ރާއްޖޭގައި ހުންނަ އެޗް.އެސް.ބީ.ސީ.ގެ ތިމާވެށްޓާ ރައްޓެހި، "ފެހި އޮފީސް"، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހުޅުއްވައިދެއްވައިފިއެވެ. މިއީ ރާއްޖޭގައި ހުޅުވުނު ތިމާވެށްޓާ ރައްޓެހި މިފަދަ ފުރަތަމަ އޮފީހެވެ.

މާލޭގައި ހުންނަ އެޗް.އެސް.ބީ.ސީ.ގެ ބްރާންޗްގައި މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން އިޢުލާން ކުރައްވާފައިވާ ކަރބަން ނިއުޓްރަލް ޕްލޭން ޙަޤީޤަތަކަށް ހެއްދެވުމުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ސަރުކާރަށް ބޭނުންވާ ކަމަށާއި، މިކަމަކީ ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުން އެކަނި ޙާޞިލް ކުރެއްވޭނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށާއި، ރިޒޯޓްތަކުގެ ތެރެއިން ޙާއްސަގޮތެއްގައި ތިމާވެށްޓާއި ރައްޓެހި ގޮތްތައް ތަޢާރަފް ކުރަންބޭނުންވާފަރާތްތަކަށް ފަސޭހައިން ލޯނު ލިބޭނެގޮތެއް ހަމަޖެއްސެވުމަށްޓަކައި ސަރުކާރުން މިހާރު އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައި.އެފް.ސީ)އާ މަޝްވަރާކުރައްވަމުން ގެންދަވާކަން ނައިބު ރައީސް ހާމަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އެޗް.އެސް.ބީ.ސީ.ން މިއަދު މިހުޅުއްވި އޮފީހަކީ ރާއްޖެއިން އިޢުލާން ކުރައްވާފައިވާ ކަރބަން ނިއުޓްރަލް ޕްލޭން ޙަޤީޤަތަކަށް ހެދުމުގައި އެޅުނު ފުރަތަމަ ފިޔަވަޅުކަމުގައި ޤަބޫލުކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ އެހެން ވިޔަފާރި ކުންފުނިތަކުން ނަމޫނާއެއް ކަމަށް ބައްލަވާނެކަމެއްކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މިމުނާސަބަތުގެ އެޗް.އެސް.ބީ.ސީ.އަށް ވަރަށް ހޫނުތަހުނިޔާއެއް ވިދާޅުވެ، ޝުކުރުއަދާ ކުރެއްވިއެވެ.

އެޗް.އެސް.ބީ.ސީ.ގެ މި ފެހި އޮފީހުގައި ބޭނުންކުރާ ބޮތްކަކީ ކަރަންޓް ޚަރަދުކުޑަ، ތިމާވެށްޓާ ރައްޓެހި އެލް.އީ.ޑީ. ބޮތްކެވެ. މީގެ އިތުރުން އިރުގެ އަލި ވީހާ ބޮޑަކަށް އޮފީހުގެ ތެރެއަށް ލިބޭނެގޮތަށް އޮފީހުގެ ކުޑަދޮރުތައް ފަރުމާކުރެވި، ކަރުދާހުގެ ޚަރަދު ކުޑަކުރުމަށް ގޮތްތަކެއް ރާވާފައިވެއެވެ. އަދި އޮފީހުގައި ބޭނުންކުރާ ގިނަ ތަކެއްޗަކީ ދުނިޔޭގެ "ގްރީން ޝީލްޑް" ސެޓްފިކެޓް ލިބިފައިވާ ތަކެއްޗެވެ.