بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް)ގެ އިސްވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިއަދު މި އިފްތިތާޙް ކުރަނީ، ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުގައި ވަރަށް މުހިންމު މަސައްކަތެއް. ރާއްޖޭގައި ދިރިއުޅޭ އެންމެހައި ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި މިފަދަ ސިޔާސަތެއް އެކުލަވައިލެއްވި ކަމަށްޓަކައި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށާއި، (އާރކް) އަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މި ސިޔާސަތު އިފްތިތާޙް ކުރެވިގެން މިދަނީ، ކުޑަކުދިން ޙިމާޔަތްކުރުމަށް ވަރަށް ބޮޑަށް އަޑު އުފުލަމުންދާ ދުވަސްވަރެއްގައި. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް ސަރުކާރުންވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ދުވަސްވަރެއްގައި. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ހުރިހާ ދާއިރާއަކުން އަދި ހުރިހާ މައިދާންތަކެއްގައި ވެސް، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް މި ސިޔާސަތު އެހީތެރިވެދޭނެ.

ވަރަށް ފަހަކާ ޖެހެންދެން އަޅުގަނޑުމެންގެ ތެރޭގައި، ކުޑަކުދިންގެ ކުޅިވަރުތައް ރޭވިފައި މި އޮންނަނީ، އެކުދިންގެ ހުސް ވަގުތު ފުރައިލަދޭ ކަމެއްގެ ގޮތުގައި. ނުވަތަ އެ ކުދިންގެ ފޫހިފިލުވައިދޭން ކުރާ ކަމެއްގެ ގޮތުގައި. ޙަޤީޤަތުގައި ކުޅިވަރުތަކުގައި ކުޑަކުދިން ބައިވެރިކުރުމަކީ، އެއަށްވުރެ މާ މަތިވެރި މަޤްޞަދެއް އޭގައިވާ ކަމެއް. އެއީ އެ ކުދިންގެ ޖިސްމާނީ ހަށިހެޔޮކަމާއި، ނަފްސާނީ އަދި ޞިއްޙީ ދުޅަހެޔޮކަން ހޯދައިދިނުން. އަދި އެކުދިންގެ ވިސްނުމުގެ ފެންވަރު މަތިކުރުމަށް އެހީތެރިވެދިނުން.

މިއަދު އަޅުގަނޑުމެން މި ފަށަނީ އެކަމުގައި ވެސް އިތުރު އެއް ފިޔަވަޅު ކުރިއަށް އަޅަން. އެއީ ކުޅިވަރުގެ މައިދާނުގައިވެސް، އަދި ކުޑަކުދިން ޝާމިލުވާ ގޮތަށް ކުރާ ކޮންމެ ކަމެއްގައިވެސް، އެ ކުދިންނަށް ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުން.

ރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލާއިރު، ޢާންމު މުޖުތަމަޢުން އެކަހެރިވެ، ކުށުގެ ވެށްޓާ ލާމެހިފައިވާ ކުދިންތަކެއް، މަދުން ނަމަވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެބައުޅޭ. ހަމައެފަދައިން، މައިންބަފައިންގެ ލޯތްބަށް އެންމެ ބޭނުންޖެހޭ ޢުމުރުފުރާގެ ކުދިން ވެސް، އެ ލޯބިން މަޙްރޫމްވެ، ދައުލަތުގެ ބެލުމުގެ ދަށުގައި ވެސް އެބަތިބި.

މިފަދަ ކޮންމެ ޙާލަތަކީ، އެކުދިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ހުރަސްއެޅޭ ޙާލަތެއް. އަދި އެކުދިންނަށް ލިބެންވާ ޙަޤީޤީ ޙިމާޔަތާއި ރައްކާތެރިކަން ލިބުމަށް ވެސް ހުރަސްތައް ކުރިމަތިވާ ޙާލަތްތަކެއް. އެ ޙާލަތުގައި އެ ކުދިން ހޭދަކުރާ ކޮންމެ ދުވަހަކީ، އެކަނިވެރިކަމާއި އެކަހެރިކަމުގެ އޮއިވަރުގައި އެ ކުދިން ޖެހެމުންދާނެ ދުވަހެއް.

ޢާއިލާއާ އެކުގައި، ގާތްތިމާގެ މީހުންނާ އެކުގައި އުޅޭ ކުދިންނަށް ވެސް، އެތައް ނުރައްކާތަކެއް އެބަ ކުރިމަތިވޭ. އޭގެ އިތުރުންވެސް، ކުޑަކުދިންގެ ރައްކާތެރިކަމަށް ކުރިމަތިވެފައިވާ އެތައް ނުރައްކާތަކެއް، އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެބަހުރި. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިއަދު މި އިފްތިތާޙްކުރާ ޗައިލްޑް ސޭފްގާޑިންގ ޕޮލިސީ ނުވަތަ ކުޑަކުދިން ރައްކާތެރިކުރުމުގެ ސިޔާސަތު ތަންފީޒު ކުރަން ފެށުމުން، މިފަދަ މައްސަލަތަކަށް ކޮންމެވެސްވަރެއްގެ ޙައްލެއް ފެނިގެންދާނެ.

މި ސިޔާސަތުގެ ބޭނުމަކީ، ކުޅިވަރުގެ މައިދާންތަކުގައި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން އެކަންޏެއް ނޫން. މި ސިޔާސަތު ތަންފީޒު ކުރަން ފެށުމުން، އެ ކުދިންނަށް ލިބެންވާ ރައްކާތެރިކަމާ މެދު އެކުދިންގެ ހޭލުންތެރިކަން ވެސް އިތުރުވެގެންދާނެ. އަދި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ދާއިރާއިން، ކުޅިވަރުގައި ޙަރަކާތްތެރިވާ ބޮޑެތި މީހުން ބާރުވެރިކުރެވިގެންދާނެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ ޤާބިލްކަން ވެސް އިތުރުކުރެވިގެންދާނެ.

އާދެ، މި ޕޮލިސީއަކީ މުޅި ރާއްޖޭގައިވެސް ޤައުމީ ފެންވަރުގައި ތަންފީޒު ކުރާނެ ސިޔާސަތެއް. އަދި ހުރިހާ ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކުންވެސް ޢަމަލުކުރާނެ ސިޔާސަތެއް. އަދި މިއީ ރާއްޖޭގެ ކުޑަކުދިން ރައްކާތެރިކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އިސްނަގައިގެން، އާރކްގެ ބައިވެރިވުމާއެކު، މިފަދަ މުހިންމު ސިޔާސަތެއް އެކުލަވައިލެއްވި ކަމަށްޓަކައި، އަދިވެސް އެއްފަހަރު، އޮލިމްޕިކް ކޮމިޓީއަށާއި، އާރކްގެ އިސްވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

މިފަދަ ސިޔާސަތެއް އެކުލަވައިލުމަށްފަހު، ދެން އޮންނަ އެންމެ މުހިންމު ކަމަކީ، އެ ސިޔާސަތު ތަންފީޒު ކުރުން. އެކަމުގައި މުޅި މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ. ޢާއިލާތަކުގެ ބައިވެރިވުމާއި، އެންމެހައި މަދަނީ ޖަމުޢިއްޔާތަކުގެ ބައިވެރިވުން ވެސް ބޭނުންވާނެ. ދައުލަތުގެ އެންމެހައި އިދާރާތަކާއި، އަމިއްލަ ކުންފުނިތަކުގެ ޙިއްޞާވެސް ވަރަށް ބޮޑަށް ބޭނުންވާނެ.

އިރާދަކުރެއްވިއްޔާ، ސަރުކާރުގެ އެންމެހައި އިދާރާތަކުގެ ބައިވެރިވުން އެންމެ ފުރިހަމަ ގޮތުގައި ލިބޭނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. މުޅި މުޖުތަމަޢުގެ ބައިވެރިވުން ވެސް އިރާދަކުރެއްވިއްޔާ މިކަމުގައި ލިބޭނެ. އަޅުގަނޑުގެ އުންމީދަކީ، މި ސިޔާސަތު ތަންފީޒުކުރަން ފެށުމުން، ރާއްޖޭގެ މުޖުތަމަޢަކީ ކުޑަކުދިންނަށް ފުރިހަމަ ރައްކާތެރިކަން ލިބިގެންދާނެ މުޖުތަމަޢަކަށް ވެގެން ދިއުން. އަދި އަޅުގަނޑުމެންގެ މެދުގައި ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމުގެ ހޭލުންތެރިކަން އިތުރުވެ، އެކަމަށް މަސައްކަތް ކުރުމުގެ ރޫޙު އަޅުގަނޑުމެންގެ ތެރޭގައި އާލާވެގެން ދިއުން. އެކަމުގެ ހެޔޮ ތައުފީޤާއި މަދަދު، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.