بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎ 

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

ދައުލަތުގެ ވަޒީރުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ. އަޙްމަދު ދާއޫދު، ސިޓީ މޭޔަރ މުޙަންމަދު ޢާޠިފް، ޔޫ.އެން.އެފް.ޕީ.އޭ.ގެ ހެޑް އޮފް އޮފީސް ޝާދިޔާ އިބްރާހިމް، އައި.ޖީ.އެމް.އެޗް.ގެ އިސްވެރިން، ހެލްތު މިނިސްޓްރީން ވަޑައިގެން ތިއްބެވި ބޭފުޅުން، އެންމެހައި މުވައްޒަފުން އަދި މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިއަދު މި ފެށެނީ ވަރަށް މުހިންމު ޚިދުމަތެއް. އާދެ، ރިޕްރޮޑަކްޓިވް ހެލްތު ސަރވިސް، ހެލްތު ސެންޓަރ ހުޅުވުމުގެ މި ޙަފްލާގައި އަޅުގަނޑަށް ބައިވެރިވެވޭ ކަމަށްޓަކައި ވަރަށް ބޮޑަށް އުފާކޮށް، ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، މި ސަރުކާރުން ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަށްޓަކައި ޞިއްޙީ ނިޒާމު ފުޅާކުރުމަށްޓަކައި ވަރަށް ގިނަގުނަ ކަންތައްތަކެއް އެބަ ކުރެވޭ. އާދެ، ކުޅުދުއްފުށިން ފަށައިގެން ގޮސް، ސ. އަތޮޅާ ޖެހެންދެން ގިނަ ސަރަޙައްދެއްގައި ޒަމާނީ ފެންވަރެއްގައި ޚިދުމަތް ދިނުމަށްޓަކައި އަޅުގަނޑުމެންނަށް މިވަނީ މަސައްކަތް ފެށިފައި. އޭގެ ހެޔޮ ނަތީޖާ ވަރަށް ބޮޑަށް ފެންނަމުން އެބަދޭ. އާދެ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެނެވުނު ތަރައްޤީއާއި، އިތުރުކުރެވެނު ޚިދުމަތްތަކުގެ ފަސޭހަކަން، ވަރަށް ގިނަ ރައްޔިތުންނަށް، ކައިރި އަތޮޅުތަކުގެ ރައްޔިތުންނަށާއި، ދުރުހިސާބުތަކުގެ ރައްޔިތުންނަށް ވަނީ ލިބިފައި. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ގާތްގަނޑަކަށް ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި، ތަފާތު އެކި ޚިދުމަތްތައް ހޯއްދެވި ބޭފުޅުންގެ ޢަދަދު ތިންލައްކައާ ގާތްކުރޭ. އާދެ، މިއިން އެނގެނީ، ރައްޔިތުންގެ ތެރޭގައި، ރައްޔިތުންގެ ހިތްތަކުގައި އިތުބާރުވެސް ބޮޑުވެގެންދާކަން.

އާދެ، އަޅުގަނޑުވެސް މިއަދު ދަންނަވާލަން އޮތީ، އަޅުގަނޑަށް ވަރަށް ކަމުދާކަހަލަ ވާހަކަކޮޅެއް، ޚާއްޞަކޮށް ޑެޕިއުޓީ ސީ.އީ.އޯ. އަދި ޝާދިޔާވެސް ފާހަގަކުރައްވައިފި. އަދި މޭޔަރވެސް ފާހަގަކުރައްވައިފި. އެނގިވަޑައިގަންނަވާނެ، މިކަހަލަ ޚިދުމަތްތަކަށް އިންތިޒާރުކޮށްގެން ތިބޭތާ ކިތަންމެ ދުވަހެއް. އާދެ، ސީ.ޓީ. ސްކޭންއާއި އެމް.އާރު.އައި. އަދި އެނޫންވެސް ޚިދުމަތްތަކަށް މިއަދަކު ނޫން ބޭނުން ޖެހިފައި އޮތީ. އެތައް އަހަރެއް ކުރިން ރައްޔިތުން ބޭނުންވެފައި އޮތް ކަންތައްތަކެއް މިއީ. ޚިދުމަތްތަކެއް ތަޢާރުފްވުމުން، ދެން އަޅުގަނޑުމެން ބަލަންޖެހެނީ އެ ބޭނުންވާ ފަރާތްތަކަށް، ފަސޭހަކަމާއެކު އެ ޚިދުމަތް ދޭ ހިތުން އަޅުގަނޑުމެން އެކަން ކުރުން. އާދެ މި ޕީޕަލްސް ސެންޓަރ ވާންޖެހެނީކީ ހަމައެކަނި ހޮސްޕިޓަލުގައި ދޭ ޚިދުމަތްތަކަކަށްވެސް ނޫން.

އެނގިވަޑައިގަންނަވާނެ، މި ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ ތެރޭގައި އެންމެ އިސްކަމެއްގެ ގޮތުގައި މި އޮންނަނީ ފަޚުރުވެރި އާއިލާ އަދި އަޅުގަނޑުމެންގެ އޯގާތެރި ސަރުކާރު. ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ އަޅުގަނޑުމެން މިއަދު ޚިދުމަތް ދޭންތިބި މީހުންގެ ފަރާތުން އެކަށޭނަ އަޅާލުމާއި، އެ އޯގާތެރިކަން ލިބެންޖެހޭ ބައެއް. އެހެންނަމަވެސް، ޞިއްޙީ ޚިދުމަތަކީ އެއީ އަދި ވަރަށް ތަފާތު ކަމެއް. ބަލިވެގެން ހޮސްޕިޓަލަށް އަންނަ މީހާއަށް އޯގާތެރިކަމާއި، އަޅާލުމާއި، ކުލުނު، ލޯބި އެއީ ފަރުވާގެ އެއްބައި. އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ، ވަކިން ޚާއްޞަކޮށް، ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ތެރޭގައި، އަޅާލުން، މީހުންނަށް އޯގާތެރިވުން.

ސުވާލު ކުރުމުގެ ކުރިން، އަންނަ މީހާއަށް ގޮތެއް ހޯދައިދޭން އަޅުގަނޑުމެންނަށް ޖެހޭ. ކަން ކުރާނޭގޮތް ނޭނގިގެން، ދާންވީ ކައުންޓަރު ނޭނގިގެން، ދާންވީ ދިމާ ނޭނގިގެން، މީހާ ދޫކޮށްލައިގެން ނުވާނެ. އަޅުގަނޑުމެންގެ ޒިންމާއަކީ، ހޮސްޕިޓަލްގެ ފާރުތެރޭގައި ހިނގާ ހުރިހާ ކަމެއްގައި އެހީތެރިވުން. އާދެ، އަޅުގަނޑުގެވެސް އިލްތިމާސަކީ، ރައްޔިތުން އެތަކެއް އަހަރުތަކެއް ވަންދެން އިންތިޒާރު ކޮށްގެން ތިބި މިފަދަ މުހިންމު ޚިދުމަތެއް އަޅުގަނޑުމެންނާ ހަމައަށް އައިމާ، ރައްޔިތުންނަށް ފޯރުކޮށްދެވޭގޮތްވީމާ، ދެން ރައްޔިތުން އެންމެ އެދޭގޮތަށް، ރައްޔިތުން އެންމެ ބޭނުންވާގޮތަށް، ސަރުކާރުގެ ސިޔާސަތާ އެކީ، އަދުގެ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް އެ ދައްކަވާ ނަމޫނާއާ ގޮތަށް، އެ ކަންތައްތައް ކުރުން.

އާދެ، އެނގިވަޑައިގަންނަވާނެ، ދައުލަތުން ޞިއްޙީ ދާއިރާއަށް ބިލިއަނުން ޚަރަދު ކުރަނީ. ބިލިއަނުން ޚަރަދު ކުރަމުންދާއިރު، އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންތައް ކުރަން ޖެހިފައި އެބަހުރި. އާދެ، ރަށްރަށަށް ދިޔުމުން އެބަ ފެނޭ. ކޮށްފައި ނުކުރާނެ އެއްވެސް ކަމެއް ނެތް. އެނގިވަޑައިގަންނަވާނެ، މިބާވަތުގެ ކަންތައްތަކަށް ދެވޭ ސަމާލުކަމަކީ، އެއީ ކުރީގައި އެހާ ފަރިތަކަމެއް ނޫން. އެހެންނަމަވެސް، މި ސަރުކާރު އައުމުން، ނުކޮށް ދޫކޮށްލާނެ ހަމަ އެއްވެސް ކަމެއް ނެތް. ކަމަކީ ކުޑަ ކަމަކަށްވެގެން ދޫކޮށްލާނެ ކަމެއްވެސް ނެތް.  އިރާދަކުރެއްވީތީ، އެންމެ ބޮޑެތި ކަންތައްތަކުގައި އަޅުގަނޑުމެން މިއަދު ހިފައިގެން، އެ ކަންކަން ރައްޔިތުންނާ ހަމައަށް މި ގެންނަނީ.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުން. ހަމަ ޝާދިޔާގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވި. މިއަދު އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ، ކުޑަކުދިންގެ ޙައްޤުތަކާއި، ކުޑަކުދިންގެ ރައްކާތެރިކަމާއި، އަދި އަންހެން ބޭފުޅުންނަށް އޮންނަ ފުރުޞަތުތަކަށް. އަޅުގަނޑުމެންގެ މާޙައުލުން އެކަންތައްތައް އަޅުގަނޑުމެން ފޯރުކޮށްދޭން އެބަޖެހޭ. މިއަދު އަޅުގަނޑުމެންނަށް ފެންނަނީ، އިއްޔެ ފެނުނު މަންޒަރެއް ނޫން. ކުރީގެ އޮއިވަރު ވަނީ ބަދަލުވެފައި. ކުރީގައި އުތުރަށް ހުރި ކަމަށްވަންޏާ މިހާރު ދެކުނަށް. ހުޅަނގަށް ހުރި އޮއިވަރު އިރަށް. މިކަހަލަ ގޮތަކަށް ހިނގަމުންދާ ދުނިޔެއެއްގައި އަޅުގަނޑުމެން އިތުރަށް ޒިންމާދާރުވާންޖެހޭ. އެއީ އެންމެން ކުރަންޖެހޭ ކަމެއް. ހަމައެކަނި ކުއްޖާގެ މަންމައާއި ބައްޕަ އެ ބަހައްޓާ އޯގާތެރިކަމަކުން ނުވަތަ އެ އަޅާލާ އަޅާލުމަކުން މިއަދު ރަނގަޅު ދަރިއެއް ނުއުފެއްދޭނެ. އެކަންވެސް ކުރެވެންވަނީ ހޮސްޕިޓަލްތަކާއި، ކައުންސިލްތަކާއި، ސްކޫލްތަކާއި އަމިއްލަ ޖަމުޢިއްޔާތަކާ، މި ހުރިހާ ބައެއް އެކުގައި ކުރެވޭ މަސައްކަތްތަކުން. އެހެންވެ އަޅުގަނޑު މިއަދު ހަމަ ގޮވާލަން ބޭނުންވޭ، ޚާއްޞަ ރައްކާތެރިކަން، ޚާއްޞަ އަޅާލުން، ޚާއްޞަ ލޯބި، އަޅުގަނޑުމެންގެ ދަރިންނަށް އަޅުގަނޑުމެން ހޯދައިދިނުމަށް. އަޅުގަނޑުމެން ކުރާ މި ބާވަތުގެ މަސައްކަތްތައްވެސް އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ.

އާދެ، އެނގިވަޑައިގަންނަވާނެ، މެންޓަލް ހެލްތު، ސައިކޮލޮޖިކަލީ އެމީހާއަށް ލިބެންޖެހޭ އެ ފަރުވާ، އެ ހިތްހަމަޖެހުން އެއީ ވަރަށް މުހިންމު އެއްޗެއް ކޮންމެ އިންސާނަކަށްވެސް. ވަކި މީހަކަށްވީތީވެ، ވަކި ރަށަކުން އަންނަ މީހަކަށްވީތީވެ، ވަކިކަހަލަ މީހަކަށްވީތީ، ވަކި އާއިލާއެއްގެ މީހަކަށްވީތީ، އެއްވެސްކަހަލަ ތަފާތުކުރުމެއް އަޅުގަނޑުމެންގެ ތެރޭގައި އޮވެގެން ނުވާނެ. އެނގިވަޑައިގަންނަވާނެ، މިސަރުކާރުގެ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެއް. ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ވަޢުދުވެވަޑައިގަންނަވަން ޖެހުނު ސަބަބަކީ، އެއީ އެކަމުގެ ޝަކުވާ އެތައް ބަޔަކު ކުރީތީ. އާދެ، ކުދި ބޮޑު ރަށްތަކާއި، ކުދިބޮޑު ޢާއިލާތަކާއި، ކުދިބޮޑު ކުންފުނިތަކާއި، އެތަންތަނުގެ ތަފާތު އެއީ އަޅުގަނޑުމެން ދަންނަ ކަމެއްނޫން. އަޅުގަނޑުމެން ކަންތައްތައް ކުރަންޖެހެނީވެސް ޢަމަލުން.

އެހެންވީމާ، އަޅުގަނޑު ހަމަ ހުރިހާ ބޭފުޅުންނަށް ޚާއްޞަކޮށް، ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އިލްތިމާސް ކުރަން ބޭނުންވޭ. އަޅުގަނޑުމެންގެ ރައްޔިތުންނަކީ އުފާވެރި ކަމާއި، ހިތްހަމަޖެހިގެން ތިބޭ ބަޔަކަށް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަން އެބަޖެހޭ.

އާދެ، އެނގިވަޑައިގަންނަވާނެ، ޞިއްޙީ ބޮޑެތި ގޮންޖެހުންތައް ދުވަހަކުވެސް ނުދެކޭފަދަ ދަތި އުނދަގޫ ރޭތަކަކާއި ދުވަސްތަކެއް އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތެރިން ވޭތުކޮށްފި. އަޅުގަނޑުމެން ހިތަށް ނުގެންނަފަދަ ދުވަސްތަކެއް އަޅުގަނޑުމެންނާ ކުރިމަތިވެއްޖެ. އެކަމުގައިވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ޚާއްޞަކޮށް، ރާއްޖޭގެ ޞިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކާއި އަދި އެހެނިހެން މިފަދަ ހުރިހާ މުއައްސަސާތައް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ތަން. ގިނަ ބައެއްގެ އެހީތެރިކަމާއެކު މަސައްކަތް ކުރެއްވި. އާދެ، ކޯވިޑުގެ ބަލިމަޑުކަމުގައި އަޅުގަނޑުމެންނަށް ފެނުނީ މުޅިން އެހެން މަންޒަރެއް.

އާދެ، އަޅުގަނޑު ދެން ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ޤައުމު ކުރިއެރުވުމަށްޓަކައި، ޞިއްޙީ ދާއިރާ ފުޅާކުރުމަށްޓަކައި، ތަޢުލީމީ ނިޒާމު ވަރުގަދަކުރުމަށްޓަކައި، އެހެނިހެން ޚިދުމަތްތައް ރައްޔިތުންނަށް ގާތުން ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ ބައިވެރިއެކޭ، ބޭރުގެ އޭޖެންސީތަކަކީ. އާދެ، ޔޫ.އެން.ގެ އޭޖެންސީތަކުން އަޅުގަނޑުމެންނަށް ލިބޭ އެހީތެރިކަން، އެ އޮންނަ ގުޅުން އަޅުގަނޑު މިއަދު ފާހަގަކުރަން ބޭނުންވޭ. ހަމައެއާއެކު، ބޭރު ޤައުމުތަކާއި މިއަދު ދިވެހިރާއްޖެއާ އޮތް ގުޅުން އެއީ އަޅުގަނޑުމެން މިއަދު ފާހަގަކުރަންޖެހޭ ކަމެއް. ޙަޤީޤަތަކީ އަޅުގަނޑުމެންގެ ސަރުކާރުގެ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޚާރިޖީ ސިޔާސަތު އަޅުގަނޑުމެންނަށް މިއަދު އެބަ ފެނޭ.

އަޅުގަނޑުމެން އެއްގޮތަކަށްވެސް ބަލައިގެން ނުވާނެ، އަޅުގަނޑުމެން އެންމެން ދޫކޮށްލައި، އެކަނިމާއެކަނި އަޅުގަނޑުމެންނަށް އުޅެވިދާނެ ކަމަކަށް. އަޅުގަނޑުމެންނަށް މިގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކުގެ، ސިޔާސަތު ތެރެއިން، އާދެ، ދުރުގައި ހުރި ޤައުމުތަކާއި، އަވަށްޓެރި ޤައުމުތަކާއި، އަރަބި ޤައުމުތަކާ، މި ހުރިހާ ޤައުމުތަކާއެކު ގުޅުން އިތުރަށް އިޢާދަކުރެވި، ކުރިން ދުރަށް ޖައްސާލާފައި ހުރ ފަރާތްތައް، އެތައް ޤައުމުތަކެއް ކައިރިކުރުމުގެ ސަބަބުން، އެޖެންސީސްތައް ކައިރިކުރުމުގެ ސަބަބުން ނަތީޖާ އެބަ ފެނޭ. އަޅުގަނޑުމެންނަށް މިއަދުވެސް އެބަ ފެނޭ، ޔުނައިޓަޑް ނޭޝަންސްގެ ޖެނެރަލް އެސެމްބްލީ. ދިވެހިރާއްޖެ ޕެންޑަމިކްގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނުނީ، އެންމެ ފުރަތަމަ ވެކްސިން ލިބިގެންދިޔަ ޤައުމެއްގެ ގޮތުގައި. އަޅުގަނޑުމެންގެ ޤައުމު ވެގެންދިޔައީ ވެކްސިނޭޝަން ރޭޓް، މަތީ ޤައުމަކަށް. މުޅި ދުނިޔެއާ އަޅައިބަލާއިރު، އަޅުގަނޑުމެންނަށް ނަމޫނާ ދެއްކިއްޖެ. މި ކަންތައްތައް އަޅުގަނޑުމެންނަށް މި ކުރެވުނީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ ޙިކްމަތްތެރިކަމާއި، ދުރުވިސްނުމާއި، ހުރިހާ އެންމެންނާ ގުޅިގެން އުޅެންޖެހޭކަން ޤަބޫލުކޮށް، އެގޮތަށް އަޅުގަނޑުމެން އެންމެންނަށް ކުރެވުނު މަސައްކަތުން. އަޅުގަނޑުމެން އަބަދުވެސް ތިބެންޖެހޭނީ އަވަށްޓެރީންނާއި، ދުރުގައިވާ ޤައުމުތަކާ، އެ ޤައުމުތަކުގެ ރައްޔިތުންނާއި މި އެންމެންނާ އެކުގައި މަސައްކަތް ކުރާ ބައެއްގެ ގޮތުގައި.

އާދެ، ދަތި ދުވަސްތަކެއްގައިވެސް އަޅުގަނޑު ހަމަ ފާހަގަކޮށްލަން. މެދުކެނޑުމެންނެތި، ހިފެހެއްޓުމެއްނެތި ބޮޑެތި މަޝްރޫޢުތައް ދިޔައީ ރާއްޖޭގެ އެކި ދިމަދިމާލުގައި ހިނގަމުން. ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ހުއްޓުމެއްނެތި. އާދެ، ތުރާކުނުން ފެށިގެން އައްޑުއާ ދޭތެރޭގައި ޕްރޮޖެކްޓެއް ނުހިނގާ ރަށެއް އަޅުގަނޑަކަށް ނޭނގެ އޮތް ކަމެއް. އަޅުގަނޑު ބަލައިލިއިރު، އަޅުގަނޑަކަށް ނުފެނުނު، ހަމަ އެއްވެސް ރަށެއް. އާދެ، ޞިއްޙީ ނިޒާމުގެ ތެރެއިން ޞިއްޙީ ދާއިރާ ފުޅާކުރުމަށްޓަކައި ފަސް ޓާރޝަރީ ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ. ހެލްތު ސެންޓަރުތަކުގެ މަސައްކަތް ކުރިއަށް އެބަދޭ. އަތޮޅު ހޮސްޕިޓަލްތަކުގެ މަސައްކަތްތައް ބާރަށް ކުރިއަށް އެބަދޭ.

ހަމައެއާއެކު، އަޅުގަނޑުމެންނަށް ފެންނަނީ، ސްކޫލްތަކުގައި ހުރި ކްލާސްރޫމްތައް އިތުރުކުރެވޭތަން. ވަސީލަތްތައް ޤާއިމުކުރެވި، އިތުރަށް ބޭނުންވާ ކަންތައްތައް ފުރިހަމަވެގެންދާތަން. އައު އިންޖީނުގެތައް އެޅި، ބާވެފައި ހުރި، ފީވެފައި ހުރި ކޭބަލްތައް ބަދަލުކުރެވި، އެތައް ހާސް މީޓަރެއްގެ ހައި ވޯލްޓޭޖް ކޭބަލް މިހާރުވަނީ ރާއްޖޭގެ އެކި ރަށްރަށުގައި އެޅިފައި. ފެނާއި ނަރުދަމާއަކީ އިންސާނަކަށް ބޭނުންވާ އެންމެ މުހިންމު ކަމެއްގެ ގޮތުގައި މި އޮންނަނީ ފެން. ސާފު ފެން. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް އިސްކަން ދެވިފައި އޮތީކީ، އެކަމަށޭ ދެންނެވޭކަށް ނެތް. އާދެ، ރާއްޖޭގެ އެތައް ރަށެއްގައި، ފެނާއި ނަރުދަމާގެ މަސައްކަތްތައް މިހާރުވެސް ދަނީ ހިނގަމުން. ﷲ އިރާދަކުރެއްވިއްޔާ، ރައީސުލްޖުމްހޫރިއްޔާގެ މި ދައުރުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެ މަސައްކަތްތައް ފެށިގެންދާނެ ވާހަކަ، ރައީސް ތަކުރާރުކޮށް އެތައް ފަހަރަކު ވިދާޅުވި. އެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ.

އާދެ، މަގު ހެދުމުގެ މަސައްކަތަށް ބަލައިފި ކަމަށްވަންޏާ، ހަމަ އެގޮތަށް، އެކި ހިސާބުތަކުގެ އެކި ރަށްރަށުގައި މަގު ހެދުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިޔަށް އެބަދޭ. ބަނދަރު ހެދުން، ޝޯ ޕްރޮޓެކްޝަން، ތަފާތު އެކި މަސައްކަތްތައް ކުރިޔަށް އެބަދޭ. ދެން އަޅުގަނޑު މި ފާހަގަކޮށްލީ މިއީ ރައްޔިތުންނަށްޓަކައި ވެވަޑައިގެން ވަޢުދު ފުއްދުމުގެ މަސައްކަތްތައް.

އާދެ، އަޅުގަނޑުމެންނަށް މި ކަންތައްތައް ކުރެވޭނީ، ބާރަށް ކުރިޔަށް ގެންދެވޭނީ، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރެވިގެން. އެނގިވަޑައިގަންނަވާނެ، ކުރީގައި ހިފެހެއްޓި، އެއްކޮށް ހިފަހައްޓާ ބަނދެފައި އޮތް ނިޒާމެއް، އާދެ، މަރުކަޒީ ނިޒާމު، ލާމަރުކަޒީ ނިޒާމެކޭވެސް ނުކިޔޭނެ. މަރުކަޒީ ނިޒާމެއް އޮތީ. އެ ނިޒާމު އެއްކޮށް ދޫކޮށްލާފައި މިއޮތީ. ހުރިހާ އެއްޗެއް ދޫކޮށްލާފައި، މިހާރު ސަރުކާރުން މި ބުނަނީ ރައްޔިތުންގެ ކަންތައްތައް ކައިރިން ބައްލަވައި، ތިޔަބޭފުޅުން ކައިރިން ޚިދުމަތް ދިނުމަށްޓަކައި، މަސައްކަތް ކުރުމުގެ ފުރުޞަތޭ މިއޮތީ. އާދެ، ޤާނޫނީ ބަދަލުތައް ގެނެސްފައި، އަމަލީ މަސައްކަތްތައް މިހާރު މިދަނީ ފެށިގެން. ބިރެއްނުގަނޭ އެއްޗެހިތަކެއް ހޯދަންޖެހޭތީވެ. އެއްވެސް ބިރެއްނުގަނޭ. ބޭނުންވަނީ ރައްޔިތުންނަށް ހިނިތުންވުން، ފަސޭހަކަން، ގާތުން ޚިދުމަތް ލިބުން.

އެހެންވީމާ، މިއަދު އަޅުގަނޑު ރާއްޖޭގެ ހުރިހާ ކައުންސިލަރުންނަށްވެސް، މޭޔަރުންނަށްވެސް ދަންނަވާލަން އޮތީ ތިޔަބޭފުޅުންގެ ޒިންމާ، ތިޔަބޭފުޅުންނަށް އަދާކުރެއްވުމުގެ ފުރިހަމަ ފުރުޞަތު އިރާދަކުރެއްވިއްޔާ އެބައޮތޭ. ކޮންމެ ކަމެއް ކުރުމުގައި، ދުރުގައި ތިބޭ ބައެއް ކައިރީގައި އާދޭސްކޮށްގެން، ހުއްދަ ހޯދައިގެން ކުރާ އުޞޫލު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެބައި ދޫކޮށްލަންޖެހޭ. އަވަސް ޚިދުމަތް އަޅުގަނޑުމެން ދޭން އެބަޖެހޭ. އާދެ، މިއީ ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ސަރުކާރުގެ ސިޔާސަތަކީ. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ފެނިގެންދާނީ މިގޮތަށް ކަންތައްތައް ގޮސް، ރައްޔިތުން ބޭނުންވާ ކަންތައްތައް ފުރިހަމަވެގެންދާތަން.

އަޅުގަނޑު މިއަދުވެސް ނިންމާލުމުގެ ކުރިންވެސް ދަންނަވާލަން އޮތީ، އަޅުގަނޑުމެން އެބަޖެހޭ އެކުގައި މަސައްކަތް ކުރަން. އަޅުގަނޑުމެން އިސްކަންދޭންވީ، އަޅުގަނޑުމެންގެ ޤައުމަށް. އަޅުގަނޑުމެން ބަލަންވީ، ރައްޔިތުންނަށް ހެޔޮގޮތްތައް ހޯދޭނެ ހުރިހާ ގޮތެއް. ރައްޔިތުންނަށް ފަސޭހަކަން ހޯދައިދެވޭނެ ކޮންމެ މަގަކުން އަޅުގަނޑުމެން ދަތުރުކުރަންވީ. އަޅުގަނޑުމެން މިއަދު އެއްވެސް ކަމެއް ދޫކޮށްލައިގެން ނުވާނެ. އަޅުގަނޑުމެންގެ ޤައުމު ބޭނުންވަނީ ރަނގަޅު ޖީލެއް، ހެޔޮލަފާ ޖީލެއް، އުފެއްދުންތެރި، ބިނާކުރުވަނިވި ދިރިއުޅުމަކަށް އަހުލުވެރިވެފައިވާ ޖީލެއް. އެކަންތައް އަޅުގަނޑުމެންނަށް ކުރެވޭނީ، މަދަރުސީ ދައުރުގެ ޅަފަތުން ފެށިގެން ވަޒީފާއާ ހަމަޔަށް ދާންދެން، އަޅުގަނޑުމެންގެ ޒިންމާ އަޅުގަނޑުމެން ރަނގަޅަށް އަދާކޮށްގެން.

އާދެ، އެނގިވަޑައިގަންނަވާނެ، ރައީސުލްޖުމްހޫރިއްޔާގެ އެންމެ މައި ޕްރޮޖެކްޓެއްގެ ގޮތުގައި އޮތީ މީހުން ބިނާކުރުން. ދުވަހަކުވެސް ތާރީޚުގައިވެސް، ދުވަހަކުވެސް ހޭދަނުކުރާވަރަށް ހަމައެކަނި މި ތިން އަހަރުތެރޭގައި ހޭދަކުރެވިފައިވަނީ މީހުން ބިނާކުރުމަށް. އާދެ، ސްކޫލް ނިމޭ ދަރިވަރުންނަށް އިތުރު ގޮތްތައް ހޯދައިދިނުމަށްޓަކައި މިހާރު މަސައްކަތް ވަނީ ފެށިފައި. ފަސްޓް ޑިގްރީއާއި، ސްކޮލަރޝިޕް ސްކީމާއި، ލޯނު ސްކީމް ވަނީ ފުޅާކުރެވިފައި. މީހުން ބިނާކުރުމުގެ ގޮތުން، އެކިއެކި މަސައްކަތްތައް ދަނީ ކުރެވެމުން. އެންމެ ބޭނުންވާ ދާއިރާތަކަށް މީހުން ބިނާކުރުމުގެ މަސައްކަތް އެއީ، ސަރުކާރުންދޭ އެންމެ އިސްކަމެއް. އެގޮތުން، އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ތާނގައިވެސް، މި މަސައްކަތް ބާރަށް ކުރިޔަށްދާނެ، ވަކިން ޚާއްޞަކޮށް، އަތޮޅުތެރޭގެ ރައްޔިތުންނަށްވެސް ދަންނަވާލަން އޮތީ، އަތޮޅުތަކުގައި މި ޤާއިމުކުރެވޭ ޚިދުމަތްތަކާއެކީ، އެ ވަސީލަތްތައް ރަނގަޅަށް ބޭނުންކޮށް، އެ ޚިދުމަތްތައް ދިނުމަށްޓަކައި މީހުން އެބަ ބޭނުންވޭ.

ހޮސްޕިޓަލަކަށް ބަލައިފި ކަމަށްވަންޏާ، ލެބޯރެޓަރީއެއް އަޅުގަނޑުމެންނަށް ހެދިދާނެ. ޑައިގްނޯސްޓިކް ފެސިލިޓީޒްތައް އަޅުގަނޑުމެންނަށް ހެދިދާނެ. އެހެންނަމަވެސް އަޅުގަނޑުމެން އަބަދު ބޭރުން މީހުން ގެންނަންޖެހޭ ކަމަށްވަންޏާ، އަޅުގަނޑުމެން މި އެންމެން ބޭނުންވާފަދަ ޚިދުމަތްތަކެއް ނުދެވޭނެ. ޓެކްނިކަލް ދާއިރާތަކަށް އަޅުގަނޑުމެންގެ ތެރޭގައި ޝައުޤުވެރިކަން އިތުރުކޮށް، އަޅުގަނޑުމެން މީހުން ބިނާކުރަން އެބަޖެހޭ. ސްޕެޝަލިސްޓުން އަޅުގަނޑުމެންގެ ތެރެއަށް އިތުރަށް އަންނަން އެބަޖެހޭ. އަދި އެނޫންވެސް އިންޖިނިއަރިންގ ދާއިރާއާއި، އަޅުގަނޑުމެންގެ މި އަންނަ ރިނިއުބަލް އެނަރޖީ، އަޅުގަނޑުމެންގެ މި ސުވަރޭޖް ސިސްޓަމާއި، މި އަންނަ ޒަމާނީ ވަސީލަތްތައް ރަނގަޅަށް ބޭނުންކުރުމަށް މީހުން އަޅުގަނޑުމެން ތައްޔާރުކުރެވެން އެބަޖެހޭ.

އެހެންވީމާ، އަޅުގަނޑު ބޭނުން މިއަދު ހަމަ ދަންނަވާލަން. ސްކޫލް ނިމޭ ކުދިންނާއި، އަޅުގަނޑުމެންގެ ޒުވާނުން ބޭނުންތެރި ދިމަދިމާއަށް ދަތުރުކުރަން އެބަޖެހޭ. ވިސްނުން ބަދަލުކޮށްލަން އެބަޖެހޭ. މިއަދު ބަލަންވީ ޤައުމު ބޭނުންވަނީ ކޮން ކަމެއްތޯ. ޤައުމުގެ ކޮން ދިމާއެއްގައި ކޮންކަމެއްތޯ އޮތީ، ތިމަންނާ ބޭނުންވާ ކަމަކަށް، އޮތީ ކޮން ކަމެއްތޯ. އެކަމެއް ކިޔަވައިގެން އައިމާ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާފަދައިން އޭރުން ވަޒީފާ އޮންނާނީ ސައުވީސް ގަޑިއިރު އަޅުގަނޑުމެންގެ ފަހަތުން ދުވެދުވެ. ވަޒީފާ ހޯދާކަށް އަޅުގަނޑުމެން ދާކަށް ނުޖެހޭނެ. އާދެ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެންގެ މަސައްކަތުން، މުޅި ރައްޔިތުން ކުރާ މަސައްކަތުން އަޅުގަނޑުމެންނަށް މަންޒަރު ވަރަށް ރީތި. އެބަ ފެނޭ، އަޅުގަނޑުމެންގެ ކާމިޔާބީއާ ހަމަޔަށް ވާސިލުވެގެންދާތަން.

އާދެ، އަޅުގަނޑު އަދިވެސް އެއްފަހަރު، ނިންމާލުމުގެ ކުރިން ޝުކުރު އަދާކޮށްލަން ބޭނުން. މިއަދު މި ފެށްޓޭ މި ޚިދުމަތަށް. އާދެ، ޔޫ.އެން.އެފް.ޕީ.އޭ.ގެ ފަރާތުން ވެފައިވާ ދީލަތި އެހީތެރިކަމާއި އަދި ޔޫ.އެން. އޭޖެންސީސްތަކުން ރާއްޖޭގެ އެކި ކަންތައްތަކަށް، އެކި ދާއިރާތަކަށް އަބަދު ވެދެއްވާ އެހީތެރިކަމާއި، ބަހައްޓަވާ ޝައުޤުވެރިކަމާއި، އަޅުގަނޑުމެންނަށް އެ ދެއްވާ އެޑްވައިސް، އަޅުގަނޑުމެން އެ ކަންތައްތައް ފާހަގަކޮށް، ވަރަށް ބޮޑަށް އަޅުގަނޑުމެން ޝުކުރު ދަންނަވަން.

ނިންމާލުމުގެ ކުރިން، ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި ނަރުހުންނަށް އަދި ހުރިހާ ޞިއްޙީ ޚިދުމަތްތެރިންނަށް، ދިވެހިރާއްޖޭގައި މުޅި ޖުމްލަ ހުރިހާ އެންމެން ހިމެނޭގޮތަށް ޝާމިލުވާގޮތަށް، އަޅުގަނޑު ހުރިހާ ބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ތިޔަބޭފުޅުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވައިފި. އަދިވެސް އެ މަސައްކަތް ތިޔަބޭފުޅުން ގެންދަވަނީ ކުރައްވަމުން. އެކަމަށްޓަކައި ހަމަ ހުރިހާ، ދިވެހި ހުރިހާ ރައްޔިތުންގެ ފަރާތުން އަޅުގަނޑު ތިޔަބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ހެޔޮ ޞިއްޙަތެއްގައި ތިބޭ ބައެއްކަމުގައި اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ޤައުމަށް އަދަށްވުރެ ފާގަތި، އުފާވެރި ދުވަސްތަކެއް މިންވަރު ކުރެއްވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.