިރީގައި ބުނެލަން ބޭނުން، ދުނިޔޭގައި އެބަތިބި، ކޮންމެ ދުވަހަކު، ކޮންމެ ދުވަހަކު، އެންމެ ދުވަހެއް ވައްޓައިނުލާވެސް ގަސް އިންދާ މީހުން. ދުނިޔޭގައި އެބަތިބި، އެންމެ މީހެއްގެ މައްޗަށް، މި ހުޅުމާލެއަށްވުރެ ބޮޑު ސަރަޙައްދެއްގައި، އެ މީހެއްގެ އެކަނި މަސައްކަތުން ގަސް އިންދާފައި ތިބި މީހުން.

އެހެންވީމާ، މި ފެށޭ މި މަސައްކަތަކީ، ގަސް އިންދުމުގެ މި ޕްރޮގްރާމަކީ، އަޅުގަނޑު ދަންނަވާނީ، މިއީ ކުރީގައިވެސް އަޅުގަނޑު މި ދެންނެވި ގޮތަށް، މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އާދެ، ހުރިހާ ސްކޫލްތަކުގެ ކުދިންނަށްވެސް، ހުރިހާ އެންމެންނަށް އޮތް މިސާލެއްގެ ގޮތުގައި ބަލައިގެން، އަޅުގަނޑުމެންގެ ވެށި ސާފުކޮށް ބޭއްވުމަށާއި، އަޅުގަނޑުމެންގެ ރަށުގެ މަލަމަތި ރީތިކޮށް، ފެހިކުރުމަށްޓަކައި މި ޕްރޮގްރާމް ހުއްޓައިނުލާ، އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަންޖެހޭ.

އާދެ، އަޅުގަނޑު ހަމަ މި ފުރުޞަތުގައި ފާހަގަކޮށްލަން ބޭނުން. އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލު، އަޅުގަނޑުމެންގެ ގޭގެ ކުރިމަތި، ގޭގެ އެއްފަރާތް، އަޅުގަނޑުމެން ސާފުކޮށް ނުބާއްވާ ކަމަށްވަންޏާ، އެކަން ކުރާނީ ކޮން ބައެއްތޯ. ބޭރުން ވަކި ބަޔަކު އަންނާނެތޯ. އަޅުގަނޑުމެންނަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލު، އަޅުގަނޑުމެންގެ ގޭގެ ކައިރި، ގޯތިތެރެ، ސާފުކޮށް ބާއްވަން ބޭނުންވާނޭ އެހެން ބަޔަކު ތިބޭނެތޯ. މިއީ އަޅުގަނޑު ހަމަ މިއަދު ކޮށްލަން ބޭނުންވާ ސުވާލެއް.

އާދެ، އަޅުގަނޑުމެން އެބަޖެހޭ، މިކަމުގައި ޢަޒުމް ވަރުގަދަކުރަން. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލު ސާފުކޮށް ބޭއްވުމަށްޓަކައި މަސައްކަތްތަކެއް ކުރަން. އެއީ ކޮންމެ މީހެއްގެވެސް ޒިންމާއެއް. އަދި އެ ކަންތައްތައް ކުރުމަކީ ވަކި އެޖެންސީއެއް، ވަކިފަރާތަކާ ހަވާލުވެފައި އޮންނަ ކަމަކަށްވީނަމަވެސް، މިއީ ފަރުދީ ކަމެއް ކަމުގައި އަޅުގަނޑުމެން ބަލަން އެބަޖެހޭ. މިއީ ޙަޤީޤަތުގައި ވަރަށް ރީތި ސިފައެއް. އިންސާނަކަށް އެންމެ ރީތި ސިފަޔަކަށް މި އޮންނަނީ ސާފުތާހިރުކަން. ރީތިކޮށް މީހާވެސް ހުރުން. ރީތިކޮށް ހެދުން އަޅައިގެން، ރަނގަޅަށް ފެންވަރައިގެން، ރަނގަޅަށް ސާފުކޮށް ހުރުމަކީ އެއީ އިންސާނަކަށްވީތީ އެންމެ މުހިންމު، އެންމެ ރީތި، އެންމެ ރަނގަޅު ސިފަ. ހަމަ އެގޮތަށް އަޅުގަނޑުމެންގެ ވެށި ސާފުކޮށް ބޭއްވުމަކީ، އަޅުގަނޑުމެންނަށް ލިބޭނޭ އެންމެ ބޮޑު ހިތްހަމަޖެހުން. އަޅުގަނޑު މިކަމަށްޓަކައި ހަމަ ހުރިހާ ބޭފުޅުންނަށް އިލްތިމާސް ކުރަން ބޭނުން،މި މަސައްކަތައިގެން ހުއްޓައިނުލައި އަޅުގަނޑުމެންގެ ޒިންމާ އަޅުގަނޑުމެން އަދާކުރަން.

އާދެ، މި ރޮނގުން ދައްކަންހުރި ވާހަކަތައް ޙަޤީޤަތުގައި ވަރަށްވެސް ގިނަ. އަޅުގަނޑުމެން މިއަދު ކަންބޮޑުވާ ކަންތައްތަކުގެ ތެރޭގައި، މި އެކިއެކި ބަލިތައް، އަޅުގަނޑުމެންނަށް ވަރަށް ގިނަ. އަޅުގަނޑުމެން ކުޑަކުޑަ ކޮމިއުނިޓީއެއްގައި، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، ހަމައެކަނި ކަނޑުގައި އުޅޭ މަހަށް ހުރި ގޮންޖެހުންތައް. ނޫނީ ދިމާވާ މައްސަލަތަކަށް ބަލައިލިނަމަވެސް، އަޅުގަނޑުމެން ސީރިއަސްވާން އެބަޖެހޭ. އުކާލާ ޕްލާސްޓިކްތަކާއި އާދެ، ޚާއްޞަކޮށް، މި ތްރޯއަވޭ ޕްލާސްޓިކް، އަޅުގަނޑުމެން މަދުކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ގޮނޑުދޮށްތައް އަޅުގަނޑުމެން ސާފުކޮށް ބާއްވަން އެބަޖެހޭ. މޫދަށް އެއްޗިހި އުކާލުމަކީ އެއީ ކޮށްގެންވާނޭ ކަމެއް ނޫންކަން، އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ އަމިއްލަ އަތުން އެއްލައިލާ ޕްލާސްޓިކް ފުޅި، މަހެއްގެ ބަނޑުތެރެއަށް ގޮސްގެން، އެ މަސް އަޅުގަނޑުމެން މިކަނީ. އެންމެފަހުން، އާޚިރު ނަތީޖާއަކީ، އަޅުގަނޑުމެންނަށް އޭގެ ހުރިހާ ގެއްލުމެއް ހުރީ.

އެނގިވަޑައިގަންނަވާނެ، އޭގެ އިތުރަށްވެސް اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް މި މިންވަރު ކުރެއްވި، އަޅުގަނޑުމެންނަށް މި އޮތް ބޮޑު ނިޢުމަތް، އަޅުގަނޑުމެންގެ މި ރީތި ގޮނޑުދޮށްތަކާއި، ފަރުތަކާއި، މީގެ ބޭނުން، ކުރިއަށް އަންނަން އޮތް ޖީލުތަކަށް، ދަރިންގެދަރިންނަށް އަޅުގަނޑުމެން ވާސިލުކޮށްދޭން އެބަޖެހޭ. އަޅުގަނޑުމެންގެ ކާބަފައިން، އަޅުގަނޑުމެންނާ ހަމައަށް މި ޤައުމު، މިހިސާބަށް ގެނެސްދެއްވީ ވަރަށް ބުރަ މަސައްކަތުން. މިއަދު އަޅުގަނޑުމެން އެ މަސައްކަތް، އެ މަސްއޫލިއްޔަތު އަދާނުކޮށްފިނަމަ، އަޅުގަނޑުމެންގެ ދަރިން، ދަރީންގެދަރިން، އެ ދުވަހަކުން އެ ވާހަކަ ދައްކާނެ.

އާދެ، އަޅުގަނޑު މި ކުޑަކުޑަ ވާހަކަކޮޅާއެކު، އަޅުގަނޑުގެ ވާހަކަ ނިންމައިލާނީ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލާނީ، މިއަދު އަޅުގަނޑުމެން ފަޚުރުވެރިވަމޭ، މަޖީދިއްޔާ ސްކޫލް އުފެއްދި ދަރިވަރުންނަށް. މަޖީދިއްޔާ ސްކޫލްގައި މިހާރު މިތިބި ތުއްތު ކުދިންނާއި އަދި މި ހުރިހާ ދަރިވަރުންނަށްޓަކައި އަޅުގަނޑުގެ އުންމީދުތަކެއް އެބައޮތޭ. މި ޤައުމު މާދަމާ ހިންގުމަށްޓަކައި، މިހިރަ ހުރިހާ ކަންތައްތަކެއް ޤައުމަށް ދެއްކުމަށްޓަކައި ވަރުގަދަ ފަހުލަވާނުންތަކަކަށް ވާނޭކަމުގެ އުންމީދު އަޅުގަނޑުމެންގެ ވަރަށް ބޮޑޭ.

އާދެ، އަޅުގަނޑުގެ އުންމީދަކީ، މި ފެށޭ މަސައްކަތައިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކުރިއަށް ދެވުން. މިއަދު މި ފެށޭ ޕްރޮގްރާމް ހުއްޓައިނުލައި ކުރިއަށް ގެންދިޔުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި. އަދި މަޖީދިއްޔާ ސްކޫލަށް ހުރިހާ ގޮތަކުންވެސް ކާމިޔާބު މިންވަރު ކުރައްވައި، މަޖީދިއްޔާ ސްކޫލްގެ އާދެ، މަޖީދީ ހިޔާއިން ނުކުންނަ ކޮންމެ ދަރިވަރަކީވެސް ރާއްޖެއަށް ބޭނުންތެރި، އުފެއްދުންތެރި، މަސައްކަތްތެރި ދަރިވަރެއްގެ ގޮތުގައި މިންވަރު ކުރައްވާށި.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.