بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސް، ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރް، އެލް.ޖީ.އޭ.ގެ ސީ.އީ.އޯ. އަފްޝާން ލަޠީފް، ބޯޑު މެންބަރުން، ސިޓީ ކައުންސިލްތަކުގެ މޭޔަރުން، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކުގެ ރައީސުން، އަދި ކައުންސިލްތަކުގެ އެންމެހައި ބޭފުޅުން، އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

الســّلام عليــكم ورحـمــة اللّـه وبـركاتـه.

އާދެ، އެންމެ ފުރަތަމަވެސް ކައުންސިލްތަކަށް، އާދެ، ރައްޔިތުންނާ ގާތުން ހަރުދަނާ މަސައްކަތެއް ކުރުމަށްޓަކައި ހިތްވަރު ދިނުމުގެ ގޮތުން މިފަދަ އެވޯޑެއް އެލް.ޖީ.އޭ.އިން ދެއްވާތީ، އެކަމަށްޓަކައި އެލް.ޖީ.އޭ.ގެ އެންމެހައި ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އާދެ، އެއަށްފަހު މި އެވޯޑުތައް ޙާޞިލުކުރެއްވި އެންމެހައި ކައުންސިލްތަކުގެ ރައީސުންނަށާއި، ކައުންސިލްތަކުގެ މެންބަރުންނަށާއި، އަދި އެ ކައުންސިލްތަކުގެ އެންމެހައި ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ އަރިސްކުރަން.

އާދެ، އެނގިވަޑައިގަންނަވާނެ، ލާމަރުކަޒީ ޤާނޫނަށް ގާތްގަނޑަކަށް އެގާރަ އަހަރު ވެގެންދާއިރު ކުރިއެރުންތަކެއް ލިބިފައި އެބަވޭ. އާދެ، ބޯޑުގެ ރައީސްގެ ވާހަކަފުޅުގައި ކޮންމެވެސް މިންވަރަކަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުތަކެއް ދައްކަވައިފި. އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑު މިރޭ ކޮންމެހެން ކުރީގެ ކަންތައްތައް ހިނގައިގެންދިޔަގޮތުގެ ވާހަކަ އެހާ ބޮޑަށް ދައްކާކަށްނެތިން. ދަތި އުނދަގޫ ގޮތަކަށް އެކި ގޮތްގޮތުން އަތް ބަނދެވި، މަސައްކަތްތައް ނުކުރެވި، ރައްޔިތުންނަށް އެންމެ ބޭނުންވާ ގޮތަށް ޚިދުމަތްތައް ނުދެވިއޮތް ވާހަކަތަކަކީ އެއީ ކޮންމެހެން އަޅުގަނޑުމެން ކޮންމެ ޙަފްލާއެއްގައި، ކޮންމެ ވަގުތެއްގައި ދައްކަން އެހާ މުނާސަބު ވާހަކަތަކެއް ނޫން.

އާދެ، އެހެންނަމަވެސް، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ވަރަށް ގިނަ ކަންތައްތަކެއް އާދެ، ލާމަރުކަޒީ އުޞޫލުން ހިންގާ ދާއިރާތައް އާދެ، އަތޮޅުތަކާއި ރަށްތަކުގެ ޚިދުމަތްތައް، ރައްޔިތުންނާ ގާތުން ދިނުމަށްޓަކައި، މިކަންތައްތައް ޤާނޫނުއަސާސީގައި ވަރަށް ބޮޑަށް ކަނޑައަޅާފައި އެބަވޭ.

އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، 2018 ވަނަ އަހަރު އެކި ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުކުރެއްވުންތަކުގައި، އެންމެ ބޮޑަށް ރައްޔިތުން ފާހަގަކުރި އެއްކަމަކަށް ވެގެންދިޔައީ، މިދެންނެވި ޤާނޫނުއަސާސީން ލާޒިމުކޮށްފައިވާ، އެ ކަނޑައަޅާފައިވާ ބާރުތައް، ރައްޔިތުންނާ ހަމައަށް ގެނެސްދެއްވުން. އެނގިވަޑައިގަންނަވާނެ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެއް، މި ސަރުކާރުން އެންމެ އިސްކަންދޭ، އެންމެ މުހިންމު ސިޔާސަތެއްގެ ގޮތުގައި އޮތީވެސް ދިވެހިރާއްޖެ، ލާމަރުކަޒީ އުޞޫލުން ރާއްޖެ ހިންގުން.

އާދެ، މިއަދު އަޅުގަނޑު އުފާކުރަން، އަޅުގަނޑުމެންގެ ރައީސް އެ ވެވަޑައިގެންނެވި އެ ވަޢުދާ އެއްގޮތަށް، މި ސަރުކާރު އައުމާ ގުޅިގެން އެންމެ ފުރަތަމަ ކުރެވިގެންދިޔަ މަސައްކަތަކީ، ހިފެހެއްޓިފައި ހުރި ބާރުތައް ދޫކޮށްލުން. ހަމަ މުޅިން އެއްކޮށް ދޫކޮށްލައި، ކައުންސިލްތަކަށް ފުރިހަމައަށް ރަނގަޅަށް މަސައްކަތް ކުރެވޭނެ ގޮތްތައް ހަމަޖައްސައިދިނުން.

އާދެ، މިގޮތަށް މިކަންތައްތައް ކުރުމުން، އަޅުގަނޑުމެންނަށް އޭގެ ފައިދާތަކެއް އެބަފެނޭ. އެނގިވަޑައިގަންނަވާނެ، މިއަދު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރެވެމުންދާ، އާދެ، ހިންގަމުންގެންދާ ތަރައްޤީގެ އެކި މަޝްރޫޢުތަކަކީ އެއީ ދުވަހަކުވެސް މި ޤައުމު ނުދެކޭފަދަ ކަންތައްތައް. ޚާއްޞަކޮށް، އަޅުގަނޑު ދަންނަވާނީ ރަށްރަށާއި އަތޮޅުތަކުގެ ތަރައްޤީއަށް މިކުރެވޭ ހޭދައަކީ، ދެވޭ ސަމާލުކަމަކީ އެއީ ދުވަހަކުވެސް މި ދެންނެވިގޮތަށް ރައްޔިތުންނަށް ފެނިފައިވާ ކަންތައްތަކެއް ނޫން.

އާދެ، ބާރު ސްޕީޑެއްގައި، ހަލުވިމިނެއްގައި ރައްޔިތުން ބޭނުންވާގޮތަށް ކަންތައްތައް ކުރެވޭނީ ކައުންސިލަރުންނަށް، އެ ކައުންސިލްތަކުން އެ ބާރުތައް ލިބިގެން. ކޮންމެ ކަމަކީ އެއީ ވަކިބަޔަކު އެންގީމާ ކުރާގޮތަށް، ވަކި ބަޔަކު ބާރުތަކުގައި ހިފަހައްޓައިގެން ސެންޓްރަލް އާދެ، ކެޕިޓަލް ސިޓީގައި ތިބެގެން ކުރެވޭނެ ކަންތައްތަކެއް ނޫން. އާދެ، މިގޮތަށް މިކަންތައްތައް ކުރުމުން، މި ދެންނެވި ގޮތަށް އެ ބަދަލުތައް އަންނަތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. އާދެ، ބާރު ސްޕީޑެއްގައި، ހަލުވިމިނެއްގައި ރަނގަޅަށް ކަންތައްތައް ކުރުމަށް ޖާގަ ލިބިގެން އެބަދޭ.

އެނގިވަޑައިގަންނަވާނެ، ޤައުމުގެ ތަރައްޤީގެ މަސައްކަތްތަކަށް، އެންމެ ބޮޑަށް ބޭނުންމިވަނީ، ކަންތައްތައް ރަނގަޅު ކުރުމަށްވެސް އެންމެ ބޮޑަށް ބޭނުންވާނީ ރައްޔިތުން. އެހެންވީމާ، މިފަދަ ހަރުދަނާ އަދި ވަކިން ޚާއްޞަކޮށް، ޒިންމާދާރު ކައުންސިލަރުންތަކެއް ތިބެއްޖެ ކަމަށްވަންޏާ، އޭގެ ފައިދާ، އާޚިރު ފައިދާ ރައްޔިތުންނަށް ކުރާނެ.

އާދެ، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އަނެއްކަމަކީ، އެނގިވަޑައިގަންނަވާނެ، މި ސަރުކާރުގެ ވަޢުދެއް، ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަންދެއްވާ ކަމެއް، ޤައުމުގެ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން. ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އާދެ، މި ދިވެހިރާއްޖޭގެ ސަރުކާރުގެ ކެބިނެޓުގައިވެސް، ފުރަތަމަފަހަރަށް ގާތްގަނޑަކަށް ކެބިނެޓުގެ އެއްތިރީސް ޕަސެންޓް ނުވަތަ ތިރީސްވަރަކަށް ފަސެންޓަށް އަންހެން ބޭފުޅުން އެކުލެވިގެން މިއައީ. ހަމަ އެއާއެކު، އަޅުގަނޑުމެންނަށް ސަރުކާރުގެ އެކި ވުޒާރާތަކާއި، އެކި މުއައްސަސާތަކާއި އަދި ދިވެހިރާއްޖެ ތަމްސީލު ކުރުމަށްޓަކައި ދިވެހިރާއްޖެއިން ބޭރުގައި ތިއްބަވާ ފަރާތްތަކަށް ބަލައިލިނަމަވެސް، މަތީ ފަންތީގައި އަންހެން ބޭފުޅުންގެ ޙިއްޞާ، ބައިވެރިވުން ދުވަހަކުވެސް މި ދިވެހިރާއްޖޭގައި ތާރީޚު ނުދެކޭފަދަ މިންވަރަކަށް އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ.

އާދެ، އޭގެ ތެރެއިންވެސް އެންމެ މުހިންމުވީ، ވަކިން ޚާއްޞަކޮށް، ރަށުގައި ތިބެގެން ރަށު ރައްޔިތުންނަށް، އަތޮޅު ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި، އާދެ، ޤައުމުގެ ތަރައްޤީގައި އަންހެން ބޭފުޅުންގެ ޙިއްޞާ އިތުރުކުރުން. އާދެ، މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ ޚާއްޞަކޮށް، ކައުންސިލްތަކުގެ ދައުރު ފުޅާވެގެންދާއިރު، އަންހެން ބޭފުޅުންގެ ޙިއްޞާ އިތުރުވެފައިވާ ތަން.

އާދެ، އަޅުގަނޑު ދަންނަވާލަން އޮތީ ޤައުމެއްވިޔަސް، އަތޮޅެއްވިޔަސް، ރަށެއްވިޔަސް، ތަރައްޤީ އަޅުގަނޑުމެންނަށް ހޯދޭނީ އެކުއެކީގައި ކުރެވޭ މަސައްކަތަކުން. އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންގެ ވިސްނުން އެކުވެ، އެކަމުގައި އޮތް އެންމެ ރަނގަޅު ގޮތް ހޯދުމަށްޓަކައި މަޝްވަރާ ކުރެވިގެން.

އާދެ، ޚާއްޞަކޮށް، ކައުންސިލްތަކުގެ ރައީސުންނަށް އަދި ކައުންސިލްތަކުގެ ހުރިހާ މެންބަރުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެން އެބަޖެހެއޭ ގިނަގުނަ ކަންތައްތަކަށް ވިސްނަން، ކައުންސިލްގެ ޒިންމާއެއްގެ ގޮތުގައި. އަދި ޤާނޫނުންވެސް އެބަ ކަނޑައަޅާ ޚާއްޞަކޮށް، އިޖުތިމާޢީ ގޮތުން ކުރިއަރައިގެންދާ، އިޖުތިމާޢީ ގޮތުން ދުޅަހެޔޮ ބަޔަކަށް ރައްޔިތުން ހެދުމަށް. މި މަސައްކަތް އަޅުގަނޑުމެންނަށް ކުރެވޭނީ ވަރަށް ބޮޑަށް އެންމެން ގުޅިގެން. ސަރުކާރާއި އަދި ވަކިން ޚާއްޞަކޮށް، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، އަދި އަޅުގަނޑުމެންގެ ތެރޭގައި ތިބި އެހެނިހެން ފަރާތްތަކާ އެއްކޮށް މަސައްކަތް ކުރެވިގެން. އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތްތަކެއް ކުރެވިގެންދާއިރު، ތަރައްޤީގެ މަޝްރޫޢުތަކެއް އާދެ، ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި އަދި ރަށުގެ އެހެނިހެން ޢުމްރާނީ ތަރައްޤީގެ ގިނަގުނަ ކަންތައްތައް ކުރެވިގެންދާއިރު އަޅުގަނޑުމެން ވިސްނަން އެބަޖެހޭ، އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއްދޭންޖެހޭ ކަމަކަށް އޮތީ އަމާންކަން، އަޅުގަނޑުމެންގެ ރަށްތަކުގެ އަމާންކަން. އަމާން ވެށްޓެއް ޤާއިމުކުރުމުގެ މަސައްކަތަކީ އެއީ ޤާނޫނުންވެސް އެންމެ ބޮޑަށް އަޅުގަނޑުމެންނަށް ބާޅުއަޅާ ކަންތައްތައް.

އާދެ، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އިތުރަށް މި މަސައްކަތް ކުރަން އެބަޖެހޭ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ތަނަވަސްކަން ހުރި މިންވަރަކުން ބަނދަރުތައް ހެދުމާއި، މަގުތާރުއެޅުމާއި، ސްކޫލް އެޅުމާއި، ހޮސްޕިޓަލްތަކާއި، އެއަރޕޯޓްތަކާ، މިހެންގޮސް ކިތަންމެ ކަމެއްވެސް ކުރެވިދާނެ. އެހެންނަމަވެސް، އިޖުތިމާޢީ ހަމަޖެހުން ޤާއިމުކޮށް، ހެޔޮލަފާ ޖީލެއް ބިނާކުރުން އެއީ، ރަނގަޅު ޖީލެއް އުފެއްދުން، އެއީ ހެޔޮލަފާ ދަރިންތަކެއް އުފެއްދުން. އެއީކީ އަޅުގަނޑުމެންނަށް އޯވަރނައިޓަކުން އެގޮތަށް ކުރެވޭނެ ކަމެއް ނޫން. އަދި އެއީކީ ހަމައެކަނި ސްކޫލްގައި ކިޔަވައިދޭ މުދައްރިސުންނާއި މައިންބަފައިންނަށް އެކަނިވެސް ކުރެވޭނެ ކަންތައްތަކެއް ނޫން. މިއީ އަޅުގަނޑުމެން މިއަދު ފުންކޮށް ވިސްނަންޖެހޭ ކަންތައްތައް. ތަރައްޤީއަކީ ހަމައެކަނި މި ދެންނެވި ކަންތައްތައް ކަމަށް އަޅުގަނޑުމެން ދެކިގެން ތިބޭކަމަށްވަންޏާ، އަޅުގަނޑުމެންނަށް ކުރިއެރުމެއްވެސް ނުލިބޭނެ. އަޅުގަނޑުމެންނަށް ހަމަޖެހުމެއްވެސް ނުލިބޭނެ. އަޅުގަނޑުމެންނަށް އެކަންތައް ކުރެވޭނީ ހުރިހާ ކަމެއްގައި އެއްވަރަކަށް ހިފައިގެން، އެ މަސައްކަތުގައި އުޅެވިގެން.

އެހެންވީމާ، މިއަދު، އަޅުގަނޑާވެސް ވަރަށް ގިނައިން ކައުންސިލަރުންނާވެސް ބައްދަލުވޭ. އާދެ، އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އަނެއްކާވެސް އަޅުގަނޑު ދަންނަވާލަންޖެހެނީ، ދުވަހަކުވެސް ދިވެހިރާއްޖޭގެ ރައީސެއް ފުރުޞަތު ނުދެއްވާ މިންވަރަށް ކައުންސިލްތަކުގެ ރައީސުންނާއި، ކައުންސިލް މެންބަރުންނާއި އަދި ޚާއްޞަކޮށް، އަތޮޅުތަކުގެ ވަފުދުތަކަށް ގިނަގުނަ ފުރުޞަތުތަކެއް އެބަ ދެއްވާ. އޭގެ ބޭނުމަކަށްވަނީ، އެކުއެކީގައި މަސައްކަތް ކުރަން، އެންމެ ބޭނުންވަނީ ކޮންގޮތެއްތޯ ބަލަން.

އެހެންވީމާ، އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް ދަންނަވާލަން އޮތީ، ކަންކަން ކުރިޔަށް ގެންދިޔުމުގައި، ރަށުގެ ތަރައްޤީގެ ހުރިހާ މަސައްކަތެއްގައިވެސް ރައްޔިތުން ބައިވެރިކުރައްވާށޭ. ރައްޔިތުންނާ މަޝްވަރާ ކުރައްވާށޭ. ކޮންމެ ކަމަކީވެސް ރައްޔިތުންނަށްޓަކައި، ރަށަށްޓަކައި، އަތޮޅަށްޓަކައި ކުރެވޭ ކަމެއް ކަމުގައި ތިޔަބޭފުޅުން ހައްދަވާށޭ. އަޅުގަނޑުމެން އެންމެ އިސްކަންދޭންވާނީ އަޅުގަނޑުމެންގެ ޤައުމަށް، އަޅުގަނޑުމެންގެ ރައްޔިތުންނަށް، އަޅުގަނޑުމެންގެ ހަމަޖެހުމަށް، އަޅުގަނޑުމެންގެ ޅަކުދިންނަށް. ރަނގަޅު ހެޔޮލަފާ ދަރިންތަކެއް އުފެއްދުމަށްޓަކައި އެކުރެވޭ މަސައްކަތްތަކަށް.

އާދެ، އަޅުގަނޑަށް ތަންކޮޅެއް ދިގުކޮށްވެސް ވާހަކަ ދެއްކިއްޖެ. އަޅުގަނޑަށް ވަރަށް ގިނައިން އެއް ނަންތަކެއް އަޑުއިވިގެންވެސް ހިނގައްޖެ. އަދި ވަރަށްފަހުން އަޅުގަނޑާ ބައްދަލުވެސްވި، އަޅުގަނޑަށް ކުރެވުނު ދަތުރެއްގެ ތެރެއިންވެސް، ރަށު ކައުންސިލްތަކާއި އަދި އަތޮޅު ކައުންސިލާވެސް. އަޅުގަނޑު ވަކިން ޚާއްޞަކޮށް، އަދިވެސް އެއްފަހަރު، މި އެވޯޑް ޙާޞިލުކުރެއްވި ހުރިހާ ކައުންސިލްތަކަށް އަދި އެ ކައުންސިލްތަކުގައި، މީގެ ކުރީ ކައުންސިލް ދައުރުގައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުމެން އެއްކޮށް މަސައްކަތްކޮށް، އަޅުގަނޑުމެން ބޭނުންވާ ރާއްޖެ، ބޭނުންވާ ޤައުމު ހޯދުމަށްޓަކައި މަސައްކަތް ކުރުން.

އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން ކުރާ ހެޔޮ މަސައްކަތުގައި ބަރަކާތް ލައްވައި، އަޅުގަނޑުމެންނަށް ހަމަޖެހުން ޤާއިމުކޮށް، އަޅުގަނޑުމެން ކުރާ މަސައްކަތުގައި ބާރަށް ކުރިޔަށް ދިއުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه