2022 ވަނަ އަހަރަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރު ކަމަށްވުމާއެކު، އެ އަހަރު ފާހަގަކުރެއްވުމުގެ ގޮތުން، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން  ފެށިގެން "2022: ފަތުރުވެރިކަމުގެ ރަން އަހަރު" ގެ ލޯގޯ، ސަރުކާރުގެ ހުރިހާ އިދާރާތަކުން ފޮނުއްވާ ރަސްމީ ސިޓީތަކާއި، އީ-މެއިލް ފުޓަރތަކުގައި ބޭނުންކުރެއްވުމަށް ނިންމަވައިފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"2022: ފަތުރުވެރިކަމުގެ ރަން އަހަރު" ގެ ލޯގޯ
 
ވީމާ، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، ރަސްމީ ސިޓީތަކާއި، އީ-މެއިލް ފުޓަރތަކުގައި، "2022: ފަތުރުވެރިކަމުގެ ރަން އަހަރު" މިގޮތަށް ދިވެހިބަހުން ޝިޢާރު ލިޔެފައިވާ ލޯގޯ ޖެއްސެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.މި ލޯގޯ ޖެއްސެވުމަށްޓަކައި، އެކަމާބެހޭ މަޢުލޫމާތު، މިނިސްޓްރީ އޮފް ޓޫރިޒަމުން ސަރުކާރުގެ އޮފީސްތަކަށް ދެއްވާނެ ކަމަށާއި، އެ މަޢުލޫމާތު ލިބިވަޑައިގަތުމުން، ލޯގޯ ޖައްސަވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރު ކުރެއްވުމުގައްޔާއި، ރާއްޖެއިން ބޭރުގައި އޮންނަ އެކިއެކި ފެއަރތަކާއި ބައްދަލުވުންތަކުގައި، ރާއްޖެ އިޝްތިހާރު ކުރެއްވުމަށް، އިނގިރޭސިބަހުން ޝިޢާރު ލިޔެފައިވާ ލޯގޯ ބޭނުންކުރެއްވުމަށް ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.