އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ މުނު މަހާވަރް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް،ގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބާ އިންޑިއާގެ ސަފީރު ވަނީ ދެ ޤައުމުގެ ރަހުމަތްތެރިކަމުގެ ގުޅުމާއި އެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ދަށުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވާ އެހީތެރިކަމާއި އަދި ކޯވިޑް-19 ޕެންޑަމިކްގެ ތެރޭގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދެވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކަނޑުހުރަސްކޮށް ހިނގާ ޑްރަގް ވިޔަފާރި ފަދަ ކުށްތައް ހުއްޓުވުމުގައި އިންޑިއާއިން ރާއްޖެއަށް ވެދޭ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ އިންޑިއާ ސަފީރު މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ. އަދި ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް އިންޑިއާއިން ފޯރުކޮށްދެމުން އަންނަ އެހީތެރިކަން އެމަނިކުފާނު ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާ އިންޑިއާ ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވައިފައި ވަނީ ދެޤައުމުގެ ދެމެދު އޮތް ގާތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.