ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިއަދު މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރަށް ޒިޔާރަތްކުރައްވައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން، މެމޮގްރަފީ އަދި އޯޕީޖީގެ ޚިދުމަތް ރަސްމީގޮތުން ފަށްޓަވައިދެއްވައިފިއެވެ.

މިއަދު ހެނދުނު އުނގޫފާރުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް ޚާއްޞަކޮށް ޞިއްޙީ ޚިދުމަތްތައް ލާމަރުކަޒުކޮށް ރައްޔިތުންނާ ވީހާވެސް ގާތުން ފަސޭހަ އަވަސް ޚިދުމަތްތަކެއް ދިނުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމުގައެވެ. އެގޮތުން ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްޤީކޮށް ޚިދުމަތްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ބާރަށް ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރައްޔިތުންނަށް މަޖުބޫރުވާ ފަދަ ގޮތަކަށް ކަންކަން ކޮށްގެން ވަކި ދިމާއަކަށް ރައްޔިތުން ގެންދިއުމަށް މި ސަރުކާރުން މަސައްކަތް ނުކުރާނެކަން ފާހަގަކުރައްވައި އޭގެ ބަދަލުގައި މި ސަރުކާރުން އަމާޒު ހިފައިގެން މަސައްކަތްކުރަނީ އެބަޔަކު ދިރިއުޅޭ އަތޮޅުގައި ނުވަތަ ރަށެއްގައި އާއިލާއާއެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށްކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން އެންމެބޮޑު ސަމާލުކަމެއްދެނީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޞިއްޙީ ޚިދުމަތްތައް ލާމަޒުކަޒުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވިދާޅުވީ މާލެ ފިޔަވައި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ސީޓީ ސްކޭންގެ ޚިދުމަތަށް ބަލާލިނަމަވެސް ވޭތުވެ ދިޔަ 3 އަހަރުގެ ތެރޭގައި މާލެ ފިޔަވައި ރާއްޖޭގައި އެކި ކަންކޮޅުތަކުގައި 3000 ވަރަކަށް މީހުންނަށް މި ޚިދުމަތް ލިބިދީފައިވާކަމުގައެވެ. އަދި މި ޚިދުމަތްތަކަކީ މީގެ ކުރިން ބޮޑު ޚަރަދުކޮށްފައި މާލެ އައިސްގެން ނޫނީ ނުލިބޭ ޚިދުމަތްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން، މެމޮގްރަފީ އަދި އޯޕީޖީގެ ޚިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވައި އެ ޚިދުމަތްތައް ދޭ ތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލައްވާފައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން ޚިދުމަތް ފަށައި ބޭނުންކުރަން ފަށާފައި ވަނީ 02 އޮކްޓޫބަރު 2021 ގައެވެ. އޭގެ ފަހުން 2021 ވަނަ އަހަރުގެ ނިޔަލަށް އެ ހޮސްޕިޓަލުން 45 ސީޓީ ސްކޭން ހަދާފައިވެއެވެ. މީގެ އިތުރުން މިހާތަނަށް އެ ހޮސްޕިޓަލުން 03 މެމޮގްރަފީ އަދި 95 އޯޕީޖީގެ ޚިދުމަތް ދީފައިވެއެވެ.