އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ މެންބަރު ކަމުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ. އޭ.ސީ.ސީ.ގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައްވާފައި މި ވަނީ އެ ކޮމިޝަނުގެ ފަސް މެންބަރުން ޢިސްތިޢުފާ ހުށަހަޅުއްވާފައި ވާތީއެވެ.

މި ފުރުޞަތު ހުޅުވާލައްވާފައި ވަނީ މިއަދުން ފެށިގެން 2022 ޖަނަވަރީ 17 ވާ ހޯމަ ދުވަހުގެ 12:30 ގެ ނިޔަލަށެވެ. އެ ކޮމިޝަންގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2022 ޖަނަވަރީ 16 އަދި 17 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި، މި އޮފީހުގެ ވެބްސައިޓް presidency.mv އިން ފޯމާއި އިޤްރާރު ޑައުންލޯޑް ކުރެއްވޭނެއެވެ.

އޭ.ސީ.ސީ.ގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު އަލުން ހުޅުވައިލުމާއެކު، 2021 ޑިސެންބަރު 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮށްފައިވާ 95/2021/1/PPO-1(IUL) ނަންބަރު އިޢުލާނާއި 98/2021/1/PPO-1(IUL) ނަންބަރު އިޢުލާނު ވަނީ ބާޠިލުކޮށްފައެވެ.