بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ދައުލަތުގެ ވަޒީރުން، އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ. އާދަމް ޢާޒިމް، ސްކޫލްތަކުގެ ހިންގުންތެރިންނާއި މުދައްރިސުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިންނާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިން، އަދި ވަކިން ޚާއްޞަކޮށް، މިރޭގެ އެންމެ ޝަރަފުވެރި ބައިވެރިން ކަމުގައިވާ އަޅުގަނޑުމެންގެ ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

އާދެ، ގިނަ ދުވަސްތަކަކަށްފަހު އަޅުގަނޑުމެންނަށް މިގޮތަށް ޙަފްލާއެއް ބޭއްވިގެންދާ ކަމަށްޓަކައި اللهُ سُبْحَانَهُ وَتَعَالَى ގެ ކިބަފުޅަށް ޙަމްދުކުރަން. އަޅުގަނޑަށް ފެނިގެންދިޔައީ، ހުރިހާ ބޭފުޅުންގެ މޫނުމަތިންވެސް ހިތްހަމަޖެހުމާއި އުފާވެރިކަން. އާދެ، އަޅުގަނޑުގެ ވާހަކަ ފެށުމުގެ ކުރިން މިރޭގެ ވަނަތައް ހާސިލުކުރާ އެންމެހައި ދަރިވަރުންނަށް ތަހުނިޔާއާއި މުބާރަކުބާދީ ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، މި ސަރުކާރުގެ ފެށުންވެސް ވެގެންދިޔައީ އާދެ، ކުޅިވަރުގެ ޢީދަކުން. އާދެ، ސަރުކާރުން އެންމެ އިސްކަންދޭ ކަމެއްގެ ގޮތުގައި މިއޮތީ ހަށިހެޔޮ، ދުޅަހެޔޮ ބައެއްގެ ގޮތުގައި ދެމިތިބުމަށްޓަކައި ކުރަންޖެހޭ އެކި ކަންތައްތައް ކުރުން. އާދެ، މީގެތެރޭގައި ޚާއްޞަ ގޮތެއްގައި ދަރިވަރުންގެ ދުޅަހެޔޮކަމަށް، ދަރިވަރުންގެ ޞިއްޙަތަށް ގިނަގުނަ ސަމާލުކަމެއް ދީފައި އެބަވޭ.

އާދެ، އަޅުގަނޑު ދަންނަވާލާނީ އެގޮތުން މި ސަރުކާރުގެ ފެށުމާއެކު، މުޅިން އަލަށް ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ނާސްތާ ޕްރޮގްރާމެއް ފެށިގެންދިޔަ ވާހަކަ. އާދެ، އެނގިވަޑައިގަންނަވާނެ، މީގެ ސަބަބުން ވަރަށް ގިނަގުނަ ފައިދާތަކެއް ދަރިވަރުންނަށް ކުރި. އަދި އޭގެ އިތުރަށް، ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް އާދެ، ހެލިފެލިވެ އުޅުމާއި، އެކިއެކި ކަންތައްތައް އަޅުގަނޑުމެންނަށް އިތުރަށް ހަމަޖެއްސުނު.

އެނގިވަޑައިގަންނަވާނެ، ކުރިންވެސް އަޅުގަނޑު މި ދެންނެވި ފަދައިން، މި ދެންނެވި ބައެއް ކަންތައްތަކަށް ހުރަސްއެޅިގެންދިޔައީ، އަޅުގަނޑުމެންނާ ކުރިމަތިވެގެންދިޔަ ބިރުވެރި އާދެ، ނުރައްކާތެރި ކޯވިޑްގެ ވަބާ. އެހެންނަމަވެސް، އަޅުގަނޑުމެންގެ އުންމީދަކީ، ﷲ އިރާދަކުރެއްވިއްޔާ ކުރިއަށްއޮތްތަނުގައި މި ބާވަތުގެ ކަންތައްތަކައިގެން އަޅުގަނޑުމެންނަށް ބާރަށް ކުރިއަށްދެވޭނެ ކަމަށް.

އާދެ، އަޅުގަނޑުވެސް އެއްޗެއް ދަންނަވާލަން ބޭނުން، ޚާއްޞަކޮށް ދަރިވަރުންނަށް. އަޅުގަނޑަކީ ރާއްޖޭގެ ދެކުނުގެ އަތޮޅެއް ކަމަށްވާ ފުވައްމުލަކަށް ނިސްބަތްވާ މީހެއް. އަޅުގަނޑުވެސް ނަސީބު ރަނގަޅުކަމުން އަޅުގަނޑަށް މާލެއަށް ކިޔަވަން އައުމުގެ ފުރުޞަތު ލިބުނު. މައިންބަފައިންނާ ވަކިން ނަމަވެސް، އެއީ އަޅުގަނޑަށް ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއް. ދަރިވަރުންގެ ކުޅިވަރުގެ މިފަދަ ކާމިޔާބީތަކެއް ފާހަގަކުރާ ރެއެއްގައި އަޅުގަނޑުގެ ހަނދާނަށް ހަމަ އަންނަނީ، އެދުވަހު އަޅުގަނޑުމެން ކުޅެން އުޅުނު ގޮތްތައް. އާދެ، މާލޭ ހިއްކިބިމުގައި ފުޓްބޯޅައާއި، ކްރިކެޓާއި، އަދި މާލޭ އިންޑޯ ސްޓޭޑިއަމްގައި ޓޭބަލް ޓެނިހާއި، ބެޑްމިންޓަނާ، މި ބާވަތުގެ ކުޅިވަރު ކުޅެން އަޅުގަނޑުމެން އުޅުނީ. ޙަޤީޤަތަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ކުޅިވަރުގެ މައިދާނުގައި އެގޮތަށް އުޅެން ވަރަށް ގިނަ ވަގުތު، މުޅި ދުވަހުގެ ބޮޑުބައި އަޅުގަނޑަށް ހަމަގައިމުވެސް ހޭދަކުރަންޖެހުނީ މާލޭ ހިއްކިބިމުގައާއި، މި ދެންނެވި ތަންތަނުގައި، ސްކޫލް ނިންމުމަށްފަހު ކުޅިވަރުގައި.

ޙަޤީޤަތުގައި އަޅުގަނޑު ޤަބޫލުކުރަނީ، އަޅުގަނޑަށް ގިނަ ފައިދާތަކެއް އެއިން ކުރިކަމަށް. އާދެ، ވަރަށް ގިނަ ރައްޓެހިން ލިބުނު. ކޮންމެ ކަމެއްވެސް އެއީ ގަޑިއަށް ފަށްޓަންޖެހޭ ކަމެއްކަން، ކުޅިވަރުގެ މައިދާނުން އަޅުގަނޑުމެންނަށް ދަސްވި. އަދި ހަމަ އެއާއެކު މަޝްވަރާކުރުން، އެކަކު އަނެކަކާ ވާހަކަ ދައްކައިގެން އެންމެ މޮޅަށް އާދެ، އެއީ މެޗެއް ކަމުގައިވިޔަސް، އެ ކުޅިވަރު ކުޅޭނޭގޮތް، ލަނޑު ޖަހާނެގޮތް، ކޯޗެއްގެ އިރުޝާދުގެ ދަށުން، އެއީ ހަމަގައިމުވެސް ދަސްވެގެންދިޔަ އެއްޗެއް.

އާދެ، ކޮންމެއަކަސް އަޅުގަނޑުގެ މަދަރުސީ ދައުރު ނިންމާލާފައި އަޅުގަނޑު ރަށަށް ދިޔައިރު، އަޅުގަނޑަށް ގެންދެވުނީ ކުޅިވަރު ކުޅުމުން، އެކަން ފާހަގަކޮށްފައި ސްކޫލުން ލިބުނު ސަނަދެއް. އަޅުގަނޑު މިއަދުވެސް އެކަމަށްޓަކައި ހަމަ އުފާކުރަން. އާދެ، މި ދެންނެވީ އަޅުގަނޑު ފާސްނުވާ ވާހަކައެއް ނޫން. އިރާދަކުރެއްވީތީ އަޅުގަނޑު ހަމަ ރަނގަޅަށް ފާސްވެސްވި. އެހެންނަމަވެސް، އަޅުގަނޑަށް ލިބުނީ ކުޅިވަރު ކުޅުމުން ސަނަދެއް.

އާދެ، އެނގިވަޑައިގަންނަވާނެ، ސްކޫލް ޢުމުރަކީ އެއީ ލިބޭ ރަނުގެ ފުރުޞަތެއް. އަޅުގަނޑުމެން ސްކޫލް ދުވަސްވަރު، ހެޔޮގޮތުގައި ބޭނުންހިފުމަށްޓަކައި ދަރިވަރުން ޢަޒުމް ކަޑައަޅަންޖެހޭ. ކިޔެވުމަކީ ސްކޫލްތެރޭގަޔާއި، އެކިއެކި ދަނޑުތަކުގަޔާއި، މައިދާންތަކުން އަޅުގަނޑުމެން އުނގެނޭ އެއްޗެއް. ހަމައެކަނި ތަޢުލީމް މި އުނގެނެނީކީ މަދަރުސާގެ ހަތަރު ފާރުތެރޭގައެއް ނޫން. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، މިއަދުގެ ދަރިވަރުންނަށް، އަޅުގަނޑުމެންނަށް މި ކަންތައްތަކަށް، ޚާއްޞަކޮށް ދަރިވަރުން ވިސްނައި، މިނިސްޓަރުވެސް އެ ދެއްވި ލަފައާއި އިރުޝާދާ އެއްގޮތަށް އަޅުގަނޑުމެންނަކީ ހެލިފެލިވެ އުޅޭ، ކަސްރަތު ކުރާ ބަޔަކަށް އިތުރަށް ވާންއެބަޖެހޭ. އޭގެ އެތައް ގިނަގުނަ ފައިދާތަކެއް އެބަހުރި. މިނިސްޓަރުވެސް ފާހަގަކުރެއްވި، އަޅުގަނޑުމެން ކުރަންޖެހޭ ކަސްރަތުތައް، އެގޮތަށް އަޅުގަނޑުމެންނަށް ނުކުރެވުމުން ދިމާވާ އެކިއެކި ގޮންޖެހުންތަކުގެ ވާހަކަ. މިއީ އަޅުގަނޑު ދަންނަވާނީ މިއަދު އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭފަދަ ކަމެކޭ.

އާދެ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން. ވޭތުވެދިޔަ އަހަރުތަކަކީ އަޅުގަނޑުމެންނަށް ރަން ވަނަތަކެއް ލިބިގެންދިޔަ އަހަރުތަކެއް. އާދެ، ސްކޫލް މަދަރުސާގެ ދަރިވަރުން ދިވެހިރާއްޖެއަށް ހޯދައިދީފައިވާ ދުނިޔޭގެ ފެންވަރުގެ ރަން ވަނަތަކަކީ އެއީ، މިފަދަ ވަގުތެއްގައި އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ކަމެއް. އަދި އެ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ވަރަށް ބޮޑަށް މަރުޙަބާ ދަންނަވައި، އަދި އެކުދިންނަށް އެ ކަންތައްތައް ދަސްކޮށްދެއްވުމުގައި މަސައްކަތް ކުރެއްވި ހުރިހާ ކޯޗުންނާއި އަދި މުދައްރިސުންނަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

އާދެ، ދަރިވަރުން ސްކޫލް ދައުރުގައި ވިސްނަން އެބަޖެހޭ، ކޮންމެ ކުއްޖަކީވެސް މުހިންމު ކުއްޖަކަށްވާން. ޤައުމަށްޓަކައި ޚިދުމަތްކުރެވޭ، ދިރިއުޅުމަކަށް އަހުލުވެރިވެފައިވާ، މަސައްކަތެއް ދަސްކުރެވިފައިވާ ކުއްޖަކަށްވުމަކީ އެއީ، ޢަޒުމެއް ކަމަށް ހަދަން އެބަޖެހޭ. ކޮންމެ ކުއްޖަކީވެސް މުހިންމު ކުއްޖެއް. އަޅުގަނޑުމެންގެ ތެރޭގައި ވަކި ތަފާތުކުރުމެއް އޮވެގެން ނުވާނެ. އަޅުގަނޑުމެންގެ މުޅި ރާއްޖޭގައި ތިބި ހުރިހާ ދަރިވަރުންނަކީ، ހުރިހާ ސްކޫލެއްގެ ދަރިވަރުންނަކީ، ދިވެހިރާއްޖެއަށް މުހިންމު އާދެ، އަޅުގަނޑު ދަންނަވަން ބޭނުންވަނީ އެއީ މާދަމާ ދިވެހި ޤައުމު ހިންގަން ތިބި ފިއުޗަރގެ ލީޑަރުންނޭ.

އެނގިވަޑައިގަންނަވާނެ، ދުނިޔޭގެ ކަންތައްތައް މިހާރު މިއޮތީ ވަރަށް ޗެލެންޖިންގ، ވަރަށް ތަފާތުކޮށް. އަޅުގަނޑު ދެންމެ އެހެން ދެންނެވިނަމަވެސް، އަޅުގަނޑުމެން ބޮޑުވެގެން އައި ދުވަސްވަރާއި މިއަދާ ހާސްބައި ތަފާތު. ކޮމްޕެޓިޝަން މިއޮތީ ވަރަށް ބޮޑުކޮށް، ވާދަވެރިކަން ވަރަށް ބޮޑު. އެހެންވީމާ، އެކުރި މަސައްކަތަކުން ނޫނީ ހެޔޮ ނަތީޖާއެއް ނުނިކުންނާނެ.

އަޅުގަނޑު ހަމަ ދަރިވަރުންނަށް ނަސޭހަތެއްގެ ގޮތުގައި މިއަދު ބުނެލަން ބޭނުންވަނީ، ތިޔަކުދިން ކުރާ މަސައްކަތުގައި، ކިޔެވުމުގައި ތިޔަކުދިން ރަނގަޅަށް ފޯކަސްކުރާށޭ. މައިންބަފައިންނާއި މުދައްރިސުންގެ ބަސް ރަނގަޅަށް އަހައި، ރަނގަޅަށް ފިލާވަޅުތައް ދަސްކުރާށޭ. ޙަޤީޤަތުގައި އަޅުގަނޑުމެންގެ މައިންބަފައިން އަޅުގަނޑުމެންދެކެވާ ލޯބި އަޅުގަނޑުމެންނަށް މި އެނގެނީ، އަޅުގަނޑުމެންނަށް ދަރިން ލިބުމުން. އަޅުގަނޑުގެ ތިން ކުދިން ތިބޭ. އެހެންވީމާ، އަޅުގަނޑަށް އެނގޭ، އަޅުގަނޑު ދެކެ އަޅުގަނޑުގެ މައިންބަފައިންވާ ލޯބި. އަޅުގަނޑަށް ކުރިއެރުން ލިބުމަށް އަޅުގަނޑުގެ މައިންބަފައިން އެދޭނެ މިންވަރު. އެއްވެސް ޝައްކެއްނެތް، ދިވެހިރާއްޖޭގެ ހުރިހާ ދަރިވަރުން، ތިޔަ ހުރިހާ ކުދިންގެ ބެލެނިވެރިންނަކީ ތިޔަކުދިންނަށް އެންމެ ހެޔޮގޮތް އެދޭނެ ފަރާތް. ތިޔަކުދިންދެކެ އެންމެ ލޯބިވާނެ ފަރާތް. އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ މައިންބަފައިން އަޅުގަނޑުމެންނަށް އެ ކޮށްދޭ ކަންތައްތަކަށް އަޅުގަނޑުމެން ޝުކުރުވެރިވާން އެބަޖެހޭ. އެކަން ފާހަގަކުރުމަކީ މި ދެންނެވިގޮތަށް ކާމިޔާބު ދަރިންތަކަކަށްވުން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ޚާއްޞަކޮށް ތަޢުލީމީ ދާއިރާގައި ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި ކުރައްވާ މަސައްކަތް ފާހަގަކޮށް، މިނިސްޓަރ އޮފް އެޑިޔުކޭޝަނަށާއި އަދި މިނިސްޓްރީގެ އިސްވެރިންނާއި، ދިވެހިރާއްޖޭގެ ހުރިހާ މަދަރުސާތަކެއްގެ ހިންގުންތެރިންނާއި އަދި އެންމެހައި މުދައްރިސުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އަޅުގަނޑު ދަންނަވަން އޮތީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި މިއޮތީ ވަރަށް ބޮޑު މަސްއޫލިއްޔަތެކޭ. އާދެ، އަޅުގަނޑުމެންގެ މި ޒިންމާ ހެޔޮގޮތުގައި އަޅުގަނޑުމެންވެސް އަދާކޮށްގެން ނޫނީ، ހެޔޮލަފާ ޖީލެއް މާދަމާ ޤައުމަކަށް އަޅުގަނޑުމެންނަކަށް ނުހޯދޭނެ.

އާދެ، ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް. އަޅުގަނޑު މިއަދުގެ މި ވަގުތުގައި، މިރޭގެ މި ވަގުތުގައި ރަމަޟާން މަހުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ ތިޔަ އެންމެހައި ލޮބުވެތި ދަރިވަރުންނަށާއި އަދި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންގެ ދަރިވަރުންގެ ހިތްތަކުގައި ތަޢުލީމަށް އިތުރު ލޯބި ޖެއްސެވުން. އަދި އަޅުގަނޑުމެންގެ މައިންބަފައިންނަށް ހެޔޮކޮށްހިތާ ބައެއްގެ ގޮތުގައި އަޅުގަނޑުމެންގެ ހުރިހާ ދަރިވަރުންނާއި ހުރިހާ އެންމެން ލެއްވުން. އަދި ކުރިއަށް އޮތް ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް ހެޔޮގޮތުގައި ވޭތުކުރުމުގެ ހެޔޮނަސީބު މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.