ސައިޒުން ކުޑަޔަސް، ނުވަތަ ބޮޑަސް، އަދި މީހުން މަދަސް، ނޫނީ ގިނަޔަސް ސަރުކާރުން އެއްވެސް ރަށެއް، ތަފާތު ނުކުރާކަމަށާއި، މިއަދަށް ފަހު ފެނާއި ނަރުދަމާގެ މަސައްކަތް ޙަވާލު ނުކުރެވޭ، މީހުން ދިރިއުޅޭ އެއްވެސް ރަށެއް ދިވެހިރާއްޖޭގައި ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިހާތަނަށް ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ނުފެށި އޮތް 23 ރަށުގައި އެ ޚިދުމަތް ޤާއިމުކުރުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ސްޓެލްކޯގައި ބޭއްވެވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ މި ހިނގާ ރިޔާސީ ދައުރަކީ، ދިވެހި ޖުމްހޫރިއްޔާގެ ޙަޔާތުން އައި އެންމެ ސާފުތާހިރު 5 އަހަރު ކަމަށާއި، ރިޔާސީ ދައުރުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅާނެ ކަމަށް ވަޢުދުވެވަޑައިގަތީ ވެސް އެމަނިކުފާނު ކަމުގައި ހާމަކުރައްވާފައެވެ. މިގޮތުން، ސާފުތާހިރު ކަމަކީ އީމާން ކަމުގެ އެއްބައިކަމުގައި ބުނާ ދުރޫސުލް އަޚްލާގްގެ ފިލާވަޅު އަދިވެސް އެމަނިކުފާނުގެ ހަނދާނުގައި ހުންނަ ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިމަތިވި ފާޑުކިޔުންތަކާއެކު ވެސް ވާޖިބަކަށް ވަޢުދުވެވަޑައިނުގެން ހުންނަވަން އެމަނިކުފާނުގެ ޒަމީރު ޖާގަ ނުދިންކަމުގައެވެ.

އެހެން ކަމުން މީހުން ދިރިއުޅޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް މި ސަރުކާރުގެ ފުރަތަމަ ދުވަހު ފަށައިގަނެ މަޝްރޫޢުތައް ޙަވާލު ކުރަމުން، މަސައްކަތް ނިންމާ ޚިދުމަތް ދިނުމުގައި އަވަދިނެތި ސަރުކާރު ދެމިއޮތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މިސަރުކާރަށް އަހަރެއްވިތަނާ ކުރިމަތިވި ކޮވިޑް-19 ގެ ޢާލަމީ ބަލިމަޑުކަމުގެ ދަންތުރައިގާ ހުރިހާ ޤައުމެއް ބެދުނުނަމަވެސް މިބަލިމަޑު ކަމަކީ ކުރުން ލާޒިމް ކަންކަން ނުކުރުމަށް އޮތް ބަހަނާއެއް ނޫން ކަމުގައި ވިދާޅުވެފައެވެ. އަދި، އެންމެ ފުރަތަމަ އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކީ، އަދި ވެވަޑައިގެންނެވި ވަޢުދަކީ ވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ ވަޢުދު ކަމަށާއި މިއަދަކީ އެވަޢުދު ފުއްދުމުގެ މަންޒިލަށް ވާޞިލުވުމަށް ލިބޭ ހެޔޮ ފާލެއްކަމުގައި ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަރައްޤީގެ ބޮޑު ކަމެއް މިއަދު ފާހަގަވެގެން ދިޔަކަމުގައިވިޔަސް އަދިވެސް ރައްޔިތުންނަށް ބޭނުންވާ އެތައް ކަމެއް ކުރަންޖެހޭކަމަށާއި، އޭގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގޯތިގެދޮރުގެ މައްސަލަ ޙައްލުކުރުން ކަމުގައި ވިދާޅުވެފައެވެ. އަދި، މި ސަރުކާރުގައި މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގޯތިގެދޮރުގެ މައްސަލަޔަށް ވެސް ޙައްލެއް ހޯދައިދޭނެކަމުގައި ވިދާޅުވަމުން، މިހާރު ވެސް ހުޅުމާލޭގައި 5000 ފްލެޓް އެޅުމުގެ މަސައްކަތް ކުރިޔަށް ދާކަމަށާއި، މީގެ އިތުރުން މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ގޯތިދިނުމުގެ މަޝްރޫޢެއް ކުރިޔަށް ގެންދިޔުމަށް ސަރުކާރުން ރާވާފައިވާކަން ހާމަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ދައުލަތުގެ ވަޒީރުންނާ މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.