بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އާސަންދަ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލާ މަރްޔަމް ޝަފީޤު، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު، އާސަންދަ ކުންފުނީގެ ޗެއަރ ނިޔާޒު މުޙައްމަދު، ވަޑައިގެން ތިއްބެވި ޞިއްޙީ ދާއިރާގެ އިސްބޭފުޅުން، އަދި އާސަންދަ ކުންފުނީގެ ހީވާގި އެންމެހައި މުވައްޒަފުން، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް މި ޚިދުމަތް، 10 އަހަރު ދިވެހި ރައްޔިތުންނަށް ފޯރުކޮށްދީފައިވާތީ، މިއަދުގެ މި މުނާސަބަތުގައި އާސަންދަ ކުންފުނީގެ އެންމެހައި މުވައްޒަފުންނަށް އަޅުގަނޑު ތަހުނިޔާއާއި މުބާރަކުބާދީ ދަންނަވަން. އަދި ވަކިން ޚާއްޞަކޮށް، 10 އަހަރު ވެގެންދިޔައިރު، ވަރަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދެވި. އާދެ، މިރޭ މި ސްޓޭޖްމަތިން އެކި ގޮތްގޮތުން ފާހަގަކުރެވިގެންދިޔަ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް މިރޭ މި ފެނިގެންދިޔަ ވީޑިއޯތަކާއި އަދި އަޅުގަނޑުގެ ކުރީގައި ވާހަކަ ދެއްކެވި އެންމެހައި ބޭފުޅުންގެ ވާހަކަފުޅުތަކުންވެސް ފާހަގަވެގެން މި ދިޔައީ، މި ޚިދުމަތް ހަރުދަނާ ކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތައް. އާދެ، އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި މިހާރުވެސް، މިއަދުވެސް ހަރުދަނާ ނިޒާމެއްގެ ދަށުން މި ޚިދުމަތް ފަސޭހަކަމާއެކު ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ވަރަށް ރަނގަޅަށް ކުރިއަށް އެބަދޭ. ހަމައެއާއެކު، ވީހާވެސް ބޮޑަކަށް ދެފުށް ފެންނަ ގޮތަކަށް ޖަވާބުދާރީވެވޭފަދަ ނިޒާމެއްގެ ދަށުން ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކަންތައްތައް ފަރުމާކުރެވިގެންދާކަން އަޅުގަނޑު ފާހަގަކޮށްލަން.

އާދެ، މީގެ ދިހަ ބާރަވަރަކަށް އަހަރު ކުރިއަށް ޖެހިލާއިރު، މިއަދު މި ލިބޭ ޚިދުމަތްތައް ހޯދުމަށްޓަކައި އަޅުގަނޑުމެންނަށް ވަރަށް ގިނަ ދަތިތަކެއް ހުރި. އާދެ، އޭރު ބޭސްފަރުވާ ހޯދުމަށްޓަކައި ރާއްޖެއިން ބޭރަށް ދާންޖެހިއްޖެ ކަމަށްވަންޏާ ވަރަށް ބޮޑެތި ތަކުލީފުތަކެއް، ވަރަށް ދަތި އުނދަގޫތަކެއް ރައްޔިތުންނަށް ކުރިމަތިވަމުންދިޔައީ. އާދެ، އަޅުގަނޑު ހަމަ ފާހަގަކުރަން، މި ނިޒާމު އައުމުގެ ކުރިންވެސް، ރާއްޖެއިންނާއި އަދި ރާއްޖެއިން ބޭރުން ބޭސްފަރުވާ ބޭނުންވާ ފަރާތްތަކަށް ސަރުކާރާއި، އަމިއްލަ ފަރާތްތަކުންނާއި އަދި ދީލަތި ފަރާތްތަކުން އެ ދެއްވި އެހީތެރިކަމާއި އެ މަދަދުވެރިކަން ފާހަގަކޮށް، ވަކިން ޚާއްޞަކޮށް، އެ ކަންތައްތައް ކުރެއްވި އަމިއްލަ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގެންނަވާނެ، އާސަންދައިން މިދޭ ޚިދުމަތަކީ، އަދި އާސަންދައިން ކުރަމުންގެންދާ މި މަސައްކަތަކީ، ވަރަށް އުނދަގޫ މަސައްކަތްތަކެއް. އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި 187 ރަށް، ނޫނީވިއްޔާ އަދި އެއަށްވުރެވެސް ގިނަ ރަށްތަކުގައި ދިމާވާ އެކިއެކި ކަންތައްތަކުގައި، މި ޚިދުމަތްތައް ރެޔާދުވާލު ދެމުންދާއިރު އެއީ، ވަރަށް ބުރަ މަސައްކަތްތަކެއް. މި ކަންތައްތައް ކުރުމުގައި ވަރަށް ގިނަ ބަޔަކު ޝާމިލުވޭ. އާދެ، ވަރަށްގިނަފަހަރަށް އާސަންދަ މެދުވެރިކޮށް، އެއްރަށުން އަނެއް ރަށަށް ބަލިމީހުން ބަދަލުކުރުމާއި، އަދި ރީޖަނަލް ހޮސްޕިޓަލްތަކަށާއި، މާލެ ސަރަޙައްދަށް ބަލިމީހުން ގެނައުން މިއީ ކޮންމެ ދުވަހަކުވެސް ރެޔާދުވާލު ކުރަމުންދާ މަސައްކަތްތަކެއް. އަދި ހަމަ އެއާއެކު، ދިވެހިރާއްޖެއިން ބޭރަށް، ބަލިމީހުން ފޮނުވުމުގެ މަސައްކަތަކީވެސް މިއީ، އަޅުގަނޑު ދަންނަވާނީ އާސަންދައިގެ މުވައްޒަފުން، މި ދެންނެވި އެހެނިހެން ފަރާތްތަކާއެކު ކުރަމުންދާ ވަރަށް ބުރަ މަސައްކަތްތަކެކޭ.

އާދެ، އަޅުގަނޑުގެ ހަނދާނަށް އަންނަނީ، އަޅުގަނޑުމެން އެންމެ ކަންބޮޑުވި ވަގުތު. އަޅުގަނޑުމެންގެ މި ޙަޔާތުގައިވެސް އަޅުގަނޑު ދަންނަވާނީ ހަމަގައިމުވެސް، އަޅުގަނޑުވެސް އެހާ ކަންބޮޑުވި ދުވަސްތަކެއް ނާދެއޭ. އެއީ ކަށަވަރު ކަމެއް. ކޯވިޑުގެ ޙާލަތުގައި އެއީ މުޅި ދިވެހިރާއްޖެ، މުޅި އެންމެހައި ރައްޔިތުންވެސް އެންމެ އެކަމަކާ ކަންބޮޑުވީ ޙާލަތު. ޚާއްޞަކޮށް، ބޭސްފަރުވާ ހޯދުމަށް އަޅުގަނޑުމެންނަށް އޮތް ދޮރުތައް ބަންދުވެފައި އޮތުމުން ވަކިން ޚާއްޞަކޮށް، އިތުރު ފަރުވާ ހޯދުމަށްޓަކައި ބޭރަށް ދާންޖެހޭ ފަރާތްތަކަށް، އެ ދާން އޮތް ދިޔުމަށް، އެ އެޅިފައި އޮތް ހުރަސް، އާދެ، އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް.

އާދެ، އަޅުގަނޑުގެ ހަނދާނަށް އަންނަނީ އޭރު މި ދެންނެވި ގޮތަށް، މުޅި ދުނިޔެ ބަންދުވެފައި އޮތް ވަގުތެއްގައި، އަދި އިންޑިޔާވެސް، ސްރީލަންކާވެސް، ކައިރީގައި އޮތް އެހެން ޤައުމުތައްވެސް، އެ ޤައުމުތަކުގެ ބޯޑަރު ބަންދުވެފައި އޮތް ވަގުތެއްގައި، އޭރު ޚާއްޞަކޮށް، އިންޑިޔާއަށް ބޭސްފަރުވާއަށް އިތުރު ފަރުވާ ހޯދަން ދާންޖެހޭ ފަރާތްތަކަށް، އެ ވަގުތު އެ ކަންތައް ހަމަޖައްސައިދިނުމަށްޓަކައި އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި މަސައްކަތް. އަޅުގަނޑު ދަންނަވާނީ، އެ ވަގުތު މުޅި އިންޑިޔާވެސް ހުރިހާ ޤައުމުތަކަށް ބަންދުވެފައި އޮތްއިރުވެސް ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ރައްޔިތުންނަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގެންނެވުމުގެ މަތިން، ސީދާ އިންޑިޔާ ސަރުކާރުން، ސީދާ އިންޑިޔާގެ ބޮޑުވަޒީރު، އެކަންތައް ހަމަޖައްސަވައިދެއްވިކަން މިއީ އަޅުގަނޑުމެންނަށް ލިބުނު ހަމަ ނަޞީބެކޭ.

އާދެ، އަޅުގަނޑު މި ވާހަކަ މިއަދު މި ދަންނަވަން ޖެހުނީ، އޭރު ރެޔާދުވާލު، ހަމަ އެންމެ ދުވަހެއްވެސް ވޭތުވެގެންނެއް ނުދޭ، ޚާއްޞަކޮށް، މަރްޔަމް ޝަފީޤާ އަޅުގަނޑުމެން ގުޅަން ނުޖެހޭ. ވަރަށް އުނދަގޫ ވަގުތުތަކުގައިވެސް އަޅުގަނޑުމެން މި ކަންތައްތަކާ ގުޅަންޖެހޭ. ހަމަ އެއާއެކު، އެ ދުވަސްވަރު އަޅުގަނޑު ހަނދާން އެބަހުރި، ރާއްޖޭގެ އެކި ކަންކޮޅުތަކުން، މި ދެންނެވިގޮތަށް ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ނުދެވިގެން އެތައް ބަޔަކު ގުޅި. އެއީ ހިތާމަވެރި ދުވަސްތަކެއް. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތްތަކުން އިންޑިޔާ ސަރުކާރުން ޚާއްޞަ ހުއްދައެއް ލިބިގެން އެ މަސައްކަތް ފެށި، ދެންމެ އެ ވިދާޅުވިގޮތަށް، ފުރުތަމަ ފަސް ޗާރޓަރ ފްލައިޓެއްވެސް އެޅިގެންދިޔައީ. އާދެ، އަޅުގަނޑު ހަމަ މި ފުރުޞަތުގައި، އެކަމަށްޓަކައި އެ ކުރެވުނު މަސައްކަތަށްޓަކައި ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް، އަދި ހަމަ އެއާއެކު، އިންޑިޔަން ހައިކޮމިޝަން، އޭރުގެ ހައިކޮމިޝަނަރ ސަންޖޭ ސުދީރަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން ވިސްނަންޖެހެނީ، ޚިދުމަތްތައް ދިނުމުގައި ވީހާވެސް ފަސޭހަކޮށް، ލުއިކޮށް، އެކަންތައްތައް ކޮށްދޭން، އަބަދުވެސް ވިސްނަންޖެހޭ. ޒަމާނުއްސުރެ ފެށިގެން އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ކަމަކަށް ވެދާނެ، ކަންކަން ކުރުމުގައި ކޮންމެވެސް މީހެއް ކައިރީގައި ބުނެގެން ނޫނީ އެންމެ އެދެވޭގޮތަށް ކަންތައް ނުވުން. އަޅުގަނޑު ހަނދާން ހުރޭ، އަޅުގަނޑުމެން ސްކޫލްގައި އުޅުނުއިރު، އޭރު ފްލައިޓުން ސީޓެއް ހޯދަންވިޔަސް، ކޮންމެވެސް ބޮޑު މީހެއް ކައިރީގައި ބުނެލަންޖެހޭ. އަޅުގަނޑުމެން ފްލައިޓަށް އަރާއިރު، ހުސް ސީޓުތައް ހުރޭ. އަޅުގަނޑުމެންގެ ތެރޭގައި އެކަހަލަ ގޮތަކަށް ކަންތައްތައް ކުރެވެމުން އާދޭ.

އެހެންނަމަވެސް، އަޅުގަނޑުމެން މިއަދު ޤަބޫލުކުރަންޖެހެނީ، އަޅުގަނޑުމެންގެ ޤާނޫނުއަސާސީން، އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށްދޭކަން. އެއީ ދައުލަތުން އެއްވެސް ރައްޔިތަކަށް ދޭންޖެހޭ ޚިދުމަތެއް ކަމަށްވަންޏާ، އެކަމުގެ ތެރެއަށް ދެން އެހެން މީހަކު ވަންނާކަށް ނުޖެހޭ. މީހެއްގެ ސޯޝަލް ސްޓޭޓަސް އަށް އަޅުގަނޑުމެން އެއްވެސް ކަމެއް ކުރުމުގައި އެއްވެސްވަރަކަށް ބަލައިގެނެއް ނުވާނެ. އެއީ މިހާ ތަހުޒީބު މުޖުތަމަޢުގައި މީހުން ގަބޫލުކުރާ ކަންތައްތަކެއް ނޫން.

އަޅުގަނޑު މިއަދު އާސަންދަ ކުންފުނީގެ ހަމަ އެންމެހައި ހީވާގި މުވައްޒަފުންނަށްވެސް، އަދި ޚިދުމަތްތައް ދިނުމުގައި ދިވެހި ދައުލަތުގައި ހިމެނޭ އެހެނިހެން ކުންފުނިތަކުގެ ވެރިންނަށާއި، ޚިދުމަތްދޭ އެންމެހައި ފަރާތްތަކަށްވެސް ދަންނަވާލަން ބޭނުންވަނީ، އިޚްލާޞްތެރިކަމާއެކު، ކޮންމެ މީހަކަށްވެސް އެމީހެއްގެ މޫނަށް ބެލުމެއްނެތި، އެ ޚިދުމަތްތައް ދެއްވާށޭ. އަވަހަށް ކޮށްދޭންޖެހޭ ކަމެއް ކަމަށްވަންޏާ، ލަސްނުކޮށް އެކަމެއް ކޮށްދެއްވާށޭ. ކަމެއް ކޮށްދޭއިރު، އެމީހަކު ބަލައިގަންނަ ފެންވަރަށް، ބަލައިގަންނަގޮތަށް، އެ ކަންތައްތައް ކޮށްދެއްވާށޭ. އަޅުގަނޑުމެން ކަންތައްތައް ކޮށްދޭންޖެހެނީ، މީހުން ހިތްހަމަނުޖެހިގެން، ރުޅިއައިސްގެން އެއްޗެހިކިޔާ ހިސާބަށް ދިޔުމަކުންނެއް ނޫން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން މި ފާހަގަކުރާ، އާދެ، އާސަންދަ ކުންފުނީގެ މި 10 އަހަރުގެ ޚިދުމަތްވެސް މުޅިން ގުޅިފައި ހުރީ ޞިއްޙީ ކަންތައްތަކާ. އަޅުގަނޑުގެ ކުރިމަތީގައި ޑޮކްޓަރުންވެސް އެބަ ތިއްބެވި. ހޮސްޕިޓަލްތަކާއި ކްލިނިކްތައް ހިންގަވާ ބޭފުޅުންވެސް އެބަ ތިއްބެވި. އެނގިވަޑައިގަންނަވާނެ، ބޭސްފަރުވާގެ ބޭނުމުގައި މީހަކު ބަލިވެގެން ހޮސްޕިޓަލަކަށް ނުވަތަ ކްލިނިކަކަށް ނުވަތަ ޑޮކްޓަރަކާ ހަމަޔަށް ދިޔުމުން އޭނާގެ، އެމީހެއްގެ ބޭސްފަރުވާގެ އެއްބައި އެއީ، އެމީހަކާ ދޭތެރޭގައި ކުރެވޭ މުޢާމަލާތް، އެމީހަކަށް އަޅާލުން، ކަންތައްތައް ކޮށްދޭހިތުން ކޮށްދިނުން. ހޮސްޕިޓަލެއްގެ ތެރޭގައި، ކްލިނިކެއްގެ ތެރޭގައި، ހަދާނެ ނަހަދާނެ ގޮތެއް ނޭނގި، އެތައްއިރެއް ހޭދަވަންދެން ހުރުން އެއީކީ ނޫން އަޅުގަނޑުމެންގެ ކަންތައްތައް ހުންނަންޖެހޭނެ ގޮތަކީ. އަޅުގަނޑުމެންގެ ވިސްނުމުގައި އަބަދުވެސް ބަހައްޓަންޖެހޭނެ، އަޅުގަނޑުމެންގެ ތެރޭގައި، ހޭލުންތެރިކަމުގެ ގޮތުން އެންމެން އެއްވަރެއްވެސް ނުވާނެކަން. އަޅުގަނޑުމެންގެ އެހީތެރިކަން އެންމެންނަށްވެސް ބޭނުންވާނެ.

އެހެންވީމާ، މިއަދު އަޅުގަނޑު ހަމަ ވަކިން ޚާއްޞަކޮށް، ޞިއްޙީ ދާއިރާގެ ޑޮކްޓަރުންނަށާއި ހޮސްޕިޓަލްތައް ހިންގަވާ ފަރާތްތަކަށް ވަރަށް ބޮޑަށް އިލްތިމާސްކޮށް، އަޅުގަނޑު އާދޭހާއެކު ދަންނަވަން، މި ދެންނެވި ކަންތައްތައް އަބަދުވެސް އިތުރަށް ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތައް ކުރަންޖެހޭނެއޭ. އަޅުގަނޑުމެންގެ ހޮސްޕިޓަލްތައް، އަޅުގަނޑުމެންގެ އެހެނިހެން އުމްރާނީ ވަސީލަތްތައް ޤާއިމުކުރެވި، މުޅި ޤައުމު ތަރައްޤީވެގެންދާއިރު، ޚިދުމަތް ފާސްޓްކޮށް ނުދެވޭ ކަމަށްވަންޏާ، ރައްޔިތުން އެކަންތައްތައް ބަލައެއްނުގަންނާނެ.

އާދެ، އަޅުގަނޑު އާސަންދައިގެ ތަފާސް ހިސާބުތައްވެސް ބަލައިލިން. އަދި ކުރީގައިވެސް އަޅުގަނޑަށް އެ މަޢުލޫމާތުތައް ކޮންމެވެސް މިންވަރަކަށް ލިބެމުންދިޔަ. އަޅުގަނޑުމެން ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ރާއްޖޭގައި. ދެންމެ އަޅުގަނޑުމެންނަށް މި ރިޕޯޓުތަކުންވެސް ފެނުނު ގޮތުގައި، އަހަރެއްގެ ތެރޭގައި ގާތްގަނޑަކަށް ތިންލައްކަ ސާޅީސްހާސް މީހުންނަށް އާސަންދަ މެދުވެރިކޮށް، އެކިއެކި ފަރުވާ ނުވަތަ އެކިއެކި ޚިދުމަތްތައް ލިބެމުންދޭ. އެއީ ވަރަށް ބޮޑު ޢަދަދެއް. މިއިން އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ، އަޅުގަނޑުމެންގެ ޤައުމުގައި، ގާތްގަނޑަކަށް ހަމަ ކޮންމެ މީހަކީވެސް ބަލިވެގެން ޑޮކްޓަރަށް ދައްކާ މީހެކޭ.

އާދެ، މިއަދު އަޅުގަނޑުމެންގެ ވިސްނުން، އަޅުގަނޑުމެންގެ އުޅުން، އަޅުގަނޑުމެންގެ ވައްޓަފާޅި ބަދަލުކުރަން އެބަޖެހޭ. ކުރިއަރައިދިޔަ ޤައުމުތައް، ދުޅަހެޔޮ ޖީލެއްގެ ގޮތުގައި ޤައުމުތައް، އެގޮތަށް ބަދަލުވެފައި އޮތީ މިކަންތައްތައް ބަދަލުކުރުމަށްޓަކައި، މުޅި ރައްޔިތުންއެކީ މަސައްކަތްތަކެއް ކޮށްގެން. މިއަދު އަޅުގަނޑުމެން އެބަޖެހޭ، ބަލިވުމުގެ ކުރިން، އާދެ، ރައްކާވެތިބެން. އަޅުގަނޑުމެންގެ ހަރުބަހެއްގެ ގޮތުގައިވެސް މި އޮންނަނީ، "ރައްކާވެތިބިއްޔާ ދަތުރޭ." އެގޮތުން، އަޅުގަނޑުމެން މި ދެންނެވި ކަންތައްތަކަށް ސަމާލުވާން އެބަޖެހޭ. ޒަމާން ބަދަލުވެގެން އަންނައިރު، އަޅުގަނޑުމެންނާ ހަމައަށް އަންނަނީ ވަރަށް ތަފާތު އެކިކަހަލަ ކަންތައްތައް. އެހެންވީމާ، އަޅުގަނޑުމެން ހެލިފެލިވެ އުޅުމާއި، އަދި ކާބޯތަކެއްޗާއި، ބޭނުންކުރާ ތަކެތި ބޭނުންކުރުމުގައި ޚާއްޞަކޮށް، ޑޮކްޓަރުންނާއި، އެކިއެކި މާހިރުންގެ އެ އިރުޝާދު އަޅުގަނޑުމެން ބަލައިގަންނަން އެބަޖެހޭ.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. މި ޕްރޮގްރާމް، ވަކިން ޚާއްޞަކޮށް، ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމްގެ ކަންތަކުގައި، ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް، ވަރަށް ބުރަކޮށް މަސައްކަތް އެބަ ކުރައްވާ. މުޅި ރާއްޖޭގައި މި ޕްރޮގްރާމް ފެށްޓެވުމަށްޓަކައި. އިރާދަކުރެއްވިއްޔާ، އަންނަ އަހަރު އަޅުގަނޑުމެންނަށް މި ކަންތައްތައް ތަޢާރުފުކުރެވި، މި މަސައްކަތް ފެށިގެންދާނެ.

އަޅުގަނޑު މި ވާހަކަ ދަންނަވާއިރު އަޅުގަނޑަށް އެނގޭ، މިއީ ކުރީގައި ދިވެހިރާއްޖޭގައި ވަރަށް ރަނގަޅަށް ހިނގަމުން އައި ޕްރޮގްރާމެއްކަންވެސް. އެހެންނަމަވެސް، މިއަދު ކޮންމެވެސް ސަބަބަކާ ހެދި އެކަންތައް ހުއްޓާލާފައި، އެކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ ސަބަބުން އަޅުގަނޑުމެންނަށް މި ފެންނަނީ، މި އަހަރުވެސް ރާއްޖެއިން ބޭރަށްދިޔަ، ބޭސްފަރުވާ ހޯދުމަށްޓަކައި މިއަހަރު މިހާތަނަށްދިޔަ މީހުންގެ ދެބައިކުޅަ އެއްބައި އެއީ ކެންސަރުގެ ފަރުވާ ހޯދަންޖެހޭ މީހުންކަން.

އެހެންވީމާ، މިއީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަންތައްތަކެއް. މިކަމުގައި އަޅުގަނޑުމެންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، އެކަމަށްވެސް މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ސްކޫލް ހެލްތު ޕްރޮގްރާމް، ސްކޫލުން ފެށިގެން އަޅުގަނޑުމެން އެވެއަރނަސް ޕްރޮގްރާމްތައް ހިންގަން އެބަޖެހޭ. ހެލްތު ސެންޓަރާއި، ކައުންސިލްތަކާއި، ރަށުގެ ޖަމުޢިއްޔާތަކާއެކީ، މި ކަންތައްތައް އަޅުގަނޑުމެން ކުރަން އެބަޖެހޭ.

އާދެ، އެނގިވަޑައިގަންނަވާނެ، މި ހުރިހާ ކަންތައްތަކާ ގުޅިގެން ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ވަކިން ޚާއްޞަކޮށް، މި ސަރުކާރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އަހަންމިޔަތުކަމެއް ދެއްވައިގެން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، އާދެ، ފަސް ސަރަޙައްދެއްގައި ޓާރޝަރީ ހޮސްޕިޓަލްތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައް، ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށް އެބަދޭ. އަޅުގަނޑުމެންނަށް ކޯވިޑް ތެރޭގައި ވަކިން ޚާއްޞަކޮށް ފެނިގެންދިޔަ، ދުވަހަކުވެސް ދިވެހިރާއްޖޭގެ އަތޮޅެއްގެ ހޮސްޕިޓަލަކުން ނުކުރާކަހަލަ ކަންތައްތައް. އާދެ، ސަރޖަރީތަކާއި، އެނޫންވެސް ފަރުވާ ލިބިގެންދިޔަތަން. އާދެ، މިއިން އެނގޭ އެއްޗަކީ، ސަރުކާރުގެ އަމާޒަކީ ކައިރިން ޚިދުމަތް ދިނުމުގެ މުހިންމުކަން. އަބަދުވެސް އަޅުގަނޑުމެންނަށް މި އޮންނަނީ، އެކިއެކި ފަރުވާތަކަށް ބޮޑެތި ކަނޑުތައް ހުރަސްކޮށް މާލެ އައުން.

އާދެ، ސަރުކާރުގެ އަމާޒަކީ، ލާމަރުކަޒީ ރާއްޖެއަކަށް ދަތުރުކުރާއިރު، ހުރިހާ ކަމެއް ކުރުމުގައިވެސް ރައްޔިތުންނަށް ފަސޭހަކޮށްދިނުން. ޞިއްޙީ ޚިދުމަތްތައްވެސް ގާތުން ލިބޭނޭގޮތަށް މަސައްކަތްތައް ކުރުން. އާދެ، އަޅުގަނޑު ހަމަ މިކަންތައްތައް ފާހަގަކޮށްފައި އަދި ވަކިން ޚާއްޞަކޮށް، މިނިސްޓަރ އޮފް ހެލްތު، ރާއްޖޭގެ ޞިއްޙީ ކަންތައްތައް، ވަކިން ޚާއްޞަކޮށް، ރާއްޖޭގެ އަތޮޅުތަކުގެ ޞިއްޙީ ކަންތައްތައް ރަނގަޅު ކުރެއްވުމަށްޓަކައި ކުރައްވާ މަސައްކަތްތައް ފާހަގަކުރަން. ހަމައެއާއެކު، ދިވެހިރާއްޖޭގެ އަމިއްލަ ފަރާތްތަކުން މާލޭ ސަރަޙައްދުގަޔާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ރާއްޖޭގެ ޞިއްޙީ ނިޒާމު ރަނގަޅުކޮށް، ރަނގަޅު ފަރުވާ ދިނުމަށްޓަކައި އެ ކުރައްވާ މަސައްކަތް އަޅުގަނޑު ފާހަގަކޮށް، ޚާއްޞަކޮށް، ރާއްޖޭގައި މަސައްކަތް ކުރައްވާ، ޚިދުމަތް ދެއްވާ އަމިއްލަ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ހަމަ އެއާއެކު، މާލޭގައި ހިންގާ ހުރިހާ ހޮސްޕިޓަލްތަކެއްގެ ވެރިންނާއި، އެތަނުގެ ޑޮކްޓަރުން ކުރައްވާ މަސައްކަތްވެސް އަޅުގަނޑު ފާހަގަކޮށް، އެފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެންނަށް ފެނިގެން މިދިޔަ، މި ދެ އަހަރު މި ވޭތުވެގެން މިދަނީ ވަރަށް އެހެންކަހަލަ ގޮތަކަށް. އާދެ، ދުވަހަކުވެސް އަޑުނާހާ ވައްތަރެއްގެ، ދުވަހަކުވެސް ނުދެކޭފަދަ ބޮޑު ބަލިމަޑުކަމެއްގައި. ޑޮކްޓަރުންވެސް ހީވެސްނުކުރާފަދަ ދަތި އުނދަގޫ ދުވަސްތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވެގެންދިޔައީ. އާދެ، 2020 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އަދި މިއަދާ ހަމަޔަށްވެސް މި ދެންނެވި ކަންތައްތަކުން މުޅިން އަޅުގަނޑުމެންނަކަށް ސަލާމަތެއްނުވެވޭ.

އަޅުގަނޑު މި ފުރުޞަތުގައި، ވަކިން ޚާއްޞަކޮށް، ޞިއްޙީ މާހިރުން، ޑޮކްޓަރުންނާއި، ނަރުހުންނާއި، އަދި މިކަމުގައި ޝާމިލުވި ހުރިހާ ފަރާތްތައް، ވޭތުވެގެންދިޔަ ދުވަސްތަކުގައި ކުރެއްވި މަސައްކަތްތައް، ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެ ކުރެއްވި މަސައްކަތްތައް ފާހަގަކޮށް، ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކަށާއި، އަދި މިކަމާ ގުޅިގެން އަޅުގަނޑުމެންނަށް އެހެނިހެން އެހީތެރިކަން ލިބުނު އެންމެހައި ފަރާތްތަކުން އެ ކޮށްދެއްވި މަސައްކަތްވެސް ފާހަގަކޮށް، އެންމެހައި ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އާސަންދަ ކުންފުނީގެ ހީވާގި މުވައްޒަފުން ރެޔާދުވާލު ކުރައްވާ މަސައްކަތް ފާހަގަކޮށް، މެނޭޖިންގ ޑައިރެކްޓަރ މަރްޔަމް ޝަފީޤަށާއި އަދި ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރަށާއި، ބޯޑު މެންބަރުންނަށާއި އަދި އާސަންދަ ކުންފުނީގެ އެންމެހައި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި އަޅުގަނޑުމެން ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَى ގެ ކިބަފުޅުގައި ދުޢާ ދެންނެވުން. ދިވެހިރާއްޖެއާއި ރައްޔިތުންނަށް ފާގަތި އުފާވެރި ދުޅަހެޔޮ ދުވަސްތަކެއް މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.