ވަޒީރުންގެ މަޖިލީހުން ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ފާސްކުރައްވައި މި އެކްޝަން ޕްލޭން އެކަށީގެންވާގޮތަށް ތަންފީޒުކޮށް މޮނިޓަރކޮށް ލަފާއަރުވާ އަދި ޕޮލިސީ ލެވެލްގެ ނިންމުންތައް ނިންމުމަށް އެކުލަވާލި ނެޝަނަލް ސްޓިއަރިންގ ކޮމެޓީގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާކަމުގައި ކަނޑައަޅުއްވައިފިއެވެ.

ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭނަކީ ޖެންޑަރ އިކުއަލިޓީ ޤާނޫނުން (ޤާނޫނު ނަމްބަރު 18/2016) ލާޒިމުކުރާ ކަންތައްތައް ތަންފީޒުކުރުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން އެކުލަވާލާފައިވާ 5 އަހަރުގެ އެކްޝަން ޕްލޭނެކެވެ.

މި އެކްޝަން ޕްލޭން ތަންފީޒުކުރެވިގެންދާނީ ގިނަ އިދާރާތަކެއްގެ ބައިވެރިވުމާއެކުގައެވެ. އެގޮތުން މި އެކްޝަން ޕްލޭން ތަންފީޒުކުރާ އެކި އިދާރާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ކުންފުނިތަކުގެ ފަންނީ އިސް މުވައްޒަފުން ހިމެނޭގޮތަށް ޓެކްނިކަލް ކޮމެޓީއެއް ވެސް އެކުލަވާލެވިގެންދާނެއެވެ.

ޖެންޑަރ އިކުއަލިޓީ ޤާނޫނުގެ ދަށުން ނެޝަނަލް ޖެންޑަރ އިކުއަލިޓީ ޕޮލިސީއެއްވަނީ އެކުލަވާލާފައެވެ. ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭނަކީ މި ސިޔާސަތު ނުވަތަ ޕޮލިސީ ތަންފީޒުކުރުމަށްޓަކައި އެކުލަވާލާފައިވާ އެކްޝަން ޕްލޭނެކެވެ.

ނެޝަނަލް ޖެންޑަރ އިކުއަލިޓީ ޕޮލިސީގެ އަމާޒަކީ ހަމަހަމަ މުޖްތަމަޢެއް ބިނާކުރުމަށާއި އަންހެނުންނާއި ފިރިހެނުންނަށް ފުރުޞަތުތަކަށް ވާޞިލުވުމުގައި ހަމަހަމަކަމާއި އިންސާފު ހޯދައިދިނުމެވެ. އަދި ހުރިހާ އިދާރާތަކުގައި ޖެންޑަރ މެއިންސްޓްރީމް ކުރުމަށް މި ސިޔާސަތުގައި ހިމަނާފައިވެއެވެ.