* މި އިންޓަރވިޔުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހުގައި ސުވާލުތައް ދެންނެވީ "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމް ހުށަހެޅުއްވި ސީނިއަރ އެގްޒެކްޓިވް ޕްރޮޑިއުސަރ އަލްފާޟިލް މުޙައްމަދު ރަމީޒާއި، ޕްރެޒެންޓަރ ޕްރޮޑިއުސަރ އަލްފާޟިލާ ފާޠިމަތު ޒީނަތެވެ.

ފާޠިމަތު ޒީނަތު:

މިހާހިސާބުން އަޅުގަނޑުމެން ކުރިން ދަންނަވާލި ގޮތަށް، ޚަބަރަށްފަހު މިއޮތް ޚާއްޞަބަޔާ އެކީގައި ކުރިއަށްދާނަން. އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ދެންނެވިން، ޚަބަރަށްފަހު އަޅުގަނޑުމެން ކުރިއަށްދާއިރު، އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގަންނަވާނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް. މިހާރު އަޅުގަނޑުމެންނާ އެކީގައި ސްޓޫޑިއޯގައި އެބަ އިންނެވި.

މުޙައްމަދު ރަމީޒު:

ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. މަނިކުފާނު އަޅުގަނޑުމެންނާއެކު ވަގުތުކޮޅެއް ހުސްކޮށްލަދެއްވީތީ. އެހާ ބިޒީކޮށް އުޅުއްވަމުންވެސް، ޚާއްޞަކޮށް، ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހު މަނިކުފާނު ބައިވެރިވެވަޑައިގެންދެއްވީތީ، ދިވެހިރާއްޖޭގެ އަޑުގެ ނަމުގައި، އަޅުގަނޑުމެން ހުރިހާ މުވައްޒަފުންގެ ނަމުގައި މަނިކުފާނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށްފިން. ހުރިހާ ބޭފުޅުންނަށް، ހުރިހާ ރައްޔިތުންނަށް ވަރަށް ބާއްޖަވެރި ދުވަހަކަށް އެދެމުން، އަޅުގަނޑުވެސް ދިވެހިރާއްޖޭގެ އަޑުގެ ހުރިހާ މުވައްޒަފުންނަށާއި، އަދި ދިވެހިރާއްޖޭގެ އަޑުއައްސަވާ ހުރިހާ ލޮބުވެތި ރައްޔިތުންނަށް، ދިވެހިރާއްޖޭގެ އަޑުގެ 59 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ވަރަށް ބޮޑަށް އަޅުގަނޑު އަރިސްކުރަން.

ފާޠިމަތު ޒީނަތު:

އާދެ، އަޅުގަނޑު ދެން އެހުންތެރިންނަށް ދަންނަވަމުން މިއައީ، މިއަދު އަޅުގަނޑުމެން ނައިބު ރައީސްގެ އަމިއްލަފުޅު ޙަޔާތްޕުޅުގެ ވާހަކަތައް ގެނެސްދެވޭތޯއޭ މަސައްކަތް ކުރާނީ. ރަސްމީ މަސައްކަތްޕުޅުތަކުގެ ވާހަކަ ކުޑަކޮށް އެއްފަރާތްކޮށްލާފައި، އެހެން ގޮތަކަށް ނައިބު ރައީސްގެ ވާހަކަފުޅުތައް ގެނެސްދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަމޭ.

އެހެންވީމާ، އަޅުގަނޑުމެން ފަށާނީވެސް މަނިކުފާނުގެ އަމިއްލަ ޙަޔާތްޕުޅުން. ދެން، މީހެއްގެ އަމިއްލަ ޙަޔާތުގެ ވާހަކަދައްކާއިރު، ދެން އެންމެ ޚާއްޞަ ދުވަސްވަރަކަށްވާނީ، ތުއްޕުޅު ޢުމުރުގެ ޙަޔާތްޕުޅު ދޮގެއްތޯ. ކިހިނެއްތޯ އެ ދުވަސްތައް ސިފަކުރައްވަނީ. ކޮބައިތޯ އެ ތުއްޕުޅު ޢުމުރުފުޅުގެ ހަނދާންތަކުގެ ތެރެއިން އެންމެ ދުރު ހަނދާނަކަށް ހުންނަ ކަމަކީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ދެން މިއަދު ދިވެހިރާއްޖޭގެ އަޑުގެ މި ޕްރޮގްރާމްގައި ބައިވެރިވާއިރު، އަޅުގަނޑުގެ އެންމެ ޅައިރުގެ، އެންމެ ކުޑައިރުގެ ހަނދާންތަކުގެ ތެރެއިންވެސް އަޅުގަނޑުގެ ހަނދާނަށް އާދޭ. އަޅުގަނޑުމެންގެ ރަށުން އަޅުގަނޑުމެން އައިއިރުގައި އެދުވަސްވަރު، އެނގިވަޑައިގަންނަވާނެ، ފުވައްމުލަކުގައިވެސް ރޭޑިއޯ އޭރު އެހާ ގިނައެއްނުވާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ގޭގައި ކެސެޓެއް ހުންނަ ހަނދާން ހުރޭ. ދެން އަޅުގަނޑުގެ ބައްޕައާއި މަންމަ ފަތިހު ހޭލައިފައި، ފަތިހު 5:30 ގައި ރޭޑިޔޯ އޮން ކުރައްވާނެ. ދެން އެގަޑީގައި އެ އަންނަ މިޔުޒިކްކޮޅު. އެ ކޮވެލި ގޮވާލާ އަޑާއި، ދޫނީގެ އެ އަޑުތައް އެއީ، އަޅުގަނޑުގެ އެންމެ ޅައިރުގެ، ކުޑައިރުގެ ހަނދާންތަކުގެ ތެރޭގައި ހުންނަ ހަނދާނެއް. ދެން މިހާރުވެސް އަޅުގަނޑު ހަމަ އެ އަޑުއަހައިލުމަށްޓަކައިވެސް ރޭޑިޔޯ އޮންކޮށްލަން. ހަމައެކަނި އެ މިޔުޒިކްކޮޅުގެ އަޑުއަހާލައިފައި، ދެން އަޅުގަނޑު އަދި ނިދާލަންވިޔަސް. ދެން އަޅުގަނޑުގެ ޅައިރުގެ ހަނދާންތަކާއި ރޭޑިޔޯއާވެސް ވަރަށް ބޮޑަށް ގުޅިފައި މިހުރީ.

އަޅުގަނޑުމެންގެ އެ ދުވަސްވަރު ދެން ވަރަށް ތަފާތު. އަޅުގަނޑުމެންނަކަށް މި މާލޭގެ އެކްސްޕީރިއަންސެއް، އެ ތަޖުރިބާތަކެއް ނެތް. އަޅުގަނޑުގެ ހުރީ ރަށުގެ ތަޖުރިބާ. އެގޮތުން، ދެން ވަރަށް ބޮޑަށް އަޅުގަނޑުގެ ހަނދާނަށް އާދޭ، އަބަދުވެސް އަޅުގަނޑަށްވުރެ ތަންކޮޅެއް ޢުމުރުން ދޮށީ، އަޅުގަނޑުމެންގެ ބޭބެމެން، ނޫނީ ދައްތަމެންނާއެކީ ތަންކޮޅެއް ބޮޑަށް އުޅެވޭ ހަނދާން ހުންނަނީ. އަޅުގަނޑުގެ ޢުމުރާ ފަހަރެއްގައި އެހާ ނުގުޅޭ ކަމަކަށްވެސް ވެދާނެ.

މުޙައްމަދު ރަމީޒު:

އާދެ، ދެން ކުޑައިރުގެ ހަނދާންތަކުގެ ތެރޭގައި، ދެން ހުންނާނީ ސްކޫލް ދައުރުގެ ހަނދާންތައްކަންނޭނގެ. ދެން އެންމެ ތުއްޕުޅުއިރު، ސްކޫލަށް ވަޑައިގަތުމަށް ތެދުވެވަޑައިގަތުމާއި، ސްކޫލްގެ މާޙައުލާއި، ނޫނީ ސްކޫލްގައި އުޅުއްވުމާ. ކޮބައިތޯ އެތަނުން އުފާވެރި ހަނދާނެއްގެ ގޮތުގައި ފާހަގަކުރައްވާނެ ކަމަކީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑުމެން މާލެއައީ 1985 ވަނަ އަހަރު. ގާތްގަނޑަކަށް ޢުމުރުން އެގާރަވަރަކަށް އަހަރު. އޭގެކުރިން އަޅުގަނޑު ރަށުގައި ދިޔައިން، އޭރުގެ ސްކޫލް މަކްތަބަށް. މި ދިޔައިރުގައި އަޅުގަނޑުގެ ހަނދާނަށް އަންނަނީ، އޭރު އަޅުގަނޑު ސްކޫލަށް، މަކްތަބަށް ބައިސްކަލެއްގައި ގެންދާ ހަނދާން. ބައިސްކަލުގެ ދަގަނޑުމަތީގައި އަޅުގަނޑު މި އިންނަނީ. ދެން އަޅުގަނޑަށް ކިހާވަރެއްވާނެތޯ؟ ދަގަނޑުމަތީގައި ކޮންމެ ދުވަހަކު އިނދެގެން، ނޫނީ ބައެއް ދުވަސްދުވަހު، ހުންގާނުމަތީގައިވެސް އިނދެގެން ސްކޫލަށް ދަނީ. އަޅުގަނޑު ހަނދާންވަނީ، ރެޑްމޭން ޖަހާފައި ހުންނަ ރީނދޫ ކުލައިގެ އިންޓަރވަލް ހަމެއް އަޅުގަނޑުގެ ކަރުގައި އަޅުވައިލައިގެން އަޅުގަނޑު ދަނީ. ދެން އެއީ އަޅުގަނޑުގެ އެންމެ ކުޑައިރުގެ ހަނދާންތަކާ ގުޅިފައި ހުރި ކަންތައް.

އަޅުގަނޑު 1985 ވަނަ އަހަރު މާލެއައީ. އަޅުގަނޑުމެންނަށް އުޅެންޖެހުނީކީ މައިންބަފައިންނާ އެކީގައެއްނޫން. ކޮންމެވެސް ތިމާގެ ބައެއް ކައިރީގައި، ނޫނީ އަމިއްލައަށް ވިސްނައިގެން ރަނގަޅަށް އުޅެން. ދެން އޭރުގެ ހަނދާންތަކަށްދާއިރު މި ރޭޑިޔޯ ޚާއްޞަކޮށް، މި "ބާއްޖަވެރި ހެނދުނެއް" ހަމަ ކޮންމެ ދުވަހަކު އަޑުއަހަން. އެއީ ދެން އަޅުގަނޑުމެންގެ މުޅި ދުވަސް ރޯޝަންކޮށްލާ ޕްރޮގްރާމް އިނގޭތޯ. ތާޒާކަން ގެނުވައިދޭ. ވަރަށް ބޮޑަށް ހަނދާނުގައި ހުރޭ. ދެން އޭގެ ތެރެއިންވެސް ޚާއްޞަކޮށް، އޭރު އެ އިވޭ އަޑުތަކުން އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ލޯބިން ފުރިފައި ތިބެނީ.

އަޅުގަނޑުމެން ސްކޫލަށް 7 ޖަހާއިރު ދާންޖެހެނީ. ސްކޫލްގެ ފިލާވަޅުތައް ހެދުމަށް އެންމެ ބޮޑު ބާރަކަށް އޭރު އަޅުގަނޑަށް ހަމަގައިމުވެސް ވެގެންދިޔައީ، އޭރު އެ އިވުނު ބައެއް ލަވަތައް. އޭގެތެރެއިން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ހިންދީ ލަވަތަކުގެ ތެރެއިން "ދިލް މޭ ހޮ ތުމް"، "ތެރާސާތުހޭ ކިތުނާ ޕިޔާރާ". ދެން އެ ދެ ލަވަ އަޑުއިވިއްޖެ ކަމަށްވަންޏާ، ދެން އެ ފިލާވަޅު ހަދައިލާނެ، ދުވަހަކުވެސް ނުހެދޭހާ މޮޅަށް. އެއީ ދެން އޭރުގެ ހަނދާންތައް މިހާރުވެސް ހުރޭ އިނގޭތޯ. މިހާރުވެސް އެ ލަވަތައްވެސް އެހާ ކަމުދޭ. ހުށަހަޅުއްވައިދެއްވި ބޭފުޅުންގެ މަތިން ހަނދާންވޭ. ވަރަށް ގިނަގިނައިން ހަނދާންވޭ. ބައްދަލުކުރަން ބޭނުންވޭ. ވާހަކަދައްކަން ބޭނުންވޭ އެބޭފުޅުންނާ. އެއީ ދެން ކުޑައިރުގެ ހަނދާންތައް.

ފާޠިމަތު ޒީނަތު:

ދެން، ޚާއްޞަ ގޮތެއްގައި، ހަމަ މާލެ ވަޑައިގެން، ޢާއިލާއާއި މައިންބަފައިންނާ ވަކިން އުޅުއްވި ވާހަކަ ވިދާޅުވީމަޔާވެސް އެކީގައި އަޅުގަނޑުގެ ހިތަށްއަރަނީ ދެން، ތުއްޕުޅު ޢުމުރުގައި އޭރު ދެން މިވެނިކަމެއް ވާނެނަމައޭ، އެހެން ހިތްޕުޅަށްއެރި ކަމެއް ނުވަތަ މިވެނި ކަމެއްގެ އިންތިޒާރުގައި ހުންނެވުނު ކަމެއް، އެކަހަލަ ކަމަކީ ކޮބައިތޯއޭ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ކުޑައިރުވެސް، އެންމެ ޅައިރުވެސް ދެން އަޅުގަނޑު ކުރީގައިވެސް ދަންނަވައިފިން، ޢުމުރަށްވުރެ ދޮށީ މީހުންނާ އެކީގައޭ އުޅޭހިތްވަނީ. އެންމެ ކުޑައިރުވެސް އަޅުގަނޑުގެ ހަނދާނުގައި ވަރަށް ބޮޑަށް ހުރޭ. އަޅުގަނޑުގެ ބައްޕައަކީ ވަރަށް މަސައްކަތްތެރިއެއް. ވަރަށް މަސައްކަތް ކުރައްވާނެ. ބައްޕަ ނުހުންނަވާނެ ކަމެއް ނުކުރައްވައެއް. ކޮންމެވެސް ކަމެއް ކުރައްވާނެ. ދެން ހަމަ ގޭގައި ކަމެއް ކުރަން ނެތް ކަމަށްވަންޏާ، ގޭގައި އެކިއެކި ކެޔޮގަސްތައް ހުންނާނެ. އެ ކެޔޮގަސްތައް ސާފުކުރައްވާނެ އަބަދުވެސް. އެހެންވީމާ، އޭރު އެ ކަންތައްތަކުގައި ބައްޕަ އަރިހުގައި އަޅުގަނޑަށް ވަރަށް ބޮޑަށް އުޅެވުނު. ކުރައްވާ ކޮންމެ މަސައްކަތެއްގައި އުޅެވުނު. އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ އެކަންތައްތައް.

 މުޙައްމަދު ރަމީޒު:

ދެން ކުޑަ ކުއްޖެއްގެ ޙަޔާތުގައި ދެން އުފާވެރި ދުވަސްތަކެއްގެ ގޮތުގައި ތިޔަ ފާހަގަކުރެއްވީ، ސްކޫލް ދައުރު. ދެން ސްކޫލްގައި އުޅުއްވަމުންވެސް ބައެއްފަހަރަށް ކުޑަކޮށް ސިޔާސަ ކުދިންވެސް އުޅޭނެ އިނގޭތޯ. ވަރަށް މަޖާނަގާ ކުދިންވެސް އުޅޭނެ. ކައިރީގައި ހުންނަ ކުއްޖާއާ ކޮންމެވެސްވަރަކަށް ސަކަރާތް ގަނެލައި، ތޮޅެލާހަދާ ކުދިންވެސް އުޅޭނެ. ކިހިނެއްތޯ ސްކޫލްގައި އުޅުއްވިއިރު ސަކަރާތް ޖައްސަވަންތޯ ކުދިންނާ. ކިހިނެއްތޯ އެ ކަންތައްތައް ދިޔައީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ދެން އަޅުގަނޑު މާލެ އައިސްފައި، ފުރަތަމަ އީ.ޕީ.އެސް. ގްރޭޑް 4 އަށް އަޅުގަނޑު ވަނީ. އެއީ 1985 ވަނަ އަހަރު. އަޅުގަނޑުމެންގެ އޭރުގެ ޓީޗަރުން، އަޅުގަނޑު ދަންނަވާނީ ހަމަ ވަރަށް ރަނގަޅޭ އިނގޭތޯ. ދެން ފިލާވަޅަށްވުރެވެސް ބޮޑަށް، ކުދިން، ދަރިވަރުން ހަމަ ތަރުބިއްޔަތު ކުރުން މުހިންމު ކަމަކީ، އަޚްލާޤު ހިފެހެއްޓުމަށްޓަކައި. އަޅުގަނޑު ހަނދާންވެސް ހުރޭ، ވަރަށް ގިނައިން އަޅުގަނޑުވެސް ނީލްޑައުންވެސް ކުރޭ އިނގޭތޯ. ހަމަ ސަކަރާތްވެސްޖަހާ. އެހެންނަމަވެސް، އަޅުގަނޑުމެން ފިލާވަޅު ހަދަން އިނގޭތޯ. ސްކޫލްގައި އެ ޙަވާލުކުރި ކޮންމެ ކަމެއް އަޅުގަނޑުމެން ކުރިން. ދުވަހަކުވެސް އަޅުގަނޑު ގަޑިޖެހިގެން ސްކޫލަކަށް ނުދަން. ހަނދާނުގައި އެބަހުރި. އަދި ސްކޫލަށް ނުދާ ދުވަހެއްވެސް ނުދޭ އިރާދަކުރެއްވީތީ. ދުވަހަކުވެސް ބަލިވެގެންވެސް ސްކޫލަށް ސަލާން ބުނާކަށް ނުޖެހުނު. މައިންބަފައިންނާ ދުރުގައި، އަމިއްލައަށް ހޭލައިގެން ތައްޔާރުވެގެން ސްކޫލަށްދިޔަޔަސް. އަދި އޭރު އަޅުގަނޑާ އެކީގައި ކްލާސްމޭޓުންގެ ގޮތުގައި ތިބި ފަރާތްތައް މިއަދުވެސް، އެކިއެކި ދާއިރާތަކުގައިވެސް މަސައްކަތްވެސް އެބަ ކުރައްވާ. ހަމަ ވަރަށް ގާތްކޮށް، ވަރަށް ސަކަރާތްޖަހައި، ހަމަ އެގޮތަށް އަޅުގަނޑަށް ފާހަގަކުރެވެނީ.

ފާޠިމަތު ޒީނަތު:

އޭރުގެ އެކުވެރިންނާ މިހާރު ކިހިނެއްތޯ ގުޅުން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ވަރަށް ރަނގަޅު ހަމަ. އާދެ، އަޅުގަނޑަށް ދެން އެހެން ގޮތަކަށް ދިމާވީ. ރަށްރަށުން އައިމާ އަޅުގަނޑުމެންގެ ރަށުގެ އެ އެކުވެރިންވެސް އެބަތިބި. ކުޑައިރުގެ، އެންމެ ޅައިރުގެ ރައްޓެހިން. އަޅުގަނޑުމެންނަށް އެހެން ފޭސްއެއް ދެން އައީ. ސްކޫލް ފެށީ. ފެށިއިރު އީ.ޕީ.އެސް.ގައި އެއީ
1985 ވަނަ އަހަރު. ދެން ހަމަ އިނގިލިން ގުނައިލެވޭހާ ޢަދަދުގެ އަޅުގަނޑުމެން ދަންނަ ކުދިން ރަށުން އައިސް ސްކޫލްގައި ތިބީ. އެހެންވީމާ، ވަރަށް މަދު. ހަމަ މުޅިން އާ ފްރެންޑްސް އަޅުގަނޑުމެންނަށް ލިބިގެންދިޔައީ.

ދެން އެ ފޭސް އަނެއްކާ ނިމުނީ. ނިމިގެން ދެން 1992 ވަނަ އަހަރު އަޅުގަނޑު މަސައްކަތަށް ނުކުތީ. ނުކުތީ މުޅިން އެހެން ދާއިރާއަކަށް އަނެއްކާވެސް. އަދި މާލެއިންވެސް ބޭރު. އެހެންވީމާ، މި ތިން ސެޓް އޮފް ފްރެންޑްސް މިއައީ. ދެން އަނެއްކާ އޭގެފަހުން، 2000 ވަނަ އަހަރުގެ މެދުތެރޭ ހިސާބެއްގައި، އަނެއްކާވެސް އެހެން ދިމާއަކަށްވެސް ހިފައިލެވުނު. އެހެންވީމާ، އަނެއްކާވެސް އެހެން ރަޙްމަތްތެރިންތަކެއް އަތުވެއްޖެ. އެހެންވީމާ، ވަރަށް ތަފާތު ސްޓޭޖްތަކެއް މިއައީ. އެއްކޮށް އުޅެން މިޖެހުނީ ތަފާތު އެކިއެކި ބޭފުޅުންނާވެސްއެކީ.

ފާޠިމަތު ޒީނަތު:

އެހެންވީމާ، އަޅުގަނޑުމެން މިހާހިސާބުން މަނިކުފާނުގެ އެކުވެރިޔަކާ ފޯނުން ގުޅާލާނަން އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ.

ފާޠިމަތު ޒީނަތު:

ޢަލީ ޢަބްދުﷲ އާ މިހާރު އަޅުގަނޑުމެންނަށް މިއޮތީ ގުޅިފައި.

السَّلَامُ عَلَيْكُمْ.

ޢަލީ ޢަބްދުﷲ:

وَعَلَىْكمْ السَّلَامُ

މުޙައްމަދު ރަމީޒު:

ޢަލީ ޢަބްދުﷲ، ވަރަށް ބާއްޖަވެރި ހެނދުނަކަށް އެދެން އިނގޭތޯ.

ޢަލީ ޢަބްދުﷲ:

އާދެ.

ފާޠިމަތު ޒީނަތު:

ކިހިނެއްތޯ؟

ޢަލީ ޢަބްދުﷲ:

الْحَمْدُ لِلَّـهِ.

ފާޠިމަތު ޒީނަތު:

އާދެ.

މުޙައްމަދު ރަމީޒު:

އާދެ، އަޅުގަނޑުމެންނާ އެކީގައި ޕްރޮގްރާމްގައި މިއަދު ބައިވެރިވެވަޑައިގަންނަވަނީ، އަޅުގަނޑުމެންގެ ނައިބު ރައީސް ފައިޞަލް ނަސީމް. ދެން އަޅުގަނޑުމެން ވާހަކަދައްކާލިއިރުގައި ފައިޞަލް ވިދާޅުވެއްޖެ، ތިމަންނާގެ ވަރަށް ގާތް، ތިމަންނާގެ ކުރީގެ ރައްޓެހިންނާއި ރަޙްމަތްތެރިންނާއި، އެކި ދައުރުގެ އެކި ބޭފުޅުންނާ އެކީގައޭ އުޅުއްވަނީ. ދެން ވަރަށް ކުޑައިރުގެ ބައެއް ބޭބޭފުޅުންގެ ވާހަކައާއި އަދި އޭގެފަހުގެ ބޭފުޅުންގެ ވާހަކަވެސް ވިދާޅުވެއްޖެ. އަޅުގަނޑުމެންނާ އެކީގައި މިވަގުތު ފައިޞަލް ނަސީމް އިންނެވީމާ ދަންނަވާލާނަން. ކިހާވަރެއްގެ ރަޙްމަތްތެރި ކަމެއްތޯ ފައިޞަލް ނަސީމާ އެކީގައި މި އޮންނަނީ.

ޢަލީ ޢަބްދުﷲ:

ފައިޞަލް ނަސީމް، ވައިސް ޕްރެޒިޑެންޓް ދޮގެއްތޯ. ދެން އަޅުގަނޑުގެ ފައިޞަލް އެކަމަކު އިނގޭތޯ.

ފާޠިމަތު ޒީނަތު:

އާދެ، އާދެ. މައްސަލައެއް ނެތް.

ޢަލީ ޢަބްދުﷲ:

ފައިޞަލަކީ ދެން ހަމަ އަޅުގަނޑުގެ އެންމެ ގާތް އެކަކު. ސްކޫލް ދައުރުން ފެށިގެން، އެންމެ ކުރިން ފެށިގެން އިނގޭތޯ. ދެން އަޞްލުގައި މި ލައިފްގައި އެކި ދުވަސްވަރު މި އަންނަނީ ތަފާތު އެކި މަރުޙަލާތަކެއް، ވަޒީފާ އަދާކުރަން ފެށި ހިސާބުން ފެށިގެން. ދެން އެ ހިސާބުން އައިސް މި ބިޒީވަނީ. އެހެންނަމަވެސް، އެކަމަކުވެސް އަޅުގަނޑުގެ ހަމަ އެ ގާތްކަން، ހަމަ ކޮންމެ ތަނެއްގައި ހުއްޓަސް ހަމަ އަބަދުވެސް އޮވޭ އިނގޭތޯ. މިހާރު އެންމެފަހު ވަގުތުގައި، ﷲގެ އިރާދަފުޅުން ފައިޞަލަށް ރާއްޖޭގެ ނައިބު ރައީސްކަން މި ލިބުނީ. އެކަމަކު ނައިބު ރައީސްކަން ލިބުނު ހިސާބުން ފެށިގެންވެސް އަޅުގަނޑާ ހަމަ ވަރަށް ކްލޯސްކޮށް އުޅުއްވާނީ. އެންމެ ފުރަތަމަ ނައިބު ރައީސްކަން ލިބިވަޑައިގެން، ފުރަތަމަވެސް އެ ބިޒީކަންމަތީ އުޅުއްވާފައިވެސް، ކުޑަކޮށް މައިންޑް ފްރީކޮށްލައްވަންވެސް، ފުރަތަމަވެސް ރާއްޖޭގެ ރަށަކަށް ދަތުރެއް ކުރައްވަންވެސް އަޅުގަނޑާ ގުޅުއްވި އިނގޭތޯ. ގުޅުއްވާފައި އަޅުގަނޑުވެސް ގޮވައިގެން ވަޑައިގަތީ. އެހެންވީމާ، ހަމަ ފެށުނީއްސުރެވެސް ފެށިގެން، އެންމެ ކުޑައިރުއްސުރެ ފެށިގެން ވަރަށް ގާތްކަން ބާއްވަވާ.

ފާޠިމަތު ޒީނަތު:

ދެން ގުޅުން ދެމެހެއްޓެވުމުގައި ހަމަ ވަރަށް ރަނގަޅު ކަމަށް، ނަމޫނާ ބޭފުޅެއް ކަމަށް ތިޔަ ވިދާޅުވީ. ދެން ރަޙްމަތްތެރިއެއްގެ ގޮތުން އެހެނިހެން ކަންކަމުގައި ކޮންކަހަލަ ބޭފުޅެއް ގޮތަށްތޯ ސިފަކުރައްވާނީ.

ޢަލީ ޢަބްދުﷲ:

އަޞްލު އަޅުގަނޑު ބުނާނީ، ހަމަ ކޮންމެ އޭޖަކަށްވިޔަސް އިނގޭތޯ، އަދި އެއީ ޔޫތު ކުދިންކޮޅެއް ގޮވައިގެން އުޅެންޖެހުނު ކަމަށްވިޔަސް، ކޮންމެ ކަމެއް ޙަވާލުކުރިޔަސް ކުރައްވާނެ. ކޮންމެ ކަމެއް ކުރިޔަސް، އެކަމެއް ވަރަށް ބޮޑަށް، ވަރަށް ގާތުން ބަލައިގެން އެކަމެއް ކުރައްވާނީ. ފައިޞަލް ނަސީމް މިވަގުތު އެހުރި މަގާމުގެ ގޮތުން ވެއްޖިއްޔާ، އަޅުގަނޑު ބުނާނީ ހަމަ ޔަޤީނުންވެސް ކޮރަޕްޝަނެއް ނުވާނެ އިނގޭތޯ. ދެން އެކަމެއް އެއީ ހަމަ ޔަޤީނުންވެސް ނުވާނެ ކަމެއް. ދެން ނުއެއް ވިކޭނެ ފައިޞަލް ނަސީމެއް. ދެން އެއީ އަޅުގަނޑު ފައިޞަލް ނަސީމާ ބެހޭގޮތުން ބުނާނެ ވާހަކައަކީ.

ފާޠިމަތު ޒީނަތު:

ޢަލީއަށް އެބައޮތް އިނގޭތޯ. ފުރުޞަތު މިހާރު ވާހަކަދައްކަވާލައްވަން. އަޑުއިވިވަޑައިގަންނަވާނެ. ހަމަ އަޑުއައްސަވަން އިންނެވީ.

ޢަލީ ޢަބްދުﷲ:

އެހެންތޯ، ފައިޞަލް.

ފާޠިމަތު ޒީނަތު:

އާދެ، އެކުވެރިޔާ ހަމަ މި އިންނެވީ.

ޢަލީ ޢަބްދުﷲ:

އެހެންތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ކޮބާ ކިހިނެއް ޢަލީ؟

ޢަލީ ޢަބްދުﷲ:

ހަމަ ވަރަށް ބަރާބަރު. މިހާ ހެނދުނާ ގުޅާލީމާ އަދި މިއުޅެނީ ނިދާހޭލައިގެން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ދެން ހަމަ ކުޑައިރުއްސުރެ ފެށިގެން ވަރަށް އެކުއެކީގައި. ދެން ވަރަށް އުފާވޭ، އަޅުގަނޑުވެސް ވަރަށް އުފާވޭ. އަޅުގަނޑުމެންގެ ވަރަށް ގާތް އެކުވެރި ގިނަ ރަޙްމަތްތެރިންތަކެއް ކުޑައިރުއްސުރެ ފެށިގެން މިއަދާ ހަމައަށްވެސް އެބަތިބި. އޭގެތެރޭގައި ހަމަ އެއް ބޭފުޅެއް މި ޢަލީއަކީ. އެ ވިދާޅުވިގޮތަށް ދެން އަޅުގަނޑަށްވެސް ވަރަށް ހެޔޮ. ދެން ރައްޓެއްސަކާ ދިމާވީމާ، ހަމަ އަޅުގަނޑު ބުނެލަން ބޭނުންވޭ. ރަޙްމަތްތެރިން ވަރަށް ހެޔޮ އިނގޭތޯ. އަޅުގަނޑަށް މިއަދު މި ޢުމުރުގައި މިހާހިސާބަށް އައުމުގައި، ކުރި ކޮންމެ ކަމެއްގައި އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުގެ ޢާއިލާއާއެކީ ހަމަ އަޅުގަނޑުގެ އެ ރަޙްމަތްތެރިންގެ އެ ހެޔޮދުޢާ އާއި، އެ ހިތްވަރު އެއީ އަޅުގަނޑަށް ވަރަށް ފާހަގަކުރެވޭ ކަމެކޭ. އެކަމާ ނުލައި ހަމަގައިމުވެސް އަޅުގަނޑަށް އެއްވެސް ކަމެއްނުވީސް. އެހެންވީމާ، އަޅުގަނޑު ދެން ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން. އަޅުގަނޑުގެ ޢާއިލާގެ ހުރިހާ ފަރާތްތަކަށާއި އަދި އަޅުގަނޑުގެ ހުރިހާ އެކުވެރިންނަށް.

ފާޠިމަތު ޒީނަތު:

ޢަލީ.

ޢަލީ ޢަބްދުﷲ:

އާދެ.

ފާޠިމަތު ޒީނަތު:

ވަރަށް ބޮޑަށް ޝުކުރިއްޔާ، ހަމަ އަޅުގަނޑުމެންނަށް ވަގުތުކޮޅެއް ދެއްވީތީވެ އިނގޭތޯ. ވަރަށް ބާއްޖަވެރި ދުވަހަކަށް އެދެމުން ވަކިވެލާނަން.

މުޙައްމަދު ރަމީޒު:

އާދެ، ފާހަގަކުރައްވައިފި، އެކި ދައުރުތަކުގެ ރަޙްމަތްތެރިންގެ ވާހަކަ. ދެން މަނިކުފާނުގެ ސްކޫލް ދައުރުން ފެށިގެން އައިސް، ކުޅިވަރަށް މަނިކުފާނު ވަރަށް ޝައުޤުވެރިވެވަޑައިގެންނެވި. ކިހިނެއްތޯ އެ ދާއިރާއަށް ވެދެވަޑައިގެންނެވުނީ. ކޮބައިތޯ އެންމެ ކުޅުއްވާހިތްޕުޅުވާ ކުޅިވަރަކީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ކުރީގައި ދެންނެވިން، ތަންކޮޅެއް ޢުމުރުން ދޮށީ މީހުންނާ އެއްކޮށޭ ކުޑައިރު އުޅެވުނީ. އޭރުވެސް އަޅުގަނޑު ހަނދާންހުރޭ، އަޅުގަނޑުގެ ބޭބެމެން ތަންކޮޅެއް ބޮޑެތި. ވޮލީއާއި ފުޓްބޯޅަ، ޚާއްޞަކޮށް ވޮލީ. ދެން ހަމަ އަޅުގަނޑަކަށް ނުހުރެވޭނެ، ވޮލީ ކުޅެން ކޯޓަށްނާރައެއް. އަޅުގަނޑު ހަމަ ވަންނައިރަށް ކޯޓުން ބޭރަށްލާނީ. ދެން ވަރަށް މައްސަލަ ދިމާވާނެ. ދެން އުނދަގޫކުރާ މީހަކަށްތާވާނީ އަޅުގަނޑު ދޮގެއްތޯ. ކޯޓުން ބޭރަށްލާއިރަށްވެސް ހަމަ ވަންނާނެ. ދެން އަޅުގަނޑާ ނުލައި ނުކުޅެވޭނެ. ދެން އަޅުގަނޑު ދާ ދުވަހެއް ވެއްޖިއްޔާ، ދެން އަޅުގަނޑު އުނދަގޫ ކުރާނީ.

މާލެ އައިސްފައިވެސް، އަޅުގަނޑަށް ވަރަށް ބޮޑަށް ކުޅިވަރަށް ވަދެވުނު. އެހާ ބޮޑަށް ކުޅިވަރުގައި އުޅެވުނީވެސް، އެއީ މަންމައާއި ބައްޕަ އަޅުގަނޑުމެންނާ ދުރުގައި އުޅުނީމާ ކަމަށްވެސް ފަހަރެއްގައި ވެދާނެ. ޚާއްޞަކޮށް، ފުޓްބޯޅައަށް ޝައުޤުވެރިކަމެއް ހުރޭ. ދެން އެހެން ހުއްޓައި އެނގިވަޑައިގަންނަވާނެ، 1985 ވަނަ އަހަރު، އެ ދުވަސްވަރަކީ މާލޭގައި ފުޓްބޯޅައިގެ ފޯރި ވަރަށް ގަދަ ދުވަސްވަރެއް ދޮގެއްތޯ. މިހާރު މި އޮންނަ ގޮތަކަށް ނޫން އޮންނަނީ. ފުޓްބޯޅަ ކުޅުންތެރިންނާއި، ފުޓްބޯޅަ ކްލަބުތަކާ ނުލައި އަޅުގަނޑުމެންނަކަށް ނޫޅެވޭނެ. އެންމެ ބޮޑު ދިދައެއް، އެންމެ މައްޗަށް ނެގޭތޯ އަޅުގަނޑުމެން އޭރު ބެލީ. އަޅުގަނޑުމެން ސަޕޯޓް ކުރާ ޓީމަކީ ވިކްޓްރީ ސްޕޯޓްސް ކްލަބް. ދެން އެހެންވީމާ، އަނބުގަހުގެ އެންމެ ކުރިއަށް ދިދަވެސް ނަގާނެ.

އެ ހުރިހާ ކަމެއްގެ ތެރެއިން ދެން އައީ "މެކްސިކޯ 86". ހަމަ އެހާ ފޯރިގަދަވެގެންދިޔަ. ޚާއްޞަކޮށް، މެރަޑޯނާ. ދެން އެއާއެކު، މި ފުޓްބޯޅައިގެ ކަންތައްތަކަށް ތަންކޮޅެއް ބޮޑަށް އަޅުގަނޑުމެންގެ ޝައުޤުވެރިކަން އުފެދިގެންދިޔަ. ސްކޫލްގައި ދެން ހަމަ ފުޓްބޯޅަ ކުޅުނީ. ދެން އެހެންނަމަވެސް، އަޅުގަނޑުގެ ފޭވަރިޓް ކުޅިވަރެއްގެ ގޮތުގައި ކްރިކެޓް އަޅުގަނޑު ކުޅުނީ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އަޅުގަނޑަށް ބޮޑަށް އުޅެވުނީ ކުޅިވަރުގައިހެން. ހަމަ އެކިކަހަލަ ކުޅިވަރުތަކުގައި. ދެން އެހެންނަމަވެސް، އަޅުގަނޑު ފާސްވި. ފެއިލްއެއް ނުވޭ އިނގޭތޯ.

މުޙައްމަދު ރަމީޒު:

ކުޅިވަރާ އެކީގައި ކިޔެވުން، މި ކިހިނެއްތޯ ސިފަކުރައްވާނީ. އެއީ ބައެއް ބޭފުޅުން، މައިންބަފައިން ވިދާޅުވޭ. ކުޅިވަރު ކުޅެންޏަކާ، ދެން ކިޔެވުމަކަށް ނުދެވޭނެއޭ. ކިޔަވާ ކުއްޖަކުވިއްޔާ، ކުޅިވަރަށް ދާންވެއްޖިއްޔާ، ކުޑަކޮށް އެ ކުއްޖަކު ހިފަހައްޓާގޮތްވެސްވޭ. ދެން ވިދާޅުވެއްޖެ، މައިންބަފައިންނާ ދުރުގައި ހުރީމަކަންނޭނގެއޭވެސް ދެވުނީވެސް.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ކުޅިވަރުގެ ތެރެއިންވެސް އަޅުގަނޑުމެންނަށް ލިބެނީ ފިލާވަޅުތަކެއް، ޢިބްރަތްތަކެއް. ނޫނީ އެހެން މީހުންނާއެކީ އުޅެން ދަސްކުރުން. ކިޔަވަނީ މީހުންނާއެކީ އުޅެން ދަސްކުރަން. މަސައްކަތްތަކެއް ދަސްކުރުމަށްޓަކައި ކިޔަވަން ސްކޫލަކަށް ދާން މިޖެހެނީ. އެނޫން އެހެން އެއްވެސް ބޭނުމެއްނެތް. އެހެންވީމާ، ކުޅިވަރުގެ ތެރެއިންވެސް އަޅުގަނޑުމެންނަށް ދަސްވަނީ، އެކިއެކި ސިޓުއޭޝަންތައް ޙައްލުކުރުމާއި، މީހުންނާ މުޢާމަލާތު ކުރުމާއި، އެކުވެރިން ހޯދުން.

އެހެންވީމާ، ކުޅިވަރަކީ އަޅުގަނޑަށް ޤަބޫލުކުރެވެނީ، ހަމަ ވަރަށް މުހިންމު ކަމެއް ކިޔެވުމާ އެކީގައި. ހަމައެއާއެކު، އަޅުގަނޑު ދެންނެވިން، ލަވަތައް އަޑުއަހާ ވާހަކަ. ވަރަށް ޝައުޤުވެރިވޭ. އެއީ އިންސާނަކަށް މެންޓަލީ ހިތްހަމަޖެހުން ބޭނުންވާނެ. މިއަދު އަޅުގަނޑުމެން ވަރަށް ބާރަށް އެ ވާހަކަވެސް އެބަ ދައްކަން ދޮގެއްތޯ. އެހެންވީމާ، އަޅުގަނޑު ޤަބޫލުކުރަނީ، ކުޅިވަރަށް ކުދިން ފޮނުވުމަކީ، އެކިއެކި ޕްރޮގްރާމްތަކުގައި ބައިވެރިކުރުމަކީ، އެއްގޮތަކަށްވެސް ފިލާވަޅުން އެކުދިންނަށް އެއްވެސް ބައެއް އުނިވެގެންދާނެ ކަމެއްނޫނޭ.

ފާޠިމަތު ޒީނަތު:

މިހާރު ދެން މަނިކުފާނު ތިޔަ ހުންނެވި މަގާމުގެ ގޮތުން ހަމަ ވަރަށް ބިޒީ ޝެޑިއުލެއްގައި އުޅުއްވާނީ. ދެން އެހެންނަމަވެސް، ހަމަ ޢާއިލާއަށް ވަގުތު ދެއްވާނެ ކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ. ޚާއްޞަ ގޮތެއްގައި، ހަމަ އެއްބަނޑު އެއްބަފާ ބޭފުޅުންނާއި، މަންމައާއި ބައްޕައަށް ކިހާވަރަކަށް ވަގުތު ދެއްވޭތޯ. މި ދެންނެވީ ކިހިނެއްތޯ ގުޅުން ބަދަހިކުރައްވަނީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑުމެންގެ ޢާއިލާއަކީ ހަމަ ވަރަށް ބޮޑު ޢާއިލާއެއް އިނގޭތޯ. ދެން އަޅުގަނޑުމެން އެންމެ ކުޑައިރުއްސުރެ ފެށިގެން ވަރަށް އެކުއެކީގައި އުޅެނީ، އަޅުގަނޑުމެންގެ އެއްބަނޑު އެއްބަފާ ހުރިހާ ބޭބެމެން، އަޅުގަނޑުމެންގެ ކޮއްކޮމެން. އަދި ހަމައެއާއެކު، އަޅުގަނޑުމެންގެ ދެބެންގެ ދެދަރި ހިސާބުން ފެށިގެން ބޮޑުބޭބެ، ބޮޑުދައިތައާ އެކީގައި، ވަރަށް އެކީގައި ގޯތިތެރޭގައާއި އަދި ރަށުގައިވެސް ހަމަ ވަރަށް އެކުވެރިކަމާއެކު އުޅުނީ. މިހާރުވެސް ހަމަ އެ ކަންތައްތައް އެބައޮތް އަޅުގަނޑުމެންގެ ތެރޭގައި. އަޅުގަނޑުގެ ޢާއިލާގެ އެއްބަނޑު އެއްބަފާ ކުދިންވެސް ގިނަ. ހަމަ ވަރަށް ބޮޑު. ގާތްގަނޑަކަށް އަޅުގަނޑުމެންގެ މިއީ 12. ދެން ހައެއް ހައެއް ތިބޭ. ދެން އެހެންވީމާ، ކުރާ ކޮންމެ ކަމެއްވެސް ވަރަށް އެކުއެކީގައި، ވަރަށް އެކުވެރިކޮށް، ވަރަށް ހިތްވަރާ އެކީގައި ކުރަނީ. އަޅުގަނޑަށް އެހީތެރިކަން ލިބޭ، އަޅުގަނޑުގެ މަންމަ، އަޅުގަނޑުގެ ބައްޕަ، އަޅުގަނޑުގެ އަންހެނުން، އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ހުރިހާ ބޭބެ، ދައްތަ އަދި އަޅުގަނޑުގެ ހުރިހާ ކޮއްކޮމެންގެ ފަރާތުން.

އެހެންވީމާ، އެ ޢާއިލީ ގުޅުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތަށް އަޅުގަނޑު ދެކެނީ. އެއީ ދުވަހަކުވެސް ނުކެނޑޭނެ އެއްޗެއް. އާއިލީ ގުޅުން އަބަދުވެސް އޮންނަންޖެހޭނެ. ޙަޔާތުގައި ކާމިޔާބު މީހަކަށްވާނީ، ޢާއިލީ ގުޅުމުގެ މައްޗަށް ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. ފުރަތަމަ އަޅުގަނޑުމެންގެ ގޭތެރެއިން ފެށެންޖެހެނީވެސް، ލޯތްބާއި އަޅައިލުމާއި އޯގާތެރިކަން. އެހެންވީމާ، އަޅުގަނޑަށް ހަމަގައިމުވެސް އަޅުގަނޑުގެ ޢާއިލާގެ އެއްބަނޑު އެއްބަފާ ހުރިހާ އެންމެން އަދި ގާތްތިމާގެ މީހުންވެސް ވަރަށް ރަނގަޅު. އަޅުގަނޑު އެކަން އަބަދުވެސް އަޅުގަނޑުގެ ހިތުގައި ބާއްވަން.

ފާޠިމަތު ޒީނަތު:

ދޮންތައާ އެންމެފަހުން ބައްދަލުވީ ނުވަތަ ވާހަކަފުޅު ދެއްކެވީ ކޮންއިރަކުތޯ؟ ބަދޫރާ މި ދެންނެވީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

މިހާރުވެއްޖެ ދެ ދުވަސްވަރު.

ފާޠިމަތު ޒީނަތު:

އެހެންވީމާ، ގުޅާލާނަން އަޅުގަނޑު.
السَّلَامُ عَلَيْكُمْ.

މުޙައްމަދު ރަމީޒު:

السَّلَامُ عَلَيْكُمْ.

ބަދޫރާ.

ބަދޫރާ:

وَعَلَىْكمْ السَّلَامُ.

މުޙައްމަދު ރަމީޒު:

ވަރަށް ބާއްޖަވެރި ހެނދުނަކަށް އެދެން އިނގޭތޯ.

ބަދޫރާ:

އާދެ، އަޅުގަނޑުގެ ފަރާތުންވެސް ހަމަ.

މުޙައްމަދު ރަމީޒު:

ކިހިނެއްތޯ ޙާލުއަޙްވާލު.

ބަދޫރާ:

الْحَمْدُ لِلَّـهِ.

ވަރަށް ރަނގަޅު އިނގޭތޯ.

މުޙައްމަދު ރަމީޒު:

ކޮއްކޯފުޅު އެބަ އިންނެވި އަޅުގަނޑުމެންނާ އެކުގައި.

ފާޠިމަތު ޒީނަތު:

ގުޅުއްވައިނުލައްވާތާ ދެ ދުވަސް ވެއްޖެއޭ ވިދާޅުވީ. ބަދޫރާ ކިހިނެއްތޯ.

ބަދޫރާ:

ހަމަ ރަނގަޅު އިނގޭތޯ.

ފާޠިމަތު ޒީނަތު:

އެބަ އިންނެވި އަޅުގަނޑުމެންނާ އެކީގައި. އަޅުގަނޑުމެން ބަދޫރާގެ އަރިހުން އޮޅުންފިލުވާލަން ބޭނުންވަނީ، އެންމެ ފުރަތަމަވެސް ދެން ޚާއްޞަކޮށް، ދެން ތުއްޕުޅުއިރުގެ ވާހަކަތައް އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ ދައްކަން. ގޭތެރޭގައި ފައިޞަލް ނަސީމަކީ ކޮންކަހަލަ ބޭފުޅެއްތޯ، އޭރު ކުޑައިރު އިނގޭތޯ؟

ބަދޫރާ:

އާދެ، ފައިޞަލަކީ ކުޑައިރުވެސް ވަރަށް ވަރަށް މަޖާ ކުއްޖެއް. އަޅުގަނޑުމެން ދެބެން ދެން ވަރަށް އެކީގައި އުޅުނީ. ވަރަށް ގިނަ ތަފާތު މެމޮރީސްތަކެއްވެސް ހުންނާނެ އަޅުގަނޑުމެން ދެބެންގެ. އަޅުގަނޑަށްވެސް އުނދަގޫކޮށް، ސަމާސާގޮތަށް މިހެން މަޖާކޮށް، ޑިސްޓަރބްކޮށް، އެގޮތަށް ވަރަށް އުޅޭނެ. އެކަމަކު އެންމެ ކުޑައިރުން ފެށިގެންވެސް، ގޯސް ކަންތައްތަކުގައި ބައިވެރިވެ، އެކަހަލަ އެއްވެސް ބައެއް ނޯންނާނެ ފައިޞަލްގެއެއް.

ފާޠިމަތު ޒީނަތު:

ތިޔަ ވިދާޅުވިކަހަލަ ސަމާސާއާއި، އެ ލޯތްބާ މިހާރު ކިހިނެއްތޯ އޮންނަނީ؟

ބަދޫރާ:

މިހާރުވެސް ހަމަ އެގޮތަށް އިނގޭތޯ. ދެން އަޞްލު ހުރިހާ ބޭފުޅުންވެސް ޤަބޫލުފުޅު ކުރައްވާނެ، މިހާރު ހުރިހާ އެންމެންވެސް މިއުޅެނީ ވަރަށް ބިޒީ ޝެޑިއުލެއްގައި ދޮގެއްތޯ. އެހެންވީމާ، ވާގޮތަކީ އަޅުގަނޑުމެންވެސް އަޅުގަނޑުމެންގެ ކަންތައްތަކާ އުޅެނީ. އަޅުގަނޑުމެންގެ ފެމިލީއަކީ ހަމަ ގުޅުން ވަރަށް ވަރުގަދަ ބައެއް. އެންމެ ކުޑަމިނުން އަޅުގަނޑުމެން ބަލަން، ހަފްތާއަކު އެއް ދުވަހު، މިސާލަކަށް، ހުކުރު ދުވަހު ލަންޗް ނަމަވެސް، ނޫނީވިއްޔާ ހަވީރު ސައި ނަމަވެސް އަޅުގަނޑުމެން އެއްކަލަ ގެޓް ޓު ގެދަރއެއް ހަދައިލެވޭތޯ. ހަމަ ފެމެލީ ގެޓް ޓު ގެދަރއެއް. އެގޮތަށް ހަމަ މިހާރުވެސް އެކަންތައް އޮންނަނީ.

މުޙައްމަދު ރަމީޒު:

އާދެ، އަޅުގަނޑުގެ ހިތަށްއަރަނީ ދޮންތައޭ ވިދާޅުވީމާ، ކިހާވަރެއްގެ ގުޅުމެއް އޮންނަ ބޭފުޅެއްތޯ މި ދޮންތައަކީ. ދެން ފައިޞަލްގެ ވާހަކައިގައި ވިދާޅުވެއްޖެ ވަރަށް ބޮޑަށް އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އެއީ، އަޅުގަނޑުގެ ދޮންދައްތަ، ދެން އަޅުގަނޑު އެކަނި ދޮންދައްތަ ކިޔާނީވެސް. އަޅުގަނޑުގެ އެހެން އެއްބަނޑު އެއްބަފާ ހުރިހާ ކޮއްކޮމެން ކިޔާނީ ދައްތަ. ދެން އަޅުގަނޑު އެކަނި އެ ނަން އޮންނަނީވެސް ދޮންދައްތަ ކިޔާ. އަޅުގަނޑުމެން ދެ މީހުން އެންމެ ކުޑައިރުގެ ހަނދާނަކަށް ހުންނަނީ ހިންދީލަވަ އަޑުއެހުން. އޭގެތެރެއިން ދެން އަޅުގަނޑުމެން ނިދަންޖެހޭ އަވަހަށް. އެކަމަކުވެސް، އަޅުގަނޑުމެން ވަގަށް ހޭލައި ތިބޭނެ، މި ދޮންދައްތައާއި އަޅުގަނޑާ "ވަކިވުމުގެ ކުރިން" އަޑުއަހަން. އެއީ ދެން ވަރަށް މުހިންމު ވަގުތުކޮޅެއް. ދެން ތަންކޮޅެއް ލަސްވެސް ގަޑިއެއް އެއީ ދިހަގަޑި ފަނަރަ ދޮގެއްތޯ.

މުޙައްމަދު ރަމީޒު:

ދިހަގަޑި ފަނަރައިގައި.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ދިހަގަޑި ފަނަރައިގައި އަންނާނީ. އަޅުގަނޑާބެހޭ ކޮމްޕްލެއިންވެސް، ޝަކުވާވެސް ކުރާނެ މަންމަ ގާތުގައި، އަޅުގަނޑު އުނދަގޫކުރާތީވެ. އެއީ ރަނގަޅު ވާހަކައެއް. ދޮންދައްތަވެސް އަޅުގަނޑު ކުޑައިރުވެސް ހަމަ ކަންތައްތައް ކިޔައިދޭނެ.

ފާޠިމަތު ޒީނަތު:

އެހެންވީމާ، ވަރަށް ޚާއްޞަ ދައްތައަކާ މި ގުޅާލެވުނީވެސް.

މުޙައްމަދު ރަމީޒު:

އާދެ، ބަދޫރާ ވިދާޅުވެދެއްވަފާނަންތޯ، އެއްވެސްކަހަލަ އެއްޗެއް ދެއްވަން، މިހާރު ތިމަންނާ ބޮޑުވެގެން މިވެނިކަމެއް ކޮށްދޭނަމޭ. އެކަހަލަ އެއްޗެއް ވިދާޅުވެފައި އެބައޮތްތޯ؟

ބަދޫރާ:

އާދެ، ވަރަށް ކުޑައިރު ފައިޞަލް ބުނާނެ. އަޞްލު އަޅުގަނޑުމެން ދެބެން އެކީގައި އުޅުނީ.

މުޙައްމަދު ރަމީޒު:

އާދެ، އެހާ ކުޑައިރު ދޮގެއްތޯ.

ބަދޫރާ:

އާދެ، އެހާ ކުޑައިރު. އެކަކު ރޭގަނޑުވެސް ފާޚާނާއަށް ދިޔައިމާ، އަނެއް މީހާ ހުންނާނީ ދޮރުކައިރީގައި. އަޅުގަނޑު ދާއިރު ފައިޞަލް ހުންނާނީ ދޮރު ކައިރީގައި. ދެން އެޒަމާނަކީ މި ފަންކާ އެއްޗިއްސެއްވެސް ހުންނަ ޒަމާނެއް ނޫން. މަދިރިވެސް އުޅޭނެ ބައެއްފަހަރު އިނގޭތޯ. އަޅުގަނޑު ހަނދާންވޭ، ވަރަށް ކުޑައިރުވެސް، ފައިގެ ދަށްފުށުގައި މަދިރި ހެފީމާވެސް އަޅުގަނޑު ބުނާނެ، އަޅެ މިތާ ދަތްއަޅައިދީ ބަލާށޭ. ވަރަށް ކަހައޭ އެބަ. ދެން އެކަހަލަ ކަންތައްވެސް އަޅުގަނޑުމެން ދެބެން ތެދުވެ، ގޮސްފައި އުނދޯލީގައި ތިބެގެން ކުރާނެ. ގައި ކަހައިދީ، ފައި ކަހައިދީ، ޢާންމުކޮށް އޮންނާނީ އެ ކަންތައްތައް.

ދެން އޭރުވެސް ރީތިކަމަށް ވަރަށް ލޯބިކުރަން. އަޅުގަނޑުމެންނަށް މަންމައާއި ބައްޕަގެ ފަރާތުން ދަސްވެފައި ހުރި ކަމެއް އެއީ ސާފުތާހިރުކަމާއި، ތަންތަން ރީތިކޮށް އަބަދު ބެހެއްޓުން. އެގޮތް ފައިޞަލްގެވެސް ހުންނާނެ. އަޅުގަނޑުގެވެސް، ހުރިހާ ކުދިންގެވެސް ހުންނާނެ. ދެން އަޅުގަނޑު ކޮޓަރީގައި އެނދާއި ތަންތަން ވަރަށް ރީތިކުރާއިރު ހުންނާނެ ދޮރުމަތީގައި މިހެން ބަލަހައްޓައިގެން. ހުރެފައި ކުރާނެ ކަމަކީ، ފުންމައިގެން އެނދުމައްޗަށް އަރާފާނެ. އަޅުގަނޑު ރުޅިއައިސްގެން ގޮސްފައި، ބައެއްފަހަރު ޖަހަން. އެކަހަލަ އުނދަގޫތައް ވަރަށް ކުރާނެ އަޅުގަނޑަށް. ބައްޕަމެންވެސް ހަމަ އެންމެ ކުޑައިރުން ފެށިގެންވެސް، ހަމަ އިރާދަކުރެއްވީތީ އަޅުގަނޑުމެންނަށް ވަރަށް ކޮލިޓީ އެއްޗިއްސާއި، ކޮލިޓީ ކަންކަން ދަސްކޮށްދެއްވާފައި ހުންނާނީ. އެހެންވީމާ، އެ ސިފަ ހުންނާނެ ފައިޞަލް ކިބައިގައިވެސް. ދެން ހަމަ އަޅުގަނޑުމެން އެންމެން ގައިގައިވެސް. ދެން ފައިޞަލް ބުނާނެ، ދޮންދައްތައަށް އެނގޭހޭ، ތިމަންނާ ބޮޑުވެގެންވާނީ ރިޒޯޓެއްގެ މެނޭޖަރަކަށޭ. ތިމަންނާ އޭރުން ދޮންދައްތައަށް ވަރަށް ރީތި ހެދުމާއި ބެލްސާއި، ވަރަށް ރީތި އެއްޗެހިތައް ތިމަންނާ ހޯދައިދޭނަމޭ. ދެން ﷲ އިރާދަކުރެއްވީތީ، އެ ހުވަފެންވެސް ހަމަ ކާމިޔާބުވި. ވަރަށް ޅަ ޢުމުރުގައި، އަޅުގަނޑު ހަނދާންވާގޮތުގައި، ޢުމުރުން ސޯޅަ، ސަތާރަ އަހަރުގައި، އަޅުގަނޑުމެންގެ ފެމިލީގެ ކަންތައްތައް ބައްޕައެއްގެ ހައިސިއްޔަތުން ބަލަހައްޓާނެ. އެހެންވީމާ، އެދުވަހު ބުނި ބަސްތައް ހަނދާނަށް އާދޭ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ދެން އެއީ ކުޑައިރުގެ ދޮގެއްތޯ.

މުޙައްމަދު ރަމީޒު:

ޢުމުރުން ހަތަރު ފަސް އަހަރުގެ ދޮގެއްތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ޢުމުރުން ތިން ހަތަރު ފަސް އަހަރު އާދެ، އޭރުގެ ހަނދާންތައް އެއީ. އެ ދެން މިހާރުވެސް އެބަހުރި. އަޅުގަނޑު ދޮންދައްތަ އެ ބުނި، އަޅުގަނޑު އިތުރުކޮށްލާނަން، އަޅުގަނޑު ބޭރަކަށް ނުދާނެ. ދުވަހަކުވެސް ރޭގަނޑު އަޅުގަނޑު ގެއިން ބޭރަކަށް ނުނިކުންނާނެ. އަޅުގަނޑަކަށް ނުދެވޭނެ ދޮންދައްތައާނުލައެއް، އެކަންޏެއް ނުނިކުންނާނެ. އެހެންވީމާ، ގެއިން ބަދިގެޔަށް ފެންތަށްޓެއް ބޯލާކަށްވެސް އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނުދެވޭނެ. އަޅުގަނޑު ވަރަށް ބިރުގަނޭ. އެހެންވީމާ، އަބަދުވެސް، ކޮންމެ ކަމެއް ކުރާއިރުވެސް، ކާންވިޔަސް ދޮންދައްތަ ހުންނާނީ ކައިރީގައި. އެކަނި އެއްވެސް ކަމެއް ނުކުރެވޭ. އެ ހަނދާންތައް އެބަހުރި.

މުޙައްމަދު ރަމީޒު:

އެ ވިދާޅުވި ހަމަ ކަންތައްތައް ބަރާބަރަށް ކޮށްދެއްވައިފިން ދޮގެއްތޯ. ވަޢުދުވެފައި ހުރި ކަންތައްތައް.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ދެން، ވަޢުދުތައް ފުއްދުމުގެ މަގުމަތީގައި މިއުޅެނީ ދޮގެއްތޯ.

ފާޠިމަތު ޒީނަތު:

ވަރަށް ބޮޑަށް އެހީތެރިވެދެއްވާކަން ހަމަ ވަރަށް ބޮޑަށް މަނިކުފާނުވެސް ތިޔަ ފާހަގަކުރެއްވީ. އަދި ބަދޫރާވެސް އެ ފާހަގަކުރެއްވީ. މިހާރު ދެން ކޮބައިތޯ ބަދޫރާ ޚާއްޞަގޮތެއްގައި، ފައިޞަލް ނަސީމް މި ހުންނެވި މަގާމުގެ ގޮތުންނާއެކީވެސް ދެއްވާނެ ނަޞޭޙަތަކީ، ނުވަތަ ދެއްވާ ނަޞޭޙަތަކީ.

މުޙައްމަދު ރަމީޒު:

ހަމަގައިމުވެސް ޒީނަތު ތިޔަ ފާހަގަކުރެއްވިހެން، ދައްތައާއި، މަންމައާއި، ބޮޑުބޭބެއާއި، ބޮޑުދައިތައާ، މި މީހުންނަކީ، ޢާއިލާގެ ހުރިހާ ކުދިން، ކޮންމެ މަގާމެއްގައި ހުއްޓަސް، ކޮންމެ ދުވަހަކުވެސް ރަނގަޅު ނަޞޭޙަތް ދޭނެ މީހުން.

ފާޠިމަތު ޒީނަތު:

އާދެ، މިހާރު ދެން ދެއްވާނެ ނަޞޭޙަތަކީ ކޮބައިތޯ؟

ބަދޫރާ:

އާދެ، މިހާރުވެސް އަދި އަބަދުވެސް އިނގޭތޯ. ފައިޞަލަކީ ޙަޔާތުގެ މިހާހިސާބަށް އައިސްފައި ހުރިއިރުވެސް، އަޅުގަނޑު ކުރިން ދެންނެވިގޮތަށް، ތެދުބަހުން ޙަޤީޤަތަށް ދަންނަވާ ކަމަށްވަންޏާ، އެއްވެސް މީހަކަށް މިހެން އިނގިލި ދިއްކުރެވޭނެ މީހެއް ނޫން، ނުސީދާ ގޮތަކަށްވެސް އިނގޭތޯ. އެކަހަލަ އެއްވެސް ސިފައެއް ނުހުންނާނެ، ﷲ އިރާދަކުރެއްވީތީ. އަޅުގަނޑުގެ އެއްބަނޑު މީހާއަށްވީތީކީ ނޫން. ހަމަ އެގޮތަށް އެކަންތައްތައް އޮތީ.

އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ، ކުރިއަށް އޮތް ތަނުގައިވެސް، ކޮންމެހެން ބަޔަކު އަދި އެއްޗެކޭ ކިޔާފާނެތީ، ނޫނީވިއްޔާ، ބަޔަކު ބަލައިގަންނާނެތީ، ނުގަންނާނެތީއެއް ނޫނޭ. ކުރިއަށް އޮތް ތަނުގައިވެސް ތިޔަ ޢަޒުމުގައި، ޙަޔާތުގެ އެންމެފަހު ނޭވާޔާ ހަމައަށް ތިޔަގޮތުގައި، ރީތިކަންމަތީގައި ސާބިތުވެ ހުންނާށޭ. އެއީ އަޅުގަނޑު ދޭނެ ނަޞޭޙަތަކީ.

ފައިޞަލަކީ އެންމެ ކުޑައިރުން ފެށިގެންވެސް، އޭރުވެސް އަދި މިހާރުވެސް މީހުންނާ ދޭތެރޭގައި ހިތުގައި ވަރަށް ބޮޑަށް ރަޙުމްވެސް ހުންނަ ކުއްޖެއް. އޭގެ ހެތްކަކީ މިސާލަކަށް، ހަމައެކަނި މުއްސަނދި މީހުންނަކާ ނޫން ފައިޞަލް ގުޅުން އޮންނާނީ. ރަށުގައިވެސް އެންމެ ނިކަމެތި މީހުންނާ އަބަދު ފައިޞަލާ ގުޅޭނެ. ބޭނުންވާ ވާހަކައެއް ބުނެވޭނެ. މީހަކު ނިޔާވެއްޖިއްޔާ ސަހަރާއަށް ދާނެ. އަދި ހޮސްޕިޓަލްތަކަށް އަބަދުވެސް ޒިޔާރަތްކޮށްފައި، ކޮންބަޔަކަށްތޯ ދަތިކަމެއް ދިމާވެފައި ތިބީ، ފައިޞަލްގެ ފެންވަރުން ބަލާނެ. ފައިޞަލަކީ އަނެއްހެން މާބޮޑު މުއްސަނދި މީހެއްނޫން. ނަމަވެސް، އެންމެ ކުޑައިރުއްސުރެ މިއަދާ ހަމައަށްވެސް އަޅުގަނޑަށް ހަމަ ދަންނަވާލަން ކެރޭ، އަޅުގަނޑުމެންގެ ރަށުގައި ފައިޞަލްގެ އެހީތެރިކަން، އެކި ތަފާތު ރޮނގުރޮނގުން ނުލިބޭ އެއްވެސް ރައްޔިތަކު ހަމަ ނުހުންނާނެއޭ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ދޮންދައްތައަށް ދެން އެންމެ ބޮޑަށް އެނގޭނީ ދޮގެއްތޯ. ދެން އެހެންނަމަވެސް، އަޅުގަނޑަކީވެސް ނުވާނެ ދޮގެއްތޯ ހުރިހާ ކަމަކަށް މޮޅު މީހަކަށް. އަޅުގަނޑު ދަސްކުރަންޖެހޭ ކިތަންމެ ކަންތަކެއް ހުންނާނެ. އަދިވެސް އިތުރަށް ރަނގަޅު މީހަކަށް ވުމަށްޓަކައި ދޮގެއްތޯ. އެހެންވީމާ، އެންމެ ކައިރިން ފެނުނީމާ، ދެން ދޮންދައްތައަށް ފާހަގަކުރެވޭނީ އެކަންތައްތައް. ދެން އެހެންނަމަވެސް އުޅުމުގައި، ކޮންމެ ދުވަހަކުވެސް، އާ ފިލާވަޅެއް ނަގަންޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އަދި އެންމެ ރަނގަޅު މީހާ ނޫން ކަމަށް އަޅުގނޑު އަބަދުވެސް ޤަބޫލުކުރަނީ. އެއަށްވުރެ ރަނގަޅު މީހަކަށް ވެވޭނެކަމަށް. މީހުންނަށްވެސް ރަނގަޅު މީހަކަށް ވެވޭނެކަމަށް.

މުޙައްމަދު ރަމީޒު:

ބަދޫރާ ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އަޅުގަނޑުމެންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލަދެއްވީތީ، މިހާ ހެނދުނާވެސް އިނގޭތޯ.

ބަދޫރާ:

އާދެ، އާދެ. ވަރަށް ބޮޑަށް މަރްޙަބާ.

ފާޠިމަތު ޒީނަތު:

އާދެ، ވަރަށް ބާއްޖަވެރި ދުވަކަށް އެދެން އިނގޭތޯ.

ބަދޫރާ:

އާދެ، އަޅުގަނޑުގެ ފަރާތުންވެސް.

ފާޠިމަތު ޒީނަތު:

ރަމީޒު، މިހާރު ޖޫނީ އިނީ ތައްޔާރަށޭ.

މުޙައްމަދު ރަމީޒު:

އާދެ، ވަރަށް ވާހަކަ އަޅުގަނޑުމެންނަށް ދެއްކިއްޖެއެއް ނޫންތޯ، ދޮގެއްތޯ.

ފާޠިމަތު ޒީނަތު:

އަޅުގަނޑު ދެން ހިތަށްއެރީ، ދެން ލަވަލަވައިގެ ނަންނަންވެސް ވިދާޅުވެ، ހަމަ ފާހަގަކުރައްވައިފި. 'ތެރާ ސާތުހޭ ކިތުނާ ޕިޔާރާ'، 'ދިލް މެހޮ ތުމް'. ދެން ލަވަލަވަ މިއަދު މިވަގުތު ގެނެސްދެވެން ނެތީމާ ދޮގެއްތޯ ދެރައީ. ޖޫނީ އެކަމަކު ވަރަށް ރީތި ލަވަތަކެއް މިހާ ހިސާބަށްވެސް ގެނެސްދިނީ. އެހެންވީމާ، ޖޫނީގެ ލަވަ ހަމަގައިމުވެސް ވަރަށް ރީތިވާނެ. އެހެންވީމާ، ލަވައަކަށްފަހު އަޅުގަނޑުމެން ބައްދަލުވާނީ ދޮގެއްތޯ.
                                      _______________________

ފާޠިމަތު ޒީނަތު:

ޝުކުރިއްޔާ ޖޫނީ. ރަމީޒު އެއްކަލަކަހަލަ ތަންކޮޅެއް އެދިޔައީ. ކިޔައެއްނުލާނަން.

މުޙައްމަދު ރަމީޒު:

އާދެ، އަޅުގަނޑަށް ކިޔައިލެވޭނީ ބިން...

ފާޠިމަތު ޒީނަތު:

ކިޔައެއްނުލާނެ.

މުޙައްމަދު ރަމީޒު:

އަޅުގަނޑު ދެން ލަވައިގެ ވާހަކަދައްކާލެވުނީމާ، ފައިޞަލް ފާހަގަކުރައްވައިފި، ވަރަށް ބޮޑަށް، ވަރަށް ގިނައިން ލަވަ އަޑުއައްސަވާ ވާހަކަ. އަޅުގަނޑު ހިތަށްއަރަނީ، ބައެއްފަހަރުފަހަރަށް އަޅުގަނޑުމެން ރައްޓެހިންނާއި ރަޙްމަތްތެރިންނާ އެކީގައި ވަގުތު ހޭދަކޮށްލައްވާއިރު، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ކަމެއް، މިހެން ލަވަ ކޮންމެވެސްވަރަކަށް ކިޔާލައި، އެކަހަލަ ކަމެއް ކުރައްވަންތޯ. ލަވަ ވިދާޅުވެ ކަންތައް ކުރައްވަންތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ދެން، ލަވަ ކިޔުމަކީ، އަޅުގަނޑުވެސް ވަރަށް ޝައުޤުވެރިވާ ކަމެއް އިނގޭތޯ. ދެންމެ މި އަޑުއިވުނީ ޖޫނީގެ ލަވަ. ހަމަ ކޮންމެ ދުވަހަކު، މި ލަވަ އަންނާނެ އިނގޭތޯ. ދެން އަޅުގަނޑުގެ ބޮޑު ދަރި މި ލަވަ ކިޔާނެ. އޯޓިޒަމް ދޮގެއްތޯ. ދެން ޖޫނީއާވެސް އެއް ޢުމުރެއް ގާތްގަނޑަކަށް އިނގޭތޯ އަޅުގަނޑުގެ އެ ބޮޑު ފިރިހެންކުއްޖާ އެއީ. ދެން ހަމައެއާއެކު، އަޅުގަނޑުމެންގެ ގޭތެރޭގައި އެ ލަވަ ކިޔަމުންކިޔަމުން އައިސް މިހާރު އަޅުގަނޑުގެ އެންމެ ހަގު ކޮއްކޮ ނަޒޫގެ ދަރިފުޅު މިހާރު އެ ލަވަ މި ކިޔަނީ. އަޅުގަނޑުގެ ކާފަވެސް ލަވަކިޔާ. ރައިވަރުކިޔާ. ދެން، އަޅުގަނޑުވެސް ލަވަކިޔައި އުޅެން އިނގޭތޯ. ދެން އަނެއްހެން ކޮންމެހެން ސްޓޭޖުގައި ކިޔާ ވާހަކައެއް ނޫން. އެކުވެރިންނާއެކު އަދި ގޭތެރޭގައިވެސް ލަވަކިޔުމަކީ، އެއީ ހިތްހަމަޖެހުން ގެނުވައިދޭ ކަމަކަށްވަނީ. މަދަޙަވެސް ކިޔަން އިނގޭތޯ. އެގޮތަށް، އަޅުގަނޑުގެ ހަނދާނަށް އަންނަނީ، މަރްޙޫމް ޢަބްދުﷲ ޙަސަން. އަޅުގަނޑުމެން ވަރަށް ކުޑައިރު އެއީ އަޅުގަނޑުގެ ބައްޕަ ގެންދަވާނެ އެ ގެޔަށް. އަޅުގަނޑުގެ ބައްޕަގެ ވަރަށް ގާތް ބޭފުޅެއް އެއީ. އާދެ، މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާވެސް ކުރަން.

އެއީ، އޭރުގެ އަސާސީ ތަޢުލީމުގެ ދުވަސްވަރުގެ ދޮގެއްތޯ. އެހެންވީމާ، އެ ލަވަތައްވެސް މިހާރުވެސް ހުރޭ. ހޯރަފުށީ ފަރީދާގެ ލަވަތައް އެއީ އަޅުގަނޑުގެ ބައްޕަގެ ވަރަށް ފޭވަރިޓް ލަވަތައް. ދެން އެއީ ޤައުމީ ލަވަތައް އިނގޭތޯ އަންނާނީ. އެހެންވީމާ، އޭގެތެރެއިން ގޮސް ހަމަ ލަވައާ ނުލައި ހަމަ ނޫޅެވޭ އިނގޭތޯ. ހަމަ މިހާރުވެސް ލަވަ އެހެން ކިޔާލީމާ ހިތްހަމަޖެހުންވެސް ލިބޭ. އަމިއްލައަށް ހުރެގެންވެސް ލަވަކިޔާއިރު، މި ލަވަ ކިޔާލެވޭ. އަމިއްލައަށް ފެންވަރާއިރު ލަވަކިޔާލެވޭ. ކޮޓަރިތެރޭގައި އެކަނި ހުންނައިރުވެސް ކިޔާލެވޭ. އަންހެނުންނާ އެއްކޮށް ލަވަކިޔާލެވޭ. ކޮއްކޮމެންނާ އެއްކޮށް އެގޮތަށް ހަމަ އެއީ.

މުޙައްމަދު ރަމީޒު:

އާދެ، އަޅުގަނޑުމެންނަށް ވަރަށް ގިނަ ވާހަކަތަކެއް މި ދައްކައިލެވުނީ. މަނިކުފާނުގެ އެންމެ ތުއްޕުޅުއިރުން ފެށިގެން އަޅުގަނޑުމެންނަށް މި އާދެވުނީ މިހާހިސާބަށް. އަޅުގަނޑުމެންނަށް އެނގޭ، މަނިކުފާނަކީ ދެންމެ ދޮންދައްތަ ދޮގެއްތޯ ފާހަގަކުރައްވައިފި، މީހުންނަށް ވަރަށް އެހީތެރިވެދެއްވާ ވާހަކަ. މަނިކުފާނަކީ އަމިއްލަ ފައުންޑޭޝަނެއްވެސް ހަމަ ގެންގުޅުއްވާ ބޭފުޅެއް. އިޖުތިމާޢީ ވަރަށް ގިނަ ކަންތައްތައް ކުރައްވާ. ކީއްވެގެންތޯ ސިޔާސީ ދާއިރާއަށް ވަޑައިގަތުމަށް ޝައުޤުވެރިވީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު އެކި ޕްރޮގްރާމްތަކުގައިވެސް ހުންނާނެ މި ވާހަކަ ދަންނަވައިލާފައިވެސް. އަޅުގަނޑުގެ ދޮންދައްތަ އެ ބުނިގޮތަށް، އެއީ ގާތްގަނޑަކަށް ޢުމުރުން ތިން ހަތަރު އަހަރު، ފަސް އަހަރުގެ ހަނދާންތަކުގެ ވާހަކަ މި އަންނަނީ. އޭރުވެސް އަޅުގަނޑުގެ ބައްޕަ ވަރަށް ގިނައިން ސިޓީ ލިޔުއްވައިދެއްވާނެ އިނގޭތޯ. އެކި ކަންތައްތަކުގައި، އެކި މައްސަލަތަކުގައި އެކި މީހުންނަށް އެކަންތައްތައް ވަރަށް ބޮޑަށް ކޮށްދެއްވާ ހަނދާން އަޅުގަނޑުގެ ހުރޭ. ދެން އަނެކަކަށް އެހީތެރިވުން ދެން އެއީ އަނެއްހެން އެއްޗެއް ގެއްލޭ ކަމަކަށް ނުފެނޭ އިނގޭތޯ، ހަމަ އެއްގޮތަކަށްވެސް. އަތުން، ޖީބުން ނުވަތަ މީހާގެ ވަގުތު މަދުވަނީކަމަކަށް ނުބެލެވޭ. ދެން އޭރު ވަރަށް ކުރިން އެއީ. ގާތްގަނޑަކަށް 1980 ގެ ފަހުކޮޅުގައި، ސްކޫލް ނިމުނު ދުވަސްވަރު. ދެން ގާތްގަނޑަކަށް 1990 ގެ ތެރޭގައި. އެއީ ދެން އަޞްލު މި ފެށުމަކީ.

ދެން ހަމައެއާއެކު، ކުޅިވަރު އަތުވެއްޖެ މާކުރީގައި. 1985 ވަނަ އަހަރު ފެށިއްޖެ. ދެން އެހެންވީމާ، ވަރަށް ގިނަ މީހުންނާއެކީ، ޒުވާނުންނާއެކީ އުޅުމުގެ ތެރެއިން، ދެން އެކަކަށް ދިމާވާ ދަތިކަންތައް އެބަ އެނގޭ. އެކަކު އަނެކަކަށް އެހީތެރިކަން އޮންނަންޖެހޭކަން އެނގޭ ދޮގެއްތޯ، އެހެން ދިމާވާ ކަންތައްތަކުގައި. އެގޮތަށް ގޮސް ކުރެވުނު ކަމެއް އެއީ. ދެން ކޮންމެހެން ސީދާ ވަކިކަމެއް އޭގެތެރެއިން ބޭނުންވެގެން، އެހެނެއްވެސް ނޫން. ދެން ކުޑައިރު އަޞްލު މި ކުރެވެނީ ކޮންކަމެއްކަން ރަނގަޅަށް ނޭނގޭ ޢުމުރުގައި، މި ކަންތައްތައް ފެށިފައި މިހުރީ. އެހެންވީމާ، އެއީ ދެން އުފަލެއް އިނގޭތޯ. މީހަކަށް ބައިސެންޓެއްވެސް އެހީތެރިކަމުގެ ގޮތުން، ތަނަވަސްކަން ކުޑަ މީހަކަށް އެ ދެވިއްޖެ ކަމަށްވަންޏާ، ނުވަތަ އެމީހަކު ބޭނުންވާ ކަމެއް ކޮށްދެވިއްޖެ ކަމަށްވަންޏާ. ހަމަގައިމުވެސް އަޅުގަނޑަށް ލިބޭ އިނގޭތޯ ވަރަށް ބޮޑު އުފަލެއް. ދެން އަޅުގަނޑު ބަލަނީ އެބޭފުޅަކަށް އަދި މާބޮޑު އުފަލެއް ލިބޭނެކަމަށް. އެހެންވީމާ، އެއީ ދެން އަޅުގަނޑު ޤަބޫލުކުރާގޮތް އޭގައި.

ފާޠިމަތު ޒީނަތު:

ތަޢުލީމީ ޙަޔާތްޕުޅު ނިންމަވައިލެއްވުމަށްފަހު، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްޕުޅު ތިޔަ ކުރެއްވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން. ދެން، ދޮންތަވެސް ވިދާޅުވެއްޖެ، ވަރަށް ތުއްޕުޅުއިރުގެވެސް ހުވަފެންފުޅެއް ކަމަށް ރިޒޯޓެއްގެ މެނޭޖަރަކަށްވުން. އެއީ ކިހިނެއް އުފެދުނު ޝައުޤެއްތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑުމެންގެ ވަރަށް ގިނަ ތިމާގެ މީހުން، ދެބެންގެ ދެދަރި ހިސާބުން ފެށިގެން ގޮސް، ތިބޭނެ ބޯޓުދަތުރު ކުރަން. އޭރު ދެން ބޯޓުދަތުރުކުރާ މީހުން ރާއްޖެއިން ބޭރުގައި ވަރަށްގިނަވާނެ. ދެން ހަމައެއާއެކު ރިޒޯޓުތަކުގައި. އެހެންވީމާ، އަޅުގަނޑުމެން ކުޑައިރު މި ދަންނަނީ، ދެ ކަމެއް އިނގޭތޯ. އެއީ ބޯޓުދަތުރުކުރުމާއި ރިޒޯޓުތަކަށްދިޔުން. އެހެންވީމާ، އަޅުގަނޑު ދެން އޭރު އަޅުގަނޑުގެ މަންމަ ކައިރީގައިވެސް އަޅުގަނޑު ބުނާނެ، އަޅުގަނޑު ބޮޑުވެގެން މެނޭޖަރަކަށް، ނޫނީ ކެޕްޓަނަކަށްވާނެ ވާހަކަ. އަޅުގަނޑުގެ ބައްޕައަކީވެސް ކެޕްޓަނެއް. ބައްޕަވެސް ކެޕްޓަންކަން ކުރައްވާނެ. ދެން އަބަދުވެސް ވިސްނުމުގައި އޮވޭ، ސްކޫލް ނިންމާލާފައި ދެން މަސައްކަތެކޭ ކުރަންޖެހޭނީ. ދެން އެ ކުރާއިރު ތަންކޮޅެއް ރަނގަޅަށް އުޅެލެވޭނީވެސް، އެ ވިސްނުމުގައި ހުރެގެން ދިޔައިމާ. މި ދެންނެވި ގޮތަށް ސްކޫލް ނިންމާފައި، އެއްވެސް ވަގުތެއް އިރާދަކުރެއްވީތީ ބޭކާރުނުކުރެވި، އަޅުގަނޑަށް ދެން މަސައްކަތު ނުކުމެވުނީމާ، ދެން އެހާ ގޯހެއްނުވި. އެހާ ގޯސްކޮށެއްނޫން ދިޔައީކީ. ދެން އަޅުގަނޑު ހިތްހަމަޖެހޭ.

ފާޠިމަތު ޒީނަތު:

އަޅުގަނޑުމެން މިހާހިސާބުން އެހުންތެރިޔަކަށް ފުރުޞަތު އަރުވާނަން. ނައިބު ރައީސާ ވާހަކަ ދައްކަވާލައްވަން.

السَّلَامُ عَلَيْكُمْ.

މުސްލިމް.

މުސްލިމް:

وعليكم السّلام ورحمة الله وبركاته.

ފާޠިމަތު ޒީނަތު:

ބާއްޖަވެރި ހެނދުނެއް. ކިހިނެއްތޯ ޙާލު.

މުސްލިމް:

ބާއްޖަވެރި ހެނދުނަކަށް އެދެން، ތިޔަ އެންމެހައި ބޭފުޅުންނަށްވެސް. އިރާދަކުރެއްވީތީ ހަމަ ހާލުއަހުވާލު ވަރަށް ރަނގަޅު އިނގޭތޯ.

މުޙައްމަދު ރަމީޒު:

މުސްލިމް، އަޅުގަނޑުމެންނާއެކީ މިއަދު ނައިބު ރައީސް ވަޑައިގެން އެބަ އިންނެވި. އެހެން ދުވަސްދުވަހާ އަޅުގަނޑުމެންގެ މިއަދުގެ ޕްރޮގްރާމާ ތަފާތު. ދެން އެހެންވީމާ، ނައިބު ރައީސާ ބައްދަލުވީމާ ފުރަތަމައިނުންވެސް އަޅުގަނޑު ހިތަށްއަރަނީ މުސްލިމަށް ހަމަ ފުރުޞަތެއް އަރުވާނަމޭ. ކޮބައިތޯ މުސްލިމް ބޭނުންފުޅުވާ ވާހަކައަކީ ނައިބު ރައީސާ ޙިއްޞާކޮށްލެއްވުމަށް.

މުސްލިމް:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ، އަޅުގަނޑަށް ހަމަ ނައިބު ރައީސާ ބައްދަލުވުމުގެ ފުރުޞަތު ލިބުނީތީވެ، އަޅުގަނޑަށް އަދި މިހާތަނަށް އޮންލައިންކޮށް އެއްފަހަރު ދެން ބައްދަލުވި ނައިބު ރައީސާ. އަޅުގަނޑު ޖަމުޢިއްޔާގައި މަސައްކަތް ކުރިއިރުގައި. ދެން އެހެންނަމަވެސް، މިކަހަލަ ފޯނުކޯލަކުން ބައްދަލުވުމުގެ ފުރުޞަތު ލިބުނީތީ ވަރަށް ބޮޑަށް އުފާކުރަން. އަޅުގަނޑު ހަމަ ކުޑަކުޑަ ވާހަކައެއް ދަންނަވާލުމާއެކު، އަޅުގަނޑުމެންގެ ދާއިރާއިން ކުޑަކުޑަ ސުވާލެއް އެބައޮތް އިނގޭތޯ ނައިބު ރައީސް.

އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑު މި ދަންނަވަން އުޅޭ ވާހަކަ، ފުރަތަމަ އެއަށްފަހު ސުވާލެއްކޮށްލާނަން. އަޅުގަނޑުމެން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް އައިސް ވަދެވޭނެ ގޮތެއް އަދިއެއްނެތް. އޯޑިއޯ ފޯމެޓުގައި އަޅުގަނޑުމެންނަށް ބޭނުންވާ ފިލާވަޅުތަކާއި ނުވަތަ މިސާލަކަށް، އެ މަންހަޖު ރެކޯޑު ކުރެވިފައި ނުވާތީ، އަޅުގަނޑުމެންގެ މި ތަޢުލީމީ ނިޒާމުގެ ތެރެއަށް ވަދެވޭނެ ގޮތެއް، އަދި ނުވިތާކަށް މި އަސާސީ ތަޢުލީމުގެ ބައި ނިމި، ދެން އެގާރަ ބާރައަށްފަހުގައި މި އޮންނަ ކޮލެޖް، ޔުނިވަރސިޓީ ކަހަލަ ތަންތަނަށްވެސް އަޅުގަނޑުމެންނަށް ހަމަ އެކްސަސްވެވޭނެ ގޮތެއް އަދި މި ދިވެހިރާއްޖޭގައެއް ނެތް އިނގޭތޯ. މިބުނި ދަތިތަކާހުރެ އަޅުގަނޑުމެންނަށް ހަމަ އޯޑިއޯ ފޯމެޓުގައި އެތާނގެ މަންހަޖާއި ނުވަތަ ނޯޓްސްތައް ލިބޭނެގޮތެއް ނެތީމާ، އަޅުގަނޑުމެންނަށް އަދި އެކްސެސްވެވޭނެ ގޮތެއްނުވޭ. ދެން މިހާތަނަށް ކަންތައްވެފައި އޮތް ގޮތަކީ، މިސާލަކަށް، ޔުނިވަރސިޓީ ކަހަލަ ތަނަކަށް، އަޅުގަނޑުމެން ކަހަލަ ހައެއްކަ ކުދިން ޖޮއިންކުރާ ހިސާބުން ކޮންމެވެސްވަރަކަށް ޔުނިވަރސިޓީ، ކޮލެޖް ކަހަލަ ތަންތަންވެސް އެލާޓަށް އައިސްގެން، ބައެއްކަހަލަ ފަސޭހަތައްވީނަމަވެސް، ރަސްމީ ސިފައެއްގައި އިނގޭތޯ، އެއްވެސް ތަނެއްގައި ރަސްމީ އުޞޫލެއްގެ ދަށުން އަޅުގަނޑުމެންނަށް މިކަހަލަ ކަންތައްތައް ވެފައެއްނެތޭ އަޞްލު.

އެހެންވީމާ، އަޅުގަނޑުގެ ސުވާލަކީ، މި ކަންތައްތަކަށް ކިހާވަރެއްގެ މަސައްކަތެއްތޯ، މިދިޔަ ވޭތުވެދިޔަ ތާނގައި ކުރެވިފައިވަނީ. ދެން ކުރިއަށް އޮތް ތާނގައި މަނިކުފާނުގެ ވިސްނުންފުޅަކީ ކޮބައިތޯ، އަޅުގަނޑުމެންގެ ތަޢުލީމީ ކަންތައްތަކާ ބެހޭގޮތުން. ދެން މިހެން ދަންނަވާއިރުވެސް، އަޅުގަނޑު ހަމަ ފާހަގަކޮށްލަން އިނގޭތޯ. ދިވެހި ލިޔުންތައް، ލޯފަން މީހުންނަށް ކިޔާލައި، ދިވެހި ލިޔުންތައް ލިޔެވޭނެ ސޮފްޓްވެއަރއެއް ތައްޔާރުކުރުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން އެބަ ކުރިއަށް ގެންދަވާ. އެހެންނަމަވެސް، އަޅުގަނޑުގެ ތަޖުރިބާގެ އަލީގައި އިނގޭތޯ. އަޅުގަނޑު ހަމަ މިކަހަލަ ބޭރު ބައެއް ޓެކްސްޓް ސްޕީޗްތަކާއި ސޮފްޓްވެއަރތައް ތަޖުރިބާކުރާ ފަރާތެއްގެ ތަޖުރިބާގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެއީ އަޞްލު ވަރަށް ދުވަހޭ. އެހެންނަމަވެސް، ވަރަށް ސިމްޕަލް ކަމެކޭ، އަޅުގަނޑުމެންނަށް މި ދަންނަވާ ކަންތައްތަކަށް އާދެ، އޯޑިއޯ ފޯމެޓަށް އަޅުގަނޑުމެންނަށް ލިބޭނެގޮތެއް ވެއްޖިއްޔާ. ދެން އެއީ ވަރަށް ފަސޭހަ ކަމެކޭ. މަންހަޖަކީ އަބަދުއަބަދު ބަދަލުވާ އެއްޗެއް ނޫން ދޮގެއްތޯ. އެހެންވީމާ، އެ ސުވާލުކޮށްލަން ބޭނުންވަނީ.

މުޙައްމަދު ރަމީޒު:

ހިންގަވާ ނައިބު ރައީސް ވިދާޅުވާ އެއްޗެއްވެސް ބަލައިލަމާ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، މުސްލިމް ވަރަށް ބާއްޖަވެރި ދުވަހަކަށް އެދެން އިނގޭތޯ. ވަރަށް އުފާކޮށްފިން، މުސްލިމާ އަޅުގަނޑަށް މި ބައްދަލުވެވުނީތީ މިގޮތަށް ފޯނުން.

މުސްލިމް:

އާދެ، އަޅުގަނޑު ދެންނެވީމެއް ނޫންތޯ އޮންލައިންކޮށް ބައްދަލުވި ވާހަކަ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

ދެން އެ ވިދާޅުވާ ގޮތަށް އަޞްލު ޙަޤީޤަތަކީ، މިއަދާ ހަމައަށް އައިއިރު، ވޭތުވެދިޔަ ތާނގައި އެހާ ބޮޑަށް މި ފަރާތްތަކަށް ބޭނުންވާނެ ހުރިހާ ކަންތައްތަކެއް ފުރިހަމަކުރުމުގައި، އެގޮތަށް ވިސްނައިގެން، އެގޮތަކަށް ނޫން ދިޔައީ މާޒީގައި ދޮގެއްތޯ. ދެން ލޯފަން ކުދިންނާއި އަދި އެކިއެކި ޗެލެންޖަސް ހުރި ފަރާތްތައް، ފިޒިކަލް ޑިސްއެބިލިޓީ، ހަމަ ވަރަށް ގިނަ. އެއީ، އަޅުގަނޑުމެންގެ މުޖުތަމަޢުގެ އެއްބައި ދޮގެއްތޯ. އެހެންވީމާ، އަޅުގަނޑުމެން ޙަޤީޤަތުގައި ކުރާ ކޮންމެ ކަމެއްގައި، މި މިސްކިތްތަކަށްވެސް އަދި މަގުމަތީގައިވެސް ހިނގައިލެވޭނެ ގޮތަށް، ފުރޮޅުލީގޮނޑީގައި އުޅެލެވޭނެ ގޮތަށް، މި ޚިދުމަތްދޭ ތަންތަނަށްވެސް މި ހުރިހާ ކަމެއް އޮންނަން އެބަޖެހޭ ދޮގެއްތޯ. އެހެންނަމަވެސް، އެކަން ރޭވިގެން އައީކީ އެ ގޮތަކަށް ނޫން.

އެހެންނަމަވެސް، މިހާރު ހަމަ އެނގިވަޑައިގަންނަވާނެ، މި ސަރުކާރުން ހަމަ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު ސިޔާސަތެއް، ހަމަ އެންމެން އެކުގައި އުޅެވޭނެގޮތަކަށް މުޅި މާޙައުލު އެކީ ބައްޓަންވެގެން ދިޔުން. އެގޮތުން، ތަޢުލީމީ ފުރުޞަތުތައް ފަހިވެގެންދިޔުމަށް ކޮލެޖް، ޔުނިވަރސިޓީތަކުގައިވެސް އަދި ސްކޫލްތަކުގައިވެސް އެކަމަށްޓަކައި އަޞްލު މަސައްކަތްތަކެއް އެބަ ކުރެވޭ. އަޅުގަނޑު ޤަބޫލުކުރަނީ، ހަމަ އެކިއެކި ފަރާތްތަކަށް ސީދާ ހަމަ މުސްލިމްމެން އެކަންޏެއް ނޫން. އެކިއެކި އެސޯސިއޭޝަންތައް އެބަހުރި. ހުރިއިރު، ހަމަ ބައްދަލުކުރެވި، އެކަންތައްތައް ޙައްލުކުރުމަށްޓަކައި އެކުގައި މަސައްކަތްތަކެއް ކުރެވޭ. ދެން އަޅުގަނޑުގެ ހަނދާނަށް އަންނަނީ ވަރަށްފަހުންވެސް ރައީސުލްޖުމްހޫރިއްޔާވެސް ބައްދަލުކުރެއްވި ހަމަ އެ އެސޯސިއޭޝަންގެ ބޭފުޅުންނާ. އޭގައިވެސް އެ ބޭފުޅުންގެ ކަންބޮޑުވުންތަކެއް ހުރި.

އެހެންވީމާ، އެކަމައިގެން އަޅުގަނޑުމެން ހަމަ އެބައުޅެން. ދެން ކުރީ ދުވަހުވެސް މީޓިންގގައި އަޅުގަނޑު ދަންނަވާފައި އޮންނާނެ، އަޅުގަނޑާ ސީދާ ގުޅޭނެޔޭ. މި ހުރިހާ ޖަމުޢިއްޔާތަކުގެ ބޭފުޅުންނަށްވެސް އަޅުގަނޑާ ގުޅޭނެޔޭ. އެ ބޭފުޅުންގެ ކުދިކުދި ކަންތައްތަކުން ފެށިގެންވެސް އަޅުގަނޑުމެންނަށް ވަގުތު އޮންނާނެއޭ، އެ ބޭފުޅުންނަށް ދިމާވާ ކަންތައްތަކުގެ އަޑުއަހަން. އަޅުގަނޑުމެން ޤަބޫލުކުރަނީ އެ ވާހަކަވެސް ދައްކަން އެންމެ ރަނގަޅު ބަޔަކީވެސް، އެކަމެއް ދިމާވާވެސް މީހުންނޭ.

އެހެންވީމާ، ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑު އެދެނީ، އަޅުގަނޑުމެންނާއެކީ ތިޔަ ވިދާޅުވި ކަންތައްތަކުގައިވެސް އަޅުގަނޑުމެންގެ އެކިއެކި މިނިސްޓްރީތަކާއި، އެކިއެކި ކޮލެޖް ޔުނިވަރސިޓީއާ، މި ތަންތަނާއެކީ ހަމަ މަސައްކަތް ކުރަން. އަޅުގަނޑަށް ހީވަނީ ކަންތައްތައް ހަމަ ރަނގަޅުވާނެހެން އިނގޭތޯ. ﷲ އިރާދަކުރެއްވިއްޔާ، ދުވަހެއްދުވަހަކަށް ކަންތައްތައް ރަނގަޅުވާނެ. އެ އުންމީދު އަޅުގަނޑުމެންގެ އޮންނަން މިޖެހެނީ. އެހެންވީމާ، އަޅުގަނޑު ވަރަށް އެދެން އިނގޭތޯ، އަދި އަޅުގަނޑަށް ވަކިން ގުޅައިދެއްވުމަށް މުސްލިމް. އަޅުގަނޑު ބޭނުން، ތަންކޮޅެއް ދިގުކޮށް މި ވާހަކަދައްކާލަން. އެހެންވީމާ، އަޅުގަނޑަށް ގުޅައިދެއްވާތި، މިއަދު މެންދުރުފަހު ގަޑިއެއްގައި އިނގޭތޯ. އަޅުގަނޑަށް މެސެޖެއް ކޮށްލައްވާ އިނގޭތޯ. އޭރުން އަޅުގަނޑު ގުޅާނަން އިނގޭތޯ މުސްލިމް.

މުސްލިމް:

އާދެ، ޝުކުރިއްޔާ އަޅުގަނޑު ހަމަ ގުޅާލާނަން. ރަމީޒު، އަޅުގަނޑު ހަމަ ކުޑަކުޑަ ނުކުތާއެއް ފާހަގަކޮށްލަން އިނގޭތޯ.

ފާޠިމަތު ޒީނަތު:

ވަރަށް ކުރުކޮށްލައްވައްޗޭ އިނގޭތޯ.

މުސްލިމް:

އާދެ، ވަރަށް ކުރުކޮށްލާނަން.

ފާޠިމަތު ޒީނަތު:

އާދެ.

މުސްލިމް:

މިސްކިތުގެ ވާހަކަ ދެންނެވީމާ، އަޞްލުގައި މި ކާޕެޓް އަޅާފައި މިހާރު ވަރަށް ގިނަ ޢަދަދަކަށް މިސްކިތްތަކުގައި މި ހުންނަނީ. މި ކާޕެޓް އެޅުމުގެ ސަބަބުން އަޞްލު ސަފުތައް ވަކިކުރުމުގައި، ލޯފަން މީހުންނަށް އަޞްލު ވަރަށް އުނދަގޫ. ހަމަ މިސްކިތުގެ ވާހަކަ ދެންނެވީމާ، ހަމަ އެ ކަންތައް އަޅުގަނޑަށް ފާހަގަކޮށްނުލައި ހަމަ އިންނަން އުނދަގޫވީ.

މުޙައްމަދު ރަމީޒު:

އާދެ، އަޑުއައްސަވަން އިންނެވީ.

ފާޠިމަތު ޒީނަތު:

ދެން ގުޅުއްވާލައްވާ އިނގޭތޯ މުސްލިމް، އެ ވިދާޅުވި ގަޑީގައި.

މުސްލިމް:

އާދެ، އަޅުގަނޑު ގުޅާލާނަން.

ފާޠިމަތު ޒީނަތު:

ވަކިވެލާނަމޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ، މުސްލިމް ބައިވެރިވެވަޑައިގެންނެވީމާ.

މުސްލިމް:

ވަރަށް ބޮޑަށް ޝުކުރިއްޔާ. ތިޔަބޭފުޅުން އަޅުގަނޑަށް ފުރުޞަތެއް ދެއްވީތީ. ހަމަ އަޑުގެ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، އެންމެހައި މުވައްޒަފުންނަށާއި، ހަމަ އަޑުގެ އެހުންތެރިންނަށް، އަޅުގަނޑުގެ އަމިއްލަ ނަމުގައިވެސް ފޮނުވައިލަން.

ފާޠިމަތު ޒީނަތު:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑުމެންނަށް މިހާރު ޕްރޮގްރާމާ އެކީގައި ކުރިއަށްދާންވެސް މިއޮތީވެސް ވަރަށް ކުޑަ ވަގުތުކޮޅެއް. އެހެންނަމަވެސް، އަދި ހަމަ ވަރަށް މުހިންމު ކަންތައްތައް އެބަހުރި، އަޅުގަނޑުމެން އޮޅުންފިލުވާލަން ބޭނުން. ދެން ވިދާޅުވެއްޖެ، ކުރިން އަނބިކަނބަލުންނާ އެކީގައި ހަމަ ލަވަވެސް ވިދާޅުވެ އުޅުއްވާ ވާހަކަ ދޮގެއްތޯ. އެހެންވީމާ، އަޅުގަނޑު ހިތަށްއަރަނީ ގޭތެރޭގެ ކަންތަކުގައި، ކުދިންގެ ކަންތަކުގައި ކިހާވަރަކަށް، ކޮންކަހަލަ އެހީތެރިކަމެއް ފޯރުކޮށްދެއްވަންތޯ އަނބިކަނބަލުންނަށް.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ދެން އެނގިވަޑައިގަންނަވާނެ، އަޅުގަނޑުގެ ދިރިއުޅުން، އަޅުގަނޑު ތަޖުރިބާކުރާ ކަންތައްތައް ތަޖުރިބާކުރާނެ ބޭފުޅުންވެސް ހަމަ ތިބޭނެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ދިރިއުޅުން އަޅުގަނޑެއް ނުދަންނަވާނަން އެންމެ ނޯމަލްކޮށޭ، އެއީ އަޅުގަނޑުގެ ބޮޑު ފިރިހެން ދަރިފުޅަށް 18 އަހަރުމިވީ. އަޅުގަނޑު ދެންނެވިން މި އޯޓިޒަމްއޭ. ދެން އެހެންވީމާ، ގޭތެރޭގައިވެސް ތަފާތުވާނެ ދޮގެއްތޯ. އަޅުގަނޑަށް ފެނުނީ އަޅުގަނޑުގެ އަންހެނުންނަށްވެސް، ހަމަ ވަރަށް ބުރަ. އެނގިވަޑައިގަންނަވާނެ، ޢާންމު ކުއްޖެއް ބެލެހެއްޓުމާއި، އެކަހަލަ ކުއްޖެއްގެ ކަންތައްތައް ބެލުމާވެސް ވަރަށް ތަފާތު. އެހެންވީމާ، އަޅުގަނޑަށް އަޅުގަނޑުގެ ބައްޕަގެ ފަރާތުންވެސް ފެނުނީ އެ ކަންތައްތައް ހަމަ މަންމަޔާއެކީ، މި ހުރިހާ މަސައްކަތްތަކެއް ބައްޕަ ހަމަ ކުރައްވާ. އަޅުގަނޑުމެންނަށް އޭރުވެސް ޤަބޫލެއްނުކުރެވޭ، އެއްޗެހި ދޮވެ އިސްތިރި ކުރުމަކީވެސް، އެއީ ހަޑި ކަންތައްތައް ކަމަކަށް. އަޅުގަނޑަށްވެސް އެނގޭނެ، އެއްޗެހި އިސްތިރި ކުރަންވެސް އިނގޭތޯ. ހަމަ ވަރަށް ރީތިކޮށް ގަމީސްވެސް އިސްތިރިކޮށްލާނަން. އަޅުގަނޑުވެސް ހަމަ ފަޓުލޫނުވެސް އިސްތިރިކުރާނަން. ގޭތެރޭގައި ކުރަންޖެހޭ ކޮންމެ ކަމެއް، ދަރިންގެ ކަންތައްތަކުގައިވެސް، ދަރިން ފެންވަރުވަންވިޔަސް، ދަރިންގެ ކަންތައްތައް ބެލެހެއްޓުމާއި އަދި ކާންދިނުމަށްވިޔަސް، އެއީ ހަމަ އަޅުގަނޑު ހަމަ ކުރާ ކަންތައްތައް. ދެން އަޅުގަނޑުގެ އަންހެނުން، އަޅުގަނޑު ދަންނަވާނީ ވަރަށް ރަނގަޅޭ އިނގޭތޯ. ވަރަށް ރަނގަޅު. މިދިޔަ ވަރަށް ތަފާތު އެކިއެކި މަރުޙަލާގައި، އެކި ކަންތައްތަކުގައި އަޅުގަނޑު އުޅެމުން ދިޔައިރު، ގޭތެރެއިން އަޅުގަނޑަށް ލިބެންޖެހޭ، އެ ސަޕޯޓް އިނގޭތޯ ހަމަ އަބަދުވެސް ހަމަ ލިބޭތީވެ، އަޅުގަނޑު ޤަބޫލުކުރަނީ ހަމަ މިއަދުވެސް އަޅުގަނޑަށް މިގޮތަށް މި ހުރެވެނީ ކަމަށް.

މުޙައްމަދު ރަމީޒު:

ފަރިއްކުޅުއްވަން އެއްޗެއް ކައްކާލައްވައި ހައްދަވަންތޯ؟ ކޯޗެއްތޯ އެންމެ މީރުކޮށް ހައްދަވަނީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑަށް ނުކުރެވޭ ކަމެއް އަޞްލު އެއީ އިނގޭތޯ. އާދެ، އަޅުގަނޑު އަނެއްހެން ދޮގެއް ނުހަދާނަން. އަޅުގަނޑަށް ނުކުރެވޭ ކަމެއް އެއީ. ކޮފީ ހަދާލާނަން ވަރަށް މީރުކޮށް. ވަރަށް މީރުކޮށް ކޮފީ ހަދާލާނަން. ކުރީގައި ދެން ނޫޑްލްސް ކައްކާލެވޭ. އެއީ ދެން އަނެއްހެން މާގިނަ އެއްޗެއް އަޅަންޖެހޭ އެއްޗެއް ނޫން. އެތެރޭގައި އޮންނާނެ ޕެކެޓެއް ދޮގެއްތޯ. އޭތި ކަނޑާލާފައި އަޅާލާނީ.

މުޙައްމަދު ރަމީޒު:

ބައެއް ބޭފުޅުން ވިދާޅުވޭ، ތިމަންނާއަށް އެންމެ ރަނގަޅަށް ކުރެވޭ ކަމަކީ ބިހެއް ކައްކާލުމޭ. ދިހަވަރަކަށް މިނިޓް ބާއްވާފައި ނެގީމާ ރަނގަޅުވާނެއޭ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ކޮފީ ހަދާނަން ވަރަށް މީރުކޮށް. އަޅުގަނޑުގެ ރައްޓެއްސެއް ބޭނުންކަމަށްވަންޏާ، އަޅުގަނޑަށް ކޮފީއެއް ހަދައިލެވިދާނެ.

މުޙައްމަދު ރަމީޒު:

މި ފުވައްމުލަކަކީ ވަރަށް މަޝްހޫރު ތުނޑިއެއް އޮތް ރަށެއް އިނގޭތޯ. ތޫނޑުކަންނޭނގެ ކިޔަނީ އަޅުގަނޑަށް ހީވާގޮތުން އިނގޭތޯ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ.

މުޙައްމަދު ރަމީޒު:

އެރިވަޑައިގަތިންތޯ؟ ލޮނު ބޮވުނުތޯ އެއްފަހަރުވެސް؟

ފާޠިމަތު ޒީނަތު:

އާދެ، ވަރަށް ނުރައްކާވެސް ސަރަޙައްދެއް ދޮގެއްތޯ އެއީ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އަޅުގަނޑުގެ އެކަހަލަ ކަންތައްތައް ވަރަށް އެހެންކަހަލަ. އަޅުގަނޑު ހަމަ އެ ވާހަކަ ދައްކާކަށްވެސް ބޭނުމެއްނުވޭ އިނގޭތޯ. އަޅުގަނޑު ގަހަކުން ވެއްޓުނު އިނގޭތޯ. އެއީ ދެން ކުޑައިރު. ދޮންދައްތަ އެ ބުނި ދުވަސްވަރުގެ ކަންތައްތައް މުޅިން މި އުޅެނީ.

މުޙައްމަދު ރަމީޒު:

އަނެއްހެން ހިފިނުހުރެގެން އުޅުނު ދުވަސްވަރު.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، އާދެ. ނުހިފެހެއްޓިގެން މުޅިން އެހެން އުޅޭނީ. ގަހުންވެސް ވެއްޓުނު. ފުރާޅުން ކައްސާލައިގެންވެސް ވެއްޓުނު. އަޅުގަނޑު ފުރާޅަށްވެސް ވަރަށް އަރާހިތްވާނެ. ކުޑައިރު ވަރަށް މަޖާ ކަންތައްތައްވި އިނގޭތޯ. އަޅުގަނޑު ދައްކަން ބޭނުންނުވާ ވާހަކައެއް، އެ މޫދުގައި އަޅުގަނޑާވެސް އެ ދިމާވި ހާދިސާ އިނގޭތޯ. އެހާ ކުޑައިރަކު ނޫން އެއީ އިނގޭތޯ. ގާތްގަނޑަކަށް ޢުމުރުން 17 ވަރަކަށް އަހަރު، 18 ވަރަކަށް އަހަރު. އަޅުގަނޑު ވަޅަކަށްވެސް ވެއްޓުނު. ވަރަށް ތިރިކޮށް ވަޅު ހުންނާނީ ދޮގެއްތޯ.

މުޙައްމަދު ރަމީޒު:

އާދެ، އާދެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އެކްސިޑެންޓްވީ ސަކަރާތް ޖެހުމުގެ ތެރޭގައި. މަންމަ ފުންމާލީ. އެހެންވީމާ، އެއީ އެ ދުވަސްވަރުގެ ހަމަ ކަންތައްތައް.

ފާޠިމަތު ޒީނަތު:

އާދެ، އަތޮޅުތެރޭގެ ރަށެއްގައި އުޅެ ބޮޑުވާ ކުއްޖަކަށް، އެކަހަލަ މާޙައުލެއްގައި އުޅެ ބޮޑުވާ ކުއްޖަކަށް ދިމާވާނެ ޚާއްޞަ ހުރިހާ ކަމެއް ދިމާވެފައި މިހުރީ ދޮގެއްތޯ. މި ދެން، ސިޔާސީ ދާއިރާގައި އުޅުއްވާއިރު، ކޮބައިތޯ އެންމެ އުނދަގޫފުޅުވާ ކަމަކީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑު ޤަބޫލުކުރަނީ، ކޮންމެ ކަމަކާވެސް ކުރިމަތިލައިގެން ކުރަންޖެހޭނެއޭ. ފަސޭހަ ކަމެއް ދެން ނޯވޭ ދިރިއުޅުމުގައި ދޮގެއްތޯ. މިހާރު ދެން އާމްދަނީ ހޯދުމަށްޓަކައިވެސް ބުރަ މަސައްކަތްވެސް ކުރަންޖެހެނީ. މިއަދު ދެން ވަރަށް ތަފާތު ދޮގެއްތޯ. ރައްޔިތުންގެ އެންމެ ކުދިކުދި ކަންތައްތަކުން ފެށިގެންގޮސް އެންމެ ބޮޑެތި ކަންތައް. މި ހުރިހާ ކަމެއް އަޑުއެހުމުގެ ޤާބިލުކަމާއި، އެ ކެތްތެރިކަން ހުންނަން އެބަޖެހޭ ދޮގެއްތޯ.

މުޙައްމަދު ރަމީޒު:

އާދެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އެހެންވީމާ، ވަރަށް ބޮޑެތި ބަދަލުތަކެއް ރާއްޖެއަށް މި އަންނަނީ ދޮގެއްތޯ. އެހެންވީމާ، އަޅުގަނޑުމެން މިހާރު މިއުޅެނީ ފަސްދޮޅަސް، ހަތްދިހަ އަށްޑިހައިގެއެއްވެސް ނޫން ދޮގެއްތޯ. މުޅި ދުނިޔެއާ ލާމެހިފައި އޮތްއިރު، ހަމަ އެހެން ޤައުމުތަކުގައި ކުރިއަރައިދާ ކޮންމެ ޤައުމެއްގައި ހުންނަ ހުރިހާ ކަމެއް ދިވެހިންނަށްވެސް ބޭނުންވާނެ. ކޮންމެ ޢާއިލާއަކުންވެސް ބޭނުންވާނެ، ކޮންމެ ކުއްޖަކީވެސް ކިޔަވައިގެން ހުރި ތަޢުލީމީ ޤާބިލު ކުއްޖަކަށް ހަދަން. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އެކަންތައްތައް ފުރިހަމައަށް ކޮށްދިނުމުގެ މަސައްކަތަކީ އެއީ ދެން ފަސޭހަ ކަންތައްތަކެއް ނޫންހެން. ދެން އުނދަގޫ ކަމަކީ މިއީ. ވަރަށް އެހެންކަހަލަ ދުވަސްވަރެއް. ކަންބޮޑުވާކަހަލަ ކަންތައްތަކެއް ކުރިމައްޗަށް މިއައީ. ކުއްލިއަކަށް މިދިމާވީ ދޮގެއްތޯ. އެހެންވީމާ، އޭގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިނގޭތޯ ކަންބޮޑުވެވަޑައިގެންނެވި، މި ކޯވިޑުގެ ކަންތައްތަކުގައި ދިމާވި ކަންތައްތަކާ ގުޅިގެން. އަޅުގަނޑުމެންވެސް އެކަމާ ކަންބޮޑުވެ، ހަމަ ވަރަށް ހަމަ އެކުއެކީގައި ޓީމެއްގެ ގޮތުގައި މުޅި އެންމެންއެކީ މަސައްކަތް ކޮށްގެން ދޮގެއްތޯ، މިހިސާބަށް އަޅުގަނޑުމެންނަށް މި އާދެވުނީ. އެއީ ދެން ވަރަށް އުނދަގޫވެގެންދިޔަ ކަމެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ.

މުޙައްމަދު ރަމީޒު:

ދެން ވަރަށް އެހެންކަހަލަ ދިރިއުޅުމެއް ތިޔަ ވިދާޅުވީ. މީހުންނަށް އެހީތެރިވެދިނުމާއި، އިޖުތިމާޢީ ވަރަށް ގިނަ ކަންތައްތަކާއި، ކުޅިވަރާ، ދެން މިހެންގޮސް ވަރަށް ގިނަ ކަންތައްތަކުގައި އުޅުއްވައިފި. ދެން ބައެއް ބޭފުޅުން ވިދާޅުވާ އެއްޗެއް، ތިމަންނާ މި ސިޔާސީ ދާއިރާއަކަށް ނުވަންނާނަމޭ. މިއީ ވަންނަވަރުގެ ދާއިރާއެއް ނޫނޭ. ސިޔާސީ ދާއިރާއަށް ވެދެވަޑައިގަތުމަށް ޝައުޤުވެރިކަން އުފެދުނީ ކީއްވެގެންތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑަކަށްވެސް ނޭނގެ އިނގޭތޯ. އަޅުގަނޑު އެއްވެސް ކަމަކަށް ވަކި ސީދާ ތައްޔާރެއްނުވަން. އަޅުގަނޑު ކުރަން ބޭނުންވާ ކަމެއްނޫން އެއީ، ކޮންމެހެން ވަކިން ތައްޔާރުވާންޖެހޭނެއޭ، ވަކި މަގާމަކަށް އައުމަށްޓަކައި. 2000 ވަނަ އަހަރުގެ މެދުތެރޭގައި އަޅުގަނޑަށް ޚާއްޞަ މަޖިލީހަށް ވަދެވުނީ. ދެން އޭރު ހަމަ ޒުވާނުންނާއި ރައްޔިތުންނާއެކީ އޭރުވެސް ރަށުގެ ކުޅިވަރު ކަންތައްތަކުގައި، ހަމަ ވަރަށް ބޮޑަށް އުޅެވުނީ. އަޅުގަނޑުގެ ގާތުގައި ބައްޕަ ވިދާޅުވީ، ޚާއްޞަ މަޖިލީހަށް ކުރިމަތިލާން. ދެން އެދުވަހުން ފެށިގެން އެކަމުގެ ތެރޭގައިވެސް އުޅެވުނީ. ދެން އަޅުގަނޑަށް ހީވަނީ އެ ވަގުތުގެ ޙާލަތު ނިޔާކުރާ ގޮތުން އެކަމެއްގެ ތެރެއަށް ވަދެވެނީހެން. ދެން ކަމަކަށް ވަދެވުނީމާ، ދެން ކުރަން މިޖެހޭ ކަމަކީ ވީހާވެސް ރަނގަޅަކަށް، އެންމެ ގިނަ ބަޔަކަށް އެކަމުގެ ފައިދާކުރާ، އެބަޔަކަށް އެންމެ ކަމުދާނެ ގޮތަކަށް ކަންތައްތައް ކުރުން. ކިތަންމެ ރަނގަޅަކަށް ކަންތައްތައް ކުރިޔަސް، ހިތްހަމަނުޖެހޭ ބަޔަކު ތިބެދާނެ އެކަމަކާ ދޭތެރޭގައި. ދެން އެހެނޭ ކިޔާފައިވެސް މާޔޫސްވެގެން، ކޮންމެހެން އަދި މުޅިން އެނބުރިދާކަށް ނުޖެހޭ. އެންމެންގެ ހިތް ރުއްސުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނީ. ދެން އެހެންނަމަވެސް، އެއީ އެމީހުންގެ ނަޒަރުގައި ދޮގެއްތޯ، އެ ބަޔަކުގެ ކަމެއް، އެ ބަލައިގަތުމާއި ބަލައިނުގަތުން. އަޅުގަނޑަށް ފެންނަނީ ވަރަށް ރަނގަޅު ބައެއްގެ ގޮތުގައި ދިވެހިން އިނގޭތޯ. ކަންތައްތައް ބަލައިގަންނަ، ހަމަ ޚިޔާލުފާޅުކުރުން އޮންނާނެ ދޮގެއްތޯ. މި ޒަމާނުގައި ޚިޔާލުފާޅުނުކޮށް ކުރާ ކަމަށްވަންޏާ، ނުވާނެ ނޫންތޯ މީހަކަށްވެސް. ރަނގަޅު އެއްޗެއް ބުނެލަންވާނެ ނޫންތޯ. ތިމާއަށް ފެންނަ އެއްޗެއް ބުނެނުލަންޏާ، އެއީ މީހަކަށް ނުވާނެ މި ޒަމާނުގައި.

ފާޠިމަތު ޒީނަތު:

އާދެ، އާދެ. އަދި ހަމަ އެންމެފަހު އެއް ސުވާލު އިނގޭތޯ. ރާއްޖޭގެ މި ސިޔާސީ ކުރިމަގާމެދު މިހާރު މި މަސްރަޙު މިއޮތްގޮތުންނާވެސްއެކީ، ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑަށް ފެންނަނީ، ހަމަ އިރާދަކުރެއްވިއްޔާ، ވަރަށް އުޖާލާ ކުރިމަގެއް، މި ރާއްޖެ އެހެންނޫންތޯ. އަޅުގަނޑުމެން މި ކިޔަނީ މުޅި ރާއްޖެ އިނގޭތޯ.

ފާޠިމަތު ޒީނަތު:

އާދެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

މުޅި ރާއްޖެ، މިހާރު ވަރަށް ބޮޑަށް ބަދަލުވެގެން މިދަނީ. ކުރީގައި ވަރަށް ބޮޑަށް ސެންޓްރަލްކޮށް އޮތީ ދޮގެއްތޯ؟

މުޙައްމަދު ރަމީޒު:

އެހެން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އަޅުގަނޑުމެން ކިޔަވަންވެސް އައީ މާލެއަށް. އަޅުގަނޑުމެން މަސައްކަތް ކުރަންވެސް އައީ މާލެއަށް. އަޅުގަނޑުމެން ދިރިއުޅެންވެސް އައީ މާލެއަށް. މާލެ ނޫން އެހެން ތަނެއް އަޅުގަނޑުމެންނަކަށް ކަމަކުވެސްނުދޭ. އެހެންނަމަވެސް، މިހާރު ވިސްނުން ބަދަލުވެ، އަޅުގަނޑުމެންނަށް މި ފެންނަނީ، ރަށަށް އެނބުރި ދިޔުމުގެ ރޫޙު އަޅުގަނޑުމެންގެ މިހާރު ހުރިތަން. މިސާލަކަށް، އަޅުގަނޑުވެސް ބޭނުންވަނީ އެނބުރި ދާން. އަޅުގަނޑުވެސް ގެޔާ އެއްޗެހިވެސް އަޅައި ތައްޔާރުކޮށްފިން މިހާރު. އޭރުން އަޅުގަނޑުމެން ރަށުގައި ހިތްހަމަޖެހިލައިގެން އުޅެވޭނެ. ސަރުކާރުގެ ވިސްނުމަކީ އެމީހަކު ލޯބިވާ ފަސްގަނޑުގައި، އެމީހެއްގެ މަންމަ، ބައްޕަ، ކާފަ، މާމަ ޢާއިލާއާއެކީ ދިރިއުޅެވެންޖެހޭނެއޭ. އެ ފުރުޞަތު ތަނަވަސްކޮށްދިނުމަކީ އެއީއޭ ސަރުކާރަކުން ކުރަންޖެހޭނެ ކަމަކީ. ތަޢުލީމީ ކަންތައްތަކާއި، ޞިއްޙީ ކަންތައްތަކާއި، ދަތުރުފަތުރާއި އަދި ވަޒީފާގެ ފުރުޞަތުތައް، ރަށުން ހޯދައިދޭން އެބަޖެހޭ. މާލޭގައި މިއޮތީ މައި ސަރުކާރު. މާލޭގެ ކަންތައްތައް ފުރިހަމަވަމުންދާނީ. އެކަމަކު ރަށްރަށް، އަތޮޅުތައް ހިންގުމަށްޓަކައި މިހާރު މި ކިޔާ އަޅުގަނޑުމެންގެ މި ލާމަރުކަޒީ ނިޒާމު ވަރުގަދަވެ، ކައުންސިލްތައް އުފެދި، ކައުންސިލްތަކުގެ ތެރެއިން އެ އަންނަން ޖެހޭނީ ދޮގެއްތޯ.

އެހެންވީމާ، އަޅުގަނޑަށް ފެންނަނީ މިހާރު މި އަންނަ ތަރައްޤީގެ މަޝްރޫޢުތަކާއެކު، އަތޮޅުތަކާއި ރަށްތަކުގެ މި އަސާސީ ކަންތައްތަކުން ފެށިގެންގޮސް ބޭނުންވާ މުހިންމު އެހެނިހެން ކަންތައްތަކަށް ދާއިރު، ރާއްޖޭގެ މުސްތަޤްބަލް ވަރަށް ބޮޑަށް އުޖާލާވެގެންދާ ތަން. ހަމަ މިކަން ކުރުމުގައި އަޅުގަނޑަށް ފެންނަނީ، ހަމަ ހުރިހާ ރައްޔިތުން އެކުގައި މަސައްކަތްވެސްކޮށް، "މަގޭ ރާއްޖެ" އެހެންނޫންތޯ. ކޮންމެ މީހަކުވެސް "މަގޭ ރާއްޖެއޭ" ކިޔާލަންވީ. "މަގޭ ރާއްޖެއޭ" ކިޔާފައި، ކޮންމެވެސް ކަމެއް ކުރެވޭނެ، ކޮންމެ މީހަކަށްވެސް ޤައުމަށްޓަކައި.

ފާޠިމަތު ޒީނަތު:

އާދެ، ދެން ރައްޔިތުންގެ ހިތްތަކަށް ވަރަށް އުފާވެރިކަން ގެނުވައިދޭނެ، ވަރަށް އުންމީދީ ވާހަކަފުޅަކުން ނިންމަވައިލެއްވީ ތިޔަ. ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އަޅުގަނޑުމެން އެރުވި ދަޢުވަތު ޤަބޫލުކުރައްވައި ޚާއްޞަކޮށް، މިހާ ހެނދުނުގެ ވަގުތުގައި، ތިޔަހާ ބުރަކޮށް އުޅުއްވަމުން، ހަމަ ވަޑައިގެން އަޅުގަނޑުމެންގެ މި ޕްރޮގްރާމްގައި މަނިކުފާނު ބައިވެރިވެވަޑައިގެންދެއްވީތީވެ، އަޅުގަނޑުމެންގެ މި ޕްރޮގްރާމް މިހާ ފުރިހަމަވެގެން މި ދިޔައީ.

މުޙައްމަދު ރަމީޒު:

އާދެ، ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ، އަޅުގަނޑުމެންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލަދެއްވީތީވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް:

އާދެ، ޒީނަތު، ރަމީޒު، އަޅުގަނޑުވެސް ވަރަށް އުފާކޮށްފިން، އަޅުގަނޑަށް މި ފުރުޞަތު ލިބުނީތީވެ. އަދިވެސް އެއްފަހަރު، އަޅުގަނޑު އެންމެފަހުގެ ބަހެއްގެ ގޮތުގައިވެސް މިއަދުގެ ތަހުނިޔާ ހަމަ އަޑުގެ ހުރިހާ ބޭފުޅުންނަށާއި، އަދި މުޅި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު އަރިސްކުރަން.

މުޙައްމަދު ރަމީޒު:

އާދެ، ޝުކުރިއްޔާ!