ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މަރަދޫ ސްކޫލްގައި ސަރުކާރުން އަލަށް ޢިމާރާތްކުރި 12 ކްލާސްރޫމްގެ ޢިމާރާތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ. އެކަމަނާ މަރަދޫ ސްކޫލްގެ 12 ކްލާސްރޫމްއިފްތިތާޙްކޮށްދެއްވާފައިވަނީ މިއަދު މެންދުރުފަހު އެ ސްކޫލަށް ކުރެއްވި ޒިޔާރަތުގައެވެ.

މަރަދޫ ސްކޫލްގެ 12 ކްލާސްރޫމްގެ ޢިމާރާތް ތަރައްޤީކުރުމަށް ސަރުކާރުން 9،591،150.95 ދިވެހި ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ އިތުރުން ވެސް މަރަދޫ ސްކޫލްގެ އިތުރު ތަރައްޤީގެ މަޝްރޫޢުތައް ވަނީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައެވެ.

މަރަދޫ ސްކޫލަށްފަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ ފޭދޫ ސްކޫލަށް ޒިޔާރަތްކުރައްވައި، އެ ސްކޫލްގެ މެނޭޖްމަންޓާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ. ފޭދޫ ސްކޫލްގައި ދެ ކްލާސްރޫމާއި، ހެލްތް ރޫމާއި، ކައުންސިލާރސް ރޫމް އަދި ގުދަން ޢިމާރާތް އަޕްގްރޭޑްކުރުން ވަނީ މިއަހަރަށް ބަޖެޓްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އައްޑޫ ސިޓީއަށް ވަޑައިގެންފައި މި ވަނީ އެ ދެ ކަނބަލުން ފުވައްމުލަކު ސިޓީއާ އައްޑޫ ސިޓީއަށް ކުރައްވާ 4 ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.