بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ވީޑިއޯ ކޯޑިނޭޓަރ ޢާދިލާ ރުޝްދީ، "ޖަވާބު ޕްރައިވެޓް ލިމިޓެޑް"ގެ އިސްބޭފުޅުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ އިސްވެރިން، އަދި މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި އެންމެހައި ޓީޗަރުން، މި ޙަފްލާއަށް ވަޑައިގެންނެވި އެންމެހައި ބޭފުޅުން، ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު ދަންނަވާނީ މިއަދު މި އިފްތިތާޙުވެގެން މިދިޔަ ޚިދުމަތަކީ، މި އެޕްލިކޭޝަނަކީ، އޭގެ ސަބަބުން ޚާއްޞަކޮށް، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި، އެކަމަށް އެޅިގެންދާ ވަރަށް ބޮޑު ފިޔަވަޅެކޭ. އެނގިވަޑައިގަންނަވާނެ، 2010 ވަނަ އަހަރު، އެކުލަވާލި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތް ކުރުމުގެ ޤާނޫނާއެކު ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ހުރިހާ ސަރުކާރުތަކަކުންވެސް ވަނީ މި ދާއިރާއަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްފައި. އަދި މި ސަރުކާރު ވުޖޫދުވެގެން އައުމާއެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އަހަންމިޔަތުކަމެއް، އިސްކަމެއް ދެއްވާފައިވާ ވަކި ޕޮލިސީއެއްގެ ދަށުން ޚާއްޞަކޮށް، މިފަދަ ފަރާތްތަކަށް ބޭނުންވާ އެކިއެކި ކަންތައްތައް ހާސިލުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައި އެބަވޭ. އާދެ، މީގެ ތެރޭގައި އެންމެ މުހިންމު ކަމަކަށް މިވަނީ ތަޢުލީމު ފޯރުކޮށްދިނުން. ހަމަހަމަ ގޮތެއްގައި ސްކޫލް ތެރޭގަޔާއި، އަދި ސްކޫލުން ބޭރުގެ ހަރަކާތްތަކުގައިވެސް އެކުގައި ޝާމިލް ކުރެވޭނެފަދަ ވެށްޓެއް ޤާއިމު ކޮށްދިނުން.

އެނގިވަޑައިގަންނަވާނެ، މި ސަރުކާރުގެ ފެށުމާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްޓަކައި ވަކިން ޑިޕާޓްމަންޓެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން އުފައްދަވާފައި. އާދެ، އެ ޑިޕާޓްމަންޓުން ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން ދާކަން އަޅުގަނޑު ހަމަ ފާހަގަކުރަން. އާދެ، ޝާމިލް މިވަނީ އެހެން ހުރިހާ ކުދިންނާއެކު ބައިވެރި ކުރުވައިގެން ތަޢުލީމު ފޯރުކޮށްދިނުމާއި، އަދި މިދެންނެވި ގޮތަށް އެކިއެކި ޙަރަކާތްތަކާއި އެހެނިހެން ކަންތައްތަކުގައި ބައިވެރިކުރުން. އަޅުގަނޑުގެ އުންމީދަކީ އިރާދަކުރެއްވިއްޔާ، މިއަދު މި އިފްތިތާޙުކުރެވިގެންދިޔަ ސްކްރީން ރީޑިންގ ސޮފްޓްވެއަރގެ ޒަރީޢާއިން ގިނަގުނަ ފުރުޞަތުތަކެއް ފަހިވެގެންދިޔުން.

އާދެ، އެނގިވަޑައިގަންނަވާނެ، އިންސާނުން މި ދުނިޔެއަށް ޚަލްޤު ކުރައްވާފައިވާއިރު، އެކި ގޮތްގޮތަށް އެ މީހުންނަށް ނަސީބު ލިބިފައިވަނީ. އަޅުގަނޑު ދަންނަވާނީ، ކޮންމެވެސް ސަބަބެއް ވާނެއޭ. އަޅުގަނޑުމެން އެބަ ޤަބޫލުކުރަން، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް އިމްތިޙާނެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ކުރިމަތި ކުރުވާފައިވާކަން. އެހެންވީމާ، އަޅުގަނޑު ޤަބޫލުކުރަނީ ކޮންމެ ކަމެއް މެދުވެރިވުމަކީވެސް އެއީ، ހަމަ އަޅުގަނޑުމެން އެކަމަކަށް ޙަމްދުކޮށް، އެއީ ރަނގަޅުގޮތް ކަމުގައި އަޅުގަނޑުމެން ބަލައިގަންނަން ޖެހޭނެކަމެއްކަމަށް.

އާދެ، މިއަދު ޙަޤީޤަތަކީ، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ކަންތައްތަކެއް ބަދަލުވެއްޖެކަން. އަޅުގަނޑު މިދެންނެވި ޤާނޫނާއި އަދި މިދިޔަ އަހަރުތަކުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުން މުޖުތަމަޢުގެ ތެރޭގައި ދެކޭގޮތް އެބަ ބަދަލުވޭ. އަދި ހަމައެއާއެކު އަޅުގަނޑު ދަންނަވާނީ މި ކުރެވޭ މަސައްކަތްތައް ކާމިޔާބު ކަމަކަށް ވެގެންދާނީ، ހުރިހާ އެންމެންގެ ބައިވެރިވުންވެސް ލިބިގެން، އެންމެން ބަލައިގަނެގެނޭ.

އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ފެނޭ ޚާއްޞަކޮށް، ތަޢުލީމީ ދާއިރާގެ ބޭފުޅުން ކުރައްވާ މަސައްކަތްތައް. ފަހަރެއްގައި ވެދާނެ ފަރުދާގެ ފުރަގަހުގައި ކުރައްވާ މަސައްކަތްތައް ސީދާ އަޅުގަނޑުމެންނަށް އަދި ނުފެންނާތީވެ ކިހާ ބުރަ ކަންތައްތަކެއްކަން އެ ކުރައްވަނީ. ފަހަރެއްގައި އަޅުގަނޑުމެންނަށް ނޭނގިދާނެ. މައިގަނޑު ގޮތަކަށް މި ފެންނަނީ ކްލާސްރޫމްގައި ނުވަތަ ސީދާ އެ ބާއްވާ އެހެނިހެން ޙަރަކާތްތަކުގައި އެ ކުރެވޭ ކަންތައްތައް. އެހެންނަމަވެސް، މިއަދު އަޅުގަނޑު ފާހަގަކޮށްލަން ޚާއްޞަކޮށް، ވަރަށް ގިނަ ޕްރިންސިޕަލުން އަދި ޓީޗަރުންވެސް ވަޑައިގެން ތިއްބެވީތީވެ، ޙަޤީޤަތުގައި ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ނުފެނި އެ ކުރައްވާ މަސައްކަތްތަކަކީ އެއީ، ވަރަށް ބުރަ މަސައްކަތްތަކެއް. އަދި އަޅުގަނޑު ކުރީގައި ދެންނެވިފަދައިން، މި ސަރުކާރު ވުޖޫދުވެގެން އައުމާއެކު މިކަމަށް ދެވުނު ޚާއްޞަ ސަމާލުކަމުގެ ތެރެއިން ވަރަށް ގިނަގުނަ މަސައްކަތްތަކެއް، ޚާއްޞަކޮށް ތަޢުލީމީ ދާއިރާގައި ވަރަށް ގިނަ ކަންތައްތަކެއް ކުރެވެމުން އެބަދޭ.

އަޅުގަނޑު އެހާބޮޑު ތަފުސީލަކަށް ދާކަށް ނެތިން. އެހެންނަމަވެސް، ސްކޫލްތަކުގައި ކުރެވޭ މަސައްކަތްތައް ވަރަށް ގިނަ. ވަރަށް ގިނަ ތަމްރީނުތަކެއް އެބަ ދެވޭ. އަޅުގަނޑު ސްކޫލްތައް މާނަކުރާއިރު އަޅުގަނޑު މި ދަންނަވަނީ، މުޅި ދިވެހިރާއްޖޭގެ ވާހަކަ. ދިވެހިރާއްޖޭގައި ހިމެނޭ 216 ސްކޫލްގައިވެސް މިކަމަށް ހަމަ ސަމާލުކަމެއް ދެވެންވާނެ، އެންމެ ކުއްޖަކު ހުންނަ ސްކޫލަކީވެސް އަޅުގަނޑުމެންނަށް ވަރަށް މުހިންމު ސްކޫލެއް.

އާދެ، އަޅުގަނޑުމެންގެ މި މަސައްކަތުގައި އިރާދަކުރެއްވިއްޔާ، ނަތީޖާއަކަށް ވެގެންދާނީ މި ސްކޫލްގެ ދޮރޯށިން، މަދަރުސާގެ ދޮރޯށިން ނުކުންނަ ކޮންމެ ކުއްޖަކީވެސް، ދިރިއުޅުމަކަށް އަހުލުވެރި މަސައްކަތްތަކެއް ދަސްވެފައިވާ، މުޖުތަމަޢުގައި އުޅެވޭނެ ކުއްޖަކަށް ހެދުން. މިއީ، އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް ކަމެއް. އެހެންވީމާ، އަޅުގަނޑު މިއަދު ޕްރިންސިޕަލުންނަށް، މިނިސްޓްރީގެ އިސްވެރިންނަށް، އަދި މުޅި މުޖުތަމަޢަށް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ މިކަން ކާމިޔާބު ކުރުން އޮތީ، އަޅުގަނޑުމެންގެ އަތްމަތީގައޭ. އަޅުގަނޑުމެން އެންމެން ކުރި މަސައްކަތަކުންނޭ މިކަން ކުރެވެން އޮތީ. އެހެންވީމާ، އަޅުގަނޑު ހަމަ މިއަދު އެ ވާހަކަ ދަންނަވާލަން ބޭނުންވާ އެއް ސަބަބަކީވެސް މިއަދަކީ މިއީ، ވަރލްޑް ޑައުން ސިންޑްރޯމް ދުވަހުގެ ގޮތުގައިވެސް ފާހަގަކުރާ ދުވަސް.

އާދެ، އަޅުގަނޑަށްވެސް ވަރަށް ކައިރިން މި އިޙްސާސްތައް ކުރެވެމުންދޭ. މި ދެންނެވިފަދަ ކުދިން ގެންގުޅުމުގައި ހުންނަ ކަންތައްތައް ވަރަށް ގާތުން ފެންނަ މީހަކަށް ވީތީވެ، އަޅުގަނޑަށް އެނގޭ މިއީ ކިހާވަރެއްގެ ކަމެއްކަން. އެ އިޙްސާސްތައް އަޅުގަނޑުގެވެސް އެބަހުރި. ރެއާދުވާލު 24 ގަޑިއިރު އަޅުގަނޑުގެ ކުރިމަތިންވެސް ހަމަ ފެންނަމުންދޭ. އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި އެންމެންގެ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ބަލައިލައި، އަޅައިލައި، އެ ކުލުނާއި ލޯބި އަޅުގަނޑުމެން ދޭން އެބަ ޖެހެއޭ. އަޅުގަނޑުމެން އެކަކު އަނެކަކަށް، ޚާއްޞަކޮށް، މި ކުދިންނަށް.

އާދެ، ސަރުކާރުން މި ދެވޭ ސަމާލުކަމުގެ ތެރެއިން އަޅުގަނޑު ހަމަ ދަންނަވާލާނަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިތުރަށް، ޖެންޑަރ މިނިސްޓްރީ އަދި ކުޅިވަރާބެހޭ ވުޒާރާއަށް ބަލައިލިނަމަވެސް، ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރެވޭ. ޖެންޑަރ މިނިސްޓްރީގެ ފަރާތުން އެނގިވަޑައިގަންނަވާނެ، މި ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި މިވަނީ ރަނގަޅު މަސައްކަތްތަކެއް ކުރެވިފައި. އަޅުގަނޑު އޭގެ ތަފުސީލަކަށް ނުދިޔަޔަސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ހިލޭ ތެރަޕީގެ މަސައްކަތްތަކާއި އަދި އެކަމަށް އިތުރަށް މަގުފަހިކުރުމަށްޓަކައި މިދިޔަ ހަފްތާގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުމާލެ ހޮސްޕިޓަލްގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ހުޅުވައިދެއްވާފައި. އަދި އެ މަސައްކަތް އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ފުޅާކުރުމުގެ މަސައްކަތްތައް އަޅުގަނޑުމެން ކުރަމުން އެބަދަން. މިއިންވެސް އަޅުގަނޑު ޤަބޫލުކުރަނީ އަޅުގަނޑުމެންނަށް އިތުރު ހަރުފަތްތަކަކަށް އިތުރު ފަސޭހަކަމެއް މި ކުދިންނަށް އިރާދަކުރެއްވިއްޔާ، ހޯދައިދެވޭނެ ކަމަށް.

ކުޅިވަރުގެ ދާއިރާގައި އެނގިވަޑައިގަންނަވާނެ މި ސަރުކާރުން، އަޅުގަނޑުމެންނަށް މިވަނީ ފުރަތަމަ ފަހަރަށް ސްޕެޝަލް އޮލިމްޕިކްސް އަދި ޕެރަލިމްޕިކްސް ޤާއިމު ކުރެވިފައި. އެއާއެކު ދިވެހިރާއްޖެ ތަމްސީލުކޮށްފި އެންމެ ފުރަތަމަ ފަހަރަށް. ތަމްސީލުކޮށް ރާއްޖެއަށް ރީތި ނަންތަކެއްވެސް ހޯދައިދީފި. އެހެންކަމުން، މި ހުރިހާ ކަމަކުން މި ދައްކައިދެނީ އަޅުގަނޑުމެން އެންމެން މިކަން ޤަބޫލުކޮށް މިކަމުގައި ބައިވެރިކުރުވާ މިންވަރު، މިކަމަށް ސަމާލުކަން ދޭންޖެހޭ މިންވަރު.

އާދެ، ތަޢުލީމީ ދާއިރާއަށް އިތުރަށް ބަލައިފިކަމަށްވަންޏާ، މަތީ ތަޢުލީމު އާދެ، މީހުން ބިނާކުރުން، ވޮކޭޝަނަލް ޓްރެއިނިންގ، މިހާރުވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. ހަމައެއާއެކު އަޅުގަނޑު ފާހަގަކޮށްލަން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އަދި ޕޮލިޓެކްނިކުންވެސް ގިނަ ކަންތައްތަކެއް ސީދާ މިފަދަ ފަރާތްތަކަށް އަމާޒުކޮށްގެން ކުރެވެމުން އެބަދޭ. އަޅުގަނޑުގެ އުންމީދަކީ، މިއިންވެސް އަޅުގަނޑުމެންނަށް އެ ފަރާތްތަކަށް ފަސޭހަ މާޙައުލެއް ފަސޭހަކަމާއެކު، ދިރިއުޅުމަށްޓަކައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ގޮތްތަކެއް ހޯދައި ދެވޭނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު ހަމަ އަދިވެސް އެއްފަހަރު ޚާއްޞަކޮށް، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ކުރައްވާ ބުރަ މަސައްކަތް އަޅުގަނޑު ހަމަ ފާހަގަކުރަން. މިއީ، އަޅުގަނޑުމެންގެ ތެރެއިން ދިވެހިރާއްޖޭގެ ހަމަ ކޮންމެ ރައްޔިތަކުވެސް ފާހަގަ ކުރަންޖެހޭނެ ކަމެއް. ހަމަ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ޢާއިލާއެއްގެ ކޮންމެ މީހެއްގެވެސް، ކޮންމެ ދަރިޔަކީވެސް، ދިވެހިރާއްޖޭގެ މަދަރުސާއަކަށް، ދިވެހިރާއްޖޭގެ ސްކޫލްއަކަށް ގޮސް ތިޔައިން ކޮންމެވެސް މުދައްރިސެއްގެ ބެލުމުގެ ދަށުން، ތިޔައިން ކޮންމެވެސް އެއް ޕްރިންސިޕަލެއްގެ ބެލުމުގެ ދަށުން، ތަޢުލީމު އުނގަންނައިދޭނެ ކުއްޖެއް. އެހެންވީމާ، ތިޔަބޭފުޅުން އެ ކުރައްވާ ބުރަ މަސައްކަތް، އަޅުގަނޑުމެންނަށް އަދި ވަކިން ނުފެނި ތިޔަބޭފުޅުން އެ ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރަން. ސްކޫލަށްދާ 3 ކުދިން އަޅުގަނޑުގެވެސް އެބަތިބި. އެހެންވީމާ، އެ ކުދިންނަށާއި އަދި ދިވެހިރާއްޖޭގެ އެހެނިހެން ހުރިހާ ދަރިވަރުންނަށް، ތިޔަބޭފުޅުން އެ ކުރައްވާ މަސައްކަތް، ތަޢުލީމު އުނގަންނައިދިނުމަށްޓަކައި އެކުރައްވާ މަސައްކަތް ފާހަގަކޮށް، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަދި ހަމައެއާއެކު ވަކިން ޚާއްޞަކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމު އުނގަންނައިދީ، އެކިއެކި ހަރަކާތްތަކާއި އެކިއެކި ކަންތައްތައްތަކުގައި ބައިވެރިކުރުވައި، އެ ފުރުޞަތުތައް ފަހިކޮށްދެއްވާތީ، އެ ކުރައްވާ މަސައްކަތްތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ޚާއްޞަކޮށް، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ ކުރައްވާ މަސައްކަތްވެސް އަޅުގަނޑު ފާހަގަކޮށް، މިނިސްޓަރަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ޚާއްޞަ އަޅާލުމަށް ބޭނުންވާ ފަރާތްތަކާމެދު އަޅުގަނޑުމެންގެ ހިތްތަކުގައި ލޯބި އިތުރު ކުރައްވައި، އެފަދަ ފަރާތްތަކަށް ފަހި މުސްތަޤްބަލެއް ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.