ބިނާވެށި ޕްލޭން ހެދުމަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭގޮތުން ވިއަވަތި ރާއްޖެ ކޮންފަރެންސްގެ މިއަދު ބޭއްވި ދެވަނަ ސެޝަންގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި ބިނާވެށި ޕްލޭން ހެދުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ގޮތްތަކެއް ހޯއްދެވޭނެ ކަމަށް ދެކެވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ދެވަނަ ސެޝަން ޗެއަރކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ސެޝަން ފައްޓަވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ލާމަޒުކަޒީ ޤާނޫނަށް ގެނެވުނު އެންމެ ބޮޑު އެއް އިސްލާހަކީ ރަށްރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ކައުންސިލުގެ ދައުރުބޮޑުކުރުންކަން ފާހަގަކުރެއްވިއެވެ. އަދި އެކަންކުރަން ކަނޑައެޅިފައި އޮތީ ޕްލޭން އެކުލަވާލާއިރު އެރަށެއްގެ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއެކު އެބަޔަކު ބޭނުންވާ ވިސްނުމެއް އޭގައި ހިމެނޭގޮތަށް ޕްލޭން އެކުލަވާލައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ޤާނޫނަށް ގެނެވުނު މި ބަދަލާއެއްގޮތަށް ބިނާ ވެށި ޕްލޭންތައް އެކުލަވާލުމަށް ކައުންސިލްތަކަށް ދަތިތަކާ ކުރިމަތިވެފައިވާތީ މިއަދު ބޭއްވި ސެޝަންގެ އެންމެ ބޮޑު ބޭނުމަކީ އެކަންކަމާ މަޝްވަރާކޮށް ގޮތްތަކެއް ހޯދައިދެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޗެއަރ ކުރެއްވި މި ސެޝަންގައި ޕެނަލިސްޓުންގެ ގޮތުގައި މިނިސްޓަރ އޮފް ޓޫރިޒަމް، ޑރ. ޢަބްދުﷲ މަޢުޞޫމާއި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާގެ އިތުރުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީ.އީ.އޯ، ފާތުމަތު އަފްޝަން ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު، ޢަލީ ނިޔާޒް ހިމެނިވަޑައިގަންނަވައެވެ.

މި ސެޝަންގައި ވެސް "ފަނޯއްލަ" ދަރުބާރުގައި މަޝްވަރާކުރެވިފައިވާ ކަންކަމުގެ ތެރެއިން ބިނާވެށި ޕްލޭނާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުންނާއި ކައުންސިލަރުން ފާހަގަކުރައްވަން ބޭނުންވެލައްވާ އިތުރު ކަންކަން ފާހަގަކުރެއްވުމަށް ފުރުޞަތު ދެއްވިއެވެ.

ޕެނަލްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމް ވަނީ ލޭންޑްޔޫސް ޕްލޭން ފާސްކުރަން ހުށަހެޅުމާއި އަދި އެ ޕްލޭން އެކުލަވާލުމުގައި ކައުންސިލުތަކަށް އެންމެ ދަތިވާކަންތައްތައްކަމުގައި އެ މިނިސްޓްރީއަށް ފާހަގަކުރެއްވޭ ކަންކަން ވިދާޅުވެ ބިނާވެށި ޕްލޭން އެކުލަވާލުމުގައި ގެންގުޅެވިދާނެ ލުއިފަސޭހަ ގޮތްތަކެއް ކޮންފަރެންސްގެ ބައިވެރިންނާ ޙިއްޞާކޮށްދެއްވާފައެވެ. މީގެ އިތުރުން ޕެނަލްގައި ހިމެނިވަޑައިގެންނެވި މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވަނީ ބިނާވެށި ޕްލޭން އެކުލަވާލުމުގައި ޓޫރިޒަމްގެ ދާއިރާއިން ސަމާލުކަންދޭންޖެހޭ ކަންކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ އާމިނަތު ޝައުނާ ވަނީ ބިނާވެށި ޕްލޭން ތަރައްޤީކުރުމާއި ރަށްރަށުގައި ތަރައްޤީގެ އެކިއެކި މަސައްކަތްތައް ކުރިޔަށްގެންދާއިރު ތިމާވެށީގެ ދާއިރާއިން ވިސްނުންބަހައްޓަންވީ ކަންކަން ފާހަގަކުރައްވާފައެވެ.

މި ފުރުޞަތުގައި ކައުންސިލަރުން ހުށަހެޅުއްވި ބައެއް ކަންކަމަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބިނާވެށި ޕްލޭނާއި ގުޅޭގޮތުން މިއަދުގެ ސެޝަންގައި ކުރިޔަށްދިޔަ މަޝްވަރާތަކުގެ އަލީގައި ކުރިޔަށްވުރެ ފަސޭހައިން ކަންކަން ކުރެވޭނެ ގޮތަށް މަގުފަހިކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ދެން މި ސެޝަންގައި ކައުންސިލަރުން، އަތޮޅު ކައުންސިލްތަކުގެ އިޙްތިޞާސްއާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަންމުގައިވެސް ޤާނޫނީގޮތުން ބަދަލެއް ގެންނަން ޖެހޭތޯ ބައްލަވައި ބަދަލެއް ގެންނަވަން ޖެހޭނަމަ އެބަދަލެއް ގެނެސްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލްތަކުން ފާހަގަކުރެއްވި ސިވިލްސަރވިސް ކޮމިޝަނާއި ގުޅުންހުރި ކަންކަން އެކޮމިޝަނާ ޙިއްޞާކޮށްދެއްވައި ގޮތްތަކެއް ހޯއްދެވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި މާދަމާވެސް ދެ ސެޝަނެއް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. މާދަމާ އޮންނަ މި ކޮންފަރެންސްގެ ތިންވަނަ ސެޝަން ކުރިޔަށްދާނީ " ރަށުތަރައްޤީގައި އަންހެނުން” މި މަޢުޟޫއަށެވެ. އަދި އެންމެ ފަހު ސެޝަން، ހަތަރުވަނަ ސެޝަން ކުރިޔަށްދާނީ ލާމަރުކަޒީ ނިޒާމުގެ މިހާރުގެ މިސްރާބާ ބެހޭގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްނެގެވުމުގެ މަތިން އިންތިޒާމުކޮށް ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ 3 ސަރަޙައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އ.ތ.މ ކޮމެޓީ ބައިވެރިވާގޮތަށެވެ. މިގޮތުން މި އަހަރު ބާއްވާ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އ.އ އުކުޅަހުގައި ކުރިޔަށްދާ މި ކޮންފަރެންސްއެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އ.ތ.މ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ.