بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين،
وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް، ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤު، ފުވައްމުލަކު މެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން މުޙައްމަދު، ސިޓީ ކައުންސިލް މެންބަރުން، އިސްލާމިކް މިނިސްޓްރީގެ އިސްވެރިން، ޙިފްޡު ކޮމިޓީގެ ރައީސް، އަދި އެންމެހައި މެންބަރުން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މި ޝަރަފުވެރި ޙަފްލާ އިފްތިތާޙު ކުރުމުގެ މި ފުރުޞަތު ލިބުނުކަމަށްޓަކައި އަޅުގަނޑު ތިޔަ އެންމެހައި ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، އެނގިވަޑައިގަންނަވާނެ، މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށް ވެގެންދިޔައީ، އެއް ތަނަކަށް ޖަމާވެފައި އޮތް ބާރުތައް ދޫކޮށްލައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޮނުވައިލުން. އާދެ، ރައްޔިތުންނަށް ރަށުގައި ތިބެގެން، ފަސޭހަކަމާއެކު ކަންތައްތައް ކުރެވޭނެފަދަ އިންތިޒާމުތައް ހަމަޖެއްސުން. މި ސަރުކާރުން އެންމެ ފުޅާ ދާއިރާއެއްގައި ކުރެވޭ އެއް މަސައްކަތަކީ ލާމަރުކަޒު ކުރުން.

އާދެ، ތަފާތު އެކި ކަންތައްތައް މިގޮތުން ކުރެވެމުން މިދަނީ. އާދެ، އަޅުގަނޑު ގަބޫލުކުރަނީ، މިނިސްޓަރުގެ ވާހަކަފުޅުގައިވެސް އެ ފާހަގަކުރެއްވި ގޮތަށް، މިއަދު އާދެ، ޙިފްޡު ކޮމިޓީގެ މި މަސައްކަތާއެކު، ވަރަށް ބޮޑު ތަކުލީފަކުން ސަލާމަތްވެ، ވަރަށް ބޮޑު ލުއިފަސޭހަތަކެއް ޚާއްޞަކޮށް، މިފަދަ ބުރަ، މާތް، މަތިވެރި ކަމެއް ކުރާ ފަރާތްތަކަށް ލިބިގެން މިދަނީ.

އާދެ، ޤުރްއާން ހިތުދަސްކުރުމަކީ އެއީ ވަރަށް ބުރަ، ވަރަށް ބޮޑު މަސައްކަތެއް. ވަރަށް ހިތްވަރާއެކު ކުރެވޭ މަސައްކަތެއް. އާދެ، އަޅުގަނޑު ހަމަ ކުރުގޮތަކަށް ދަންނަވާލަން ބޭނުން. މި ސަރުކާރުން ދީނީ ކަންތައްތަކަށް ދޭ ސަމާލުކަން. އާދެ، އަޅުގަނޑުމެންނަށް މިއަދުވެސް މި ރަށުގެ މަސައްކަތްތަކެއް ފެށިއްޖެ. އާދެ، މިސްކިތްތައް ބިނާކުރުމާއި އަދި މިނޫނަސް ގުޅުންހުރި އެތައް ކަންތައްތަކެއް އަޅުގަނޑުމެންނަށް ޕްލޭން ކުރެވިގެން އިރާދަކުރެއްވިއްޔާ، ކުރިއަށްދާނެ. ޚާއްޞަކޮށް، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ޤުރްއާނާބެހޭ މަރުކަޒު އިރާދަކުރެއްވިއްޔާ، މިރަށުގައި ބިނާވެގެންދާއިރު، ފުރިހަމަ މަރުކަޒެއްގެ ގޮތުގައި ބިނާވެގެންދާނެ. އޭގެ ފަސޭހަކަން އެތައް ބަޔަކަށް، މުޅި ސަރަޙައްދަށްވެސް ލިބިގެންދާ ގޮތަށް އެކަން ކުރެވިގެންދާނެ.

އާދެ، އަޅުގަނޑުގެ ވާހަކަ ދިގުނުކޮށް، ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަމުން، އަދި ވަރަށް ބުރަކޮށް، ވަރަށް މަތިވެރި މަސައްކަތް ކުރެއްވި، ހިތުދަސްކުރެއްވި ބޭފުޅުންނާއެކު، މި ވަގުތުކޮޅު ހޭދަކޮށްލަން އަޅުގަނޑަށް ލިބުނު ކަމަށްޓަކައި، އެކަމާ އުފާކުރަމުން، މި ކަންތައް ފަށްޓަވައިދެއްވުމަށް އެދި ޙިފްޡު ކޮމިޓީގެ މެންބަރުންނަށް ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

އަޅުގަނޑުގެ ދުއާއަކީ، އަޅުގަނޑުމެންނަކީ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގެންދާ ބައެއްގެ ގޮތުގައި اللهُ سُبْحَانَهُ وَتَعَالَى ލައްވައި އަދި އަޅުގަނޑުމެންގެ މުޅި ޤައުމަށާއި، ހުރިހާ ރައްޔިތުންނަށް ފާގަތި ދުވަސްތަކެއް މިންވަރުކޮށްދެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.