‎ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ހޯދައި އެ ގޮތްތަކަށް ދިރިއުޅެން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މިރޭ ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ދުނިޔޭގެ ފެންވަރުގައި ތިމާވެށީގެ ދުވަހެއް ފާހަގަކުރެވެނީ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކާއިމެދު ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށްޓަށް ގެއްލުންލިބޭ ކަންތައްތަކުން ދުރުހެލި ކުރުމަކީ އެންމެ މުހިންމު އެއް ބޭނުން ކަމަށް ދެކިގެން ކަމަށް ވިދާޅުވިއެވެ. އަދި ނެތިގެންދާ ވަޞީލަތްތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ މައްޗަށް މިފަދަ ދުވަހެއްގައި ވިސްނަންޖެހޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެ ގޮތުން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގައި ގުދުރަތީގޮތުން ތަނަވަސްވެފައިވާ އެކިއެކި ވަޞީލަތްތައް ދިރިއުޅުމުގެ ފަސޭހައަށްޓަކައި ބޭނުންހިފާއިރު އެ ވަޞީލަތްތައް ގެއްލިގެން ދިއުމުން އެ ކަމުން ކުރިމަތިވާނެ ނުތަނަވަސްކަން ހިތަށް ނުގެވޭކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތައް އަންނަމުންދާ ކަމަށާއި ޖައްވު ހޫނުވެ ތަޣައްޔަރު ވަމުންދާ ކަމަށާއި ކުރީގައި އަޑުނާހާ މިންވަރަށް މި ރާއްޖޭގެ އިތުރުން އެހެނިހެން ޤައުމުތަކުގައިވެސް އުދައެރުމާއި ފެންބޮޑުވުމުގެ ހާދިސާތައް ފަދަ ޤުދުރަތީ އެކިއެކި ހާދިސާތައް ހިނގުން އިތުރުވެފައިވާ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށާއި އެހެނިހެން ކަންކަމަށް ލިބެމުންދާ ގެއްލުން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކާއިމެދު ދުނިޔޭގެ އެކިއެކި ލީޑަރުންނާއި ތިމާވެށީގެ ހައްޤުގައި ވަކާލާތުކުރާ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގެ އިތުރުން އެ ކަމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެ ހިމެނިގެންދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާ ޤައުމުތަކުގެ ތެރޭގައި ކަމަށާއި މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތަކީ ހަމަ އެކަނި ދެކެވޭ ވާހަކައަކަށް ވެގެން ނުވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

‎މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެ ގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ހިންގާ އެންމެހާ މަސައްކަތްތަކަކީ ރައްޔިތުންގެ ހެވާއިލާބައަށް ކުރެވޭ މަސައްކަތްތަކެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މިހާރު ތަންފީޒުކުރަން ފަށާފައިވާ ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން އެ މަނިކުފާނު ވަނީ ކުނީގެ ބާވަތްތައް ވަކި ކުރުމަށާއި އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޒާތުގެ ޕްލާސްޓިކާއި ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި އެމަގުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

‎ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤޫބޫލު މަންޒިލެއް ކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއަށް ފަތުރުވެރިންގެ އެހާބޮޑު ސަމާލުކަމެއް ލިބެނީ މި ރާއްޖޭގެ ޤުދުރަތީ ނިޢުމަތުގެ ސަބަބުން ކަމަށާއި މި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ސާފު މޫދާއި ދޮންވެލި ތުނޑިތައް ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ވާޞިލުކޮށްދިނުމަށްޓަކައި އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންޖެހިފައިވާ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

‎މިރޭގެ ޖަލްސާގައި ފުވައްމުލައް ސިޓީ ބަޔޮސްފިޔަރ ރިޒަރވް ލޯގޯ އިފްތިތާޙުކުރުމުގެ އިތުރުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ލޯ އެންޑް ނަން ކެމިކަލް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް" ގެ ޕްރޮޖެކްޓް ޑޮކިއުމަންޓްގައި ސޮއިކޮށްފައިވެއެވެ. މީގެ އިތުރުން "އޮންލީ ވަން އާރތް" ވާހަކަފޮތް މުބާރާތުގެ އެއްވަނައަށް ދިޔަ ޝަރަފުއްދީން ސްކޫލުގެ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.

‎ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު ވަނީ ފުވައްމުލަށް ސިޓީ އެއަރޕޯޓުން ފެށިގެން ތުނޑީ ސަރަޙައްދާއި ހަމައަށް ބައިސްކަލް ބުރެއް ބާއްވާފައެވެ. މި ބައިސްކަލު ބުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވިއެވެ.