بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ދައުލަތުގެ ވަޒީރުން، ހުޅުމާލޭ ހޮސްޕިޓަލްގެ ސީ.އީ.އޯ. މާރިޔާ ސަޢީދު، ހޮސްޕިޓަލުގެ މުވައްޒަފުން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު އެންމެ ފުރަތަމަވެސް މިފަދަ މުހިންމު ޚިދުމަތްތަކެއް، މިއަދާ ހަމައަށް މި މަސައްކަތް ފެށޭނެގޮތް އިންތިޒާމު ކުރައްވައި ސިޔާސަތެއްގެ ގޮތުގައި މިކަންތައް ކަނޑައެޅުއްވި ކަމަށްޓަކައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިއަދު މި ފެށިގެން މިދާ ޚިދުމަތުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް، ޚާއްޞަކޮށް ވަރަށް ގިނަ ބެލެނިވެރިންގެ ހިތްތަކަށް ފިނިކަމެއް ލިބިގެންދާނެ. އެނގިވަޑައިގަންނަވާނެ، މިއީ ހޯދަން ވަރަށް ދަތިކަމަކަށް ވެފައިއޮތް ޚިދުމަތެއް. މި ސަރުކާރު ވުޖޫދުވެގެން އައުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތަކަށް އެންމެ ފުރަތަމަވެސް ވެގެން ދިޔައީ ހަމަހަމަކަން ޤާއިމުކުރުން. ވަކިން ޚާއްޞަކޮށް، އެންމެ ބޮޑަށް ކަންތައްތައް ބޭނުންވެފައި ތިބި ފަރާތްތަކަށް އެ މަގުތައް ހުޅުއްވައިދެއްވުމަށްޓަކައި މަސައްކަތް ކުރެއްވުމަށް. އާދެ، މިދެންނެވި ގޮތަށް އަޅުގަނޑުމެންނަށް މި ދާއިރާ ފާހަގަވެގެން ދިޔައީ، ޚިދުމަތުގެ ގޮތުން ބަލައިފިކަމަށްވަންޏާ، ތަންކޮޅެއް އުނދަގޫކޮށް އޮތް ކަމަކަށް.

އާދެ، މިއަދު މި ހުޅުވިގެންދާ މި ސެންޓަރުގެ ސަބަބުން އަޅުގަނޑު ޤަބޫލު ކުރަނީ، ވަކިން ޚާއްޞަކޮށް، މިއަދު ހުޅުމާލެއަށް ވަރަށް ގިނަ ބަޔަކު ވަޒަންވެރިވެގެންދާއިރު، މި ވަގުތަކީ މިކަހަލަ ކަމަކަށް ވަރަށް މުނާސަބުވެސް ވަގުތެއް ކަމުގައި. އެގޮތުން މިއިން ފަސޭހަކަން އިރާދަކުރެއްވިއްޔާ، ވަރަށް ގިނަ ބަޔަކަށް ލިބިގެންދާނެ. ހަމައެއާއެކު، އަޅުގަނޑު ދަންނަވާލަން އޮތީ މިއަދު މި ފެށޭ ޚިދުމަތާއެކު މިކަންތައްތައް އިތުރަށް ފުޅާކުރެވިގެންދާނެއޭ. އެ ފުޅާ ކުރެވިގެންދާއިރު އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި މިފަދަ ސެންޓަރުތައް ޤާއިމުކުރެވިގެންދާނެ.

އާދެ، އެނގިވަޑައިގަންނަވާނެ، މިފަދަ ކޮންމެ ޚިދުމަތެއް ފަށާއިރު ވަރަށް ބޮޑު ގޮންޖެހުންތަކެއް ހުރޭ. ޚާއްޞަކޮށް، މި ދާއިރާގައި ތަމްރީނު ލިބިފައި ތިބި މީހުން ނެތުމަކީ އެއީ، މުޅި ދިވެހިރާއްޖެއަށް އޮތް ބޮޑު ގޮންޖެހުމެއް. ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ އެއްކަމަކީ މީހުން ބިނާކުރުން. އާދެ، އަޅުގަނޑު ދަންނަވާލާނަން، މި ޚިދުމަތް ފެށުމަށް ހަމަޖެއްސުމާއެކު، މި ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްވެސް މިހާރުވަނީ ފެށިފައި. އަދި ޚާއްޞަކޮށް، ދާއިރާއަށް ބޭނުންވާ އެކިއެކި ހުނަރުވެރި މީހުން ބިނާކުރުމަށް، މިހާރުވަނީ އެ މަސައްކަތް ފެށި، ކިޔެވުމަށްޓަކައި އެ ތަމްރީނު ލިބިގަތުމަށްޓަކައި ގެ އިރާދަފުޅުން މިހާރު ބޭރަށްވެސް ފޮނުވިފައި.

އާދެ، އަޅުގަނޑު ދަންނަވާލާނަން، މީހުން ބިނާކުރުމަށް މިއަދު ސަރުކާރުންދޭ އަހަންމިއްޔަތުކަމުގެ ތެރެއިން، މިދެންނެވި ގޮތަށް ދަތި އުނދަގޫ ކަންތައްތަކަށް ޙައްލު ހޯދައިދިނުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް އެބަކުރެވޭ. އެއްކަމަކަށް އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ރީޖަނަލް ހޮސްޕިޓަލްތައް ތަރައްޤީކުރެވިގެންދާއިރު، ރީޖަނަލް ހޮސްޕިޓަލްތަކަށް ބޭނުންވާ އެކިއެކި ސްޕެޝަލިސްޓް އާދެ، ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށްޓަކައި އެ ދާއިރާތަކަށްވެސް މިހާރު ވަނީ މަގު ހުޅުވައިލެވިގެން ޚާއްޞަ ސަމާލުކަމެއް ދެވިފައި. ހަމައެއާއެކު އެނގިވަޑައިގަންނަވާނެ، މެންޓަލް ހެލްތު ދާއިރާއިންވެސް މިހާރު ވަނީ ސްކޮލަރޝިޕްތަކެއް ހުޅުވައިލެވި އަދި އެ މަސައްކަތް މިހާރު އެ ދަނީ ކުރިޔަށް.

ހަމަ މިގޮތުން ދަންނަވާކަމަށްވަންޏާ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސަމާލުކަމުގެ ތެރެއިން ޕްރިންސިޕަލުން ތަމްރީނު ކުރުމަށް މިހާރު މިވަނީ ފުރުޞަތުތަކެއް ހުޅުވައިލެވިފައި. އާދެ، އަޅުގަނޑު ދަންނަވާލަން މިއުޅެނީ މިއަދު މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ، އަޅުގަނޑު ކުރީގައި މިދެންނެވި ގޮތަށް އެންމެނަށް ފުރުޞަތުތައް ހޯދައިދިނުން. ޚާއްޞަކޮށް އެންމެ ބޮޑަށް ކަންތައްތަކަށް ބޭނުންވާ ފަރާތްތަކަށް އެ ކަންތައްތަކަށް މަގުފަހިކޮށްދެއްވުން.

އަޅުގަނޑުގެ ވާހަކަކޮޅު މާ ދިގުނުކޮށް ނިންމައިލެވޭތޯ މިއަދު ބަލާނަން. އެހެންނަމަވެސް، ނިންމާލުމުގެ ކުރިން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި އަޅުގަނޑުމެން ޖެހޭނެއޭ އަބަދުވެސް އެކަކު އަނެކަކަށް އެހީތެރިވާން. ޚާއްޞަކޮށް، ކަމަކަށް ބޭނުންވެފައި ތިބި ފަރާތްތަކަށް އެހީތެރިވެދިނުމަކީ އެއީ، އަބަދުވެސް އަޅުގަނޑުމެން ގަދައަޅައި އެކަމަކަށް މަސައްކަތް ކުރަންޖެހޭނެ ކަންތައްތައް. އާދެ، މި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ، އަޅުގަނޑު ދަންނަވާނީ އެންމެންގެ އޯގާތެރިކަމާއި ލޯތްބާއި ކުލުނު ބޭނުންވާ ކަމެކޭ.

އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، އަޅުގަނޑުމެންނަށް ވޭތުވެދިޔަ ތިން އަހަރުތެރޭގައި ކުރެވުނު މިފަދަ މަސައްކަތްތަކުގައި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ފަސްޓްލޭޑީ ފަޒްނާ އަޙްމަދު ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ. ކުޑަކުދިންގެ މަރުކަޒުތަކަށް ވަޑައިގެން ކުޑަކުދިންނާއެކު ވަރަށް ގިނައިން ވަގުތު ހޭދަކުރައްވާ. އަދި މިއަދުވެސް އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ، އެއީ ހަމަ ކުޑަކުޑަ ކަންތައްތަކެއް އެ ކަމަނާ ކުރެއްވި. އަޅުގަނޑު އެކަން ހަމަ ފާހަގަކޮށް، އަޅުގަނޑުމެން އުފާކުރަން. އަދި އަޅުގަނޑުމެން އެންމެން ނަމޫނާއެއްގެ ގޮތުގައި އެކަން ބަލައިގަނެ ކުރިޔަށް އޮތްތާނގައި މިދެންނެވި ފަރާތްތަކަށް އެހީތެރިވެދިނުމުގައި އެ މިސާލު ނެންގެވުމަށް އަޅުގަނޑު ހަމަ ހުރިހާ ފަރާތްތަކަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ދަންނަވާލަން.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތައް ކިތަންމެހާވެސް ގިނަ. އަޅުގަނޑުމެންނާ ކުރިމަތިވެގެން އައި ކަންތައްތައް އެއީ، އަޅުގަނޑުމެންގެ ޚާއްޞަކޮށް ޞިއްޙީ ދާއިރާއަށާއި ތަޢްލީމީ ދާއިރާއަށް، ވަރަށް ބޮޑު ގޮންޖެހުންތަކެއް ގެނައި ކަންތައްތައް. އަޅުގަނޑު ދަންނަވަން މި އުޅެނީ ދިވެހި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާއަށް ރަނގަޅަށް މަސައްކަތް ކުރެއްވުމަށްޓަކައި ލިބިވަޑައިގަތީ އެއް އަހަރު، 2019ވަނަ އަހަރު. ދެން އަޅުގަނޑުމެންނަށް ކުރިމަތިވީ މުޅިން އެހެންކަހަލަ ބަނަ ދުވަސްތަކެއް. އެހެންނަމަވެސް، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވަނީ، އެ ދަތި އުނދަގޫ މި ހުރިހާ ކަމެއްގެ ތެރެއިންވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންތައްތަކާއި، ބޭނުންވާ ކަންތައްތައް ވަރަށް ޙިކުމަތްތެރިކަމާއެކު ފުރިހަމަ ކުރެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި.

އާދެ، ޞިއްޙީ ދާއިރާއަށް ދިމާވި ގޮންޖެހުންތަކުގެ ވާހަކަ، އަޅުގަނޑު މި ހޮސްޕިޓަލެއްގެ ތެރޭގައި ހުރެގެން ދައްކާކަށްވެސް ނުވާނެ. ވަރަށް ދަތި އުނދަގުލުގައި ޞިއްޙީ ދާއިރާގެ ބޭފުޅުން ޚިދުމަތްތައް ދެއްވަމުން ގެންދެވީ. އަޅުގަނޑުމެންގެ ތެރޭގައި، މިއަދުގެ މި ޖަލްސާގައި ހެލްތު މިނިސްޓަރ އަދި ޖެންޑަރ މިނިސްޓަރުވެސް އެބަ އިންނެވި. މި ހުރިހާ ކަމެއްވެސް އަޅުގަނޑުމެންނަށް ކުރިޔަށް ގެންދެވުނީ ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން ރެއާދުވާލު އެ ކުރެއްވި މަސައްކަތުން. އަޅުގަނޑު މިއަދު މި މަގާމުގައި މިތާ ހުރެފައި ހަމަ މަނިކުފާނަށް ޝުކުރު އަދާކުރަން ބޭނުންވޭ، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި. ޕެންޑެމިކްގެ ދުވަސްވަރުގައި ކަންތައްތައް މެނޭޖް ކުރެއްވި ގޮތާއި އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންތައްތައް، ބޭހާއި، ތެލާއި، ކާޑާއި، ގޭހާ އަދި އެނޫނަސް ބޭނުންވާ އަސާސީ ކަންތައްތައް ފޯރުކޮށްދެއްވުމަށްޓަކައި މަނިކުފާނު އެ ދެއްވި އިސްކަން، އެ ސަމާލުކަން، އެ އަހަންމިއްޔަތުކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސުލްޖުމްހޫރިއްޔާ.

އާދެ، ނިންމާލުމުގެ ކުރިން އަޅުގަނޑު ދަންނަވާލާނީ، ދުނިޔޭގެ މަސްރަޙް އަދިވެސް އަޅުގަނޑުމެންނަށް ފެންނަނީ ތަންކޮޅެއް ނާޒުކު ގޮތަކަށޭ. މިއަދުވެސް އަޅުގަނޑުމެން އެންމެން އެކުގައި އަދިވެސް މަސައްކަތް ކުރަން އެބަޖެހޭ. ރާއްޖޭގައި ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާ ކަންތައްތައް ފުއްދުމުގައި އަޅުގަނޑުމެން ސަރުކާރުން މި ކުރާ މަސައްކަތާ އެކީ ހުރިހާ އެންމެން މަސައްކަތް ކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ މި ޤައުމަކީ މިއީ، ރައީސުލްޖުމްހޫރިއްޔާ ކުރީގައިވެސް ވިދާޅުވެފައިވާގޮތަށް މިއީ، ރައްޔިތުންގެ ޤައުމެއް. މިއީ، އެންމެންގެ ޤައުމެއް. ކުރާ ކޮންމެ ކަމަކީ އެންމެންގެ މަސައްކަތެއް. ކުރާ ކޮންމެ ކަމަކުން ލިބޭ ފައިދާއަކީ، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދާ ފައިދާއެއް.

އާދެ، އަޅުގަނޑުގެ އުންމީދަކީ މިއަދު މި ފެށިގެންދާ މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަކިން ޚާއްޞަކޮށް، މާލޭ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދިޔުން. އިރާދަކުރެއްވިއްޔާ، މި ޚިދުމަތްތައް ކުރީގައި އަޅުގަނޑު ދެންނެވިގޮތަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފުޅާވެގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތްލައްވައި، އަދި އެކުގައި މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން ހުރިހާ އެންމެންނަށް މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.