بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ކޮމިޝަނަރ އޮފް ޕޮލިސް މުޙަންމަދު ޙަމީދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު، ޑެޕިއުޓީ ކޮމިޝަނަރުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިން، ސްޓޭޓް މިނިސްޓަރުން، ސްކޫލްތަކުގެ ޕްރިންސިޕަލުން، ބެލެނިވެރިން އަދި މި ޕްރޮގްރާމް އެބަޔަކަށް ޚާއްޞަވެގެންވާ އަޅުގަނޑުމެންގެ ލޮބުވެތި ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް، ކޮމިޝަނަރ އޮފް ޕޮލިސްއަށާއި އަދި ވަކިން ޚާއްޞަކޮށް، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ އިސްވެރިންނަށް، މިފަދަ ޕްރޮގްރާމެއް ހިންގަވާތީވެ، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން ކޮންމެ ކަމެއް ކުރާއިރުވެސް، އެކަމުގައި ހަމަތަކެއް ގެންގުޅެން އެބަޖެހޭ. އެއީ އަޅުގަނޑުމެން މަސައްކަތް ކުރުމުގައި ކަމުގައިވިޔަސް، އަޅުގަނޑުމެން ފިލާވަޅުތައް ދަސްކުރުމުގައި ކަމުގައިވިޔަސް، ގޭތެރޭގެ މަސައްކަތްތަކުގައި ކަމުގައިވިޔަސް، އަދި މަގުމަތީގައިވިޔަސް، ވަކި އުޞޫލުތަކެއް، ވަކި ގޮތްތަކެއް، ވަކި ޕްރިންސިޕަލްތަކެއް އަބަދުވެސް ހިފަހައްޓަންޖެހޭ. އެއީ އިންސާނަކަށްވީތީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުން، އަޅުގަނޑުމެން އިންސާނިއްޔަތަށް އެންމެ ބޮޑަށް ބާރުއަޅުއްވާފައިވާ ކަމަކީ. އާދެ، މިކަން މި ކުރެވެނީ، މި ހަމަތައް މި ހިފެހެއްޓެނީ، އެކަކު އަނެކަކަށް ވަރަށް ބޮޑަށް އިޙްތިރާމް އަދާކޮށްގެން. އެކަކު އަނެކަކަށް ކަންކަމުގައި ދޫދީ، އަނެކާއަށް އިސްކަންވެސްދީގެން.

އާދެ، އެނގިވަޑައިގަންނަވާނެ، މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް، މިއީ އަޅުގަނޑު ދަންނަވާނީ، މުޅި ހުރިހާ ރައްޔިތުން އެކަމަކަށް ސަމާލުކަން ދޭންޖެހޭވަރުގެ ވަރަށް ބޮޑު ކަމެކޭ. އެނގިވަޑައިގަންނަވާނެ، މާލެ ކިތަންމެ ކުޑަކަމުގައިވިޔަސް، އަދި ރާއްޖޭގެ ރަށްތަކަކީ ކުދިކުދި ރަށްތަކެއް ކަމުގައިވީނަމަވެސް، ހިނގާ އެކްސިޑެންޓްތަކަކީ ވަރަށް ބޮޑެތި، ވަރަށް ބޮޑެތި، ވަރަށް ހިތާމަވެރި އެކްސިޑެންޓްތައް. އާދެ، މިއިން ކޮންމެ އެކްސިޑެންޓަކަށް ބަލައިލިނަމަވެސް، އާންމު ގޮތެއްގައި ހަމަ މުޅިންވެސް ފެންނަނީ، ކޮންމެވެސް އެކަކުގެ ފަރުވާކުޑަކުރުން، ކޮންމެވެސް މީހެއްގެ އިހްމާލު.

އާދެ، މިއީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން މިކަމާމެދު ވަރަށް ބޮޑަށް، ވަރަށް ފުންކޮށް ވިސްނައި، ކޮންމެ ފިޔަވަޅެއް އެޅުމުގައި އަދި ދުއްވުމުގައި ވަރަށް ބޮޑަށް ފަރުވާބަހައްޓަންޖެހޭ ކަމެއް. އާދެ، ވަކިން ޚާއްޞަކޮށް، އަޅުގަނޑު ހަމަ ދަރިވަރުންނަށް މިއަދު ދަންނަވާލަން ބޭނުންވަނީ، ދަރިވަރުން ސްކޫލް ނިންމާފައި މުޖުތަމަޢަށް ނުކުންނައިރު، ދަރިވަރުން ވާންޖެހޭ، މުޖުތަމަޢަށް ފައްކާވެފައިވާ ދަރިންތަކަކަށް. ކިޔެވުމަކީ އެއީ ކަންކަން ދަސްކުރުން. އަނެއްމީހާ އެކަމަށް ތިމާއަށް ސެލިއުޓް ކުރާ މިންވަރަށް ކަންކަން ކުރުން. އެހެންވެ މިއަދު އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ދަރިވަރަކުވެސް، މަގުމަތީގެ މި ބާވަތުގެ ކަންތައްތައް، ވަކިން ޚާއްޞަކޮށް، ދުއްވުމުގައި އެ ގެންގުޅެންޖެހޭނެ އުޞޫލުތަކާއި، ހިނގާބިނގާވެ އުޅުމުގައި އެ އުޅެންޖެހޭނެގޮތާ، މިކަންތައްތަކަކީ މިއީ އަޅުގަނޑު ދަންނަވާނީ، ކޮންމެހެން ސަމާލުކަން ދޭންޖެހޭ ކަމެކޭ.

އާދެ، ޙަޤީޤަތަކީ، މިފަދަ ކަންތައްތައް ދިމާވީމާ، އެއީ ކިހާވަރެއްގެ ކަމެއްކަން، ކިހާ ފުން ހިތާމައެއް ކުރަންޖެހޭ ކަމެއްކަން، އަޅުގަނޑުމެންނަށް އެބަ އެނގޭ. އާދެ، މަދެއްނޫން، އަޅުގަނޑު ކުރީގައިވެސް މި ދެންނެވި ގޮތަށް، އެކްސިޑެންޓްތަކާ ގުޅިގެން ދުނިޔެ ދޫކޮށްފައިވާ ފަރާތްތައް. އެކްސިޑެންޓެއްގެ ސަބަބުން މުޅި ޢުމުރަށް ތިމާ ނުކުޅެދޭ މީހެއްގެ ގޮތުގައި، ބަދަލުވެފައި ތިބީ. އާދެ، އެހެންވީމާ، މިކަން ޙައްލުކުރެވޭނީ، އަޅުގަނޑު ދަންނަވާނީ، މިކަމަށް ވަރަށް ބޮޑަށް ސަމާލުވެވިގެންނޭ. މަގުމަތީގައި ހިނގާބިނގާވެ ނުވަތަ ދުއްވާ އުޅުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށްވަންޏާ، އަޅުގަނޑުމެން އެކަމެއް ރަނގަޅު ކޮށްގެން ނޫނީ، އެކަމެއް ޙައްލެއްނުވާނެ.

އާދެ، އަޅުގަނޑުގެ ހަނދާނަށް އަންނަނީ، އަޅުގަނޑުމެންނަށް މި ސަރުކާރު، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ރިޔާސަތާ ޙަވާލުވެވަޑައިގަތުމާއެކީ، އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ފެށިގެންދިޔަ، އެއް މަސައްކަތަކީ ހަމަ މުޅި ރާއްޖޭގައިވެސް، މާލެ ހިމެނޭގޮތަށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ހޭލުންތެރި ކުރުމަށްޓަކައި ގިނަގުނަ ޕްރޮގްރާމްތަކެއް ހިންގިތަން. އާދެ، އެނގިވަޑައިގަންނަވާނެ، މިގޮތުން ޤައުމީ ފެންވަރުގައި ރާއްޖޭގެ ހުރިހާ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކާއި، މޯލްޑިވްސް ޕޮލިސް ގުޅިގެން ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައި.

އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، މަގުމަތީގައި ޒިބްރާ ކްރޮސްތަކެއް ހުރޭ. އެތަނުން ހުރަސްކުރާ ފަރާތްތަކަށް އަޅުގަނޑުމެން ވަގުތުކޮޅެއް ދޭންވާނެ. އެހެންނަމަވެސް، ބައެއްފަހަރު ހަމަ ވަރަށް ބޮޑަށް ފެނޭ، ކިތަންމެ ޢުމުރުން ދުވަސްވީ މީހަކުވިޔަސް، މާބަނޑު މީހަކު ނުވަތަ ކުޑަކުއްޖަކު ގޮވައިގެން މީހަކު ހުރަސްކުރާ ވަގުތުވެސް، ތަނަކަށްދާން ލަސްވެފައި ތިބޭވަރުން ހަމަ ވަގުތު ނުދެވިދާކަން. ހަމައެއާއެކު، އަޅުގަނޑުމެންނަށް ފެނޭ، ބަލިމީހަކު ހޮސްޕިޓަލުން ކާރުގައި އެނބުރި އައިސް، ގޭ ދޮރުމައްޗައް ފައިބަން ވަގުތުކޮޅެއް ނަގާއިރު، އެކަމަށްވެސް އަޅުގަނޑުމެންނަށް އެ ވަގުތު ނުދެވިދާކަން.

މިއީ އަޅުގަނޑުމެން މިއަދު ހަމަ ވާހަކަ ދައްކައި، މިކަމަށް ވިސްނައި، ރަނގަޅުކުރަންޖެހޭނެ ކަންތައްތައް. މުޖުތަމަޢެއްގެ ތެރޭގައި ހަމަޖެހުން ޤާއިމު މި ކުރެވެނީ، މި ހުރިހާ ކަމަކަށް ސަމާލުކަން ދެވިގެން. ހުރިހާ ބަޔަކަށްވެސް އިޙްތިރާމާއި އެ ޤަދަރު ދެވިގެން. ކުޑަކުޑަ ތަނެއް މިއީ. އަޅުގަނޑުމެން އެންމެންގެ މައްސަލައެއްވެސް ނޫން. އަޅުގަނޑުމެންގެ މި ރަށްތައް ހުރިގޮތް އެއީ. މާލޭގެ ތޮއްޖެހުން ބޮޑީ. މާލޭގައި ދުއްވާ ތަކެތިވެސް ގިނައީ. މީހުންވެސް ގިނައީ.

އަޅުގަނޑުމެން މަސައްކަތްތަކެއް ފެށިން. ސަރުކާރުން އެ ފެށި މަސައްކަތުގައި، މާލޭގެ މި އޮތް ތޮއްޖެހުން ކުޑަކުރުމަށްޓަކައި، ވަކިން ޚާއްޞަކޮށް، ޕާކިންގއާއި އަދި މަގުތަކަށް ފަސޭހަކަން ގެނެސް، ޕަބްލިކް ޓްރާންސްޕޯޓް ފުޅާކުރުމުގެ މަސައްކަތްތަކެއް ކުރެވިގެންދިޔަ. އަޅުގަނޑު މިއަދުވެސް ދަންނަވާލަން އޮތީ، އަޅުގަނޑުމެން މި މަސައްކަތްތައް ބާރަށް ކުރަން އެބަޖެހެއޭ. އަދި ޓްރެފިކް އެވެއަރނަސް، މުޅި މާލެއާއި ރާއްޖޭގައި އިތުރަށް އަޅުގަނޑުމެން ކުރިއަށް ގެންދަން އެބަޖެހެއޭ.

އާދެ، ޙަޤީޤަތުގައި ސްކޫލްގައި ދަރިވަރުންނަށް އަޅުގަނޑުމެންނަށް އެބަޖެހޭ، މިބާވަތުގެ ގިނަ ކަންތައްތަކެއް ދަސްކޮށްދޭން. ހުނަރު ދަސްކޮށްދެވެން އެބަޖެހޭ. މަސައްކަތްތެރިކަން ދަސްކޮށްދެވެން އެބަޖެހޭ. ރަނގަޅު ނަތީޖާއަކީ، އަޅުގަނޑު ކުރީގައިވެސް މިދެންނެވި ގޮތަށް، މި ހުރިހާ ކަމެއް އެއްކޮށްގެން، އެ ޙާސިލް ކުރެވޭ އެއްޗެއް.

އާދެ، އަޅުގަނޑު މި ފުރުޞަތުގައި ހަމަ ފާހަގަކޮށް، ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުން، ޑެޕިއުޓީ ޕުރިންސިޕަލުން، ލީޑިންގ ޓީޗަރުން، ޓީޗަރުން އަދި އެނޫން މުވައްޒަފުންނަށް، އެ ކުރާ މަސައްކަތްތައް، ދަރިވަރުންނަކީ ހެޔޮލަފާ، ޤައުމަށް ފައިދާހުރި، ނަތީޖާ ނެރެދެވޭ ރަނގަޅު ބަޔަކަށް ހެދުމަށްޓަކައި ތިޔަބޭފުޅުން ކުރައްވާ މަސައްކަތްތައް، އަޅުގަނޑުމެން މިއަދު ފާހަގަކުރަންޖެހޭ. ހަމައެއާއެކު، އެޑިޔުކޭޝަން މިނިސްޓަރ އަދި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުން އަދި ހުރިހާ މުވައްޒަފުން، އެ ކުރައްވާ މަސައްކަތްތައް އަޅުގަނޑު ފާހަގަކޮށް، ޖުމްލަކޮށް ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ދުނިޔޭގެ އެއްވެސް ޤައުމެއް ކުރިއަރާފައެއް ނެތް، ހުރި މައްސަލަތައް ޙައްލުކުރުމަށްޓަކައި އެކުގައި މަސައްކަތް ނުކުރެވިއެއް. އަޅުގަނޑުމެންނަކީ ހަމައެކަނި ކްރިޓިސައިޒް ކުރާ ބަޔަކަށް، އަނެކާ ކުރާ ކަންތަކުގައި ގޯސް ދައްކާ ބަޔަކަށް ވެގެނެއް ހަމައެކަނި ނުފުދޭނެ. އަޅުގަނޑުމެން ކަން ކުރަންވާގޮތްވެސް ކިޔައިދޭންޖެހޭނެ. ކަން ކުރުމުގައި ބައިވެރިވެސްވާންޖެހޭނެ. މިއީ، އަޅުގަނޑުމެން އެންމެންގެ ޤައުމެއް. އެންމެންގެ މަގު. މަގަކީވެސް ހުރިހާ އެންމެންގެ ތަނެއް. އެ ތަންތަނުގައި ހުންނަ މައްސަލަތައް ޙައްލުކުރެވޭނީ، އެންމެން އެކުގައި މަސައްކަތްތައް ކޮށްގެން.

އާދެ، އަޅުގަނޑު ހަމަ ފާހަގަކުރަން، ޓްރެފިކް ޕޮލިސް، ފުލުހުންގެ ފަރާތުން ކުރެވޭ މަސައްކަތްތައް. ކިތަންމެ ގިނަ ފުލުހުން އަޅުގަނޑުމެންގެ ތެރޭގައި ތިބިނަމަވެސް، އެންމެން އެކުގައި ގަވާއިދުތަކަށް ބޯލަނބައި، ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަންނުކޮށެއް، އަޅުގަނޑުމެން ބޭނުންވާ ނަތީޖާ އަޅުގަނޑުމެންނަކަށް ޙާސިލެއް ނުކުރެވޭނެ. ޙަޤީޤަތަކީ މިއީ ކުޑަކުޑަ ޤައުމެއް. މަދު ރައްޔިތެއް. އަޅުގަނޑުމެން ނުދަންނަ މީހެއް، ގާތްގަނޑަކަށް ދަންނަވާ ކަމަށްވަންޏާ ނެތްފަދަ. އެހާވެސް މީހުން މަދު ޤައުމެއްގައި ހުރި މައްސަލަތައް ޙައްލުކުރުމަކީ މިއީ އަޅުގަނޑު ދަންނަވާނީ ހަމަ ފަސޭހަ ކަމެކޭ. ކުޑަކުޑަ ހިތްވަރެއްލާންޖެހޭނީ. އަޅުގަނޑުމެންގެ އަތުގައި ނެތް އެއްޗެއް ހޯދުމަށްޓަކައި، އަޅުގަނޑުމެން ކުރަންޖެހޭނީ އެހެން މަސައްކަތެއް. އެ ނަތީޖާ ހޯދުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކޮށްފި ކަމަށްވަންޏާ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ހުރިހާ ގޮތަކުންވެސް ކާމިޔާބު ލިބިގެންދާނެ.

އާދެ، އަޅުގަނޑު ނިންމާލުމުގެ ކުރިން، ވަކިން ޚާއްޞަކޮށް، ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް، ހުރިހާ ކާމިޔާބަކަށް އެދެން. އަދި ތިޔަކުދިންގެ ތެރެއިން ކޮންމެ ކުއްޖަކުވެސް ދިރިއުޅުމަކަށް އަހުލުވެރިވާ، މަސައްކަތް ދަސްކުރާ ރަނގަޅު ކުއްޖަކަށް ވުމަށްޓަކައި މަސައްކަތް ކުރުމަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އަދި ވަކިން ޚާއްޞަކޮށް، ބެލެނިވެރިން ރެޔާދުވާލު ކުރައްވާ ބުރަ މަސައްކަތް އަޅުގަނޑުމެންނަށް އެނގޭ. ރަނގަޅު ދަރިންތަކެއް އުފައްދަނީވެސް ޤައުމަށްޓަކައި. ތިޔަބޭފުޅުން ކުރައްވާ މަސައްކަތްތައްވެސް އަޅުގަނޑު ފާހަގަކުރަން. މިއަދުގެ ހުރި ގޮންޖެހުންތައް އަޅުގަނޑުމެންނަށް ޙައްލު ކުރެވޭނީ، މުދައްރިސުންނާއި، ބެލެނިވެރިންނާއި، މުޅި މުޖުތަމަޢު އެކީގައި އަޅުގަނޑުމެންނާއެކު މަސައްކަތް ކޮށްގެން.

އާދެ، ނިންމާލުމުގެ ކުރިންވެސް، އަޅުގަނޑު ވަކިން ޚާއްޞަކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށާއި، ސްކޫލްތަކަށާއި އަދި ބެލެނިވެރިންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ރައްކާތެރިކަން ލިބިގެންވާ ހެޔޮލަފާ ބައެއްގެ ގޮތުގައި اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. ދިވެހިރާއްޖެއަށް ފާގަތި އަމާން ދުވަސްތަކެއް މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.