އިންޑޮނޭޝިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ސަފީރު ހަރ އެކްސަލެންސީ ދޭވީ ގުސްތީނާ ޓޯބިންގ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ. މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާއި އިންޑޮނޭޝިއާގެ ސަފީރު ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގާތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

އިންޑޮނޭޝިއާގެ އައު ސަފީރަށް ތަހުނިޔާ ދެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެ ކަމަނާއާ އެކު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ އެއް ސިއްރަކީ، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ދޭދޭ ގުޅުންތައް ކަމުގައި ވިދާޅުވިއެވެ. އަދި، އެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ގޮތުން ދެ ޤައުމުގެ ކަމާގުޅޭ އިދާރާތަކުގެ މެދުގައި އިތުރު މަޝްވަރާތައް ކުރުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދުނިޔެއަށް މި ވަގުތު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އިންޑޮނޭޝިއާގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެ ޤައުމުގެ ސަފީރާ ސުވާލު ކުރެއްވިއެވެ. އަދި، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއާއި، ތަރައްޤީއާއި، ސަރަޙައްދީ ގުޅުންތަކާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ. އަދި، މި ސަރުކާރުގެ ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތާ ގުޅޭ މަޢުލޫމާތު ސަފީރާ ހިއްސާ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޤައުމުގެ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ދިވެހި ދަރިވަރުންނަށް އިތުރު ފުރުޞަތުތައް ހޯދުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑޮނޭޝިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އިސްލާމްދީނަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދޭ ސަބަބެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން އިޤްތިޞާދީ ދާއިރާތަކުގައި މަސައްކަތް ކުރާ އިންޑޮނޭޝިއާ ރައްޔިތުންގެ މަސައްކަތްތަކަށް ވެސް އެ ކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެ ކަމަނާ ދެންނެވިއެވެ.

މި ބައްދަލުވުން ނިންމަވައިލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑޮނޭޝިއާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭ ގޮތުން ވެސް އެ ޤައުމުގެ ސަފީރާ އެކު މަޝްވަރާ ކުރައްވާފައެވެ. އަދި، އެ ކަމަނާގެ ސަފީރު ކަމުގައި ދެ ޤައުމުގެ ގުޅުންތައް އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.