‎ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ބައްލަވާލައްވާ، މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ. މި މުބާރާތުގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރު ރ. އަލިފުށީ ފުޓުބޯޅަ ދަނޑުގައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ބައްލަވާލައްވާ، އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ވާދައިގެ ތަށްޓާއި، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ދޭ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި ކްލަބް ވެލެންސިއާ އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ކުޅުނު މެޗު 2 - 1 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބަލިކޮށް މުބާރާތް ކާމިޔާބު ކުރީ ކްލަބް ވެލެންސިއާ ޓީމުންނެވެ.