بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އޭ.ޑީ.ކޭ. ގްރޫޕްގެ ސީ.އީ.އޯ. އަދި ޗެއަރމަން އޮނަރަބްލް އަޙްމަދު ނާޝިދު، އަދި އެ މަނިކުފާނުގެ އަނބިކަނބަލުން މަޢާނާ ރާފިޢު، އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްޢާލް، މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުން، އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ އިސްވެރިންނާއި އަދި އެންމެހައި ހީވާގި މުވައްޒަފުން، އަދި މި އުފާވެރި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ ޚިދުމަތަށް 35 އަހަރު ފުރޭ މި އުފާވެރި މުނާސަބަތުގައި، އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ ޗެއަރމަން އަދި އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ، އަދި އެންމެހައި ހީވާގި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތަހުނިޔާއާއި މުބާރަކުބާދީ ދަންނަވަން.

އާދެ، މީގެ 35 އަހަރު ކުރިން ވަރަށް އާދައިގެ ގޮތަކަށް، ވަރަށް ކުޑަކުޑަ ގޮތަކަށް ފެށިގެން މިއައި ޚިދުމަތް އާދެ، 35 އަހަރުވީއިރު އަޅުގަނޑުމެންނަށް މި ފެންނަނީ ވަރަށް ވަރުގަދަ، ބޮޑު، ބިޔަ، ޒަމާނީ ފަރުވާދޭ، ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި. އާދެ، 35 އަހަރުގެ ތެރޭގައި ޚާއްޞަކޮށް، އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ ޗެއަރމަންގެ ދުރުވިސްނުމާއެކު، އަޅުގަނޑު ދަންނަވާނީ މިވަނީ ރާއްޖެއަށް އަލަށް ޞިއްޙީ ދާއިރާއަށް ކަންތައްތަކެއް ތަޢާރުފު ކުރައްވާފައޭ.

އާދެ، އެއްވެސް ޝައްކެއްނެތް. މިއަދު އަޅުގަނޑުމެންނަށް އޭ.ޑީ.ކޭ. އިން މި ލިބިގެންދާ، މި ފެނިގެންދާ ޚިދުމަތްތަކަކީ، އެއީ، މިހާ ހިސާބަށް ވާސިލުވުމަށްޓަކައި ވަރަށް ވަރުގަދަ ލީޑަރޝިޕެއް އޮވެގެން ހޯދުނު ކާމިޔާބީއެއް. އާދެ، އެ ލީޑަރޝިޕާއެކު ވަރަށް ވަރުގަދަ ޓީމެއް އޮންނަން އެބަޖެހޭ. އާދެ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ރާއްޖޭގައި މިހާރު ތިއްބެވި ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ތެރޭގައި، އޭ.ޑީ.ކޭ. ހޮސްޕިޓަލްގައި، އަޅުގަނޑުމެންނަށް، އަޅުގަނޑުގެ ކުރިމަތިން މި ފެންނަ މޫނުތަކަކީ އާދެ، މޮޅު ޑޮކްޓަރުންނަކީ އެއީ އަޅުގަނޑު ދަންނަވާނީ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ފެންވަރު ރަނގަޅު ޑޮކްޓަރުންނޭ. އާދެ، ތިޔަބޭފުޅުން ތިޔަ ހޯއްދަވާ ކާމިޔާބީއާއި އަދި ދިވެހި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ތިޔަ ކުރައްވާ މަސައްކަތަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި، ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.

އާދެ، ވަކި ޑޮކްޓަރެއްގެ ނަން އަޅުގަނޑު ނުދެންނެވިނަމަވެސް، އަޅުގަނޑަށް ހީވަނީ ތިޔަބޭފުޅުންނަށް އެ ޑޮކްޓަރުންނަކީ ކޮންބައެއްކަން، ކޮންބޭފުޅުންނެއްކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެހެން. އާދެ، ހަމައެކަނި ދިވެހިރާއްޖޭގައި އޭ.ޑީ.ކޭ. ހޮސްޕިޓަލްގައި ކުރެވޭ ކަންތައްތަކެއް އެބަހުރި. އާދެ، އަޅުގަނޑު ކުރީގައި މި ދެންނެވިގޮތަށްވެސް މޮޅު ޑޮކްޓަރުން، އެބޭފުޅުންގެ ޚިދުމަތް ވަރަށް ކާމިޔާބުކަމާއެކު ފޯރުކޮށްދެއްވަމުން އެބަ ގެންދަވާ. އާދެ، އަދިވެސް އެއްފަހަރު އެ ޑޮކްޓަރުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ ޗެއަރމަން އަޅުގަނޑަށް ފާހަގަވަނީ ވަރަށް ހިތްވަރުގަދަ ބޭފުޅެއްގެ ގޮތުގައި. ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ވަރަށްގިނަފަހަރު މަތިން އަޅުގަނޑާ ބައްދަލުވި. ޚާއްޞަކޮށް، ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި، ބަދަލުގެނައުމަށްޓަކައި، އިނޮވޭޓިވް ކަންތައްތަކެއް، ޒަމާނީ އެޑްވާންސްޑް ޓެކްނޮލޮޖީ ގެންނެވުމަށްޓަކައި، އެ މަނިކުފާނު ކުރައްވާ މަސައްކަތްތަކުގެ ވާހަކަ ޙިއްޞާ ކުރައްވާ. އަދި ހަމައެއާއެކު ދިވެހިރާއްޖެ، މުޅި ރާއްޖޭގެ ޞިއްޙީ ދާއިރާއަށް، ރާއްޖެއަށް ގެންނަންޖެހޭ، އަންނަންޖެހޭ ކުރިއެރުންތަކާއި، ތަރައްޤީގެ ކަންތައްތަކާ ގުޅޭގޮތުން އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތްވެސް ވަރަށް ބޮޑަށް ވިދާޅުވެދެއްވާ. އަދި ވަރަށް ގިނަ ކަންކަމުގައި ވަރަށް ބޮޑަށް ލަފާދެއްވާ. އާދެ، އަޙްމަދު ނާޝިދަކީ އަޅުގަނޑުގެވެސް ވަރަށް ގާތް އެކުވެރިއެއް. އަޅުގަނޑަށް ދެއްވާ ލަފަޔާއި އިރުޝާދަށްޓަކައި، މަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، ބިޔަ ބޮޑު ހޮސްޕިޓަލެއް ވަސީލަތްތަކާއެކު ތައްޔާރުކުރުމަކީ އެއީ، ފައިސާ ހުރިކަމަށްވަންޏާ ކުރެވިދާނެ ކަމެއް. އެހެންނަމަވެސް، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި، އަޅުގަނޑުމެން ވިސްނަންޖެހެނީ އާދެ، އެކިއެކި ވަސީލަތްތައް ޤާއިމުކުރުމުގެ ކަންތައްތަކާއެކު، ހޮސްޕިޓަލްގެ މަސައްކަތްތައް ތަރައްޤީ ކުރުމުގެ، މަސައްކަތް އަބަދު ކުރާއިރު، އެއާ އެއްވަރަށް އެކުއެކީގައި އިންސާނީ ވަސީލަތް ބިނާކުރުމަށްޓަކައި، މީހުން ތައްޔާރުކުރުމަށްޓަކައި މަސައްކަތްތައް ކުރުމަށް.

އާދެ، އަޅުގަނޑު ހަމަ އުފަލާއެކު ފާހަގަކުރަން، 35 އަހަރު ވެގެން މިދާއިރު، އޭ.ޑީ.ކޭ. ހޮސްޕިޓަލް، މި ދެންނެވި ގޮތަށް އެންމެ ބޭނުންތެރި ދާއިރާތަކަށް އިސްކަން ދެއްވައިގެން، މީހުން ތަމްރީނު ކުރުމުގެ މަސައްކަތްތަކަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް އެބަ ދެއްވާ. އާދެ، ޓީޗިންގ ފެސިލިޓީއެއްވެސް އެބަ ހިންގަވާ. އަޅުގަނޑު ދަންނަވާނީ މިއީ ޚާއްޞަކޮށް، އަޅުގަނޑުމެންގެ ތެރޭގައި ހުރިހާ އެންމެންވެސް ވިސްނަންޖެހޭ ކަމެކޭ. އާދެ، ވިޔަފާރީގެ ދާއިރާގަޔާއި، އެކިއެކި ޚިދުމަތްތައް ދިނުމުގައި ތިއްބެވި ހުރިހާ ފަރާތްތަކުން، އެބަޔަކު އެ ހިންގަވާ ވިޔަފާރިޔަކާއި، އެ ޚިދުމަތަކާ ގުޅޭގޮތުން ޚާއްޞަކޮށް، މީހުން ބިނާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އާދެ، އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަން، ޚާއްޞަކޮށް، ދިވެހިންނަށް އިސްކަން ދެއްވައިގެން، އެ ކުރެވޭ މަސައްކަތަކީ އެއީ، މިއަދު އަޅުގަނޑުމެން ހުރިހާ ދިމާއަކުންވެސް ކުރަންޖެހޭނެ ކަމެއްކަން.

އާދެ، އެނގިވަޑައިގަންނަވާނެ، މި ސަރުކާރުގެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންމެ މައިގަނޑު އަމާޒަކަށްވަނީވެސް ޞިއްޙީ ދާއިރާ ފުޅާކުރެއްވުން. ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުން. އާދެ، ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުން ޒަމާނީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ލިބޭނޭ މަގު ފަހިކޮށްދެއްވުން. އަދި ހަމައެއާއެކު، އެކަމަށް ބޭނުންވާ މީހުން ބިނާކުރެއްވުން. އާދެ، އަޅުގަނޑު ދަންނަވާލާނީ، ސަރުކާރުންވެސް މިހާރު މި ހިންގޭ ޕްރޮޖެކްޓްތަކާއެކު އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި އޭގެ ލުއިފަސޭހަކަން ރައްޔިތުންނަށް ލިބިގެންދާނެއޭ.

އާދެ، މިފަދަ ދުވަހެއްގައި އާދެ، ހޮސްޕިޓަލެއްގެ ކަންތައްތައް ފާހަގަކުރަމުން އަޅުގަނޑުމެން ދާއިރު، އަޅުގަނޑުމެން މިއަދު ރާއްޖޭގެ ޙާލަތަށް ބަލައި، ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި. އަޅުގަނޑަށް ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑަށް ދެންނެވެން އޮތީ، އަޅުގަނޑުމެން އެބަޖެހެއޭ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ދޭތެރޭގައި ވިސްނަން. އަޅުގަނޑުމެންގެ ކެއުންބުއިމާއި، އަޅުގަނޑުމެން ކޮންމެ ދުވަހެއް ހޭދަކޮށްލާގޮތާމެދު އަޅުގަނޑުމެން ވިސްނަން އެބަޖެހެއޭ. އާދެ، އަޅުގަނޑުމެންގެ ތެރޭގައި ގައިންގަޔަށް ނާރާ ބަލި، ގާތްގަނޑަކަށް 35 ޕަސެންޓަށްވުރެ މަތި. މިއީ، އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެއް. އާދެ، ހަމަ އެއާއެކު، ރާއްޖޭގައި މި ދެންނެވި ގޮތަށް، ތަފާސްހިސާބުތަކަށް ބަލައިފި ކަމަށްވަންޏާ، ހިތުގެ ބަލި އަދި ނޭވާހިއްލުމުގެ ނިޒާމާއި، ފުއްޕާމޭ، ވަކިން ޚާއްޞަކޮށް، އަދި އަޅުގަނޑު ދަންނަވާލާނަން ކެންސަރު، މި ބަލިތައް އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންގެ ރާއްޖޭގައި ވަރަށް ގިނަ.

އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ މި ދެންނެވި ކަންތައްތައް ބަދަލުކޮށް، ޕްރިވެންޝަނަށް މަސައްކަތް ކުރަން. އަޅުގަނޑުމެންނަށް ގިނަފަހަރު ކަންތައްތައް މި ކުރެވެނީ، ކަމެއް އައިސް އަޅުގަނޑުމެންނާ އަރާހަމަކުރީމަ. ދުރާލާ ތައްޔާރުވުމުގައި، އެއީ ދެން އަޅުގަނޑުމެން އިންސާނުންނަށްވީތީ، ބައެއްފަހަރު ހަމަ އަޅުގަނޑުމެންނަށް ފަރުވާކުޑަކޮށްލެވިފައި އެބަހުރި. އަޅުގަނޑު މިއަދު ދަންނަވާލަން އޮތީ، ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެން ދިވެހިންވެސް ދުވަހަކުވެސް ޞިއްޙީ ކަންތައްތަކަށް ސަމާލުކަން ނުދޭ މިންވަރަށް، އަޅުގަނޑުމެންނަށް ވޭތުވެދިޔަ ދުވަސްތަކުގައި އެ ސަމާލުކަން ދެވިއްޖެއޭ. އަޅުގަނޑުމެންގެ ޞިއްޙީ މާހިރުން، އަޅުގަނޑުމެން އުޅެންޖެހޭނެގޮތާއި، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަހައްޓަންޖެހޭނެގޮތާއި، ކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހޭނެގޮތާއި، އެ ހޭލުންތެރިކަމާމެދު ވަރަށް ގިނަ ވަގުތު ހޭދަކުރައްވައި، ޚާއްޞަކޮށް، މި ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މެދުކެނޑުމެއްނެތި ވަރަށް ގިނަ އިރުޝާދުތަކެއް ދެއްވައިފި.

އަޅުގަނޑު ދަންނަވަން އޮތީ ދިވެހި ރައްޔިތުންނަށް، ޞިއްޙީ ދާއިރާގެ މާހިރުން ކިތަންމެވަރަކަށް އިރުޝާދުތަކެއް ދެއްވިނަމަވެސް، އަދި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ކިތަންމެވަރަކަށް ހިންގި ނަމަވެސް، ކިތަންމެ ބޮޑު ހޭދަތަކެއް އެކަމަށް ކުރި ނަމަވެސް، އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ވިސްނުން ބަދަލުނުކުރާހާ ހިނދަކު، އަޅުގަނޑުމެންނަށް އެ ކާމިޔާބީއެއް ނުހޯދޭނެއޭ.

އާދެ، އަޅުގަނޑު މިއަދު އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ ޓީމަށްވެސް ދަންނަވާލަން އޮތީ، އަޅުގަނޑަށް އެނގޭ، ގިނަ މަސައްކަތްތަކެއް އަތޮޅުތެރޭގައި، ރަށްތަކުގައި ތިޔަބޭފުޅުން ކުރައްވާކަން. އެހެންނަމަވެސް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، ރާއްޖޭގެ ތަރައްޤީ، ވަކިން ޚާއްޞަކޮށް، ޞިއްޙީ ދާއިރާ ތަރައްޤީވެގެން މިދަނީ އަޅުގަނޑުމެންނަށް އެކުއެކީ ކުރެވޭ މަސައްކަތަކުން. ޞިއްޙީ ދާއިރާއަށް ބެލިނަމަވެސް، އަދި އެނޫން ދާއިރާއަކަށް ބެލިނަމަވެސް، ސަރުކާރަކުން ކުރާ ހަމައެކަނި މަސައްކަތަކުން ދުވަހަކުވެސް އެއްވެސް ޤައުމެއްގައި ކާމިޔާބު ހޯދިފައެއް ނެތް.

އަޅުގަނޑު މިއަދު ޚާއްޞަކޮށް، އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ ޓީމަށާއި އަދި ދިވެހިރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކަށްވެސް ދަންނަވާލަން އޮތީ، އަޅުގަނޑުމެން އެކުއެކީގައި މަސައްކަތްތަކެއް ކުރަން އެބަޖެހެއޭ. މިއަދާ ހަމައަށް ހޯދުނު ކާމިޔާބީއެއްވެސް އަޅުގަނޑުމެންނަށް ހޯދިފައި އޮތީ ކުރެވުނު މަސައްކަތަކުން. މި ދެންނެވި ގޮތަށް ޚާއްޞަކޮށް، އަތޮޅުތެރޭގައި ޞިއްޙީ ކަންތައްތައް އިތުރަށް ފުޅާކުރުމަށްޓަކައި، އެ ފަސޭހަކަން ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި، އަޅުގަނޑުމެން އިތުރު މަސައްކަތްތައް ކުރަންޖެހޭކަން ޤަބޫލުކޮށް، އެކަމަށް މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު ހަމަ ހޮސްޕިޓަލްތަކަށްވެސް ދަންނަވާލަން.

އާދެ، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި ވަރަށް ޚިދުމަތްތެރި ބައެއްގެ ގޮތުގައި، މިރޭ އެ ރެކޮގްނިޝަން އެ ފަރާތްތަކަށް ލިބިގެންދިޔަ ތަން. އާދެ، އަޅުގަނޑު އެ ހުރިހާ ފަރާތްތަކަށް، އެވޯޑް ލިބުނު ހުރިހާ ފަރާތްތަކަށް، މަރުޙަބާ ދަންނަވަން. އަޅުގަނޑު ދަންނަވާލަން އޮތީ، ކިތަންމެ ރަނގަޅަކަށް ހޮސްޕިޓަލްގެ މާޙައުލު، ވަޒީފާގެ މާޙައުލު ތައްޔާރުކުރެވިފައި އޮތް ނަމަވެސް، ރަނގަޅު ޓީމްވަރކެއް ނެތްކަމަށްވަންޏާ، އަދި ރަނގަޅު ކާމިޔާބެއް ނުހޯދޭނެއޭ. އަޅުގަނޑަށް އޭ.ޑީ.ކޭ.އިން ފެނިގެން މިދިޔައީ، ވަރަށް ވަރުގަދަ ޓީމްވަރކެއް އޮތްތަން. ވަރުގަދަ ލީޑަރޝިޕަކާއެކު ރަނގަޅު މަސައްކަތްތެރިންތަކެއް ތިބި ތަން.

މިއަދު އަޅުގަނޑު އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ ޓީމަށާއި އަދި ވަކިން ޚާއްޞަކޮށް، ރާއްޖޭގައި މަސައްކަތްކުރާ އެހެނިހެން އެންމެހައި ފަރާތްތަކަށްވެސް ދަންނަވާލަން އޮތީ، މަސައްކަތުގެ މާޙައުލުގައި އެކުވެރިކަމާއެކު، އެކަކު އަނެކަކަށް ކިޔައިދީ، އެހީތެރިވެދީގެން އަނެކާގެ މަސައްކަތްވެސް ވީހާވެސް ރަނގަޅަކަށް ކުރެވޭނެ ގޮތްތަކަކަށް އަނެކާއަށް، އެހެން މީހުންނަށް، އަޅުގަނޑުމެން އެހީތެރިވާފަދަ ގޮތަކަށް އަޅުގަނޑުމެންގެ މާޙައުލު އިތުރަށް ބައްޓަންކުރަން އެބަޖެހެއޭ. އެހެންނޫންކަމަށްވަންޏާ، މި ދެންނެވި ގޮތަށް ކިތަންމެ ޒީނަތްތެރިކޮށް އަޅުގަނޑުމެން އޮފީސްތައް ހަދާފައިހުއްޓަސް، ކިތަންމެ ރީތި ތަކެތި އެ އޮފީސްތެރޭގައި ބެހެއްޓިނަމަވެސް، އެއިން ކުރާނެ ހަމަ އެއްވެސް ފައިދާއެއް ނޯންނާނެ.

އާދެ، އަޅުގަނޑުގެ ވާހަކަ އެހާ ދިގުކުރާކަށް އަޅުގަނޑު ނެތިން. އެހެންނަމަވެސް، މިއީ، ޞިއްޙީ ދާއިރާއާ ގުޅޭ ކަމަކަށްވެސްވާތީއާއެކު، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ބަލިމީހަކު ހޮސްޕިޓަލަށް އަންނައިރު، އޭނާއަށް އެންމެ ފުރަތަމަ، އޭނާގެ އެކްސްޕީރިއަންސްވެސް އެ ވެގެންދަނީ އެ ބަލީގެ ފަރުވާގެ އެއްބަޔަށް. އަޅުގަނޑުމެން ޖެހޭ ބަލިމީހުންނާ ދޭތެރޭ އަދި ހުރިހާ އެންމެންނާ ދޭތެރޭގައިވެސް އަބަދުވެސް ހިތްހެޔޮކަން ބާއްވަން. އާދެ، މީހަކަށް އޯގާތެރިވުމަކީ، މީހަކަށް ރަނގަޅު ކަމެއް ކޮށްދިނުމަކީ އެއީ، އަޅުގަނޑުމެންނަށް ލިބޭ އުފަލެއް ކަމުގައި އަޅުގަނޑުމެން ހަދަން އެބަޖެހޭ. އަޅުގަނޑުމެންގެ މި ޤައުމަކީ މިއީ ކުޑަކުޑަ ޤައުމެއް. ވަރަށް މަދު މީސްކޮޅެއް އަޅުގަނޑުމެންގެ ތެރޭގައި މިތިބީ. އަޅުގަނޑުމެންނަށް ދެން ހަމަ ގާތްގަނޑަކަށް ކޮންމެ މީހަކުވެސް ހަމަ އެނގޭހާވެސް، އެހާވެސް ގާތްކޮށް އަޅުގަނޑުމެންނަށް ޢާންމުގޮތެއްގައި މިއުޅެވެނީ.

އަޅުގަނޑު މިއަދު ހަމަ ދަންނަވާލަން އޮތީ، ކޮންމެ ކަމެއް ކުރުމުގައިވެސް ހިތްހެޔޮކަން އިސްކޮށް، އަނެކާއަށް އެހީތެރިވެދީ، އެހެން މީހުންނަށް ކަންކަމުގައި އިސްކަންދިނުމަކީ އެއީ، އަޅުގަނޑުމެން ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެކޭ.

އާދެ، އަޅުގަނޑު ނިންމާލަމުން އިތުރަށް އަދި ދަންނަވާލަން އޮތީ، ވަރަށް ކަންބޮޑުވާކަމެއް. އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މި ރަށްވެސް ކުޑަވުމާއި، އަދި ދެން ހުރި ރަށްތައްވެސް ކުޑަވުމާއި، އަދި ދުއްވާތަކެތި ގިނަވުމާއި، މިހުންގެ ތޮއްޖެހުންވެސް ބޮޑުވުމާއެކު، ނުރައްކާތެރި ވަރަށް ގިނަ އެކްސިޑެންޓްތައް ހިނގާ. އަޅުގަނޑުމެން 2019 ގައި ޚާއްޞަކޮށް، މާލޭގައި އަދި މުޅި ރާއްޖޭގައި ކެމްޕެއިންތަކެއް ހިންގިން. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރުވުމަށްޓަކައި.

އާދެ، ނަތީޖާވެސް ރަނގަޅު. އެ އަހަރު ނިމިގެންދިޔައިރު، އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފެނިގެންދިޔައީ، މި ދެންނެވި ގޮތަށް އެކަކު އަނެކަކާ ދޭތެރޭގައި އިސްކަންދީ، މަގުމަތީގައި ހިނގާ މީހުންވެސް އަދި ދުއްވާ މީހުންވެސް ވަރަށް ބޮޑަށް ބަލައިގެން އުޅޭތަން. އެހެންނަމަވެސް، ހަމަ ހިތާމަޔާއެކު އަޅުގަނޑު ދަންނަވާލަން ބޭނުން، މިއަދު އަޅުގަނޑުމެންނަށް ތަންކޮޅެއް ބޮޑަށް ފަރުވާކުޑަކުރެވޭތަން އެބަ ފެނޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކަކީވެސް، އެއްވެސް ބަޔަކަށް، އެއްވެސް ތަނެއްގައި ތާއަބަދު އެގޮތަށް ހިންގޭ ކަންތައްތަކެއްވެސް ނޫން. އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި، އަޅުގަނޑުމެންގެ ގާތްތިމާގެ މީހުންނާއި، ރައްޓެހިންނާއި، އެހެން މީހުންގެ ޙައްޤުގައި އަޅުގަނޑުމެން މިފަދަ ކޮންމެ ކަމެއް ކުރަން މި ޖެހެނީ.

އާދެ، އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުގެ އެދުމަކީ، މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކޮންމެ މީހަކުވެސް، ކޮންމެ ފަރުދަކުވެސް، އެމީހެއްގެ ފަރުދީ ވާޖިބުވެސް އަދާކޮށް، ވީހާވެސް ބޮޑަކަށް ފަރުވާތެރިވެގެން، އަޅުގަނޑުމެން މަގުމަތީގައި ދުއްވުމުގައިވިޔަސް އަދި ހިނގާބިނގާވެ އުޅުމުގައިވެސް ކަންތައްތައް ކުރުން. އާދެ، އޭގެ ސަބަބުން އަޅުގަނޑުމެންނަށް އެތައް ފުރާނައެއް ސަލާމަތް ކުރެވޭނެ.

އާދެ ނިންމާލުމުގެ ކުރިން، އޭ.ޑީ.ކޭ. ގްރޫޕްގެ ޗެއަރމަން، އަދި އޭ.ޑީ.ކޭ.ގެ މެނޭޖިންގ ޑިރެކްޓަރަށް، އަދި ވަރަށް ހީވާގި މެޑިކަލް ޓީމަށާއި އަދި ހުރިހާ މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ތިޔަބޭފުޅުންގެ ތިޔަ ޚިދުމަތަކީ، ތިޔައީ ވަރަށް މާތް ޚިދުމަތެއް. ވަރަށް މާތް މަސައްކަތެއް. ދުނިޔެމަތީގައި އަޅުގަނޑު ދަންނަވާނީ ކުރެވޭނެ އެންމެ މާތް އެންމެ މަތިވެރި، އެންމެ ރަނގަޅު އެއްކަމަކީ އެއީ، ބަލިމީހުންނަށް ފަރުވާދިނުމުގައި އެ ޚިދުމަތް ދިނުމޭ.

އާދެ، އަޅުގަނޑުގެ އެދުމަކީ، އޭ.ޑީ.ކޭ. ހޮސްޕިޓަލް ތަރައްޤީ ކުރުމަށްޓަކައި ޚާއްޞަކޮށް، ޗެއަރމަން ނާޝިދު އެ ކުރައްވާ މަސައްކަތްތައް ކާމިޔާބު ވެގެންދިޔުން.

އަޅުގަނޑުގެ ދުޢާއަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމުގެ ހެޔޮ ނަޞީބު اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. ދިވެހި ޤައުމާއި ރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި! އަދި އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަން ލަހައްޓަވައި، އަޅުގަނޑުމެންގެ ޤައުމަކީ ތިޔާގި ޤައުމެއް ކަމުގައި ލައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.