ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއަރ އެޑްމިރަލް މުޙައްމަދު ނަޒްމުލް ޙަސަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތް ފާހަގަކުރައްވައި ތަޢުރީފު ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ކުރިމަގުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން އިންސާނީ ވަޞީލަތް ކުރިއަރުވާ ތަރައްޤީކުރުމާއި މަތީ ތަޢުލީމާއި ޞިއްޙީދާއިރާއާއި އިޤްތިޞާދީދާއިރާއިން އެއްބާރުލުންދިނުން ފަދަ ސަރުކާރުން އިސްކަންދޭ މުހިންމު ކަންކަމުގައި ބަންގްލަދޭޝް ސަރުކާރުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ބަންގްލަދޭޝް ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ކޯވިޑް-19 ޕެންޑަމިކްގައި ދިވެހި ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ދިވެހި ސަރުކާރުން ބަންގަލަދޭޝްގެ ރައްޔިތުންނަށް 201،600 އެސްޓްރާ ޒެނެކާ ވެކްސިން ޑޯޒް ހަދިޔާކުރައްވާފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ސަފީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ލީޑަރުންނާއި ސަރުކާރު ތަމްޞީލުކުރައްވާ ފަރާތްތަކުން ދެ ޤައުމަށް ކުރެއްވި ދަތުރުފުޅުތައް ފާހަގަކުރައްވައި އޭގެ ސަބަބުން ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ ސެޕްޓެމްބަރު 22، 1978 ގައެވެ.