بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ، ދައުލަތުގެ ވަޒީރުން، ފުވައްމުލަކުގެ މޭޔަރ އިސްމާޢީލް ރަފީޤު، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން މުޙައްމަދު، ފުވައްމުލަކު ސިޓީގެ ކުރީގެ މޭޔަރ، ޑެޕިއުޓީ މޭޔަރ، ކައުންސިލް މެންބަރުން، އިސްލާމިކް މިނިސްޓްރީގެ އިސްބޭފުޅުން، އަދި މި ޖަލްސާގެ އެންމެ ޝަރަފްވެރިން ކަމުގައިވާ ގުރެޖްއޭޓްވީ ހުރިހާ ދަރިވަރުން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑު މަރްޙަބާ ދަންނަވާނީ، މިރޭ ދަސްވެނިވި ހުރިހާ ފަރާތްތަކަށް. އާދެ، ތިޔަބޭފުޅުންގެ ގިނަ ދުވަސްތަކެއްގެ ނަތީޖާ މިރޭ މި ފެނިގެންދިޔައީ. އަދި ވަރަށް ޝައުޤުވެރިކަމާއެކު، ވަރަށް ލޯބިން ތިޔަބޭފުޅުން ކުރެއްވި މަސައްކަތެއްގެ ފޮނިކަން މިރޭ ލިބިގެން މިދިޔައީ. އަދިވެސް އެއްފަހަރު، ހުރިހާ ގުރެޖްއޭޓުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، ފުވައްމުލަކު ރައްޔިތުންނަކީ، ޒަމާނުއްސުރެ ފެށިގެން ޚާއްޞަކޮށް، ދީނީ ކަންތައްތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ބައެއް. ވަކިން ޚާއްޞަކޮށް، ޤުރްއާނަށް ވަރަށް ލޯބިކުރާ މުޖުތަމަޢެއް، ޒަމާނުއްސުރެ ފެށިގެން އޮންނަ ރަށެއް. އާދެ، ޤުރްއާން ހިތުދަސްކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވަމުން އައި ރައްޔިތަކު ދިރިއުޅޭ ރަށެއް.އާދެ، މި ހުރިހާ ކަމަކުންވެސް އަޅުގަނޑުމެންނަށް މި އެނގިގެންދަނީ، ތިޔަބޭފުޅުން، މި ދެންނެވި ކަންތައްތަކަށް ދެއްވާ ސަމާލުކަމާއި، އެ ބަހައްޓަވާ ފަރުވާތެރިކަން.

އާދެ، މިރޭ ތަންކޮޅެއް ދަންވެސްވެއްޖެ. ޢާންމު ގޮތެއްގައި އަޅުގަނޑަށް ވާހަކަ ދައްކަން މި ފުރުޞަތު ލިބެނީ، ވަރަށް ދަންވާފަހުން. އަޅުގަނޑު ހަމަ ފާހަގަކޮށްލަން، މިރޭ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި އިސްލާމިކް މިނިސްޓަރާއި، އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ މި ސިޓީގެ މޭޔަރ، ވަރަށް ރަނގަޅު ނަޞޭޙަތްތަކެއް ދެއްވައިފި. ތިޔަބޭފުޅުން، އެ ދެ ބޭފުޅުން އެ ދެއްކެވި ވާހަކައާ އެއްގޮތަށް ޢަމަލުތައް ބަހައްޓާ ކަމަށްވަންޏާ އިރާދަކުރެއްވިއްޔާ، ދުވަހަކުވެސް އަޅުގަނޑުމެން ގެއްލިގެން ނުދާހާ ފިލާވަޅުތަކެއް، ނަޞޭޙަތްތަކެއް ދެއްވައިފި.

އަޅުގަނޑުވެސް ކުރުގޮތަކަށް ދަންނަވާލަން އޮތީ، އަޅުގަނޑުމެން އެއްޗެއް ކިޔަވައިފިނަމަ، އެއްޗެއް އުނގެނިއްޖެނަމަ، އަޅުގަނޑުމެން އެކަން ދައްކަންޖެހޭނެއޭ. އަޅުގަނޑުމެންގެ ފަރާތުން، އެ އުނގެނޭ މީހާގެ ފަރާތުން، އެހެން މީހަކަށް އޭގެ ރާޙަތެއް، އޭގެ ފައިދާއެއް ކުރަންޖެހޭނެއޭ. ތިމާ ކިޔަވަނީ، ހަމައެކަނި ތިމާގެ ނަފްސަށް އެކަންޏެއް ނޫނޭ. އެއީ މުޅި މުޖުތަމަޢަށް ފައިދާ ކުރުމަށްޓަކައި ކުރާ ކަމެކޭ.

އާދެ، އަޅުގަނޑުވެސް ހަމަ ހުރިހާ ބޭފުޅުންނަށް، ހުރިހާ ފަރާތްތަކަށް ދަންނަވާލަން އޮތީ، މިއަދު އަޅުގަނޑުމެންނަށް ވެވުނު އެހީތެރިކަމެއް، ހުރިހާ ފަރާތްތަކަށް ވެދޭން އެބަޖެހޭ. ޢާންމުކޮށް، އަޅުގަނޑުމެންގެ އުޅުމުގައި، އެކަކު އަނެކަކަށް އެހީތެރިވުމާއި، އޯގާތެރިވުމާއި، ކުލުނު އިސްކުރުން އެއީ، އަޅުގަނޑުމެން މިއަދު ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް.

އާދެ، ދިވެހި ސަރުކާރުން ދީނީ ކަންތައްތަކަށް، އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ. އާދެ، އަޅުގަނޑުމެން ހަމައެކަނި މި ރަށަށް ބަލައިލި ނަމަވެސް، ދަތި އުނދަގޫ ވަގުތެއްގައި ނަމަވެސް، ފެނިގެން މިދަނީ، މިކަމަށް ދެވޭ ސަމާލުކަމުގެ ތެރެއިން ކަންތައްތަކެއް ކުރެވެމުންދާތަން. އާދެ، އަޅުގަނޑުމެންނަށް މިއަދު މިސްކިތެއްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުނު. ހަމައެއާއެކު، އިއްޔެ މިރަށުގައި ވަނީ އިތުރު މިސްކިތެއް ކޮންޓްރެކްޓް ގުރޫޕަކަށް އެވޯޑް ކުރެވިފައި.

އާދެ، ކުރީގައި އަޅުގަނޑުމެންނަށް އަޑުއިވިގެން ހިނގައްޖެ، ޤުރްއާނާބެހޭ މަރުކަޒުގެ ސެންޓަރެއްގެ ވާހަކަ، ގޮތްޕެއްގެ ވާހަކަ. ދިމާވި ބައެއްކަހަލަ ކަންތައްތަކާ ހެދި، އެ މަސައްކަތް ލަސްވެގެންދިޔަ ކަމުގައިވީނަމަވެސް، އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ މިހާރު، އިސްލާމިކް މިނިސްޓަރާއި، އަދި ސިޓީ ކައުންސިލްގެ ވިސްނުމާއި، އަދި އަޅުގަނޑުމެންގެ ޢިއްޒަތްތެރި މެންބަރުންގެ ވިސްނުމާއެކު، އަޅުގަނޑުމެންގެ ވިސްނުން މިހާރު މިހުރީ އެ ސެންޓަރަކީ މާ ފުރިހަމަ ސެންޓަރަކަށް އިރާދަކުރެއްވިއްޔާ، ހަދަން. ސަރަޙައްދަށްވެސް އޭގެ ފައިދާ ކުރުވަނިވިގޮތަކަށް އެ ކަންތައްތައް ކުރުން.

އާދެ، އަޅުގަނޑަށް އަޑުއިވިއްޖެ. އަޅުގަނޑު ވަރަށް އުފާވި، ފުވައްމުލަކުގައި ޤުރްއާނާބެހޭ މި މަރުކަޒުގެ މި ގޮފިން، ރަށުން ބޭރުގެ ރަށްރަށަށްވެސް، އާދެ، ތިޔަބޭފުޅުންގެ ފަރާތުން އެހީތެރިކަމާއެކު، އެ ކޯސްތައް، އެ އުނގަންނައިދެއްވާތީ. އެކަމާ އަޅުގަނޑު މިހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް ޤަބޫލުކުރެވެނީ މިހާރު އަޅުގަނޑުމެންނަށް މި ބިނާކުރެވޭ މަރުކަޒުގެ ސަބަބުން، މިކަހަލަ ކަންތައްތަކަށް މާބޮޑަށްވެސް ފަސޭހަވެގެންދާނެ ކަމަށް.

އާދެ، އަޅުގަނޑުގެ ވާހަކަ އެހާ ދިގުކުރާކަށްނެތިން. އެހެންނަމަވެސް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ކުރިމަތިމިލީ، ދުވަހަކުވެސް އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤައުމު ނުދެކޭފަދަ ދަތި އުނދަގޫ ވަގުތުތަކަކާއޭ. މުޅި ޤައުމު ހުއްޓިފައި، މުޅި ދުނިޔެ ހުއްޓިފައި، އިޤްތިޞާދު އެއްކޮށް ބަންދުވެފައި އޮތީ. އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމާ މުޅިން ތަފާތުގޮތަކަށް އަޅުގަނޑުމެން އުޅެންޖެހުނު ވަގުތުވެސް، ރައްޔިތުންގެ ކަންތައްތައް ވަރަށް ގާތުން ބައްލަވައި، ރައްޔިތުންނަށްޓަކައި ވެވަޑައިގަންނަވާފައިވާ ވަޢުދުތަކާއި، އެންމެ ބޭނުންތެރި ކަންތައްތައް ކުރައްވަމުން، އާދެ، އެ ކަންތައްތައް ހުއްޓުމެއްނެތި ކުރައްވަމުން ގެންދެވީތީ، އާދެ، ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނާ ހަމަޔަށް، ފުވައްމުލައްވެސް ހިމެނޭގޮތަށް މި ކަންތައްތައް މަޑުޖެހުމެއްނެތި ކުރައްވަމުން ގެންދަވާތީ، އަޅުގަނޑު ހަމަ ފުވައްމުލަކުގެ ރައްޔިތުންގެ ނަމުގައިވެސް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މި ސަރުކާރުގެ އެންމެ ބޮޑު އަމާޒެއްގެ ގޮތުގައި މިއޮތީ، ރައްޔިތުންނަށް ފަސޭހަކޮށްދިނުން. ކައިރިން ޚިދުމަތްތައް ހޯދައިދިނުން. އަބަދުވެސް އަޅުގަނޑުމެން ޚިދުމަތް ހޯދުމަށްޓަކައި. ޤުރްއާން ހިތުދަސްކުރުމަށްފަހު، އެ ޙިފްޡު، އާދެ، އެ އޮންނަ ޓެސްޓު، އެކަމަށްވެސް ރަށުން ބޭރަށް، މިކަންތައްތަކަށް ނިމުމެއް ގެނައުން. އާދެ، އެއީ ސަރުކާރުންވީ އެންމެ ބޮޑު ވަޢުދު، އިރާދަކުރެއްވިއްޔާ ޙަޤީޤީ މާނައިގައި ލާމަރުކަޒު ކުރެވިގެންދާނެ. އެއިރުން އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމު ވަރުގަދަވެ، ޞިއްޙީ ޚިދުމަތްތައް ރަށުން ލިބޭވަރު އިތުރުވެ، އަދި މިނޫންވެސް، ގިނަ ކަންތައްތަކެއްގެ ފަސޭހަކަން ލިބި، ހިޖުރަ ކުރަންޖެހުން، ޚިދުމަތްތައް ނުލިބި، ރަށް ދޫކޮށްލައި، އަޅުގަނޑުމެން ކުޑައިރުން ފެށިގެން އުޅޭ، އަޅުގަނޑުމެންގެ މައިންބަފައިން، އަޅުގަނޑުމެންގެ ރައްޓެހިން ދޫކޮށްފައި ދާންޖެހޭ ދިޔުމަށް، އިރާދަކުރެއްވިއްޔާ، އަޅުގަނޑު ގަބޫލުކުރަނީ ކޮންމެވެސްވަރެއްގެ ޙައްލެއް ލިބިގެންދާނެއޭ.

އާދެ، އަޅުގަނޑުމެންނަށް ޤައުމު ކުރިއެރުވޭނީ، ރަށް ކުރިއެރުވޭނީ، އެކުގައި މަސައްކަތް ކުރެވިގެން. ދުޅަހެޔޮ ރަނގަޅު ޖީލެއްވެސް އަޅުގަނޑުމެންނަށް ބިނާކުރެވޭނީ، އަޅުގަނޑުމެން އެކުގައި ކުރެވޭ މަސައްކަތުން. އާދެ، އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެންނަށް ލިބިފައި ހުރި ޢިލްމެއްގެ ބޭނުން ހިފައި، އަޅުގަނޑުމެން ދަސްކޮށްފައި ހުރި އެއްޗެއް ބޭނުންކޮށްގެން، އަޅުގަނޑުމެން އެބަޖެހެޔޭ، މުޖުތަމަޢުގެ ތެރޭގައި ހުރި މައްސަލަތައް ޙައްލުކޮށް، ޚާއްޞަކޮށް، މިއަދު ބޮޑެތިވަމުން އަންނަ ދަރިންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމަށްޓަކައި މަސައްކަތްތައް ކުރަން.

އާދެ، ތަޢުލީމު ހާސިލު ކުރައްވައިގެން، މިއަދު މަސައްކަތުގައި ތިއްބެވި ފަރާތްތަކުގެ ޒިންމާއެއް މި ދެންނެވި ގޮތަށް، އަޅުގަނޑުމެންގެ ދަރިން، ހެޔޮލަފާ ޖީލެއް، ޤައުމަށް ފައިދާހުރި ޖީލެއް، އެހީތެރިވާނެފަދަ ޖީލެއް، ކުލުނު އެބައެއްގެ ހިތުތެރޭގައި އޮންނާނެފަދަ ޖީލެއް އުފެއްދުމަކީ އެއީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައި އޮންނަ ޒިންމާއެއް. އާދެ، އިސްލާމްދީން އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ބާރުއަޅަނީ، ހެޔޮ ކަންތައްތަކުގައި އެކަކު އަނެކަކަށް ވާގިވެރިވުމަށް. އަޅުގަނޑުމެން އެބަޖެހޭ، މަދަދުވެރިވާ ބަޔަކަށްވާން. އަޅުގަނޑުމެން އެބަޖެހޭ، އެހީތެރިވާ ބަޔަކަށްވާން. އަޅުގަނޑުމެން އެގޮތުގައި މަސައްކަތް ކޮށްފި ކަމަށްވަންޏާ، އެއްވެސް ޝައްކެއްނެތް، އަޅުގަނޑުމެންނަށް ކާމިޔާބަށް ވާސިލުވުމަކީ އެއީ، ވަރަށް ފަސޭހަ ކަމެއް.

އާދެ، މާ ދަންވުމާއެކު، އަޅުގަނޑު ދައްކަން ހުރި ވާހަކަތައް އަޅުގަނޑު ދެން މިރޭ ކުރުކޮށްފައި ނިންމާލާނީ. އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެންނަށް އިތުރު ކާމިޔާބީ ލިބިގެން ދިޔުން. އަޅުގަނޑުމެންގެ ރަށުގައި ޚާއްޞަކޮށް، މި ހިނގާ މަޝްރޫޢުތަކާއި ކަންތައްތައް، ރައްޔިތުން އެންމެ ބޭނުންވާގޮތަށް، އެދެވޭގޮތަށް، އެންމެންގެ ކޮންޓްރިބިއުޝަނާއި ބައިވެރިވުމާއެކު އެ ކަންތައްތައް ވެގެންދިޔުން.

އަޅުގަނޑުގެ ދުޢާއަކީ، اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ރަޙްމަތް ލައްވައި، އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވައި، ސީދާވެގެންވާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ ބައެއްގެ ގޮތުގައި ލެއްވުން. އަޅުގަނޑުމެންގެ މުޅި ޤައުމާއި ރައްޔިތުންނަށް އުފާވެރިކަމާއި، ފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.