ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުގެ ފަރާތުން ކައުންސިލުގެ ރައީސް މުޙައްމަދު ޖަލާލު ވަނީ އެރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.

ހިރިލަންދޫގެ ކައުންސިލުގެ ރައީސް ވަނީ ރަށުގެ ބިންހިއްކުމުގެ މަޝްރޫޢާއި ފެނާއި ނަރުދަމާގެ މަޝްރޫޢުގެ އިތުރުން ސްކޫލް ކްލާސްރޫމް އިމާރާތާއި މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ފެށުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މީގެ އިތުރުން ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަންހުރި ކަންކަމާއި، ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމު ފަހިކޮށްދެއްވުމަށާއި، އަދި މި ނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަމާއި ގުޅޭގޮތުން ރަށުގެ ކައުންސިލުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުގެ ރައީސް ވަނީ އެރަށުގައި ގިނަ ޒަމާންތަކެއްވަންދެން ނުކުރެވި ހުރި ތަރައްޤީގެ ބައެއްކަންކަން މި ސަރުކާރުން ކުރެވޭނެގޮތަށް ފަހިކޮށްދެއްވާފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރެއްވިއެވެ. އެގޮތުން ސްކޫލްގެ ކްލާސްރޫމް އިމާރާތާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ވަރަށް އަވަހަށް ޓެންޑަރ ކުރެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެރަށުގެ ބިންހިއްކުމުގެ މަޝްރޫޢަކީ ރިޔާސީ ވަޢުދެއްކަން ފާހަގަކުރައްވައި އެމަސައްކަތް ކުރިޔަށްދާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ތަރައްޤީއަށް ކައުންސިލުން ބޭނުންވާ ކަންކަމުގެ މަޢުލޫމާތު އޮޅުންފިލުއްވައި އެކަންކަމާގުޅޭ ފަހުގެ މަޢޫލޫމާތުތައް ޙިއްޞާކުރައްވާފައެވެ.