ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ތިލަދުންމަތީ ގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ހއ. ހޯރަފުށްޓަށެވެ. އެއަށްފަހު ހދ. ނެއްލައިދުއާއި ވައިކަރަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީއަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހޯރަފުށްޓަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ރަސްމީގޮތުން ފަށްޓަވައިދެއްވުމުގެ އިތުން ހޯރަފުށީ އެއަރޕޯޓްގެ އަހަރީދުވަހަސް ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނެއެވެ.

މި ދަތުރުފުޅުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ރަށްރަށުގެ އެކި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން ރަށްރަށުގައި ކުރިޔަށްދާ ތަރައްޤީގެ މުހިންމު ބައެއް މަޝްރޫޢުތައް ބައްލަވާލެއްވުމާއި މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.