بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

ޤުރްއާނާބެހޭ މަރުކަޒު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް އިލްޔާސް ޖަމާލް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް އަޙްމަދު ސަމީރު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި ޤުރްއާނާބެހޭ މަރުކަޒުގެ އިސްވެރިން، މި މުބާރާތް ކުރިއަށް ގެންދިޔުމަށްޓަކައި އެހީތެރިވެދެއްވާ ކުންފުނިތަކުގެ އިސްވެރިންނާއި އަދި އެހީތެރިވެދެއްވާ އެންމެހައި އެމްބަސީތައް، މުބާރާތުގެ ފަނޑިޔާރުން އަދި ވަކިން ޚާއްޞަކޮށް، މި ޙަފްލާގައި މިތަނުގައި އަޅުގަނޑުމެންނާއެކީ ބައިވެރިވެވަޑައިގެންނުވިޔަސް މި މުޅި މުބާރާތުގެ އެންމެ މުހިންމު ފަރާތް ކަމަށްވާ މުބާރާތުގެ އެންމެހައި ބައިވެރިން، ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އުފަލެއް ލިބެނީ، މިފަދަ ދީނީ ކަންތައްތަކުގައި ބައިވެރިވެގެން. އަޅުގަނޑަށް އެހާ ހިތްގައިމު ކަމަކަށްނުވޭ، މިފަދަ ކަންކަމުގައި އަޅުގަނޑުމެން ބައިވެރިވާތީ، އެކަން އެހާބޮޑަށް ފާހަގަކޮށް، އެހާބޮޑަށް ޝުކުރުވެރިވާތީ. އެއީ އަޅުގަނޑަށް ދެން ތަންކޮޅެއް ލަދުގަންނަންޖެހޭކަހަލަ ކަމެއް.

އެނގިވަޑައިގަންނަވާނެ، ސަރުކާރެއްގައި ވެރިން، ވެރިޔަކު ހުންނަވަނީ، އަދި އެފަރާތަށް ކަނޑައަޅުއްވާ އެހެނިހެން ފަރާތްތައް މި ތިބެނީ ކޮން ބޭނުމެއްގައިކަން. އާދެ، އަޅުގަނޑު ދަންނަވަން މި އުޅެނީ، މިކަންތައްތައް ކުރުމަކީ މިއީ މިއަދު އަޅުގަނޑުމެންގެ މައްޗަށް އޮތް ކަމެއް. އަޅުގަނޑުމެންނަށް ލާޒިމު ކަމެއް، އަޅުގަނޑުމެންނަށް ވާޖިބު ކަމެއް. އަދި އޭގެ އިތުރަށް، ވަކިން ޚާއްޞަކޮށް، ދީނީ ކަންތައްތަކުގައި، އެ ޚިދުމަތް ކުރުމާއި، އެކަންކަން ކުރުމަކީ އެއީ ވަކިން ޚާއްޞަކޮށް، މުސްލިމުންގެ ގޮތުގައި ތިބެ، އަޅުގަނޑު ޤަބޫލުކުރަނީ ދިވެހި ހަމަ ކޮންމެ ރައްޔިތެއްގެ މައްޗަށްވެސް އޮތް ކަމެކޭ. އެހެންވީމާ، އަޅުގަނޑަށް ޚާއްޞަކޮށް، މިފަދަ ޤުރްއާން މުބާރާތްތަކުގައި ބައިވެރިވެ، ދިނީ ކަންތައްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭކަމީ، އެއީ އަޅުގަނޑު އުފާކުރާ ކަމެއް. އަޅުގަނޑު ޝުކުރު ދަންނަވާލަން ބޭނުންވަނީ، މިކަންތައްތައް އިންތިޒާމުކުރާ ފަރާތްތަކުން އެ ފުރުޞަތު، އެ އުފާ އަޅުގަނޑުމެންނަށް ދެއްވާތީ. އެހެންވީމާ، ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑު ފާހަގަކޮށްލަން، މިއަދުގެ ސަރުކާރުން، އާދެ، ރާއީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި ޤައުމުގެ ރިޔާސަތާ ހަވާލުވެވަޑައިގެންފަހުން ޚާއްޞަކޮށް، ދީނީ ކަންތައްތަކުގައި ވަރަށް ބޮޑު ސަމާލުކަމެއް، ވަރަށް ބޮޑު އަހަންމިޔަތުކަމެއް ދިވެހި ސަރުކާރުން ދެވިގެން އެބަދޭ. ޙަޤީޤަތުގައި މިކަންތައްތައް މިގޮތަށް ކުރިއަށް މި ގެންދެވެނީ، އަޅުގަނޑު ޤަބޫލުކުރަނީ، ސަރުކާރުގައި ހިމެނޭ އެކިއެކި ފަރާތްތަކާއި އަދި އަމިއްލަ ވަރަށް ގިނަ ފަރާތްތަކެއްގެ ޝައުޤުވެރިކަން މިކަމަށް އޮންނަވަރު ހަމަ ބޮޑުކަމުންނޭ.

އާދެ، އަޅުގަނޑުގެ ކުރިން ވާހަކަދެއްކެވި ބޭފުޅުން މިއަދު ތަކުރާރުކޮށް، ފާހަގަކުރައްވައިފި، ކުންފުނިތަކުގެ ނަންތަކާއި އަދި ވަކި ފަރުދުންގެ ނަންތައްވެސް. އެފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވެއްޖެ. އަޅުގަނޑުވެސް ހަމަ ދަންނަވާލަން އޮތީ، ކުންފުނިތަކާއި، އެމްބަސީތަކާއި، އަދި އަޅުގަނޑުމެންނަށް ނޭނގިވެސް މިކަމަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވާ ފަރާތްތަކުން، އެ ބޭފުޅުން އެ ކޮށްދެއްވަނީ ވަރަށް ހެޔޮކަމެކޭ. ވަރަށް ދަރުމައާއި ޘަވާބު ލިބެނިވި ކަމެކޭ. އަޅުގަނޑު އެ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، މިއީ ވަރަށް މުހިންމު ކަމެއް. ވަރަށް މާތް މަޤްޞަދެއްގައި ކުރާ ކަމެއް. ޤުރްއާން މުބާރާތްތައް، އާދެ، 1981 ވަނަ އަހަރުން ފެށިގެން އިރާދަކުރެއްވީތީ، ހަމަ ކޮންމެ އަހަރަކުވެސް ޤުރްއާން މުބާރާތްތައް، އޭގެ ކުރިއްސުރެ ފެށިގެންވެސް ރަށްރަށުގައި އެކިއެކި ގޮތްގޮތަށް ބޭއްވިގެން އާދޭ. އާދެ، މަޤްޞަދު ވަރަށް ސާފު. ޤުރްއާން މުބާރާތެއް ބޭއްވުމުގެ މަޤްޞަދު އަޅުގަނޑުމެން އެންމެންނަށް ވަރަށް ރަނގަޅަށް އެބަ އެނގޭ.

އާދެ، އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެންގެ ހިތްތަކުގައި އެންމެ ބޮޑު ޤަދަރެއް ތާއަބަދަށް ދެވިފައިވަނީ ﷲ ގެ ކަލާމްފުޅަށް. އަޅުގަނޑުމެން އެންމެ ލޯބިވަނީ އަޅުގަނޑުމެންގެ އިސްލާމްދީންދެކެ. އަޅުގަނޑު ދަންނަވާލަން އޮތީ، ﷲ އިރާދަކުރެއްވިއްޔާ، ދުވަހަކުވެސް އަޅުގަނޑުމެންގެ މި ލޮބުވެތި ފަސްގަނޑު ދެމިއޮތްހާ ހިނދަކު، މި ފަސްގަނޑުގައި ބަޔަކު ދިރިއުޅޭހާ ހިނދަކު، އިސްލާމްދީނުގެ ނޫރު، މި އަލިކަން ދުވަހަކުވެސް ފިލައިގެނެއްނުދާނެއޭ. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ހިތްތަކުގައި އެ ޤަދަރާއި، އެ ލޯބި، ދުވަހެއް ދުވަހަކަށް ދާނީ އިތުރުވަމުންނޭ. އާދެ، މިއީކީ އަދި އަޅުގަނޑުމެންގެ ތެރެއިން އެކަކު ދެ މީހަކަށް އަދި ވާހަކަ ދައްކައިލައިގެން ހިތަށް އަންނަ އެއްޗަކުން ބަދަލު އަންނަވަރު ކަންތައްތަކެއް ނޫން. އެއަށްވުރެ މާބޮޑަށް މިއީކީ ވަކި ދުވަސްވަރަކަށް، ވަކި އަހަރުން އަހަރަށް ބަދަލު އަންނާނޭ ކަމެއްނޫން. ކިތަންމެ ގިނަ ދުވަހެއްވިޔަސް، އިރާދަކުރެއްވިޔާ މިއީކީ ބަދަލުގެނެވޭނެ ކަމެއްވެސް ނޫން. ބަދަލު އަންނާނޭ ކަމެއްވެސް ނޫން.

އާދެ، އަޅުގަނޑުމެންގެ މަޤްޞަދަކަށް ވެފައި މިއޮތީ ޚާއްޞަކޮށް، ޤުރްއާނަށް ލޯބި ޖައްސައި، ތުއްތުކުދިންގެ ހިތްތަކުގައި އާދެ، ޤުރްއާން ކިޔެވުމަށް، ރިވެތިކޮށް ކިޔެވުމަށް، ތަޖުވީދުގެ މަގުން ކިޔެވުމަށް ހިތްވަރުދިނުން. އާދެ، ޤުރްއާނާބެހޭ މަރުކަޒުން ގިނަ ކަންތައްތަކެއް ކުރެވެމުންދޭ. ހަމަ އެއާއެކު، ދިވެހިރާއްޖޭގައި ހުރި އެހެނިހެން އިންސްޓިޓިއުޝަންތަކުން، އާދެ، ކޮލެޖް ޔުނިވަރސިޓީތަކުންވެސް ޤުރްއާނުގެ ޢިލްމު ފުޅާކުރުމަށްޓަކައި، ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުންދާކަން އަޅުގަނޑު ހަމަ ފާހަގަކުރަން. މި ފެނިގެން މިދަނީ، އަޅުގަނޑުމެންގެ ޙަޔާތުގައި މުޅި ދުނިޔެ އަދި ރާއްޖެ ނުދެކޭފަދަ ދަތި އުނދަގޫ ދުވަސްތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވި ހިނދުވެސް، ޤުރްއާން މުބާރާތް އެއްގޮތުން ނުބޭއްވުނީމާ، ދެން އޮތްގޮތް ހޯދައިގެން، ބާއްވަމުން ގެންދާތަން އާދެ، މިއީ މިކަމުގެ މުހިންމުކަން ބޮޑުކަމުން. މިދިޔަ އަހަރުވެސް ބޭއްވިގެންދިޔަ. ﷲގެ ރަޙްމަތްފުޅުން މި އަހަރުވެސް މި މަސައްކަތް މިހާރު މިދަނީ ކުރިއަށް.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، މިދިޔަ އަހަރުވެސް، އަދި މި އަހަރުވެސް މުބާރާތް ކުރިޔަށްދާއިރު ދިވެހި ދަރިންނަށް، ދިވެހި ރައްޔިތުންނަށް މި ފުރުޞަތު، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް ލިބިގެންދާގޮތަށް ހަމަޖެހިގެން ދިޔުމަކީ އެއީ، ދިވެހި ސަރުކާރު އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑު ހަމަ ފާހަގަކޮށްލަން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްވެރިން، ޤުރްއާނާބެހޭ މަރުކަޒުގެ އިސްވެރިން މިކަމަށް ދެއްވާ ސަމާލުކަން ދޭހަވާ ކަމެއް.

މިއަދު ޤުރްއާން މުބާރާތެއް ފެށުމުގެ ޙަފްލާ ބާއްވާއިރު، އާދެ، ޝައިޚް ނަޞްރުﷲ އަދި ޝައިޚް އިލްޔާސް ޖަމާލްވެސް އެ ވިދާޅުވިގޮތަށް، އަޅުގަނޑުމެންގެ ޢިލްމު ލިބިގެން، ޤުރްއާން ކިޔަވައިގެން، އަޅުގަނޑުމެންގެ ދިރިއުޅުން ބާއްޖަވެރިކޮށް، އާޚިރަތް ހޯދުމަށްޓަކައި އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރަންޖެހޭނެ. އަޅުގަނޑުމެންނަށް މި ފޮތުން ލިބެނިވި ފިލާވަޅުތަކަކީ، އޭގައި އަޅުގަނޑުމެން ހިފައިފި ކަމަށްވަންޏާ، ދުނިޔާއި އާޚިރަތް އަޅުގަނޑުމެންނަށް އުޖާލާވެގެން، ބާއްޖަވެރިވެގެންދާނޭ ކަންތައްތައް.

އާދެ، އަޅުގަނޑުމެން ވިސްނާލަންޖެހެނީ، މި ފޮތުން އަޅުގަނޑުމެންނަށް ލިބޭ ފިލާވަޅުތަކަކީ، އަޚްލާޤު. ކޮންމެ ކަމެއް ކުރުމުގައިވެސް، އެންމެ ރަނގަޅު ގޮތް އަޅުގަނޑުމެންނަށް ދަސްކޮށްދެނީ މި ފޮތް. އެއްބަހަކުން ވާހަކަ ދައްކައި، ކުޑަ ޤައުމެއްގައި، އަޅުގަނޑުމެން އެއް ދީނެއްގެ، އެއް ނަސްލެއްގެ ބަޔަކު އުޅޭއިރު، އަޅުގަނޑު ޤަބޫލުކުރަނީ، އަޅުގަނޑުމެންގެ ތެރޭގައި ދެކޮޅުވެރިކަމެއް އޮވެގެން ނުވާނެއޭ. އަޅުގަނޑުމެން ވާންޖެހޭނީ އެއްބައިވަންތަ ބަޔަކަށް. އަޅުގަނޑުމެން ވާންޖެހެނީ އެކުވެރި ބަޔަކަށް. އަޅުގަނޑުމެންނަށް އެކުއެކީގައި މަސައްކަތް ކުރެވެންޖެހޭނެ. އަޅުގަނޑުމެންގެ އާއިލާތަކުގެ ގުޅުން އަޅުގަނޑުމެންނަށް ބަދަހިކުރެވެން ޖެހޭނެ. އޮފީސްތަކުގައި މަސައްކަތް ކުރާއިރު، އަޅުގަނޑުމެންގެ އެކުވެރިންނާއެކު، އަޅުގަނޑުމެންނަށް އެކުގައި މަސައްކަތް ކުރެވެންޖެހޭނެ. އާންމު ތަންތަނުގައި، މުޖުތަމަޢުގެ ތެރޭގައި ގުޅުން ވަރުގަދަކޮށް، އެކަކު އަނެކަކަށް އަޅައިލުމާއި އެހީތެރިވުމުގެ ރޫޙު އަޅުގަނޑުމެންނަށް ދިރުވެންޖެހޭނެ. އަޅުގަނޑުމެންގެ ތެރޭގައި ތިބި ޢިލްމުވެރިންނާއި، އަޅުގަނޑުމެންގެ ތެރޭގައި ތިބި އުސްތާޛުންނަކީ އަޅުގަނޑުމެންނަށް އަބަދުވެސް ރަނގަޅު ހެޔޮމަގު ދައްކާ ބަޔަކަށް ވާންޖެހޭނެ. އެއީ މުޖުތަމަޢެއް ކުރިއަރާނޭ ގޮތަކީ. އަޅުގަނޑުމެންނަށް ކުރިއެރުން ލިބެންއޮތީ އަޅުގަނޑު ޤަބޫލުކުރަނީ، ތިޔަބޭފުޅުން އެވިދާޅުވި ކަންތައްތަކުގައި، އަޅުގަނޑުމެން ގަދައަޅައި، ހިފައި ތިބެ، އެކުވެރިކަމާއެކު ޤައުމު ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށްގެން.

އާދެ، މިއަދުގެ ސަރުކާރުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ދިވެހި ދަރިންނަށް، އާދެ، ދަރިވަރުންނަށް، ރަނގަޅު ތަޢުލީމެއް ފޯރުކޮށްދެއްވުމަށް. އާދެ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދެމިތިބެ، ހެޔޮގޮތުގައި ރަނގަޅު ދަރިންތަކަކަށް ދަރިން ހެދުމުގެ މަސައްކަތަކީ، އެއީ މިއަދުގެ ސަރުކާރުން އެންމެބޮޑު އަހަންމިއްޔަތު ކަމެއްދޭ ކަންތައްތަކަކީ.

އާދެ، އަޅުގަނޑު ހުރިހާ މަދަރުސާތަކާއި، ސްކޫލްތަކާއި އަދި އެކިއެކި މަރުކަޒުތަކުގެ ހުރިހާ ވެރިންނަށްވެސް މިއަދު ދަންނަވާލަން އޮތީ، ޚާއްޞަ ސަމާލުކަމެއް އަޅުގަނޑުމެން ދޭން އެބަޖެހެއޭ. ޒަމާނަށް އަންނަ ބަދަލުތަކާއި، އަޅުގަނޑުމެންނަށް ކުރިމަތިވަމުންދާ އެކިއެކި ގޮންޖެހުންތަކާއި، މި ދަތި އުނދަގޫ ކަންތައްތަކުގެ ތެރެއިން ހެޔޮލަފާ، ޤާބިލް ރަނގަޅު ޖީލެއް ބިނާކުރުމަށް. އެ މަސައްކަތަކީ، އެއީ އަދި މާ މުހިންމު، މާބޮޑު މަސައްކަތެކޭ. އަޅުގަނޑުމެންގެ ތަނަވަސްކަން ހުރި މިންވަރަކުން، ޢުމްރާނީ ތަރައްޤީގެ ކަންތައްތައް ކުރެވުމަކީ އެއީ ވަރަށް ފަސޭހަކަމެއް. އެފަދަ ކަންތައްތައް ކުރެވިދާނެ. އެހެންނަމަވެސް، ރަނގަޅު ޖީލެއް ބިނާކުރުން، ރަނގަޅު ދަރިންތަކެއް، އުފެއްދުންތެރި، ހެޔޮލަފާ، ރަނގަޅު، މަސައްކަތްތެރި، ރިވެތި އަޚްލާޤެއްގެ ދަރިންތަކެއް އުފެއްދުމުގެ މަސައްކަތަކީ އެއީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ރެޔާދުވާލު، ވަރަށް ބޮޑަށް އަޅައިލެވިގެން، ކައިރިން ބެލިގެން ނޫނީ ނުކުރެވޭނެ ކަމެއް.

އަޅުގަނޑު ޤަބޫލުކުރަނީ، ރާއްޖެއަށް އަންނަ ތަރައްޤީގެ ފޮނިމީރުކަން، އެ ކަންތައްތައް އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭނީ އަދި އެކަމުގެ ފަސޭހަކަމާއި، ހިތްހަމަޖެހުމާއި އުފާ އަޅުގަނޑުމެންނަށް ލިބިގެންދާނީ، މި ކަންތައްތަކަށް އަޅުގަނޑުމެން އަދި މާބޮޑަށް އަޅައިލައި، މި ކަންތައްތައް އަޅުގަނޑުމެންނަށް ބެލިގެންނޭ.

އެހެންވީމާ، އަދިވެސް އެއްފަހަރު، އަޅުގަނޑު ހަމަ ވަކިން ޚާއްޞަކޮށް، ސްކޫލް މަދަރުސާތަކާއި، ހުރިހާ އުސްތާޛުންނަށް، ހުރިހާ ޓީޗަރުންނަށް އަދި މިގޮތަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއް ހިމެނޭގޮތަށް ދަންނަވަން އޮތީ، އާ މަސައްކަތްތަކެއް، އަޅުގަނޑުމެން އާ އަހަރަކާވެސް ކުރިމަތިލާއިރު، އާ ޢަޒުމަކާއެއްކޮށް އަޅުގަނޑުމެން އެބަ ފަށަންޖެހެއޭ.

އާދެ، އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިއްޖެ. އަޅުގަނޑު ކުރީގައިވެސް ދަންނަވައިފިން، މުޅި ދުނިޔެއާއި އަދި އަޅުގަނޑުމެންގެ މި ޤައުމުގައިވެސް ދުވަހަކުވެސް ނުދެކޭފަދަ ދަތި އުނދަގޫ ދުވަސްތަކެއްގެ ވާހަކަ. ފިލާވަޅުތަކެއް އަޅުގަނޑުމެންނަށް ލިބިގެންދިޔައީ. މި ހިސާބަށް، ދުނިޔޭގެ އެހެން ޤައުމުތަކަށް، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކަށް ބަލައިލިނަމަވެސް، ހަމަ އެކައްޗެއް އައީ. އާދެ، ކޯވިޑް. އެހެން ޤައުމުތަކުގައި ހުރީ، އަޅުގަނޑުމެންގެވެސް ހުރި ދަތި އުނދަގޫ ކަންތައްތައް. އެހެންނަމަވެސް، އިރާދަކުރެއްވީތީ، އަޅުގަނޑުމެންނަށް އެކުއެކީގައި މަސައްކަތްތަކެއް ކުރެވުނު. އަޅުގަނޑުމެންގެ އަމިއްލަ ފަރާތްތަކާއި، ސަރުކާރާއި، ކުންފުނިތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، އެޖެންސީތަކާ، މި ހުރިހާ ފަރާތްތައް ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން، އެ ކުރެވުނު މަސައްކަތުން މިއަދު ކޮންމެވެސްވަރަކަށް، އަޅުގަނޑުމެންނަށް މިތިބީ ހިންދަމައިލެވިފައި. މުޅިން ސަލާމަތުގެ އައްސޭރިޔަކަށް އަދި ނުދެވުނުނަމަވެސް، މިއަދު އަޅުގަނޑުމެންނަށް ސްކޫލްތައް ހުޅުވައިލެވިއްޖެ. އަޅުގަނޑުމެންގެ ވިޔަފާރިތައް އަޅުގަނޑުމެންނަށް ފެށިއްޖެ. ބަންދުކުރެވިފައި ހުރި އެތައް ކަމެއް ހުޅުވައިލެވިގެން، އެކުއެކީގައި މަސައްކަތްތައް ކުރަން ފެށި، ރައްޔިތުންނަށް އެ ލިބިގެންދިޔަ ދަތި، ހިތްދަތި އިޙްސާސްތަކުން އަރައިގަނެ، ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއް ލިބޭ ހިސާބަށް އަޅުގަނޑުމެންނަށް އާދެވިއްޖެ. އަޅުގަނޑު ދަންނަވާލަން މި އުޅެނީ، މި ކާމިޔާބީގެ އަޞްލަކަށްމިވީ، އެކުއެކީގައި ކުރެވުނު މަސައްކަތްތަކޭ. އަޅުގަނޑުމެންގެ ރައްޔިތުންނަށް، އެކިއެކި ފަރާތްތަކުން ދިން އެއްބާރުލުމޭ.

އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިންވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދު ޤައުމަށް އެންމެ ބޮޑަށް ބޭނުންވަނީ އެކުގައި މަސައްކަތް ކުރެވޭ އެކުވެރި ބަޔެކޭ. އެކުއެކީގައި ކާމިޔާބު ހޯދުމުގެ ވިސްނުމުގެ ބަޔެކޭ. އާދެ، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވާލަން ބޭނުންވޭ، މިކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް. އާދެ، އިސްލާމިކް މިނިސްޓްރީގެ ވެރިންނަށާއި އަދި ވަކިން ޚާއްޞަކޮށް، ޤުރްއާނާބެހޭ މަރުކަޒުގެ އިސްބޭފުޅުންނަށާއި، އާދެ، މިކަމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ ޝައިޚް އިލްޔާސް ޖަމާލަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި ހަމަ އެއާއެކު، އަބަދުވެސް އަޅުގަނޑުމެންނަށް ޚާއްޞަކޮށް، ކުންފުނިތަކުން އެކިއެކި ކަންތައްތަކުގައި ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އަދި މިއަދުގެ މި މުހިންމު ކަންތައްތަކުގައި ތިޔަބޭފުޅުން، އެކި ކުންފުނިތަކުންނާއި، އެކި ފަރުދުން ވެދެއްވި އެހީތެރިކަންވެސް ފާހަގަކޮށް، ޖުމްލަކޮށް ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކަތް ލައްވައި، އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ތާއަބަދަށް ދެމިތިބޭ ބައެއްގެ ގޮތުގައި اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. ދިވެހިރާއްޖެއާއި، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ފާގަތިކަމާއި އުފާވަރިކަން اللهُ سُبْحَانَهُ وَتَعَالَى މިންވަރުކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.