ބްރެޒިލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ސަރޖިއޫ ލުއިޒް ކަނާއިސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރު ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ބްރެޒިލްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ބްރެޒިލާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ، ރާއްޖެއާ ބްރެޒިލްގެ ގުޅުމަށް 34 އަހަރު، މިއަހަރުފުރޭނެކަން ފާހަގަކުރައްވާފައެވެ.

ދެބޭފުޅުންގެ ވާހަކަފުޅުގައި، ކޮވިޑް-19 އާއި، ވިޔަފާރިއާއި އިޤްތިޞާދާއި، ފަތުރުވެރިކަމާއި، މޫސުމީ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ. ސަރުކާރުން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީ ހޯދުމަށް ގެންގުޅުއްވާ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ނޫ އިޤްތިޞާދުގެ ދާއިރާއިން ދެ ޤައުމުން ގުޅުން ބަދަހިކުރުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ކުރަމުންދާ އަސަރުތަކާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރާ، އަސަރުތަކާއި އަދި، ތަރައްޤީއަށް އަންނަމުންދާ ލޮޅުންތައް ފާހަގަކުރައްވަމުން ރައީސުލްޖުމްހުރިއްޔާ ވަނީ މޫސުމީ ބަދަލުތައް ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމުކަމުގައި ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ބްރެޒިލްގެ ސަރުކާރުން ރާއްޖެއަށް ވެދެއްވި އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ރާއްޖެ އަންނަ ބްރެޒިލްގެ ފަތުރުވެރިން އިތުރުކުރުމާއި ގުޅޭގޮތުން ސަފީރާ މަޝްވަރާކުރައްވާފައެވެ.

ބްރެޒިލްގެ ސަފީރު ވަނީ ބައިނަލްއަޤްވާނީ މައިދާނުގައި ރާއްޖޭގެ ފަރާތުން ބްރެޒިލް އަށް ލިބޭ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ސަފީރު ވަނީ ބްރެޒިލްގެ ހިއުމަނިޓޭރިއަން ކޯޕަރޭޝަންގެ ދަށުން އެ ޤައުމުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުގެ ފަރާތުން މި މަހުގެ ފަހުކޮޅު ރާއްޖެއަށް އެކި ބަލިތަކާ ގުޅޭ 80,000 ޑޯޒް ވެކްސިން ހަދިޔާކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި، މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ބްރެޒިލްގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ރާއްޖެއާއި ބްރެޒިލްގެ ގުޅުން އިތުރަށް ބަދަހިކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.