ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ފާދިއްޕޮޅުގެ 6 ރަށަކަށް ކުރެއްވި ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ.

މި ދަތުރު ފުޅުގައި އެމަނިކުފާނު ވަނީ ޅ. މަޑިވަރާއި ހިންނަވަރާއި ފެލިވަރާއި ނައިފަރާއި އޮޅުވެލިފުށްޓާއި ކުރެންދުއަށް ވަޑައިގެންފައެވެ. އަދި މި ދަތުރުފުޅުގައި ރަށްރަށުގެ ރަށްޔިތުންނާއި ރަށުކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ރަށްރަށުގައި ހުރި ސަރުކާރު މުއައްސަސާތަކަށް ޒިޔާރަތްކުރައްވާ އެތަންތަނުގެ ހާލަތު ބައްލަވާލައްވައި ތަރައްޤީގެ ބައެއް މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޅ. މަޑިވަރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓް ރަސްމީގޮތުން ހުޅުވައިދެއްވާފައެވެ. މަޑިވަރު އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާޙަކަފުޅުގައި ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތައް ތަރައްޤީކުރުމުގައި އެއްރަށް އަނެއް ރަށް ދަތުރުފަތުރުން ގުޅުވާލުމަކީ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި، މަޑިވަރުގައި ހުޅުވުނު އެއަރޕޯޓާއެކު، މާލެއިން އުތުރުގެ ކޮންމެ އަތޮޅެއްގައި މިހާރު އެއަރޕޯޓެއް ޤާއިމުކުރެވިއްޖެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މަދަރުސަތުލް އިފްތިތާޙްގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމާއި އޭވީ ރޫމްއާއި ސްޓާފްރޫމް ހިމެނޭ އިމާރާތް ރަސްމީގޮތުން ހުޅުވައިދެއްވުމުގެ އިތުރުން ޅ. ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްސްގެ މަސައްކަތް ނިންމާ ނައިފަރު ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅުގެ 6 ރަށަކަށް ކުރެއްވި ތިން ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.