بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

ބައިނަލްއަޤްވާމީ ފެންވަރުގައި މިއަދު މުޅި ދުނިޔޭގައި ފާހަގަކުރާ، ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ. އަދި ދުންފަތުގެ ނުރައްކާތެރިކަމާ މެދު ރައްޔިތުން ހޭލުންތެރިކޮށް، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ނުބައި އާދައިން ރައްޔިތުން ދުރުކުރުމަށް މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށް ވެސް، މިއަދުގެ މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމެވެ.

ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް މި އަހަރު ހިންގާ ޙަރަކާތްތައް ދުނިޔޭގެ ފެންވަރުގައި ކުރިއަށް ގެންދަނީ، އިންސާނީ ދަރިފަސްކޮޅު މި ބިންމަތީގައި ދެމިއޮތުމަށް ނުރައްކާކުރާ ތިމާވެށީގެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައިގެންނެވެ. ދުންފަތަކީ އޭގެ ބޭނުންކުރުމުން ޞިއްޙީ އެތައް މައްސަލަތަކެއް ކުރިމަތިވެ، އިންސާނާގެ ފުރާނައަށް ސީދާ ގޮތުން ނުރައްކާތައް ކުރިމަތިކުރުވާ އެއްޗެކެވެ. ހަމައެއާ އެކު ދުންފަތުގެ އުފެއްދުންތައް ތައްޔާރުކުރުމުގެ ޞިނާޢީ މަރުޙަލާތަކުގައި، ތިމާވެއްޓަށް ލިބޭ ބޮޑެތި ގެއްލުންތަކަކީ ނުސީދާ ގޮތުން އިންސާނާގެ ފުރާނައަށް އެތައް ނުރައްކާތަކެއް ކުރިމަތިކުރުވާ ކަންތައްތަކެކެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ހިސާބުތައް ދައްކާ ގޮތުން، ސިނގިރޭޓް އުފެއްދުމަށްޓަކައި ކޮންމެ އަހަރަކު އެވްރެޖް ގޮތެއްގައި 600 މިލިއަން ގަސް ކަނޑައިލެވެއެވެ. ސިނގިރޭޓް އުފައްދާ ކާރުޚާނާތައް ހިންގުމުގެ ތެރޭގައި، ކޮންމެ އަހަރަކު 84 މިލިއަން ޓަނުގެ ކާބަންޑައި އޮކްސައިޑް ޖައްވުގެ ތެރެއަށް ދޫކުރެއެވެ. ހަމައެއާއެކު، ސިނގިރޭޓް އުފެއްދުމުގެ މަސައްކަތަށް އަހަރަކު އެވްރެޖް ގޮތެއްގައި، 22 ބިލިއަން ޓަނުގެ ފެން ބޭނުންކުރަންޖެހެއެވެ. ދުންފަތް ގަސް ހެއްދުމަށް އަހަރަކު، 3.5 މިލިއަން ހެކްޓަރުގެ ބިމުން ގަސްތައް ކަނޑައި ހަނަފަސްކުރެއެވެ. ސިނގިރޭޓް ބުއިމަށް ފަހު ބާކީވާ ފިލްޓަރުގެ 4.5 ޓްރިލިއަން އެތިކޮޅު، ރައްކާތެރި ގޮތުގައި ނައްތާނުލައި އެކި ތަންތަނަށް އުކައިލުމުން، އެވްރެޖްކޮށް އަހަރަކު 766 ޓަނުގެ ވިހަ ކުނި އުފެދެއެވެ. އޭގެ ސަބަބުން އެތައް ބައިވަރު ވިހަ ކެމިކަލްތައް، މި ބިމުގެ ވަޔާއި ފެނާއި ބިންގަނޑާ އެކުވެގެންދެއެވެ.

މި ހުރިހާ ކަންކަމަކީވެސް، މިހާރުވެސް ނުރައްކަލަށް ހުށަހެޅިފައިވާ ދުނިޔޭގެ ތިމާވެށީގެ ޙާލަތު އިތުރަށް ގޯސްވާނެ ކަންކަމެވެ. އޭގެ އިތުރުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އިންސާނާގެ ޞިއްޙަތަށާއި ފުރާނައަށް ނުރައްކާކުރާ ކަންކަމެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ޖެހޭ ތަފާތު ބަލިތަކާއި ޞިއްޙީ މައްސަލަތަކުގައި، މުޅި ދުނިޔެއިން ކޮންމެ އަހަރަކު އެވްރެޖް ގޮތެއްގައި 8 މިލިއަން މީހުން މަރުވެއެވެ. އެނުރައްކާތެރި އާދަ ދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ސަބަބުން، ހަލާކުވަމުން ކަންފަތިވަމުން އެދަނީ، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ އަންނަން އޮތް ދަރިފަސްކޮޅުވެސް ދިރިއުޅެން އޮތް މި ނާޒުކު ވެށްޓެވެ. ދުންފަތުގެ ބާވަތްތައް އުފެއްދުމުގައި ހޭދަވާ ކޮންމެ މަރުޙަލާއަކީ، ދުނިޔޭގެ ތިމާވެށި ހަލާކުކުރާ އަދި ޖައްވު ތަޣައްޔަރުކުރާ މަރުޙަލާއެކެވެ.

ބިޑި، ސުއްޓާ، ސިނގިރެޓް ފަދަ ތަކެތި ބުއިމުން، ގެއްލުން ލިބެނީ އެތަކެތި ބޭނުންކުރާ މީހާއަށް އެކަންޏެއް ނޫނެވެ. ދުންފަތުގެ އިސްތިޢުމާލުކޮށްފައި ދޫކޮށްލާ ދުންގަނޑަކީ، ވަށައިގެންވާ މާޙައުލުގައި ހުރި ކޮންމެ މީހެއްގެ ޞިއްޙަތަށް ދެވޭ ވަރަށް ބޮޑު ގެއްލުމެކެވެ. މިއީ ދުންފަތުގެ އިސްތިޢުމާލުކުރާ ހަމަ ކޮންމެ މީހަކު ވިސްނަންޖެހޭނެ ކަމެކެވެ. ތިމާގެ އަމިއްލަ ޞިއްޙަތަށާއި އަނެކުންގެ ޞިއްޙަތަށް، އެނގި ހުރެ ގެއްލުން ދިނުމަކީ އެއްވެސް ހަމައަކުން ބަލާއިރު، އެކަކުވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ތިމާ އާއި އަނެކުންގެ ޞިއްޙަތު ރައްކާތެރިކުރުމުގެ ގޮތުންވެސް، އަދި އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތައް ދިރިއުޅުމަށްޓަކައި، ދުނިޔޭގެ ޤުދުރަތީ ވެށި ރައްކާތެރިކުރުމުގެ ގޮތުންވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ނުބައި އާދައަށް ނޫނެކޭ ބުނުމުގެ ވަގުތު މިހާރު މިއޮތީ ޖެހިފައެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ އަޅުގަނޑުމެންގެ ނޭވާލާ ނިޒާމުގެ ދުޅަހެޔޮކަމަށް ނުރައްކާތަކެއް ކުރިމަތިކުރާ، ވަރަށް ނުބައި އާދައެއްކަން އެންމެންވެސް މިއަދު ޤަބޫލުކުރެއެވެ. އެފަދަ ޙާލަތެއްގައި ހުންނަ މީހަކަށް، ޞިއްޙީ އިތުރު މައްސަލައެއް މެދުވެރިއްޖެ ނަމަ، ފުރާނައަށް ނުރައްކާވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ކޯވިޑް-19ގެ ވަބާ ފެތުރެމުން ދިޔައިރުވެސް، އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިވެ، ޙާލަތު އެންމެ ގޯސްވެގެން ދިޔައީ، ނޭވާލާ ނިޒާމު ބަލިކަށި މީހުންނާއި، ފުއްޕާމޭގެ ބަލިތައް ތަޙައްމަލުކުރަމުން ދިޔަ މީހުންނެވެ. މިއީ ދާދިފަހުން އަޅުގަނޑުމެން ތަޖުރިބާކުރި ޙަޤީޤަތެކެވެ.

މިފަދަ ނުރައްކާތައް ހުރުމާއެކު، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ނުބައި އާދައިން ދުރުހެލިވުމުގެ ހިތްވަރާއި ޢަޒުމް، އަޅުގަނޑުމެންގެ ކިބައިގައި ހަރުލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. ފުރިހަމަ ޞިއްޙަތެއްގައި ދެމިތިބުމުގެ މަތިވެރި ނިޢުމަތް އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރައްވައި، ޞިއްޙީ ނުރަނގަޅު އާދަތަކުން ދުރުހެލިވުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވާށިއެވެ. އާމީން.