بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

އެސޯސިއޭޝަންގެ ރައީސް، ކޯޗު، އަދި ޚާއްޞަކޮށް، ޓީމުގެ ހުރިހާ އޮފިޝަލުން، މިނިސްޓްރީގެ އިސްވެރިން؛

السَّلَامُ عَلَيْكُمْ.

އާދެ، މިއަދަކީ މިއީ ދިވެހިރާއްޖޭގެ ފަޚުރުވެރި ޖުމްހޫރީ ދުވަސް. އެހެންވީމާ، އެންމެ ފުރަތަމަވެސް އަޅުގަނޑު، ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ޚާއްޞަކޮށް، ޓީމުގެ ހުރިހާ ބޭފުޅުންނަށާއި އަދި އެންމެހައި ރައްޔިތުންނަށް ދަންނަވަން.

އެނގިވަޑައިގަންނަވާނެ، ކުޅިވަރަކީ ދިވެހިރާއްޖޭގެ ހުރިހާ ޒުވާނުން އެކަންޏެކޭ އަޅުގަނޑު ނުދަންނަވާނަން، ކުދިބޮޑު އެންމެހައި ރައްޔިތުން ވަރަށް ލޯބިކުރާ، ވަރަށް ދެކެން ބޭނުންވާ ގޭމެއް. އަދި ކުޅިވަރުގެ ތެރެއިން ހުރިހާ ކުޅިވަރުތަކަކީވެސް. އެގޮތުން އޭގެ ފައިދާތަކެއްވެސް ކޮށްފި. އަޅުގަނޑުމެންގެ ޤައުމަށް ބަލައިފި ކަމަށްވަންޏާ، ކުޅިވަރުގައި ވަރަށްގިނަ ފައިދާތަކެއް އެބަހުރި. އޭގައި އެކުވެރިކަމާއި، އެކަކު އަނެކަކު ދެނެގަތުމާއި، އެއްބައިވަންތަކަން ހިމެނޭ.

އެހެންވީމާ، އަޅުގަނޑުމެންނަށް ކުޅިވަރުން ގެނެސްދެނީ ވަރަށް އާދަޔާ ޚިލާފު ކަންތައްތަކެއް. ޤައުމެއްގައި އަޅުގަނޑު ޤަބޫލުކުރަނީ އެންމެ މުހިންމު އެއްބައި ކަމަށް އެއީ. އެހެންވީމާ، ކުޅިވަރު ކުޅުންތެރިން އެ ދައްކައިދޭ ރޫޙުގެ ސަބަބުން އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް އެ ލިބޭ ހިތްހަމަޖެހުމާއި، އަޅުގަނޑުމެންގެ ތެރޭގައި އުފެދޭ ގުޅުން ވަރަށް ވަރުގަދައޭ.

އެނގިވަޑައިގަންނަވާނެ، ކުޅިވަރުން ތިޔަބޭފުޅުން ރާއްޖެއަށް ހޯއްދަވައިދެއްވާ ރީތި ނަމުގެ ސަބަބުން މުޅި ދުނިޔެއަށް އެ އިޝްތިހާރު ވެގެންދާދިޔުން އެއީ ޚާއްޞަކޮށް، ރާއްޖެ ކަހަލަ ތަނަކަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާނީ ވަރަށް މުހިންމު ކަމެއް. ބޭރު ދުނިޔޭގައި ޚާއްޞަކޮށް، ރާއްޖެއަށް ވިޒިޓްކުރާ އެ މެހްމާނުންގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ އިކޮނޮމީއެއް ރާއްޖޭގައި އޮންނައިރު، ރާއްޖެ، ދުނިޔޭގެ އެހެން ޤައުމުތަކަށް އެނގުން އެއީ ވަރަށް މުހިންމު ކަމަކަށް މިވަނީ. އަޅުގަނޑު ދަންނަވާނީ، ކުޅިވަރަކީ އެއީ ހަމަ ވަރަށް ބޮޑު ރޯލެއް ކުޅޭ އެއްޗެކޭ. އަޅުގަނޑުމެންނަށް ވޭތުވެދިޔަ ދުވަސްތަކުގައި ޚާއްޞަކޮށް، މިދިޔަ ދެތިން އަހަރުވެސް އެބަ ފެނޭ، ކުޅިވަރުގެ މައިދާނުގައި، ދާއިރާގައި ރީތި ނަންތަކެއް، މަތީ ވަނަތަކެއް ރާއްޖެއަށް ހޯދަމުންދާތަން.

އެހެންވީމާ، މި ފުރުޞަތުގައި އަޅުގަނޑު ޚާއްޞަކޮށް، ޔޫތު މިނިސްޓްރީގެ އިސްބޭފުޅުންނާއި އަދި ކުޅިވަރުގެ ހުރިހާ އެސޯސިއޭޝަންތަކުގެ ރައީސުން ފެށިގެން ހުރިހާ އޮފިޝަލުންނާއި، ހުރިހާ ބޭފުޅުންނަށް އަދި މިކަމުގައި ޝާމިލުވާ ކުލަބް ޖަމުޢިއްޔާތަކުގެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނެ، ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް، ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމެއް ކުޅިވަރަކީ. އަޅުގަނޑުމެންގެ ރައީސަކީވެސް، ކުޅިވަރު ކުޅުއްވާ ބޭފުޅެއް. މި ސަރުކާރުގެ ފެށުމުގެ އެންމެ ފުރަތަމަވެސް އަޅުގަނޑުމެންނަށް ޢީދެއްގެ ގޮތުގައި ފާހަގަކުރެވިގެންދިޔައީވެސް ކުޅިވަރުގެ އެކި ޙަރަކާތްތައް. އެދުވަހު ތިޔަބޭފުޅުންވެސް ހަމަ ބައިވެރިވެވަޑައިގެންނެވި. އެހެންވީމާ، އެއިންވެސް އެބަ އެނގޭ، މި ސަރުކާރުން ކުޅިވަރަށް ވަރަށް ބޮޑަށް ސަމާކަންދޭކަމާއި، އަދި އެ ދޭ އަހަންމިއްޔަތު.

އަޅުގަނޑުމެން ދެކެން ބޭނުންވަނީ، ހުރިހާ ރޮނގަކުންވެސް ޤައުމު ކުރިއަރައިދިޔުން. ކުޅިވަރުގެ މައިދާނުގައިވެސް ރީތި ރަން ވަނަތަކެއް އިތުރަށްވެސް ލިބިގެން ދިޔުން. ޙަޤީޤަތަކީ މިފަދަ ދުވަހެއްގައިވެސް، އަޅުގަނޑުމެން ހަމަ ވިސްނާލަންޖެހެނީ، އަޅުގަނޑުމެންނަކީ އެއް ބަހަކުން ވާހަކަދައްކާ، އެއް ނަސްލެއްގެ، އަދި އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމުންގެ ގޮތުގައި ތިބި ބައެއްކަން. އަޅުގަނޑުމެންގެ ދެބަސްވުމެއް ޙަޤީޤަތުގައި އެއަކު ނެތް. އެހެންވިޔަސް އަޅުގަނޑުމެންނަށް އެންމެން އެކުގައި މަސައްކަތް ކުރުމުގެ އެ ރޫޙު އަޅުގަނޑުމެންގެ ގައިގައި ހުންނަންޖެހެނީ.

އަޅުގަނޑުމެންގެ ތެރޭގައި އިންސާނުންނަށްވީތީވެ އެބަހުރޭ، އެކިކަހަލަ ކަންތައްތަކުގައި ޚިޔާލުތަފާތުވުންތައް. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނީ، ކުޅިވަރުގައިވެސް އަޅުގަނޑުމެން ކާމިޔާބު ހޯދުމަށްޓަކައި ކުރާ މަސައްކަތުގައި ދެބަސްވުމެއް ނުވާނެ. ޤައުމަށްވެސް ރަނގަޅު ގޮތްތަކެއް ހޯދުމަށް، ކުރިއަރައިދިޔުމަކަށް، އެކަމަކަށްވެސް ދެބަހެއްނުވާނެ.

އެހެންވީމާ، އެއީ އަޅުގަނޑު މިއަދު ޚާއްޞަކޮށް، ކުޅިވަރު ކޮމިއުނިޓީ، ކުރީގައިވެސް އަޅުގަނޑު މި ދެންނެވީ އެއީ ވަރަށް މުހިންމު ބައެއް. ހަމަ އެންމެ ކުޑައިރުއްސުރެ ފެށިގެންވެސް އަޅުގަނޑުމެންނަށްވެސް އަބަދުވެސް ކުޅިވަރުގައި އުޅެވެނީ. އެންމެ މުހިންމު ކަމެއްގެ ގޮތުގައިވެސް ޙަޤީޤަތުގައި ވެފައި އޮތީ އަބަދުވެސް ކުޅިވަރު ކުޅުން.

އެހެންވީމާ، މިއަދު ހުރިހާ އެތުލީޓުންނަށް، ކުޅިވަރު ކުޅޭ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، ތިޔަބޭފުޅުންގެވެސް ރޯލެއް، އަޅުގަނޑުމެން އެންމެންގެ ރޯލެކޭ، ކުޅިވަރާއެކުވެސް ޤައުމައިގެން ކުރިއަށް ދިޔުމަށްޓަކައި، އަޅުގަނޑުމެންގެ ތެރޭގައި އެއްބައިވަންތަކަން އުފެއްދުމަށްޓަކައި، އަޅުގަނޑުމެންގެ ތެރޭގައި ހުންނަ ފަރަޤުތައް ނައްތާލުމަށްޓަކައި މަސައްކަތް ކުރުން. އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް، މުބާރާތުގައި ކުރިއަށް ދިޔުމަށް، ބަންގްލަދޭޝްގައި ކުރިއަށް އޮތް މުބާރާތުގައިވެސް ކާމިޔާބީއަށް އެދެން.

އަދި ހަމައެއާއެކު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެސޯސިއޭޝަންގައިވެސް އަޅުގަނޑުމެންގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިތުރު މަސައްކަތްތަކެއްކޮށް އަދި ޚާއްޞަކޮށް، އަޅުގަނޑުމެންނަށް ސްކޫލްތެރެއިން، އަޅުގަނޑުމެންނަށް އިތުރު ޒުވާން ކުދިން ނެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހެއޭ. އަޅުގަނޑުމެން ސްކޫލްގައި އުޅުނުއިރު، އަޅުގަނޑުމެންނަށް އޭރު ވަރަށް ބޮޑަށް އިންޓަރ ސްކޫލް މުބާރާތްތަކާ، ދެން އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގައި އުފެދުނު ހުރިހާ މޮޅު ކުޅުންތެރިންވެސް ސްކޫލްތެރެއިން މަޝްހޫރުވެފައި އޮތީ. އިންޓަރ ސްކޫލް މުބާރާތްތަކުން އޮތީ ފާހަގަކުރެވިފައި އެއީ ވަރަށް މޮޅު ކުޅުންތެރިއެއްގެ ގޮތުގައި. ދެން ޓީމުތަކުން އެ ބޭފުޅަކު، އެ ކުއްޖަކު އޭރު ބަލައިގެންފައި، މި ކުލަބްތަކާއެކު ކުރިއަށް ގޮސްފައި އޮތީ.

އެހެންވީމާ، ކުރިއަށް އޮތް ތާނގައި އަޅުގަނޑު ހަމަ ދަންނަވަން ބޭނުންވޭ. ޔޫތު މިނިސްޓްރީއާއި އަޅުގަނޑުމެންގެ އެސޯސިއޭޝަންތަކާއެކީ، މިނިސްޓްރީއާ ޚާއްޞަކޮށް، އެޑިޔުކޭޝަން މިނިސްޓްރީއާއެކީ މަސައްކަތްތައްވެސް ކުރެވިގެން، ކުރިއަށް އޮތް ދުވަސްތަކުގައި ސްކޫލް ކުދިންނަށްވެސް ޕްރޮގްރާމްތަކެއް އިތުރަށް ކުރިއަށް ގެންދިޔުމަށް.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، ޙަޤީޤަތުގައިވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ޚާއްޞަކޮށް، ކުޅިވަރު ކުޅޭ ޓީމުތަކާއި ބޭފުޅުންނާއެކީ ބައްދަލުކޮށްލަން. އެހާ ގިނައިން މި ފުރުޞަތުތަކެއް މިހާރު ދެން ނުވެސްލިބޭމެ. އެހެންނަމަވެސް، މިހެން ލިބޭ މަދު ފުރުޞަތުތަކަކީ، އަޅުގަނޑު ބަލަނީ އެއީ އަޅުގަނޑަށްވެސް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް، ވަރަށްބޮޑު އުފަލެއް ކަމަށް.

ތިޔަބޭފުޅުންނަށް އަޅުގަނޑު އެދެނީ، މި މުބާރާތުގައި ހަމަ ހުރިހާ ގޮތަކުންވެސް ކާމިޔާބު. އަދި ދިވެހިރާއްޖެއަށް މީގެ ސަބަބުންވެސް އިތުރު ރީތި ނަންތަކެއް ލިބިގެންދިޔުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ، ހުރިހާ ބޭފުޅުންނަށްވެސް.

وَالسَّلَامُ عَلَيْكُمْ.