بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ގެ ކިބަފުޅަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޢަލީ، އެމް.ޖޭ.އެސް.ގެ ޕްރިންސިޕަލް ޢާރިފާ ޢަބްދުލްމަޖީދު، ދައުލަތުގެ ވަޒީރުން، ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤު، ފުވައްމުލަކު މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޙުސައިން މުޙައްމަދު، ކައުންސިލްގެ މެންބަރުން، ސްކޫލްތަކުގެ ޕްރިންސިޕަލުން، އެމް.ޖޭ.އެސް.ގެ ހުރިހާ މުދައްރިސުންނާއި، ހީވާގި މުވައްޒަފުން އަދި އަޅުގަނޑުމެންގެ ލޮބުވެތި ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު އެންމެ ފުރަތަމަވެސް އަޅުގަނޑުމެންނަށް، އަޅުގަނޑާއެކީ މިއަދު ވަޑައިގެން ބޭފުޅުންނަށް، ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ހަމަ އެހެންމެ، ދަރިވަރުން އެ ހުށަހަޅުއްވައިދެއްވި އެ އައިޓަމްގެ ފުރިހަމަކަމަށްޓަކައި، އެ ދަރިވަރުންނަށް ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން. ޙަޤީޤަތުގައި އެ ހުށަހަޅުއްވައިދެއްވި، އެ ދެއްކެވި ވާހަކަތަކުގެ ތެރޭގައި އަޅުގަނޑާ ހަމަ ވަރަށް ގުޅޭ ކަންތައްތަކެއް ގޮސްފި. އަޅުގަނޑަށް އެއްޗެއް ދެއްވާ ވާހަކަވެސް އެ ވިދާޅުވީ. އެހެންވީމާ، އެއީ ހަމަ އަޅުގަނޑަށް ހީވަނީ ވަރަށް ދިމާވެފައި އޮތް ކަމެއްހެން މި އަވަށުން.

އާދެ، މިއަދު މިއީ ކުރީގައި ފާހަގަކުރެއްވިގޮތަށް، ވަރަށް ބޮޑު ފަސޭހަތަކެއް ސްކޫލަށް ލިބިގެންދާ ދުވަހެއް. އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ތަޢުލީމީ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ. ދައުލަތުގެ ބަޖެޓް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، އެންމެ ބޮޑު ހޭދައެއް ކުރެވެނީ ތަޢުލީމީ ނިޒާމު ވަރުގަދަކޮށް، ދަރިންނަށް ފުރިހަމަ ތަޢުލީމެއް ފޯރުކޮށްދިނުމަށްޓަކައި.

އާދެ، އަޅުގަނޑުމެންނަށް މިއަދު މި އެމް.ޖޭ.އެސް.ގެ މި ހޯލު ހުޅުވިގެންދާއިރު އުފާވެރި އަނެއްކަމަކީ، ރަށުގެ އެންމެ ދެކުނަށް ހުރި ސްކޫލް، އެ ސްކޫލްގެ ހަމަ މިފަދަ ހޯލެއްގެ މަސައްކަތް ކުރިއަށްދާކަން. އާދެ، ޚާއްޞަކޮށް، ފުވައްމުލަކުގެ ހަތަރު ސްކޫލްގައިވެސް ގިނަ މަސައްކަތްތަކެއް މިހާރު ފެށިގެން ކުރިއަށްދާކަން އަޅުގަނޑު ފާހަގަކުރަން. މިއިން ކޮންމެ ކަމަކީވެސް އަޅުގަނޑު މި ދެންނެވި ގޮތަށް ޚާއްޞަކޮށް، ދަރިވަރުންނަށް ފުރިހަމަ ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ ސިޔާސަތާ އެއްކޮށް، ރައީސުލްޖުމްހޫރިއްޔާ އެ ކުރައްވާ މަސައްކަތްޕުޅުތަކުގެ ތެރެއިން މުހިންމު ކަންތައްތައް.

އާދެ، ދިވެހި ސަރުކާރުގެ ސިޔާސަތަކީ، ދަރިވަރުންނަކީ، ދިރިއުޅުމަކަށް އަހުލުވެރިވެފައިވާ މަސައްކަތްތެރި، ފަންނީ ބަޔަކަށް ހެދުން. ހަމައެކަނި ކްލާސްރޫމް ތެރޭގައި ކިޔަވައިދޭ ފިލާވަޅުތަކުގެ އިތުރަށް، ދަރިންނަށް މަސައްކަތްތައް ދަސްކޮށްދީ، މުޖުތަމަޢުގެ މުހިންމު ރޯލު އަދާކުރެވޭނޭފަދަ ކަންތައްތައް ހަމަޖައްސައިދިނުން. އާދެ، އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކޮށްލަން، މިގޮތުން މި ސަރަޙައްދުގެ މޮޑެލް ސްކޫލެއްގެ ގޮތުގައި، މި ދެންނެވިފަދަ މަސައްކަތްތައް، ވޮކޭޝަނަލް ޓްރެއިނިންގތަކާއި، ވޮކޭޝަނަލް މަސައްކަތްތަކާ، މި ކަންތައްތައް ދަސްކޮށްދޭ މަރުކަޒެއްގެ ގޮތުގައިވެސް، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު ހަމަޖެހިގެންދާކަމީ، އެއީ އަޅުގަނޑުމެން އެކަމަކަށްޓަކައި އުފާކޮށް، ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމެއް.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް މިފަދަ ހޯލްތައްވެސް އެޅިދާނެ، އަދި ކޮމްޕިއުޓަރ ލެބްވެސް ޤާއިމުކުރެވިދާނެ. 16 ކްލާސްރޫމް، 12 ކްލާސްރޫމް، 8 ކްލާސްރޫމްގެ ކްލާސްރޫމްބަރިއެއްވެސް އަޅުގަނޑުމެންނަށް އިމާރާތް ކުރެވިދާނެ. އެހެންނަމަވެސް، ފަހަރެއްގައިވެސް އަޅުގަނޑުމެން ހަނދާންނައްތައިލައިގެނެއް ނުވާނެ، އެންމެ މުހިންމު ކަންތައްތައް. އާދެ، މުދައްރިސުން، މުދައްރިސުންގެ ރޯލް. ދަރިވަރުންނާއި ބެލެނިވެރިންނާއި، މުޅި ހުރިހާ މުދައްރިސުންގެ މެދުގައި އޮންނަ ގުޅުމާއި، ކުދިންނަށް ސީދާސީދާ އެ ފޯރުކޮށްދެވޭ ފިލާވަޅުތަކާއި، އުނގަންނައިދެވޭ ކަންތައްތަކަކީ އެއީ، އެންމެ މުހިންމު ކަންތައްތަކަކީ. 

އެހެންވެ، އަޅުގަނޑު މިއަދު ޚާއްޞަކޮށް، ލޮބުވެތި ހުރިހާ މުދައްރިސުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވާލަން ބޭނުންވަނީ، މިފަދަ ވަސީލަތްތަކުގެ ބޭނުންހިއްޕެވުމަށް. ތިޔަބޭފުޅުންގެ އަދި މާ ފުރިހަމަ ހުނަރުތަކެއްވޭ. އެއީ އަޅުގަނޑުމެންނަށް ކޮމްޕިއުޓަރެއްގެ ޒަރިއްޔާއިން އަދި އެނޫން ވަސީލަތަކުންވެސް ހޯދޭނެ އެއްޗެއް ނޫން. އެހެންވީމާ، ތިޔަބޭފުޅުންގެ ހުނަރު ބޭނުންކުރައްވައިގެން، އަޅުގަނޑުމެންގެ އާދެ، އަޅުގަނޑު ދަންނަވާނީ ރައްޔިތުން ބޭނުންވާ 21 ވަނަ ޤަރުނަށް ތައްޔާރުވެފައިވާ ދަރިންތަކެއް އުފެއްދުމަށްޓަކައި، ކުރިއަށްވުރެ ބާރަށް އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހެޔޭ.

އާދެ، ސްކޫލެއްގައި އެ ދެވޭ ތަޢުލީމުގައި ހިމެނެނީ، ސްކޫލެއްގައި މަސައްކަތްކުރާ އެންމެހައި ފަރާތްތައް. ޕްރިންސިޕަލުން ފެށިގެން ގޮސް، ހީވާގި ހުރިހާ މުދައްރިސުންނާއި، ސްކޫލްގެ ހުރިހާ ފަރާތްތައް، އެއީ އެންމެހައި މަސައްކަތުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ފަރާތްތަކެއް. މި ސްކޫލުން ނެރެމުންދާ ނަތީޖާތައް ފާހަގަކޮށް، ސްކޫލްގެ ހީވާގި ހުރިހާ މުވައްޒަފުންނަށް، ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މި އަވަށުގައި މި ސްޓޭޖުގައި އަޅުގަނޑު ހުއްޓި، ސްކޫލެއްގެ ތެރޭގައި އަޅުގަނޑު ވާހަކަ ދައްކާއިރު، ދަންނަވާލަން އޮތީ އަޅުގަނޑުމެންގެ މި ރަށާއި އަދި މި އަވަށާވެސް ތަޢުލީމީ ދާއިރާ ވަރަށް ބޮޑަށް އޮތީ ގުޅިފައޭ. އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގައި އެންމެ ދިގު މުއްދަތެއްގައި، ރާއްޖޭގައި ގިނަގުނަ ޚިދްމަތްތަކެއް ކޮށްދެއްވި، އާދެ، ކުރީގެ އެޑިޔުކޭޝަން މިނިސްޓަރަކީ، އަޅުގަނޑުމެންގެ މި ރަށަށް ނިސްބަތްވާ ބޭފުޅެއް. އެކަމަށްޓަކައި އަޅުގަނޑު ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަށްވެސް، އެކުރެއްވި މަސައްކަތްޕުޅުތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން ވާންޖެހެނީ ހަމައެކަނި މިއަދު ހިނގާ ކަންތައްތައް ބަލައިގަންނަ ބަޔަކަށް ނޫން. އަޅުގަނޑުމެން ވާންޖެހެނީ މާޒީގައި އަޅުގަނޑުމެންނާ ހަމައަށް މުހިންމު ކަންތައްތަކާއި، ރަނގަޅު ކަންތައްތައް ގެނެސްދެއްވި ފަރާތްތަކުގެ މަތިންވެސް ހަނދާން އާކޮށް، އެ ފަރާތްތައްވެސް ބަލައިގަންނަ ބަޔަކަށް. އަޅުގަނޑުމެން އެކަންތައް ކުރުމުން، މިއަދު އަޅުގަނޑުމެން މިކުރާ މަސައްކަތްތައް، މާދަމާ އަޅުގަނޑުމެން މިއަދު ތައްޔާރުކުރާ ދަރިން ބަލައިގަންނާނެ. މުޖުތަމަޢެއްގެ ތެރޭގައި ކަންކަމުގެ އަގު ވަޒަންކުރުމާއި، ހެޔޮގޮތުގައި ބަލައިގަތުން އޮންނާނީ އަޅުގަނޑުމެންގެ ތެރޭގައި އެ ސިފަވެސް އޮވެގެން. އާދެ، މި ފުރުޞަތުގައި، މި ރަށަށް ޚިދުމަތްކުރެއްވި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ޖުމުލަކޮށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، މުޅި ޤައުމު އޮތީ ވަރަށް ނާޒުކު ޙާލަތެއްގައި. މުޅި ދުނިޔެ އޮތީ ގާތްގަނޑަކަށް ހުއްޓިފައި. އެތައް ހާސް ފުލައިޓެއް އަޅުގަނޑުމެންނަށް ދުނިޔޭގެ އެއްތަނުން އަނެއްތަނަށް ދަތުރުކުރަމުންދާ މި ދުނިޔޭގައި، އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ގާތްގަނޑަކަށް އެ ދަތުރުތައް މުޅިން ހުއްޓިފައި އޮތްތަން. އާދެ، މިއަދާ ހަމައަށްވެސް އަޅުގަނޑުމެންގެ ވަށައިގެންވާ އެތައް ޤައުމެއްގެ އަދިވެސް ބޯޑަރު ބަންދުކުރެވި، އަދިވެސް އިޤްތިޞާދީ ގޮތުން ރަނގަޅަށް ހިނގައިނުގަނެ އޮތްތަން އަޅުގަނޑުމެންނަށް އެބަ ފެނޭ.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ތާރިޚުގައި އަޅުގަނޑުމެންގެ ކައިރީގައިވެސް އެއްވެސް ބޭފުޅަކު ވިދާޅެއްނުވި، ތިމަންނާމެންނާ ކުރިމަތިވިއޭ މިފަދަ ބޮޑު ކަންތައްތަކެއް. ދަތި އުނދަގޫ ކަމެއް ކުރިމަތިވި ވާހަކަ ވިދާޅެއްނުވޭ. އެހެންކަމުން، އަޅުގަނޑުމެންގެ ޙަޔާތުގައި އަޅުގަނޑުމެންނާ މި ކުރިމަތިވި ދަތި އުނދަގޫ ވަގުތުގައިވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ. ޚާއްޞަކޮށް، ތަޢުލީމު ކުރިއަށް ގެންދިޔުމަށްޓަކައި ދަރިވަރުންނަށް އެއްގޮތް ނެތްކަމަށްވަންޏާ، އަނެއްގޮތުންވެސް، ސްކޫލް ހުޅުވައިގެން، ތަޢުލީމު ފޯރުކޮށްނުދެވޭ ޙާލަތުގައި، ގޭގައި ކުދިން ބައިތިއްބައިގެންވެސް ތަޢުލީމު ފޯރުކޮށްދީ، އަދި އެގޮތަށް ނުކުރެވޭ ކަމަށްވަންޏާ، އެހެން ގޮތްތަކަށްވެސް އެ މަސައްކަތް ވަނީ ކުރެވިފައި. އާދެ، ތިޔަބޭފުޅުން ނެރުއްވި ނަތީޖާއަކީ އެގޮތަށް ކޮންސިސްޓެންޓްކޮށް މެދުނުކެނޑި ކުރެއްވި މަސައްކަތުގެ ނަތީޖާ. އަޅުގަނޑު މުޅި ދިވެހިރާއްޖޭގެ ހުރިހާ މުދައްރިސުންނަށާއި އަދި މި ރަށުގެ ހުރިހާ މުދައްރިސުންނަށާއި، މި ސްކޫލްގެ ހުރިހާ މުދައްރިސުންނަށް އަދި ޚާއްޞަކޮށް، އެޑިޔުކޭޝަން މިނިސްޓްރީގައި މިކަމުގައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން ބަލައިލަމާ ހިނގާ، ދިވެހި ދައުލަތުގެ ކޭޝް ފްލޯ، ފައިސާ ލިބުން ހަމަ ގާތްގަނޑަކަށް އެއްކޮށް ހުއްޓުނީ. ދިވެހިރާއްޖޭގެ އާމްދަނީގެ ހަމަ އެންމެ ބޮޑު އެއްޗެއް އަޅުގަނޑުމެންނަށް ލިބެން މިއޮތީ ޓޫރިޒަމް ދާއިރާއިން. އެހެން އަޅުގަނޑު ބުންޏަސް ދޮގެއްނުވާނެ. ހުރިހާ ރިޒޯޓުތަކެއް ބަންދުވެ، މި ހުރިހާ ދަތި ކަންތައްތަކެއްގެ ތެރެއިންވެސް އަޅުގަނޑުމެންނަށް ފެނުނީ، ދިވެހިރާއްޖޭގެ އެންމެ އުތުރު ތުރާކުނުން ފެށިގެން އައްޑުއަތޮޅު ގަމާ ހަމައަށް މަސައްކަތްތައް މަޑުނުޖެހި ކުރިއަށްދިޔަތަން. އާދެ، އަޅުގަނޑު ދަންނަވާނީ، ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅާއި، ވަރަށް ޙިކްމަތްތެރި ނިންމެވުންތަކެއްގެ ސަބަބުންނޭ މިކަންތައްތައް މިގޮތަށް މިއަދު އަޅުގަނޑުމެންނަށް މި ފެނުނީ.

އާދެ، އަޅުގަނޑު ކުރީގައިވެސް ދަންނަވައިފިން، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތައް އަދިވެސް ބަންދުކޮށް، ވަރަށް ދަތި އުނދަގޫ ގޮތަކަށް ކަންތައްތައްދާ ވާހަކަ. އަޅުގަނޑުމެންނަށް މި ފެނުނީ ކޯވިޑުވެސް މެނޭޖް ކުރަމުން، ޤައުމު ހުޅުވައިގެން، ސްކޫލްތައްވެސް ހުޅުވައިގެން، ވަޒީފާތަކަށް އެނބުރި މީހުން ރުޖޫޢަކޮށްގެން، އާމްދަނީ އިތުރުކޮށްގެން، ޤައުމު ހިނގައިގަންނަތަން. އާދެ، މިކަމުގައި ވަރަށް ގިނަ ބައެއްގެ މަސައްކަތް ޝާމިލުވޭ.

އަޅުގަނޑު ފާހަގަކޮށްލަން، ހަމަ އެއްކަމަކަށް، މުޅި ކޯވިޑް މެނޭޖްމަންޓް. އާދެ، އަޅުގަނޑުމެންގެ މިއަދުގެ ރަސްމިއްޔާތުގައި އެބަ ބައިވެރިވެވަޑައިގަންނަވާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް. އަދި އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަޙުމަދު ޒާހިރު ޢަލީ. މިނިސްޓަރ ޢަލީ ޝިޔާމަކީ، ކޯވިޑް މެނޭޖް ކުރުމުގެ ވަރަށް އިސް ރޯލެއް އަދާކުރެއްވި ބޭފުޅެއް. އާދެ، އަޅުގަނޑުމެން އޭރު އަޅަންޖެހުނު ފިޔަވަޅުތަކާއި ކަންތައްތައް ކުރަންޖެހުނީ މުޅިން އެހެން ގޮތަކަށް. އަޅުގަނޑުމެން ކުރީގައި ވިސްނާފައި ނެތްގޮތަކަށް. އެހެންނަމަވެސް، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ތަންކޮޅަކީ، އެ ދެއްވި ގައިޑްލައިންތަކާއި، ރެސްޓްރިކްޝަންތަކާއި، މެޝަރސްތަކާ އެއްގޮތަށް، އެންމެ ރަނގަޅަށް އެ މަސައްކަތް ކުރެއްވި ފަރާތްތަކަކީ ސްކޫލްތައް.

އެހެންވީމާ، އެކަމަށްޓަކައިވެސް އަޅުގަނޑު ސްކޫލްތަކުގެ ހުރިހާ މުދައްރިސުންނަށް، ހުރިހާ ޕްރިންސިޕަލުންނަށް އަދި އެޑިޔުކޭޝަން މިނިސްޓަރަށާއި، މިނިސްޓްރީގެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ރަށްރަށުގެ ކައުންސިލް، ސިޓީތަކުގެ ކައުންސިލަރުން، މޭޔަރުން، ބުރަ މަސައްކަތްތަކެއް މިކަމުގައި ކުރެއްވި. އެފަރާތްތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.

އާދެ، މިރަށަށް އެކަނި ބަލައިލިނަމަވެސް، މިހާރު ހިނގަމުންދާ މަސައްކަތްތަކަށާއި، މިހާރު އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެވޯޑް ކުރެވިގެން ހިނގައިގަންނާނެ މަސައްކަތްތަކަށް ބަލާއިރުވެސް، ކްލާސްރޫމް އެކަނިވެސް ގާތްގަނޑަކަށް 46 ކްލާސްރޫމް އަޅުގަނޑުމެންނަށް އެބަ ހިމެނޭ. އަދި އެއާއެކު އިތުރު ވަސީލަތްތައް، އިތުރު އިމާރާތްތައްވެސް ހިމެނިގެން އެބަދޭ. 

އާދެ، ފުވައްމުލަކަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ގިނަ ކަންތައްތަކެއް އެބަ ކުރެވޭ. މި ވަގުތުން ވަގުތަށް ޚިދުމަތް އިތުރަށް ފުޅާކޮށް، އިތުރަށް ޚިދުމަތް ދިނުމަށްޓަކައި އެންމެ ބޭނުންވާކަމަށް ރައްޔިތުން ފާހަގަކުރެއްވި ކަންތައްތައް އެބަ ހިނގަމުންދޭ. އިރާދަކުރެއްވިއްޔާ، އެކަމުގެ ފަސޭހަކަންވެސް އަޅުގަނޑު ޤަބޫލުކުރަނީ ދާދި އަވަހަށް ލިބިގެންދާނެ ކަމަށް. އަޅުގަނޑު މީގައި ފާހަގަކޮށްލާނަން، ސްކޫލްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ސްކޫލްތަކުގެ މުދައްރިސުންގެ. އަޅުގަނޑުމެންގެ ސްކޫލްތަކުގައިވެސް ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ތަޢުލީމު އުނގެނެމުންދޭ. އަޅުގަނޑުމެންނަށް އޮތް ގޮންޖެހުމަކަށްވީ ތެރަޕީތަކާއި، ސްޕީޗް ތެރަޕީ، އޮކިޔުޕޭޝަނަލް ތެރަޕީ އަދި އެނޫންގޮތްގޮތަށްވެސް އެކުދިންނަށް ބޭނުންވާ މި ޚާއްޞަ އެހީ، މި ކަންތައްތައް ފޯރުކޮށްދިނުން. އާދެ، އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ މިހާރު މި އިމާރާތްކުރެވޭ "އާރކް" އަލަށް ގުޅާލެވޭ އެ ތަނުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، މި ދެންނެވި ޚިދުމަތްތައް ލިބޭނޭ ވަސީލަތްތައްވެސް ޤާއިމުކުރެވިގެންދާނެއޭ.

އާދެ، ހަމަ އެއާއެކު، ވަރަށް އަވަހަށް އަޅުގަނޑުމެންނަށް ހޮސްޕިޓަލްގެ އާ އިމާރާތެއްގެ މަސައްކަތް ފެށޭނެ. މިހާރު ޑިޒައިން ސްޓޭޖުގައި އޮތީ. އަޅުގަނޑުގެ އުންމީދަކީ، އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ، އަވަހަށް ފެށިގެން ދިޔުން. އަޅުގަނޑުގެ ލިސްޓުގައި ހުރި ހުރިހާ ވާހަކަތަކެއް ނުދެންނެވި ނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންތައްތައް އިރާދަކުރެއްވިއްޔާ، މި ސަރުކާރުން ފޯރުކޮށްދެމުންދާނެއޭ. ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް އެއީ ވަޢުދަކަށް އަދި ނުވިނަމަވެސް، ވަޢުދުވެވަޑައިގެންފައިނުވާ ކަންތައްތައް ކަމުގައިވީނަމަވެސް، އެކަމެއް ރައްޔިތުންނާ ހަމަޔަށް ގެނެސްދެއްވުން. އެގޮތުން މި ރަށުގައި މިހާރުވެސް ގިނަ ކަންތައްތަކެއް ކުރެވެމުންދާކަން އެއީ ތިޔަބޭފުޅުންގެ ލޮލުގެ ކުރިމައްޗަށް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ކަންތައްތައް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު ޝުކުރު އަދާކޮށްލަން ބޭނުންވޭ. ރައްޔިތުންގެ މަޖިލީހުގެ މި ރަށުގެ ޢިއްޒަތްތެރި މެންބަރުންނަށް. މި ރަށުގެ ތިން މެންބަރުންގެ މަސައްކަތް. އެ ކޮންޓްރިބިއުޝަން ރަށުގެ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށާއި، އެކިއެކި ކަންތައް ކުރުމުގައި ވަރަށް ބޮޑަށް ލިބިގެންދޭ. މިއަދު ކަންދިމާކުރިގޮތުން، އަޅުގަނޑުމެންނާއެކީ މި ވަޑައިގަތީ، މެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު. އަނެއް ދެ މެންބަރުން ރާއްޖޭގައި ނޫޅުއްވާތީ ވަޑައިނުގެންނެވުނު ކަމުގެ މަޢުލޫމާތު އަޅުގަނޑަށް ލިބިފައި އޮތީ. ކައުންސިލާ އެއްކޮށް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރެވޭ. އަޅުގަނޑު ދަންނަވާނީ، މިއަދުގެ މި ކައުންސިލް، މޭޔަރ އަދި ޑެޕިއުޓީ މޭޔަރ އަދި ކައުންސިލް މެންބަރުންގެ ހިތުގައި ވަރަށް ބޮޑަށް ޚާއްޞަކޮށް، ތަޢުލީމީ ދާއިރާއަށް ވަރަށް ބޮޑު ލޯތްބެއް އެބައޮތޭ. އަދި ޞިއްޙީ ދާއިރާ ރަނގަޅު ކުރުމަށްޓަކައިވެސް އެ ބޭފުޅުންގެ އެ ޑިޓަރމިނޭޝަން ވަރަށް ބޮޑަށް އެބައޮތް. އެބޭފުޅުން އިންތިޚާބުވި ދުވަހުން ފެށިގެން ހަމަގައިމުވެސް އަޅުގަނޑާ ވަރަށްގިނަފަހަރުމަތިން ގުޅިގެން ވަރަށް ގިނަ ވާހަކަތަކެއް ދެކެވިގެން ޓީމެއްގެ ގޮތުގައި، އެ މަސައްކަތް ކުރެވެމުން އެބަދޭ. އަޅުގަނޑު އިސްމާޢީލް ރަފީޤަށްވެސް އަދި ޑެޕިޔުޓީ މޭޔަރަށާއި، ހުރިހާ ކައުންސިލް މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު އަދާކުރަން.

އާދެ، ރަށަށް މިހާރު ޑިޒައިން ކުރެވިފައިވާ ކަންތައްތައްވެސް އިތުރަށް ފުރިހަމަކުރުމަށްޓަކައި، އިތުރު ބަދަލުތައް ގެނައުމަށްޓަކައި، އެޑިޔުކޭޝަން މިނިސްޓްރީގެ ބޭފުޅުން، އެ މަސައްކަތް އިއްޔެއާއި މިއަދުވެސް ކުރައްވަމުން އެބަގެންދަވާ. އެޑިޔުކޭޝަން މިނިސްޓްރީގެ ހުރިހާ ބޭފުޅުންނަށާއި އަދި މިނިސްޓަރަށް ވަރަށް އިޚްލާޞްތެރިކަމާއެކު، އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑު ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު، އަޅުގަނޑަށް މިއަދު މިހިސާބަށް އައިސް މި ސްޓޭޖުމަތީގައި ތިޔަބޭފުޅުންނާ ވާހަކަ ދައްކާލުމުގެ ފުރުޞަތު ލިބުނީތީ، އެކަމާ އަށް ޙަމްދުކޮށް، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހަމަ އަޅުގަނޑަކީވެސް ތިޔަބޭފުޅުން ކަހަލަ މީހެއް. ހަމަ މިރަށު މީހެއް. އެހެންވީމާ، މިއީ އަޅުގަނޑުވެސް މާކުރިއްސުރެ ފެށިގެން މީގެ ދިހަ ބާރަ، ފަނަރަ އަހަރު ކުރިއްސުރެ ފެށިގެންވެސް ސިކުނޑީގެ ތެރޭގައި އޮންނަ ޕްލޭން. ކޮންމެވެސް ދުވަހަކުން މަލްޓި-ޕާރޕަސް ހޯލް ހެދުން، ތާރު އެޅުން، އެއަރޕޯޓް ހެދުން، ނެރު ބެއްދުން، ރިވެޓްމަންޓް ކަންތައް ކުރިއަށްދިޔުން. ފެނާއި ނަރުދަމާ ރަނގަޅަށް ޤާއިމުވެ ފަސޭހަވެގެންދިޔުން. އެނޫނަސް އަޅުގަނޑުމެންނަށް ބޭނުންވާ ވަސީލަތްތައް ލިބިގެން ދިޔުމަކީ މިއީ މާކުރިން، ވިއްސަކަށް އަހަރު، ވިހި ފަންސަވީސް އަހަރު ކުރިންވެސް އަޅުގަނޑުމެންގެ ސިކުނޑިއަށް އައިސްފައި ހުރި ކަންތައްތައް. ކޮންމެވެސް ދުވަހެއްގެ އިންތިޒާރުގައި އަޅުގަނޑުމެން ތިބީ. އިރާދަކުރެއްވިއްޔާ، މިބާވަތުގެ ގިނަ ކަންތައްތަކަކަށް، އޭގެ ފަސޭހަކަން އަޅުގަނޑުމެންނަށް ލިބުމުގެ ފުރުޞަތު މިއަދު މި ތަނަވަސްވެގެން މިދަނީ، އެއީ، އަޅުގަނޑު ދަންނަވާނީ އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ދުރު ވިސްނުންފުޅާއި، ޚާއްޞަކޮށް، ފުވައްމުލަކުގެ ރައްޔިތުންނާ ދޭތެރޭގައި އެ ބަހައްޓަވާ އޯގާތެރިކަމާއި ގާތްކަމޭ. ހަމަ އެއާއެކު، އަޅުގަނޑު ކުރީގައި މި ދެންނެވި މެންބަރުންނާއި، މޭޔަރާއި އަދި މިރަށުގެ ހުރިހާ މުއައްސަސާތަކެއްގެ ގުޅުން ވަރުގަދަކަމުންނޭ. މީގެ ކުރިންވެސް ހަމައެކަނި ތަޢުލީމީ ކަންތައްތަކުގެ މަޝްވަރާގައެއް ނޫން، ޕްރިންސިޕަލުންނާއެކު އަޅުގަނޑު މީޓިންގތައް ބާއްވާފައިވާނީ. ރަށުގެ މަގު ހެދުމުގެ ކަންތައްތަކާއި، ފެން ހިންދުމުގެ ކަންތައްތަކާއި، ނެރު ބެއްދުމުގެ ކަންތައްތަކާއި، ޞިއްޙީ ކަންތައްތަކާއި، އެނޫންވެސް ކަންތައްތަކުގައި ހުންނާނީ ތިޔަބޭފުޅުންގެ ޚިޔާލު އެކަމުގައި ހޯދާފައި.

އަޅުގަނޑުމެންނަކީ މުސްލިމުން. މުސްލިމުންގެ މައްޗައް އޮންނަ އެންމެ ރިވެތި ގޮތަކީ، ކަންކަމުގައި މަޝްވަރާ ކުރުން. ތިމާގެ އަމިއްލަ ރައުޔަށް، ތިމާއަށް ފެންނަ ހަމައެކަނި ގޮތަށް ކަންކަން ނިންމާލުމުން، ދެން އެއަށް ޚަރަދުކުރަންޖެހޭނީ ދިހަގުނަ. އެހެންވީމާ، އެގޮތް އަޅުގަނޑުމެން ދޫކޮށްލާފައި، މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އިސްކުރައްވަނީ، ރައްޔިތުންނާއި އަދި އަޅުގަނޑުމެން އެންމެންގެ ވިސްނުން ނެރެގެން، އެންމެމޮޅު ގޮތް ހޯދުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ޤަބޫލުކުރަނީ، ފުވައްމުލަކުގައި މިހާރު މި ކުރިއަށްގެންދާ މަސައްކަތްތަކަކީ، މާޒީގެ ތަޖުރިބާތައް އަޅުގަނޑުމެން ކުރަންޖެހުނުގޮތަށް ކުރެވޭނެ މަސައްކަތްތަކެއް ނޫން. ނަރުދަމާގެ މަސައްކަތުގައިވެސް އަޅުގަނޑުމެންނަށް އުނދަގޫ ކަންތައްތަކެއް ހުރި. އެހެންނަމަވެސް، އަޅުގަނޑުމެން ބަލާނީ މިއަދު ކުރާ ކަންތައް، ތިޔަ ހުރިހާ ބޭފުޅުންގެ ޚިޔާލާއެކު، ވީހާވެސް ރަނގަޅަކަށް އިރާދަކުރެއްވިއްޔާ، އެކަންތައް ކުރަން. އެ ފުރުޞަތުގެ ބޭނުން އަޅުގަނޑުމެން މިއަދު ހިފައި، އަޅުގަނޑުމެންގެ މާދަމާގެ ދަރިންނަށް އިރާދަކުރެއްވިއްޔާ، ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމުގެ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލައި، އަޅުގަނޑުމެން ސައުވީސް ގަޑިއިރު، ޓުވެންޓީ ފޯރ ސެވަންގައި އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނީ. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުން އާދެ، ފުވައްމުލަކަށް، މި ކުދިންނަށް ރަނގަޅު މުސްތަޤްބަލެއް ލިބިގެންދިޔުން. ހަމަޖެހުން އިތުރަށް ޤާއިމުވެގެންދިޔުން. އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންގެ ދަރިންނަކީ ތަޢުލީމީ، ޢިލްމީ ވަރުގަދަ ޖީލެއްގެ ގޮތުގައި ލެއްވުން. އަޅުގަނޑުމެންގެ ޤައުމާއި، އަޅުގަނޑުމެންގެ ރަށާއި، އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުންނަށް އުފާ ފާގަތިކަމާއި، ހިތްހަމަޖެހުން މިންވަރުކުރެއްވުން.