بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ، މިނިސްޓަރ އޮފް ޔޫތު އަޙްމަދު މަޚްލޫފް، ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤް، އައިލެންޑް އޭވިއޭޝަން ސަރވިސްގެ މެނެޖިންގ ޑައިރެކްޓަރ މުޙައްމަދު މިހާދު، ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަދި ސިޓީ ކައުންސިލަރުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، ޑެޕިއުޓީ މިނިސްޓަރ، އަދި އިސްވެރިން، ފުވައްމުލަކުގެ އިދާރާތަކުގެ ސަރުކާރުގެ މުއައްސަސާތަކުގެ ވެރިން، ވަޑައިގެން ތިއްބެވި އެންމެހައި ލޮބުވެތި ރައްޔިތުން، އަދި އަޅުގަނޑުމެންގެ އެންމެ ގާތް ލޮބުވެތި ދަރިވަރުން، ކުޑަކުޑަ ތުއްތުކުދިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ބަރަކާތްތެރި ރަމަޟާން މަހުގެ އެންމެ މާތްވެގެންވާ ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި، މިފަދަ މާތް މަތިވެރި މަސައްކަތެއް ފެށުމުގެ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ދެއްވި ކަމަށްޓަކައި اللهُ سُبْحَانَهُ وَتَعَالَى އަށް އަޅުގަނޑު އެންމެ ފުރަތަމަވެސް ޝުކުރު އަދާކޮށް ޙަމްދުކުރަން.

އާދެ، މިއީ މޭޔަރުގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވި ގޮތަށް، ފުވައްމުލަކު ރައްޔިތުންގެ ވަރަށް ދިގު އިންތިޒާރީއެއްގެ ނިމުން. އާދެ، އެނގިވަޑައިގަންނަވާނެ، ޒަމާނުއްސުރެ ފެށިގެން ފުވައްމުލަކުގެ ރައްޔިތުންނަކީ ޤުރްއާނަށް ވަރަށް ލޯބިކުރާ، ޤުރްއާނުގެ ޢިލްމަށް ވަރަށް ލޯބިކުރާ، ދީނީ ކަންތައްތަކަށް ވަރަށް ސަމާލުކަން ދެއްވާ ބައެއް. އާދެ، މިއަދު އަޅުގަނޑުމެންގެ އުންމީދަކީ، މި މަރުކަޒު އާދެ، މި ސަރަޙައްދަށްވެސް ޚިދުމަތް ދެވޭނެފަދަ ގޮތަކަށް ފަރުމާކުރެވިގެން ކުރިއަށް ގެންދިޔުން. މި މަރުކަޒުގެ ފެށުމާއެކު، އިރާދަކުރެއްވިއްޔާ އިތުރު ފަސޭހަތަކެއްވެ، މިހާރު މި ދާއިރާގައި އާދެ، ވަކިން ޚާއްޞަކޮށް، ޙިފްޡު ކުލާސްތަކުގައި ކިޔަވަމުންދާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ.

އާދެ، އެނގިވަޑައިގަންނަވާނެ، މި ސަރުކާރު ވުޖޫދުވެގެން އައުމާއެކު، އިބްރާހީމް މުޙައްމަދު ޞާލިޙް، އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އަމާޒަކަށްވެގެން ދިޔައީ ދީނީ ކަންތައްތަކަށް ދުވަހަކުވެސް ނުލިބޭފަދަ، ނުދެއްވާފަދަ ސަމާލުކަން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ދިނުން. އާދެ، އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމް ބައެއް. އެތައްސަތޭކަ އަހަރެއް މިވީ ދިވެހިރައްޔިތުން މިގޮތުގައި ދެމިތިބޭތާ. އަޅުގަނޑުމެންގެ މިއަދުގެ މި އޮތް އެކުވެރިކަންވެސް އަޅުގަނޑު ގަބޫލުކުރަނީ އެއީ މީގެ މައްޗަށޭ ބިނާވެފައި މިއޮތީ.

އެނގިވަޑައިގަންނަވާނެ، މިގޮތުން މިދެމުންދާ ސަމާލުކަމުގެ ތެރެއިން، އަޅުގަނޑުމެންނަށް މި ރަށުންވެސް ފެނިގެން އެބަދޭ، ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ މަންޒަރު. އާދެ، މިސްކިތްތައް ބިނާކުރުމާއި އަދި އެނޫނަސް ޕްރޮގްރާމްތަކެއް ހިންގެމުން އެބަދޭ. ހަމަ މިއާއެކު، ރާއްޖޭގެ އެކިއެކި ރަށްރަށުގައި، އެކިއެކި އަތޮޅުތަކުގައި މަސައްކަތްތަކެއް ހަމަ ބާރަށް ކުރިއަށް އެބަދޭ.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ކުރިމަތިވެގެންދިޔައީ، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަސް މިދިޔައީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެއްގެ ގޮތުގައި. ވޭތުވެދިޔަ ރަމަޟާން މަސް، އަޅުގަނޑުމެންނާ ބައްދަލުކުރިއިރުވެސް، އަޅުކަން ކުރުމާއި، މިސްކިތުގައި ނަމާދު ކުރުމާއި އަދި އެނޫން ކަންތައްތައްވެސް ހުރީ އުނދަގޫ ގޮތަކަށް. އަދި ހަމަ އެއާއެކު އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މައްޗަށް އޮންނަ އެންމެ މާތްވެގެންވާ އެއް އަޅުކަން ކަމަށްވާ ފަރުޟު ޙައްޖު އަދާކުރުމުގެ ފުރުޞަތުވެސް، މިދިޔަ ދެ އަހަރުވެސް ހަމަ މިކަމާހެދި އަޅުގަނޑުމެންނަށް މިދިޔައީ ނުލިބި. އާދެ، އިރާދަކުރެއްވީތީ މި އަހަރު އެކަންތަކަށް މަގުފަހިވެގެން އެބަދޭ.

އާދެ، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި ހުރިހާ ބެލެނިވެރިންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ޕްރޮގްރާމްތައް އިރާދަކުރެއްވިއްޔާ، ވަރަށް ބާރަށް އަޅުގަނޑުމެން ކުރިއަށް ގެންދާނަމޭ. އަޅުގަނޑުމެންނަށް އެންމެ މުހިންމުވަނީ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ހެޔޮލަފާ ދަރިން ތަރުބިއްޔަތު ކުރުން. އިރާދަކުރެއްވިއްޔާ، މިއަދު ދިވެހިރާއްޖޭގެ ތަޢުލީމީ ވުޒާރާގެ ތެރެއިން، ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް އަޅުގަނޑުމެންނަށް ބާރަށް މި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ. އަޅުގަނޑުގެ ހަމައެކަނި މިއަދުގެ އެދުމަކީ، އަޅުގަނޑުމެންގެ ތެރޭގައި ތިބި ހުރިހާ ވައްތަރެއްގެ ޢިލްމުވެރިން އާދެ، ޓީޗަރުންނާއި، މުދައްރިސުންނާއި، ދިނީ ޢިލްމުވެރިންނާއި އަދި އެ ނޫނަސް ކިރިޔާވެސް ޢިލްމު ލިބިފައިވާ މީހަކު ހުރިކަމަށްވަންޏާ، ދެންމެ މިނިސްޓަރ ވިދާޅުވެއްޖެ، ޚިދުމަތްތަކެއް ކޮށްދޭންވީ. އަޅުގަނޑުމެންގެ ޢަމަލުތައް އަޅުގަނޑުމެން އަބަދުވެސް ރަނގަޅުކުރަންވީ.

އެނގިވަޑައިގަންނަވާނެ، މުޅި ރަމަޟާން މަހުން އަޅުގަނޑުމެންނަށް ދަސްކޮށްދޭ އެންމެ ބޮޑު ފިލާވަޅަކީ، ރިވެތި އަޚްލާޤު. ހެޔޮ މީހަކަށް މީހާވުން، އަނެކާއަށް އަޅާލާ މީހަކަށްވުން، ހެޔޮބަސް ބުނާ މީހަކަށްވުން. އަޅުގަނޑުމެން މީހެއްގެ ހުންނަ ނުބައި ސިފަތައް އަބަދުވެސް ނަގައިގެން، އެވާހަކަ ފަތުރާ ބައެއްގެ ބަދަލުގައި، މީހުންގެ ހެޔޮ ވާހަކަ ދައްކައި އަދި އަޅުގަނޑުމެންގެ މުޖުތަމަޢަށް ކިރިޔާވެސް ޤަބޫލުނުކުރެވޭފަދަ ކަމެއް ހިންގާ މީހެއް ކަމަށްވަންޏާ ނަޞޭޙަތްތެރިވުން.

އެހެންވީމާ، އަޅުގަނޑު މިއަދު ހަމަ ގޮވާލަން ބޭނުންވޭ، ދިވެހިރާއްޖެއަށް ކުރިއެރުން ލިބެންއޮތީ އަޅުގަނޑުމެންނަށް މިގޮތަށް ކުރެވޭ މަސައްކަތުން. ޚާއްޞަކޮށް، ހެޔޮލަފާ ދަރިންތަކެއް މި ދެންނެވިގޮތަށް އަޅުގަނޑުމެންނަށް ތައްޔާރުކުރެވިގެން. އެ މަސްއޫލިއްޔަތަކީ އެއީ ވަކި ބައެއްގެ، ވަކި މުދައްރިސުންގެ ނުވަތަ ވަކި މައިންބަފައިންގެ އޮތް ހަމައެކަނި މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެން ނުދެކި، އެއީ މުޅި މުޖުތަމަޢުގެ އެންމެން ވިސްނުންތެރިކަމާއެކު ކުރަންޖެހޭ ކަމެއް.

އެނގިވަޑައިގަންނަވާނެ، މި ރަށަކީވެސް ވަރަށް ތަޢުލީމީ ޤާބިލް ބޭފުޅުންތަކެއް އުފެދިފައިވާ ރަށެއް. ވޭތުވެދިޔަ ސަރުކާރުތަކުގަޔާއި އަދި މިއަދުގެ ސަރުކާރުގައިވެސް މަތީ މަގާމުތައް އަދާކުރައްވާފައިވާ މި ރަށުގެ ފަރާތްތައްވެސް އެބަ ތިއްބެވި. އަޅުގަނޑު އެފަދަ ފަރާތްތަކަށްވެސް ދަންނަވާލަން އޮތީ، ކިރިޔާވެސް އަޅުގަނޑުމެންނަށް ކުރެވޭ ކަމަށްވަންޏާ، ރަނގަޅު ކަމެއް ކޮށްދެމާ ހިނގާށޭ. ކިރިޔާވެސް ބަހެއް ބުނާކަމަށްވަންޏާ، ރަނގަޅު ބަހެއް ބުނަމާ ހިނގާށޭ. އެއީ އަޅުގަނޑުމެން، ފޭސްބުކްގައި ލިޔުނަސް، އަދި ޓްވިޓަރގައި ލިޔުނަސް، އަދި ދޭދޭ މީހަކާ މުޢާމަލާތު ކުރާއިރު ދައްކާ ވާހަކައަކަށްވިޔަސް، ނަސޭހަތުގެ ގޮތުންވިޔަސް އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ.

އާދެ، ވަގުތަކީ ތަންކޮޅެއް ހޫނުވެސް ގަދަ، އަދި ރަމަޟާން މަހުގެ މި ވަގުތަށްވީތީވެ، އަޅުގަނޑުގެ ވާހަކަކޮޅު އަޅުގަނޑު ތަންކޮޅެއް ކުރުކޮށްލާނަން. އެހެންނަމަވެސް، އަޅުގަނޑު ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު އަޅުގަނޑުމެންގެ ލޮބުވެތި ފުވައްމުލަކު ރައްޔިތުންނަށް ޔަޤީންކަމާއެކު ދަންނަވާލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ، މި ރަށުގައި ސަރުކާރުން ފަށާފައި ހުރި މަސައްކަތްތަކައިގެން އަޅުގަނޑުމެން ބާރަށް ކުރިއަށްދާނަމޭ.

އެނގިވަޑައިގަންނަވާނެ، މި ރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވާ އެއް ކަމެއްގެ ގޮތުގައި، މި ރަށުގެ މަގު ހެދުމުގެ ކަންތައް އޮތީ. އާދެ، ރައީސުލްޖުމްހޫރިއްޔާ މި ރަށަށް ކުރެއްވި ދަތުރުފުޅުގައި، ކުރިން ހަދަން ހަމަޖެހިފައިވާ މަގުތަކަށްވުރެ އިތުރު މަގުތަކެއް ހެދުމަށް ވަނީ އިޢުލާނު ކުރައްވާފައި. އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ހަމައެއާއެކު، މި ރަށުގައި ކުރީގައި ކަނޑައެޅިފައިވާ ހައުސިންގ މަޝްރޫޢަށް ޢަދަދު އިތުރުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި. އިރާދަކުރެއްވިއްޔާ، އެކަންތައްތައްވެސް ކުރިއަށްދާނެ.

ހަމައެއާއެކު، އަޅުގަނޑުމެންގެ ޒުވާނުންނަށްޓަކައި ކުޅިވަރުގެ އެތައް ކަންތައްތަކެއް، މުނިފޫހިފިލުވުމާއި، ކަސްރަތާއި، ކުޅިވަރުތައް ކުޅުމަށް ފުޓްބޯޅަ ދަނޑާއި އަދި ޕާރކުފަދަ ތަންތަން ހެދިގެން އެބަދޭ. މިއީވެސް އަޅުގަނޑުމެން އެކީގައި އުޅޭ ބަޔަކަށް ވަރަށް މުހިންމު ކަމެއް. ޔޫތު މިނިސްޓަރުވެސް އެބަ ހުންނެވި. މި ކަންތައްތައްވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހަމަ ބާރަށް ކުރިއަށް ގެންދާނަން.

ޚާއްޞަކޮށް، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، މި ދަތުރުގައި އައިލެންޑް އޭވިއޭޝަން ސަރވިސްގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު މިހާދު އަޅުގަނޑުމެންނާއެކު ބައިވެރިވެވަޑައިގަންނަވާ. އިރާދަކުރެއްވިއްޔާ، އިތުރު ވަޒީފާގެ ފުރުޞަތުތަކެއް މި ރަށުގައި ވަރަށް އަވަހަށް ހުޅުވިގެންދާނެ، އައިލެންޑް އޭވިއޭޝަން ސަރވިސްއިން ފަށްޓާ ޚިދުމަތްތަކުގެ ތެރެއިން އަޅުގަނޑުގެ އުންމީދަކީ، މީގެ ސަބަބުންވެސް ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، އަޅުގަނޑުމެންގެ އިކޮނޮމީ، އާދެ، ރަށުގައި އިޤްތިޞާދުވެސް އިތުރަށް ރަނގަޅުވެގެންދިޔުން.

ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. އަޅުގަނޑުގެ އުންމީދަކީ، އިރާދަކުރެއްވިއްޔާ މި ފެށޭ މަސައްކަތް ވީހާވެސް އަވަހަކަށް މިއަދު ފެށިގެން އަދި ތާވަލުގައިވާ ގޮތަށް، ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ނިމި، މީގެ ފަސޭހަކަން ލިބި، ހޯދަޑު އަވަށުގެ ރައްޔިތުންނަށާއި އަދި އަޅުގަނޑުމެން މުޅި ހުރިހާ ފުވައްމުލަކުގެ ބާކީއޮތް ހަތް އަވަށުގެ ރައްޔިތުންނަށްވެސް ލިބިގެންދިޔުން.

އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން ހެޔޮބަސް އަހާ، ހެޔޮބަސް ބުނާ ބައެއްގެ ގޮތުގައި ލައްވައި، އަދި އަބަދުވެސް އެކަކު އަނެކަކަށް އެހީތެރިވާ، އޯގާތެރި ބައެއްގެ ގޮތުގައި ލެއްވުން. ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ މާތްވެގެންވާ ރޭތަކުގެ ހެޔޮ ޘަވާބު އަޅުގަނޑުމެން އެންމެންނަށް اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރައްވާށި. ރާއްޖެއަށް ތިޔާގިކަމާއި ފާގަތިކަން މިންވަރު ކުރައްވާށި.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.