بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ސަލީމް، ދައުލަތުގެ ވަޒީރުން، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ޗެއަރމަން، މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ރިޒްވީ، ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން، ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު، އަދި ކައުންސިލްގެ މެންބަރުންނާއި، ދައުލަތުގެ ޢިއްޒަތްތެރިން، އަދި ހޯރަފުށީގެ ޢިއްޒަތްތެރި އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑަކަށް މިއަދު ފަށާނެ ހިސާބެއް ނޭނގުނު. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލާނީ 'މިއައި ފާގަތި ރަބީޢުން ރޫޙޭރޫޙޭ އުފާވެރިކަމުން ފޮޅި ފަރިވަނީ' އާދެ، މި އުފާވެރި ދުވަހުގެ މުނާސަބަތުގައި، އެންމެ ފުރަތަމަ ކަމަކަށްވެސް ޚާއްޞަކޮށް، ހޯރަފުށީ ރައްޔިތުން އަދި ބޮޑުތިލަދުންމައްޗާއި މި ސަރަޙައްދުގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، ހެޔޮ ދުޢާއާއި ތަހުނިޔާ އަޅުގަނޑު އަރިސްކުރަން.

އާދެ، ސަރުކާރުގެ އެންމެ ބޮޑު އަމާޒެއްގެ ގޮތުގައި އޮތީ، ލާމަރުކަޒު ކުރުން. އާދެ، ލާމަރުކަޒީ މި ދަތުރަކީ މިއީ ދިގު ދަތުރެއް. އާދެ، އަޅުގަނޑުމެންނަށް މި ފެންނަނީ، އެ ދަތުރު ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަންތައްތައް ކުރެވިގެންދާތަން.

އާދެ، އަޅުގަނޑުމެން މިފަދަ ބޮޑެތި މަޝްރޫޢުތައް، ކަންތައްތައް ހިނގަމުންދާއިރު ވިސްނާލަންޖެހޭ އާދެ، ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ ކުރީގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ވާސިލުކޮށްދިން ކަންތައްތައް. އާދެ، އަޅުގަނޑު ދަންނަވަން އޮތީ ހޯރަފުށި. އަދި މި ބޮޑުތިލަދުންމައްޗަކީ، މިއީ ފަޚުރުވެރިވާފަދަ ދަރިންތަކެއް އުފެއްދި ސަރަޙައްދެކޭ. އާދެ، މިރަށަށް އެކަނި ބަލައިލި ނަމަވެސް ވަރަށް ކުޅަދާނަ، ވަރަށް އިނޮވޭޓިވް ބޭފުޅުންތަކެއް އުފެއްދި. އާދެ، ވަކި ކަމަކަށް ނޫން. އެއީ ވަޑާންކުރުމުގެ ގޮތުން ކަމަށް ބަލައިލި ނަމަވެސް، އެއީ ޤުރްއާނުގެ ޢިލްމު އުނގަންނައިދިނުމުގެ ރޮނގުން ބަލައިލި ނަމަވެސް، އެއީ ބޭސްވެރިކަމުގެ ރޮނގުން ބަލައިލި ނަމަވެސް، އާދެ، މޮޅު ޝާޢިރުން، އަދީބުން، މި ރޮނގުން ބަލައިލި ނަމަވެސް، ދެވަނައެއް ނުވާފަދަ ބަޔަކު ވަނީ އުފެދިފައި.

އާދެ، ހަމައެއާއެކު، ބޮޑު ތިލަދުންމައްޗަކީ ބަޠަލުންތަކެއް އުފެއްދި ތަނެއް. ވަގުތު ތަންނުދޭތީ، މާދިގު ވާހަކަތަކެއް އަޅުގަނޑަށް ދެއްކޭކަށްވެސް ނެތް. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން އޮތީ، މިފަދަ މުހިންމު ޚިދުމަތެއް ލިބުމުން އެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ފަސޭހަކަމާއެކު، ރަނގަޅަށް މި ޚިދުމަތް ދޭންޖެހޭނެ. މިއީވެސް އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑު އަމާނާތެކޭ. ބޮޑު މަސައްކަތެއް، ކަންތައްތަކެއްކޮށް، މިފަދަ ކަމެއް ހާސިލުވީމާ، މި ދެންނެވި ގޮތަށް، އެކި ހިސާބުތަކުން މި އެއަރޕޯޓުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް، ފަސޭހަކަމާއެކު އަޅުގަނޑުމެން އެ ޚިދުމަތް ފޯރުކޮށްދޭންވާނެ.

އާދެ، އަޅުގަނޑު މިއަދު ރިޒްވީއަށް ދަންނަވާލަން ބޭނުންވަނީ، ހުރިހާ މުވައްޒަފުންވެސް އަބަދުވެސް އަޅުގަނޑުމެންގެ ހަނދާނުގައި މިކަންތައްތައް ބަހައްޓަން ޖެހޭނެ. އާދެ، ގިނަ ކަންތައްތަކެއް އެބަހުރި. އާދެ، ކޯވިޑުގެ ބަލިމަޑުކަމަށްފަހު، އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ އުޅުމުގެ، އަޅުގަނޑުމެންގެ ވައްޓަފާޅި ބަދަލުކުރަން. އަޅުގަނޑުމެންނަށް މިއަދު ލިބުނު ފިލާވަޅުތަކުން މަޖުބޫރު އެބަވޭ، ކަންތައްތަކެއް ކުރަން.

އެނގިވަޑައިގަންނަވާނެ، މިއަދު މުޅި ދުނިޔޭގެ ހުރިހާ ލީޑަރުން، ހުރިހާ އެންމެން އެއް އަޑަކުން ވާހަކަދައްކަނީ އާދެ، އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކަށް. އަޅުގަނޑުމެންގެ އުޅުމުގައި ހުރި ހުރިހާ ގޮތަކުން އަޅުގަނޑުމެން އެބަޖެހޭ، ލިބޭ ގެއްލުން ކުޑަކުރަން. އަޅުގަނޑުމެންގެ ރަށްތައް ފެހިކޮށް، ކުނި، މެނޭޖް ކުރުމުގެ ކަންތައް ރަނގަޅުކޮށް، ސާފު ވައި އަޅުގަނޑުމެންގެ ތެރޭގައި ލިބޭނޭ ގޮތަކަށް، އަޅުގަނޑުމެންގެ ހުރިހާ އުޅުމެއް ބެހެއްޓުމަކީ އެއީ، އަޅުގަނޑުމެން މިއަދު ކުރަންޖެހޭ ކަންތައްތަކެކޭ. އާދެ، އިސްރާފު ކުޑަކުރުމަކީ އެއީ، މިއަދު ޅަކުދީންނަށް، ޅަދަރީންނަށް އަޅުގަނޑުމެން ދަސްކޮށްދޭންޖެހޭ ކަންތައްތައް.

އާދެ، އެއްވެސް ޝައްކެއްނެތް، މިހާހިސާބަށް މިއާދެވުނީ އެކުވެރިކަމެއް އޮވެގެން. އަޅުގަނޑުމެން އެއިރުވެސް ދެއްކީ އެ ވާހަކަ. 2018 ގައި އަޅުގަނޑުމެން ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރުކުރިއިރުވެސް ދެއްކީ އެ ވާހަކަ. ރައްޔިތުންނާ ހަމައަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދަކީ އެއީ. އަޅުގަނޑުމެންނަށް މި ފެނިގެންދަނީއެ މަންޒަރު.

އާދެ، އަޅުގަނޑު ދަންނަވާލަން އޮތީ، ކުރިއަށް އޮތް ތާނގައިވެސް ތަރައްޤީއާ ހަމައަށް ދިޔުމަށްޓަކައި، ގިނަ ކަންތައްތަކެއް ހާސިލުކުރުމަށްޓަކައި، އަޅުގަނޑުމެން އެންމެން އެކީ މަސައްކަތްތަކެއް ކުރަން އެބަޖެހޭ.

އަޅުގަނޑުމެންނަށް އެންމެ މުހިންމީ އަޅުގަނޑުމެންގެ ޤައުމު. އަޅުގަނޑުމެންނަށް އެންމެ މުހިންމީ އަޅުގަނޑުމެންގެ ރައްޔިތުން. އަޅުގަނޑުމެންގެ ޤައުމަށް ތަރައްޤީ ގެނެވޭނެ ކަންތައްތައް ކުރުމުގައި، އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލައި، މަސައްކަތްތަކެއް ކުރަން އެބަޖެހޭ.

އާދެ، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދު ފުއްދުމަށްޓަކައި، ދިވެހިރާއްޖޭގެ އުތުރުން ދެކުނަށް، މަސައްކަތް ނުކުރެވޭ ހަމަ އެއްވެސް ރަށެއް ނެތް. އާދެ، އަޅުގަނޑު ހުރިހާ ވާހަކަތަކެއް ނުދެއްކި ނަމަވެސް، އަޅުގަނޑުމެންނަށް އެބަ ފެނޭ، ހަމަ އެއްވެސް ރަށެއް ނެތް، ފެނާއި ނަރުދަމާގެ މަސައްކަތްތައް، އިންޖީނުގެ ރިލޮކޭޓު ކުރުމުގެ މަސައްކަތްތައް، ސްކޫލްތަކުގައި ކްލާސްރޫމް އެޅުމުގެ މަސައްކަތްތައް، ހޮސްޕިޓަލްތައް ބިނާކުރުމުގެ މަސައްކަތްތައް، ޞިއްޙީ ޚިދުމަތް ކައިރިން ހޯދައިދިނުމުގެ މަސައްކަތްތައް، މިގޮތަށް ގޮސް، ނުކުރާ ހަމަ އެއްވެސް މަސައްކަތެއް ނެތް. މަގު ހެދުމުގެ މަސައްކަތްތައް.

މިހިރަ ކަންތައްތައް އަޅުގަނޑުމެންނަށް ކުރެވޭނީ، މި ދެންނެވި ގޮތަށް، އަޅުގަނޑުމެން އެންމެން ގުޅިގެން. މިއީވެސް، އަޅުގަނޑަށް ފެނިގެން މި ދިޔައީ، ޚާއްޞަކޮށް ހޯރަފުށީ ރައްޔިތުންގެ ވަރަށް ބޮޑު ޤުރުބާނީއެއް. ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން މިހިސާބަށް މިކަންތައް އާދެވިފައި މިއޮތީ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން، އަޅުގަނޑު އަދިވެސް އެއްފަހަރު، ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރަން. މިއަދު އެއް އަހަރުގެ، މި އުފާ ފާހަގަކުރުމަށްޓަކައި މި ފުރުޞަތު އަޅުގަނޑަށް ލިބުނީތީ، އެކަމަށް އުފާކުރާ ހާލު، އަޅުގަނޑު ތިޔަ އެންމެހައި ބޭފުޅުންނަށް ހެޔޮއެދެމުން އަޅުގަނޑު ވަކިވެލާނީ.

އަޅުގަނޑުގެ ދުޢާއަކީ ﷲ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެން އެންމެންނަށް މާ ފާގަތި މާދަމާއެއް މިންވަރު ކުރެއްވުން. ދިވެހިރާއްޖެއަށް އަބަދުވެސް ހެޔޮގޮތްތައް މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.