بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މާސްޓަރ ޑެންޓަލް ކެއަރގެ މެނޭޖިންގ ޑައިރެކްޓަރ ޑޮކްޓަރ އަޙްމަދު ސަލީމް، މާސްޓަރ ޑެންޓަލް ކެއަރގެ ޑޮކްޓަރުންނާއި، ހީވާގި މުވައްޒަފުން، އަދި ޑޮކްޓަރ އަޙްމަދު ސަލީމުގެ އާއިލާއާއި، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް މިފަދަ ކަމެއް ފެށްޓުމުގެ ފުރުޞަތު، އަޅުގަނޑަށް ދެއްވީތީވެ، ޚާއްޞަކޮށް، ޑޮކްޓަރ އަޙްމަދު ސަލީމަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މިފަދަ ކަމެއްގައި ބައިވެރިވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

އާދެ، އަޅުގަނޑު އެންމެ ފުރަތަމަވެސް ހަމަ ދަންނަވާލާނީ، ޑޮކްޓަރ އަޙްމަދު ސަލީމަކީ ވަރަށް ހިތްހެޔޮ ބޭފުޅެކޭ. ޑޮކްޓަރ އަޙްމަދު ސަލީމާއެކު މަސައްކަތްތައް ކުރުމުގެ ފުރުޞަތު އަޅުގަނޑަށް ވަރަށްގިނަފަހަރު މަތިން ލިބުނު. އެއީ އަޅުގަނޑުގެ އެދުމުގެ މަތިން، ވަރަށްގިނަފަހަރު މުޅިން ހިލޭ މެޑިކަލް ކޭމްޕްތައް، އަޅުގަނޑުގެ ކުރީގެ ދާއިރާ ކަމަށްވާ ގާފަރު އަދި ކާށިދޫ، އަދި އަޅުގަނޑުގެ އުފަން ރަށް ފުވައްމުލަކުގައިވެސް މުޅިން ހިލޭ، މުވައްޒަފުންނާ އެކީގައި، ބޭނުންވާ ސާމާނާވެސް އެކީގައި ދަތުރުތައް ކުރައްވައި، ގިނަ ދުވަސްތަކެއް ހޭދަކޮށްދެއްވައި، އެތައް ބަޔަކަށް އެތައް ފަހަރެއްގެ މަތިން ފަރުވާދެއްވައި، ޚިދުމަތް ދެއްވި. އެކަމަށްޓަކައި އަޅުގަނޑު މިއަދު ހަމަ ވަރަށް ބޮޑަށް ޑޮކްޓަރ އަޙްމަދު ސަލީމަށާއި އަދި މާސްޓަރ ޑެންޓަލް ކެއަރގެ ހުރިހާ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުމެންނަށް މި ފެންނަނީ މިއަދު މުޅިން ތަފާތު ޚިދުމަތްތަކެއް ތަޢާރުފް ކުރެވިގެންދާތަން. އާދެ، މި ރާއްޖެއަށް މިއަދު އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ތަފާތު އެކި ޚިދުމަތްތައް އެބަ ބޭނުންވޭ. އަޅުގަނޑުމެންނަށް ޑޮކްޓަރ އަޙްމަދު ސަލީމް އަބަދުވެސް މި ފާހަގަކުރެވެނީ، ވަރަށް އިނޮވޭޓިވް ބޭފުޅެއްގެ ގޮތުގައި. މުޅިން އާ ކަންތައްތަކެއް ކުރައްވައި، ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބައްލަވައިގެން، އެކަންތައްތައް ފުރިހަމަ ކުރައްވާ ބޭފުޅެއްގެ ގޮތުގައި. އާދެ، އެމަނިކުފާނުގެ ވާހަކަފުޅުގައިވެސް ފާހަގަކުރައްވައިފި، މާލެއާއި އަދި ހުޅުމާލެ އަދި މާލެއިން ބޭރުގައިވެސް މިހާރު ފަށްޓަވާފައިވާ ޚިދުމަތްތަކުގެ ވާހަކަތައް. މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ، އެންމެ ޒަމާނި ޓެކްނޮލޮޖީއާއި، އެންމެ އެޑްވާންސްޑް ޚިދުމަތްތައް ދިނުމުގެ ގޮތުން ފަށްޓަވާ މަސައްކަތެއް. މިފަދަ ފުރިހަމަ ކަމެއް ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައި ވަނީ. ޒަމާނީ މިފަދަ ކަންތައްތަކެއް ފަށްޓަވާތީ، އަޅުގަނޑު ހަމަ އެކަމަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ދިވެހިރާއްޖެ ކުރިއަރައިގެން އަންނައިރު، ތަރައްޤީވެގެން އަންނައިރު، ޚާއްޞަކޮށް، ޞިއްޙީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނައިރު، އަމިއްލަ ފަރާތްތަކުގެ ވަރަށް ގިނަ މަސައްކަތްތައް އަޅުގަނޑުމެންނަށް އެބަ ފެނޭ. ޞިއްޙީ ދާއިރާއަށް މި އަންނަ ބަދަލުތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ، އަމިއްލަ ކުންފުނިތަކުން، އަމިއްލަ ފަރުދުން އެ ކުރައްވާ މަސައްކަތް، ރާއްޖެއާއި ރާއްޖޭގެ ރަށްތަކުގައި. އަޅުގަނޑު ދަންނަވާނީ، މުޅި ރާއްޖެއަށް މި އަންނަ ތަރައްޤީގެ މި ކުރިއެރުންތައް މިއަދު މިހިސާބަށް އައުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ދިވެހިރާއްޖޭގައި ތިއްބެވި މިފަދަ ބޭފުޅުންނޭ. އަޙްމަދު ސަލީމްފަދަ ބޭފުޅުން އެ ކުރެއްވި މަސައްކަތްތަކުންނޭ، ޞިއްޙީ ދާއިރާވިޔަސް އަދި އެނޫން ދާއިރާތައްވެސް ކުރިއަރައިގެން މިދަނީ.

އަޅުގަނޑުމެން ޤަބޫލުކުރަން އަބަދުވެސް ޖެހޭނެ، އެއްވެސް ޤައުމެއް ތަރައްޤީއެއް ނުވާނެ، ކުރިއަރައިގެނެއް ނުދާނެ، ހަމައެކަނި ސަރުކާރުން ކުރާ މަސައްކަތަކުން. އަޅުގަނޑުމެންނަށް މި ރާއްޖެއިން ދެންމެ އަޅުގަނޑު މި ދެންނެވި ކަންކަން ފެންނަން އެބައޮތް. އަޅުގަނޑުމެން ދިވެހިރާއްޖޭގެ ޓުއަރިޒަމް ދާއިރާއަށް ބަލައިލިނަމަވެސް، ޞިއްޙީ ދާއިރާއަށް ބެލިނަމަވެސް، އަދި މިއަދު ތަޢުލީމީ ދާއިރާއަށް އަޅުގަނޑުމެން ބެލިނަމަވެސް، އަޅުގަނޑުމެންނަށް އެބަ ފެނޭ، އަމިއްލަ ފަރާތްތަކުން މަތީ ހަރުފަތްތަކަށް ޚިދުމަތް ގެންދިޔުމަށްޓަކައި، މީހުން އުފެއްދުމަށްޓަކައި، ބިނާކުރުމަށްޓަކައި އެންމެ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިވެފައިވާ މީހުން ތައްޔާރުކުރުމަށްޓަކައި ކުރައްވާ މަސައްކަތް. އެކިއެކި ދިމަދިމާއިން އެންމެ ކުރިއަރާފައިވާ، ދާއިރާތަކަށް ބަލާއިރު، މިސާލަކަށް، އަޅުގަނޑުމެން ޓޫރިޒަމް ދާއިރާ ބަލައިފި ކަމަށްވަންޏާވެސް، އަޅުގަނޑުމެންނަށް އެ ދާއިރާ މި ފެންނަނީ، މުޅި ދުނިޔެއަށް މިސާލެއްގެ ގޮތުގައި. އެއީ އަމިއްލަ ކުންފުނިތަކުން އަމިއްލަ މީހުން ކުރާ މަސައްކަތްތަކުގެ ނަތީޖާ. ދެން މިއަދު އަޅުގަނޑުމެންނަށް ހަމަ އެބަ ފެނޭ، ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއަރައިގެންދާ މަންޒަރު. އެއީވެސް އަޅުގަނޑު ދަންނަވާނީ ހަމަ މިގޮތަށް ކުރެވޭ މަސައްކަތްތަކެކޭ.

މިއަދު އަޅުގަނޑުމެން މި މަސައްކަތްތައް މިގޮތަށް ކުރާއިރު، އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކެއް ހުރިއިރު، މިހުން ބިނާކުރުމުގެ ކަންތައްތައް، މީހުން އުފެއްދުމުގެ ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް އަޅުގަނޑުމެންނަށް ދެވެން އެބަޖެހޭ. މިއަދު ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޚާއްޞަ ގޮތެއްގައި އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަމަކީވެސް މީހުން ބިނާކުރުން. އެގޮތުން ވަކިން ޚާއްޞަކޮށް، ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަކީ އެއީ ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް، ވަރަށް ބޮޑު ސަމާލުކަމެއްދީގެން، ދިވެހި ސަރުކާރުން ކުރިއަށް ގެންދާ ކަމެއް.

އަޅުގަނޑު ހަމަ ދަންނަވާލާނަން، އަޅުގަނޑުމެން ހުޅުމާލެއަށް ބަލައިފި ކަމަށްވަންޏާވެސް، މިހާރުވެސް އަޅުގަނޑުމެންނަށް ހުޅުމާލެ ހޮސްޕިޓަލްގައި އެބަ ކުރިއަށް ގެންދެވޭ، ވަރަށް ބޮޑު ޕްރޮޖެކްޓެއް. ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގެ ނަމުގައި ޑިސްއެބިލިޓީ އަދި ސްޕެޝަލް ނީޑް ކުދިންނަށް އެކިއެކި ތެރަޕީތަކާއި، ބޭނުންވާ އެކި ފަރުވާ ދިނުމަށްޓަކައި އެ މަސައްކަތްތައް އެބަ ކުރިއަށް ގެންދެވޭ. އަދި ހަމައެއާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މި މަސައްކަތް ކުރިއަށް އެބަ ގެންދެވޭ.

ހަމަ މިއާއެކު، އަޅުގަނޑުމެން މިއަދު ސަރުކާރުގެ މިޞްރާބު މުޅިން ބަދަލުކޮށްފައި މިހިރީ، އެކި ދާއިރާތަކަށް ޚާއްޞަކޮށްގެން މިހުން ބިނާކުރުމަށް. ވަކި ދާއިރާއެއްގެ މީހުން ބިނާކުރާއިރު، އެއީ ވަކި އަތޮޅުތަކެއްގެ، ވަކި ރީޖަންތަކެއްގެ މީހުން ބިނާކުރެވޭފަދަ ގޮތަކަށް ކަންތައްތައް ކުރުމަށް. އަޅުގަނޑު ހަމަ ދަންނަވާލާނަން، އަޅުގަނޑު މި ދެންނެވި ސީ.ޑީ.ސީ.ގެ މަސައްކަތާއެކު، އަޅުގަނޑުމެން މިހާރު ވާނީ ތަޢާރުފުކޮށްފައި. ވަކިން ޚާއްޞަކޮށް، ތެރަޕިއުޓިކް ދާއިރާއިން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަކި ރީޖަންތަކަކަށް މީހުން ބިނާކުރުމުގެ މަސައްކަތްވެސް. އެގޮތުން ފަސް ސަރަޙައްދެއްގައި ޓާރޝަރީ ހޮސްޕިޓަލްތަކެއް، ތަރައްޤީ ކުރުމަށް އަޅުގަނޑުމެން ކުރިއަށް މި ގެންދާ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާއިރު، އެ  ދާއިރާއަށްވެސް، އެ ހޮސްޕިޓަލްތަކަށްވެސް އެކި ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތްތައް ކުރިއަށް އެބަދޭ.

އެހެންވީމާ، މިއަދުގެ ޒުވާނުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ އުފެއްދުންތެރި، ހުނަރުވެރި ޒުވާނުން އެބަ ބޭނުންވެއޭ، އަޅުގަނޑުމެންގެ މިހިރަ ހުރިހާ ކަންތައްތަކާ ހަވާލުވާން. އަޅުގަނޑުމެންގެ ޤައުމު އެންމެ ހެޔޮގޮތުގައި، އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވޭނީ، އަޅުގަނޑުމެންގެ ކަންތައްތަކާ އަޅުގަނޑުމެން ހަވާލުވެގެން. އަޅުގަނޑުމެން ކުރާ މަސައްކަތެއްގެ ގޮތުގައި އެކަންތައްތައް އޮވެގެން. އަޅުގަނޑުމެންގެ ތެރޭގައި، އިންސާނީ ވަސީލަތް މަދުއިރު، އަޅުގަނޑުމެންގެ ތެރޭގައި އެ އެކްސްޕަރޓީސް ނެތްއިރު، އަޅުގަނޑުމެން ބޭރު މީހުން ބޭނުންކުރިން. އެކަމަކު މިއަދު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެންނަށް ޒުވާނުން އެބަ ފެނޭ، ކުރިއަރަމުންދާތަން. އެކި ދިމަދިމާއަށް އަމާޒުކޮށްގެން މީހުން ބިނާކުރެވި، މަސައްކަތް ކުރެވިގެންދާތަން.

އަޅުގަނޑު ޒުވާނުންނަށް ގޮވާލަން ބޭނުންވަނީ، ޤައުމަށް ބޭނުންވާ ދާއިރާތަކުން ޝައުޤުވެރިކަމާއެކު އެ ދާއިރާތަކުން ކުރިއަށް ދިޔުމަށްޓަކައި މަސައްކަތް ކުރާށޭ. ރާއްޖޭގައި ޞިއްޙީ ދާއިރާގައި ފުރުޞަތު އެބައޮތް. ޓެކްނިކަލް ދާއިރާއިން ފުރުޞަތުތައް އެބައޮތް. ޑައިގްނޯސްޓިކް އެކިއެކި ފެސިލިޓީތައް ޤާއިމުކުރެވިގެންދާއިރު، ޓެކްނީޝަނުންނާއި، އެކިއެކި މީހުން އެބަ ބޭނުންވޭ. ހަމަ އެއާއެކު، އެޑިޔުކޭޝަން ދާއިރާ، ޓުއަރިޒަމް ދާއިރާ، އިންޖިނިއަރިންގ، ރިނިއުވަބަލް އެނަރޖީ، ވޭސްޓް މެނޭޖްމަންޓް ފަދަ ތަފާތު އެކި ކަންތައްތައް އަޅުގަނޑުމެން މި އަންނަނީ ކުރަމުން. އެނގިވަޑައިގަންނަވާނެ، މިހާރު ދުނިޔޭގެ މުޅި ހިންގުމުގެ ނިޒާމަށް މިވަނީ ބަދަލުތަކެއް އައިސްފައި. ކްލައިމެޓް ޗޭންޖާ ގުޅިގެން އަޅުގަނޑުމެންގެ އުޅުން ބަހައްޓަންޖެހޭގޮތާއި، ވަރަށް ގިނަ ކަންތައްތަކަކަށް، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް، އަޅުގަނޑުމެން އެބަޖެހޭ ބަދަލުގެންނަން،

ޞިއްޙީ ދާއިރާއާ ގުޅުންހުރި ކަމެއްގެ ޙަފްލާއަކަށްވީތީވެސް، އަޅުގަނޑު ހަމަ ނިންމާލަމުން ދަންނަވާލަން ބޭނުން، އަޅުގަނޑު ކުރިމަތިން އަޅުގަނޑަށް އެބަ ފެނޭ ޑޮކްޓަރުން. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން އެބަޖެހޭ ސަމާލުކަންދޭން، އަޅުގަނޑުމެންގެ ތެރޭގައި އެކިއެކި ބަލިތައް ވަރަށް ގިނަ. ގައިންގަޔަށް ނާރާ ބަލިވެސް ވަރަށް ގިނަ. މި ކަންތައްތަކާ ސަމާލުވެ، ބަލިޖެހުމުގެ ކުރިން އަޅުގަނޑުމެން ބަލިން ރައްކާތެރިވުމަށްޓަކައި ޚާއްޞަ ސަމާލުކަން ދޭން އެބަޖެހޭ. އަޅުގަނޑުމެންގެ ހަށިގަނޑަށް ގެއްލުންވާފަދަ ކެއިންބުއިމުގެ ތަކެއްޗާ ދުރަށްދާން އެބަޖެހޭ.

އެހެންވީމާ، އަޅުގަނޑު ހަމަ ކުރުގޮތަކަށް ދަންނަވާލަން އޮތީ، ފުރިހަމަ ޞިއްޙަތެއްގައި އަޅުގަނޑުމެން ތިބުމަށްޓަކައި ޚާއްޞަކޮށް، އަޅުގަނޑުމެންނަށް ޑޮކްޓަރުންގެ ފަރާތުން ލިބޭ އިރުޝާދާއި އަދި އެނޫން ގޮތްގޮތަށް އަޅުގަނޑުމެންނަށް ދަސްވެފައި ހުރި އެއްޗެތީގެ ބޭނުންކޮށްގެން އެބަޖެހޭ، ދުޅަހެޔޮ، ރަނގަޅު ޞިއްޙަތެއްގައި ތިބޭ ބަޔަކަށްވުމަށް އަޅުގަނޑުމެން މަސައްކަތް ކުރަން.

އާދެ، އަދިވެސް ނިންމާލުމުގެ ކުރިން، އަޅުގަނޑު ވަރަށް ހަމަ ޝުކުރުވެރިކަމާއެކު ފާހަގަކުރަން، އަޅުގަނޑަށް މި ޙަފްލާގައި މި ދެއްވި ފުރުޞަތާއި އަދި ޑޮކްޓަރ ސަލީމާއި، ޑޮކްޓަރ ސަލީމުގެ ޓީމުގެ ފަރާތުން ދިވެހި ރައްޔިތުންނަށް މި ކޮށްދެއްވާ ޚިދުމަތް. ދެން ޑެންޓަލް ކަމެއްގެ މަސައްކަތަކަށްވާތީވެސް، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން އަބަދުވެސް ވަރަށް ހީލާފައި ތިބޭ ބަޔަކަށްވާން އެބަޖެހޭ. އަބަދުވެސް އެކަކު އަނެކަކަށް ސްމައިލްކޮށްފައި ތިބޭތަން އަޅުގަނޑަށް އެބަ ފެނޭ. އޭރުން މި ޑެންޓަލުން އެ ކުރައްވާ ކަންތައްތަކުންވެސް އަޅުގަނޑުމެންގެ ރީތި ދަތްތައްވެސް މި ފެންނަނީ. ރީތިކޮށް ހީލާފައި، އެކަކު އަނެކަކަށް އޯގާތެރިކޮށްހިތުމުން. އެހެންވީމާ، ހަމަ ނަސޭހަތެއްގެ ގޮތުގައި އެ ވާހަކަ ދަންނަވާލަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ފުރިހަމަ ޞިއްޙަތެއް ދެއްވައި، އެކަކު އަނެކަކަށް އޯގާތެރިވެ އުޅުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން އެދި ދުޢާކުރަމުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.