بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް، ފުވައްމުލަކުގެ މޭޔަރ އިސްމާޢީލް ރަފީޤު، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން މުޙައްމަދު، ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަދި ސިޓީ ކައުންސިލަރުން، އިސްލާމިކް މިނިސްޓްރީގެ އިސްވެރިން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަޅުގަނޑު ޤަބޫލުކުރަނީ މިއީ އަޅުގަނޑަށް ލިބޭ ޝަރަފެއް ކަމަށް. މިހާ މަތިވެރި މާތް މަސައްކަތެއްގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދިޔުމުގައި މިއަދު ބައިވެރިވެވޭތީ.

އާދެ، އެނގިވަޑައިގަންނަވާނެ، ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅު އަބަދުވެސް ބަހައްޓަވަނީ، ދިވެހި ރައްޔިތުންނަށް ބޭނުންވާ ހުރިހާ ދިމާއަކުން މަސައްކަތްތައް ކުރުމަށް. އާދެ، އަޅުގަނޑުމެން މި ރަށަށް ބަލައިލި ނަމަވެސް، ރަށުގެ ހުރިހާ ދިމާއަކުންވެސް އެ މަންޒަރު އެބަ ފެނޭ. ދީނީ ކަންތައްތަކަށް ދެވޭ ސަމާލުކަމާއި، ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި ކުރެވޭ މަސައްކަތްތަކާއި، ތަޢުލީމީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ކުރެވިގެންދާ މަސައްކަތްތަކާއި، އަދި ރައްޔިތުންނަށް ޢާންމު ގޮތެއްގައި ރަށުތެރޭގައި އުޅުމަށާއި، އެނޫން ކަންކަމުގައި ފަސޭހަކަން ހޯދައިދިނުމަށްޓަކައި ކުރެވޭ މަސައްކަތްތަކާއި، އަދި ވަކިން ޚާއްޞަކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރެވިގެންދާ މަސައްކަތްތައް.

އާދެ، މިއީ މިއަދު ރައީސުލްޖުމްހޫރިއްޔާ މެދުނުކެނޑި ކުރައްވާ މަސައްކަތްތައް. އާދެ، ދެންމެ މޭޔަރުގެ ވާހަކަފުޅުގައި، އެ ފާހަގަކުރެއްވި ގޮތަށް، އަޅުގަނޑުމެން މި ސަރުކާރުން، ރައީސުލްޖުމްހޫރިއްޔާ އެންމެ ބޭނުންފުޅުވާ އެއްކަމަކީ، ރައްޔިތުންނަށްޓަކައި ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ކުރާ ކޮންމެ ކަމަކީ، އޭގެ ކޮލިޓީ ހިފެހެއްޓިގެން، އެންމެ ބޭނުންތެރިގޮތަށް އެ ކަންތައްތައް ކުރުން.

އާދެ، ފުވައްމުލަކުގެ ރައްޔިތުންނަށްވެސް އަޅުގަނޑު ދަންނަވާނީ، މާޒީގައި ކަންތައްތަކެއް ތަޖުރިބާ ކުރެވިފައި އެބަހުރި. އަޅުގަނޑުމެން ވަކިދުވަހަކަށް، ވަކިކަމަކަށް ޓާގެޓްކޮށް، މުޅި ރައްޔިތުންނަށް ފަސޭހަވާގޮތަށް، މުޅި ރައްޔިތުންނަށްޓަކައި ކުރާ ކަމެއް، އެގޮތަށް ކުރުމުން އޭގެ ނަތީޖާ އެހެންގޮތަކަށް ފެނިފައި ހުރީ. އެހެންވީމާ، މި ސަރުކާރުން ކުރާ މަސައްކަތްތަކުގައި ވަރަށް ބޮޑަށް ބޭނުންވޭ، އިރުއިރުކޮޅާ މަރާމާތު ކުރަންނުޖެހޭގޮތަށް، ރައްޔިތުންނަށް ތަކުލީފު އުފުލަން ނުޖެހޭގޮތަށް، އެ ކަންތައްތައް ކުރަން.

ވަކިން ޚާއްޞަކޮށް، މިސްކިތެއް ބިނާކުރާއިރު، އަޅުގަނޑުމެން ވަރަށް ބޮޑަށް މި ކަންތައްތަކަށް ވިސްނަންޖެހޭ. އަޅުގަނޑު ހަނދާން އެބަހުރި، 2018 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައިވެސް، އަޅުގަނޑުމެންނަށް، ރާއްޖޭގެ ރަށެއްގައި އަލަށް ބިނާކޮށްފައި ހުރި މިސްކިތެއް، ބޮޑު މިސްކިތެއް، އެ މިސްކިތް އެއްކޮށް ނިމި، އެހެންނަމަވެސް، އެ މިސްކިތް ނުހުޅުވިފައި ހުރީ، ވާރޭވެހޭތީ، ޓައިލްސްތައް ނެއްޓިފައި ހުރީތީ، ވަޔަރުގެ މައްސަލަތައް ދިމާވެފައި ހުރީތީ. އެއީ އަދި ނުހުޅުވާ މިސްކިތެއްގެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ. މިސްކިތެއްގެ މާތްކަމާމެދު އިސްލާމިކް މިނިސްޓަރ ވަރަށް ތަފުޞީލުކޮށް ވިދާޅުވެއްޖެ. ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެން ޙުރްމަތްތެރިކޮށްހިތަންޖެހޭ. މަސައްކަތް ކުރުމުގައި ވީހާވެސް ރަނގަޅަކަށް އަޅުގަނޑުމެން ކަންތައްތައް ބަލަންޖެހޭ. މަސައްކަތް ކުރަމުންދާއިރު، އަޅުގަނޑު ހަމަ ވަރަށް ބޮޑަށް އެދެން ޚާއްޞަކޮށް، ކޮންޓްރެކްޓަރުގެ ކިބައިން. މިސްކިތަކީ ހުރިހާ ޢުމުރުފުރައެއްގެ ބޭފުޅުން އަޅުކަމަށް ބޭނުންކުރައްވާ ތަނެއް. އެގޮތުން، މަސައްކަތް ކުރެވޭއިރު އަޅުގަނޑުމެން ވިސްނަންޖެހޭނެ، ވަރަށް ޢުމުރުން ދޮށީ ބޭފުޅުންވެސް މިސްކިތަށް އަރުއްވާނެ. މިސްކިތް ޑިޒައިން ކުރެވި، މަސައްކަތުގެ ފިނިޝިންގ ދާއިރު، އެފަދަ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު މިސްކިތްތެރޭގައި އުޅެވޭނެގޮތާއި، އަދި ވުޟޫކޮށްގެން މިސްކިތަށް ވަދެވޭނެގޮތަށް، އެ ޑިޒައިނިންގ، އާދެ، މަސައްކަތުގެ ފިނިޝިންގގެ ކަންތައްތައް ބެހެއްޓުމަށް އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ކޮންޓްރެކްޓަރަށް ދަންނަވައިލަން. އަދި މި ދެންނެވި ގޮތަށް، މިސްކިތުގެ ކޮލިޓީ، ސްޓޭންޑަޑް ހިފެހެއްޓުމަށްޓަކައި ހުރިހާ މަސައްކަތެއް، ކައިރިން ބެއްލެވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

އާދެ، މިސްކިތެއް ޒީނަތްތެރިވަނީ ރީތި ޢިމާރާތަކުން އެކަންޏެއް ނޫން. މިސްކިތުގައި އަޅުކަން ކުރުމާއި، ޤުރްއާން ކިޔެވުމާއި، މިނިސްޓަރު ވިދާޅުވިގޮތަށް، ޖަމާޢަތުގައި ނަމާދު ކުރުމާއި، ޛިކުރު ކުރުމާ، މި ހުރިހާ ކަމެއްގެ މައްޗަށް. އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއް. ދުނިޔޭގެ މަދު ޤައުމަކަށް ލިބިފައިވާ ނަސީބެއް، މުޅި ޤައުމުގައި ސައްތައިންސައްތަ ރައްޔިތުންނަކީ މުސްލިމުންނަށްވުން.

އާދެ، އަޅުގަނޑުމެން އަބަދުވެސް އިސްކުރަންޖެހޭނެ، މުޅި އިސްލާމްދީނުން އަޅުގަނޑުމެންނަށް ދައްކުވައިދޭ އެންމެ މުހިންމު ކަމަކީ އަޚްލާޤު. އިސްލާމްދީން، މުޅި އެކަމެއްގެ މައްޗަށް ބިނާވެފައި މި އޮންނަނީ އަޚްލާޤުގެ މައްޗަށް. އެކަކު އަނެކަކަށް އިޙްތިރާމު ކުރުމާއި، އެކަކު އަނެކަކަށް ހެޔޮއެދުމާއި، އެހީތެރިވުމާއި، ހެޔޮބަސް ބުނުން. އާދެ، ދުނިޔެއަށް އަންނަ ކޮންމެ ބަދަލެއްގައި އަޅުގަނޑުމެންވެސްޖެހޭ. ހުރިހާ އޮއިވަރެއްގައިވެސް އަޅުގަނޑުމެންވެސް، ޤައުމު ކުޑަވިޔަސް ޖެހޭ. އެހެންނަމަވެސް، އަބަދުވެސް އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންޖެހޭނެ، އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދިން ރީތި އަޚްލާޤާއި، ރީތި އުޅުން. އަބަދުވެސް އޭގައި ހިފައިގެން، އަޅުގަނޑުމެން ތިބެން އެބަޖެހޭ. އަޅުގަނޑުމެންގެ ފަހަތުން އަންނަ ޅަދަރީންނަށް، ރީތި ނަމޫނާ ދައްކާ ބަޔަކަށް އަޅުގަނޑުމެން އަބަދުވެސް ވާން އެބަޖެހޭ. މުޢާމަލާތް ކުރުމާއި، މަގުމަތީގައި އުޅުމާއި، މަސައްކަތުގެ މާޙައުލުގައާއި، ޚިދުމަތް ދިނުމުގައިވެސް އިސްލާމްދީނުން އަޅުގަނޑުމެންނަށް ދައްކުވައިދީފައިވާ ރީތި މިސާލުތައް، ރީތި ނަމޫނާ ދައްކާ ބައެއްގެ ގޮތުގައި ތިބުމަކީ އެއީ، އަޅުގަނޑު ދަންނަވާނީ، އެއީ އަޅުގަނޑުމެންނަށް ޘަވާބު އިތުރުވެގެންވާ ކަމެއް. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި، އަޅުގަނޑުމެން އެކަމަކަށް ދަރުމަޔާއި ޘަވާބަށް އެދި އަޅުގަނޑުމެން ދުޢާކޮށް، އެގޮތަށް އަޅުގަނޑުމެންގެ އުޅުން އަބަދު ބަހައްޓަން އެބަޖެހޭ.

އަޅުގަނޑުމެންގެ ނިމުން އަންނަ ވަގުތަކީ އެއީ އެއްގޮތަކަށްވެސް އެނގޭ ކަމެއް ނޫން. މޭޔަރުގެ ވާހަކަފުޅުގައި ވިދާޅުވި، އިއްޔެ ވަރަށް ކުއްލިގޮތަކަށް އަޅުގަނޑުމެންގެ އަޚެއް ދުނިޔެ ދޫކުރި ވާހަކަ. މަރު އައުމަކަށް ވަކި ތަނެއް، ވަކި ވަގުތެއް ނޯވޭ. އެހެންވީމާ، އަޅުގަނޑުމެންގެ އުޅުމުގައި އަބަދުވެސް އެކަން ހަނދާނުގައި ބަހައްޓައި، ތިމާއަށް ކުރެވޭ ކިތަންމެ ކުޑަ ހެޔޮކަމެއްވެސް ކުރެވޭ ކަމަށްވަންޏާ، އެކަމެއް ކުރުމަކީ އެއީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް، ކޮންމެ އިންސާނަކުވެސް ކުރަން ޖެހޭނެ ކަމެއް ކަމުގައި ޤަބޫލުކޮށްގެން، އެގޮތަށް އެ ނަމޫނާ ދެއްކުމަށް، އަޅުގަނޑު ހަމަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން. އެގޮތަށް އަޅުގަނޑު ނަޞޭޙަތްތެރިވަން.

އާދެ، މި ހިސާބަށް އައުމުގައި، ވަރަށް ބުރަ މަސައްކަތްތަކެއްވެސް ކުރެވިފައި އެބަހުރި. އެނގިވަޑައިގަންނަވާނެ، ދުނިޔެ ދުވަހަކުވެސް ނުދެކޭފަދަ ދަތި އުނދަގޫ ދުވަސްތަކެއް ގިރާކުރަމުން މިއައީ. މުޅި ދުނިޔެ ހުއްޓިފައި، ޤައުމުގެ ބޯޑަރު ބަންދުވެ، އިޤްތިޞާދު އެއްކޮށް ހުއްޓޭ ހިސާބަށް ގޮސް، ވަޒީފާތައް ގެއްލި، ވިޔަފާރިތަކަށް އެތައް ދަތިތަކެއް ދިމާވެ، ސްކޫލްތައް ބަންދުވެ، ވަރަށް ގިނަ ދަތިތަކެއް ދިވެހިރާއްޖޭގެ ރައްޔިތުންވެސް މިވަނީ ތަޖުރިބާ ކޮށްފައި. އާދެ، މުޅި ދުނިޔޭގެ ވަކިވަކި ޤައުމުތަކަށް ލިބުނު ގެއްލުމަށް ބަލާކަމަށްވަންޏާ، ރައްޔިތުންނަށް، ބޮލަކަށްޖެހޭ ނިސްބަތުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވި ޤައުމަކަށް ވެގެންދާނީ ދިވެހިރާއްޖެ.

އެހެންނަމަވެސް، އަޅުގަނޑު މިއަދު ހަމަ ރައީސުލްޖުމްހޫރިއްޔާއަށް އެކަމަކަށްޓަކައި ހަމަ އަޅުގަނޑު ސެލިއުޓް ކުރަން ބޭނުން. އެއީ ކޯވިޑް-19 މެނޭޖް ކުރައްވަމުން، ދިވެހިރާއްޖޭގެ ދޮރުތައް ހުޅުއްވައިގެން، ރައްޔިތުންނަށް އާމްދަނީ ލިބޭނޭ މަގުފަހިކުރައްވައި، އަދި ހަމައެއާއެކު، އެ ހުރިހާ ދަތި އުނދަގޫ ކަންތައްތަކެއްގެ ތެރޭގައި، އިންތިހާއަށް ފައިސާގެ ދަތިތަކާއެކުވެސް، ރައްޔިތުންނަށްޓަކައި، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކުރުމަށް ވެފައިވާ ވަޢުދު ފުއްދުމުގެ ގޮތުން، ރާއްޖޭގެ އުތުރުން ފެށިގެން އެންމެ ދެކުނާ ހަމައަށް ޕްރޮޖެކްޓް ނުހިނގާ ހަމަ އެއްވެސް ރަށެއް ނެތޭ އަޅުގަނޑު ދެންނެވުމަކީ، އަޅުގަނޑަކަށް ހިއެއްނުވޭ އެއީ ދޮގަކަށްވާނެހެނެއް. އެއީ މިއަދު ފުވައްމުލަކުގެ ރައްޔިތުންގެ ކުރިމަތިން އެކަން ސާބިތުވެގެންދާތީ.

އާދެ، ރައީސުލްޖުމްހޫރިއްޔާގެ މި ވިސްނުންތެރި ނިންމެވުމުގެ ސަބަބުން، އަޅުގަނޑު ދަންނަވާނީ މިއަދު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ޤައުމު މިދަނީ އަޅުގަނޑުމެން އޮތް ހިސާބަށް އެނބުރި ރުޖޫޢަވަމުން. އަދި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއަށްވުރެ ވަރުގަދަވެ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވި، އަދި މަޝްރޫޢުތައް އިތުރުކުރެވިގެންދާނެ.

އަޅުގަނޑު މިއީ ފުވައްމުލަކު މީހެއްވެސްމެ. އެހެންވީމާ، ފުވައްމުލަކުގެ ހުރިހާ ރައްޔިތުންގެ ނަމުގައި، ފުވައްމުލަކަށް ރައީސުލްޖުމްހޫރިއްޔާ އެ ދެއްވާ ސަމާލުކަމާއި، އެ ބަހައްޓަވާ ގާތްކަމުގެ މައްޗަށް، އެންމެހައި ލޮބުވެތި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ، މިނިސްޓަރ ޑޮކްޓަރ ޒާހިރު ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ، ދީނީކަންތައްތައް ކުރިއަރުވައި، މިސްކިތްތައް ބިނާކޮށް، އަދި އިސްލާމިކް މިނިސްޓްރީގެ، އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުގައި ހުންނަ ކަންތައްތައް ކުރެއްވުމަށް. އެގޮތުން މި މިސްކިތުގެ މަސައްކަތުގައި، އަޅުގަނޑަށް ދަންނަވާކަށް ނޭނގެ، ކިތައް ދުވަހު، ކިތައް ފޯނުކޯލު ކަމެއް ކުރެއްވީކީ. އެކަމަށްޓަކައި އަޅުގަނޑު ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީއަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެންނަށް އަޞްލު މިއަދު މި ފެންނަނީ، އަޅުގަނޑުމެން 2018 ގައި ދެއްކި ވާހަކަތަކާ އެއްގޮތަށް، އަޅުގަނޑުމެންނަށް ކަންތައްތައް ކުރެވޭތަން. އާދެ، ބާކީނުކޮށް. އޭރުވެސް އަޅުގަނޑުމެން، އަޅުގަނޑުމެންގެ މި ރަށުގައި އެކިއެކި ދިމަދިމައިގައި ތިބެގެން، އަޅުގަނޑުމެން ދެއްކި ވާހަކައަކީ، ތަފާތުނުކުރުމާއި، ބާކީނުކުރުމާއި، ވަކި މީހެއްގެ އަދި ޚިޔާލު އެހެން ހުންނަ ގޮތަކުން އޭނާ ފެޔަށް ޖައްސައިނުލުމުގެ ވާހަކަ. އަޅުގަނޑުމެންނަށް މިއަދު އެބަ ފެނޭ، އަޅުގަނޑުމެންނަށް ވަރަށް އެކުގައި މަސައްކަތް ކުރެވޭތަން. ވިސްނުން އިސްކޮށް، ރައްޔިތުންގެ މަސްލަޙަތުކަން އެންމެ މުހިންމީ. އެކަން ޤަބޫލުކޮށްގެން އަޅުގަނޑުމެންނަށް މުޅި ރާއްޖޭގައިވެސް އަދި މި ފުވައްމުލަކުގައިވެސް އެކަން ކުރެވޭތަން އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކުވެސް ފެނިގެން އެބަދޭ. މިއީކީ އަޅުގަނޑުމެން އެ ވާހަކަދައްކަންޖެހޭ ކަމެއްވެސް ނޫން. އެއީ އަޅުގަނޑުމެންނަށް މަންޒަރު އެގޮތަށް ފެނިގެންދާތީ.

އާދެ، އަޅުގަނޑުމެންނަށް މިއަދު ލިބޭ ކާމިޔާބީއަކީ، މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިޔުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލަކު ތަމްސީލު ކުރައްވާ ހުރިހާ މެންބަރުންގެ އެ އެއްބާރުލެއްވުމާއި، މަސައްކަތުގައި ޝާމިލުވުން. އަޅުގަނޑުމެންނާއެކު، މިއަދުވެސް މެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އެބަ ހުންނެވި. ވަރަށް ގާތުން މަސައްކަތް ކުރެވޭ. ތިމަންނާމެންގެ މަސްއޫލިއްޔަތަކީ ކޮބައިކަން ވަރަށް ރަނގަޅަށް ވިސްނިވަޑައިގަންނަވާ. ރައްޔިތުންގެ މަސައްކަތް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްކަން އެންމެ މުހިންމީ. އެކަން ވަރަށް ރަނގަޅަށް ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބަވައިގެން، އެކަން އެ ބޭފުޅުން އެބަ ޤަބޫލުކުރައްވާ. އާދެ، މެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރަށްވެސް އަދި ފުވައްމުލަކު އުތުރު ދާއިރާއާއި، ދެކުނު ދާއިރާގެ ޢިއްޒަތްތެރި ދެ މެންބަރުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހަމައެއާއެކު ސިޓީ ކައުންސިލް. އަޅުގަނޑު ތަކުރާރުކޮށް ކޮންމެ ދުވަހަކުވެސް އަޅުގަނޑު އެބަ ދަންނަވަން. އަޅުގަނޑުމެންނާ ވަރަށް ގާތުން މަސައްކަތް ކުރެވޭ ވާހަކަ. އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ކޮމިއުނިކޭޓް ކުރެވޭ. ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ވާހަކަ ދެއްކުމަކީ، ވަރަށް މުހިންމު ކަމެއް. އަމިއްލަ ރައުޔަށް ނިންމާ ކަންތައްތައް، ގިނަފަހަރަށް ފަހުން އޮންނާނީ ގޯސްވެފައި. އެހެންވީމާ، ރައްޔިތުންނަށްޓަކައި ގިނަ ބަޔަކަށް ފަސޭހަކަން ހޯދައިދިނުމަށްޓަކައި، ކުރާ ކަމެއް ކުރަންވާނީ، ހަމަ ގިނަ ބަޔަކާ މަޝްވަރާކޮށް، އެ ބަޔަކު ބޭނުންވާގޮތަށް.

ސިޓީ ކައުންސިލްގެ މޭޔަރ، ޑެޕިއުޓީ މޭޔަރ، އަދި ކައުންސިލްގެ ހުރިހާ މެންބަރުން އެ ކުރައްވާ މަސައްކަތް އަޅުގަނޑު ފާހަގަކުރަން. އަދި ސިޓީ ކައުންސިލާއި، ކައުންސިލް އިދާރާގެ ހުރިހާ މެންބަރުންވެސް އެ ކުރައްވާ މަސައްކަތް އަޅުގަނޑު ފާހަގަކޮށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
ހަމައެއާއެކު، އިސްލާމިކް މިނިސްޓްރީން މި ދެންނެވި ކަންތައްތައް ކުރިއަރުވައި، މަސައްކަތްތައް ކުރެއްވުމަށްޓަކައި އެ ކުރައްވާ މަސައްކަތްތައް، މިނިސްޓަރުގެ އިރުޝާދުގެ ދަށުން، އެ ކަންތައްތައް ކުރިއަށް ގެންދަވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހަމައެއާއެކު، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން، އަޅުގަނޑު ފުވައްމުލަކުގެ ރައްޔިތުންނަށް، އަޅުގަނޑުގެ މި ލޮބުވެތި، މި ރަށުގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ސަރުކާރުން އަޅުގަނޑު ރައްޔިތުންނަށް ހަމަ ދޭން ބޭނުންވާ ޔަޤީންކަމަކީ، މާތް ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހަމައެކަނި ވީ ވަޢުދު އެކަންޏެއްނޫނޭ ފުއްދާނީކީ. ރައްޔިތުންނަށް ބޭނުންވާ ކިތަންމެ ކުޑަ ކަމެއް އޮތަސް، އަދި އެހެން ކަމެއް އޮތަސް، އެއީ ކުރަންޖެހޭ ކަމެއް ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެއީ ނުވާ ވަޢުދެކޭ ކިޔާފައި، އެ ވަޢުދު ފުއްދާނީ ދެން އެހެން ދުވަސްވަރެއްގައޭ ކިޔާފައި ދުލެއްނުކުރާނަން. އެކަންވެސް އަޅުގަނޑު މި ވާހަކަ ނުދެންނެވިޔަސް، ހަމަ ކުރިމަތިން ފެންނަމުންދާނެ.

އާދެ، އެނގިވަޑައިގަންނަވާނެ. ޒަމާނުން ފެށިގެން، ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރަމުން އަންނަ ރައްޔިތެއް ދިރިއުޅެމުން އަންނަ ރަށެއް ފުވައްމުލަކަކީ. ލަފާފުރުމާއި ޚާއްޞަކޮށް، ކަނޑުގެ އެކިއެކި ޙާދިޘާތަކުގައި. އާދެ، އަޅުގަނޑުމެންނަށް އިއްޔެ ކުރެވުނު އެއް މަސައްކަތަކީ، މި ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް. ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ކަމެއް. ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި، އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރުމަށްޓަކައި އިއްޔެވެސް މިވަނީ އެގޮތަށް އެއް މަސައްކަތް ފެށިފައި. އަދި ހަމައެއާއެކު، ޞިއްޙީ ދާއިރާ އިތުރަށް މި ވަގުތުން ވަގުތަށްވެސް އިތުރަށް ފުރިހަމަކުރުމަށްޓަކައި، ވަރުގަދަ ކުރުމަށްޓަކައި އިތުރު ޚިދުމަތްތައް ދިނުމަށްޓަކައި، ބޮޑު މަސައްކަތެއް، ކުޑަ ކަމެއްވެސް ނޫން، ބޮޑު މަސައްކަތެއް އަޅުގަނޑުމެންނަށް އިއްޔެވެސް ވަނީ ފެށިފައި. އަޅުގަނޑު އިއްޔެވެސް ދެންނެވިން. ހޮސްޕިޓަލްގެ މެނޭޖަރާއި، އަދި ހޮސްޕިޓަލްގެ ހުރިހާ މުވައްޒަފުންގެ އަރިހުގައި ދެންނެވިން. އެއީ އެންމެންގެ ތަނެކޭ. ކޮންމެ މީހަކުވެސް ދާންޖެހިދާނެ ތަނެކޭ.

އަޅުގަނޑުމެން އެންމެން މިސްކިތަށް އަރަމު. އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ހޮސްޕިޓަލަށް ދާންޖެހިދާނެ. ހޮސްޕިޓަލުން އަވަސް ފަރުވާދޭއިރުވެސް، ވަކި މީހަކަށްވީތީވެ، ވަކިގޮތަކަށް އެއްވެސް ކަމެއް، އެއްވެސް މީހަކު ކޮށްގެން ނުވާނެ. އެހެންވީމާ، އަޅުގަނޑުމެން އެންމެ ބޭނުންވާ ކަމަކީ، ހޮސްޕިޓަލްގެ އެ ފަރުވާ، އަޅައިލުން، އެ ކަންތައްތައް ރަނގަޅުކޮށް، ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް، ހިތްހަމަޖެހޭގޮތަށް އެ ކަންތައްތައް ކުރުން. އެވާހަކަ އަޅުގަނޑު އިއްޔެ ތިޔަބޭފުޅުންނަށް ދަންނަވައިލީ. އަޅުގަނޑުގެ އުންމީދަކީ، އެ ކަންތައްތައްވެސް ތިޔަބޭފުޅުން ކުރިއަށްވުރެވެސް ރަނގަޅަށް ކުރެއްވުން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ޖުމްލަކޮށް ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު އަދާކުރާ ޙާލުގައި، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް اللَّـهُ سُبْحَانَهُ وَتَعَالَىٰ އިސްލާމްދީނުގެ ރިވެތި މިސާލުތައް، ރިވެތި ނަމޫނާ ދައްކާ ބައެއްގެ ގޮތުގައި، އެކަލާނގެ ހިދާޔަތުގައި ދެމިތިބެވޭނޭ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ލެއްވުން. އަދި އަޅުގަނޑުމެންގެ މި ރަށާއި، މުޅި ރާއްޖެއަށް އަމާންކަމާއި، ފާގަތިކަމާއި، އުފާވެރިކަން މިންވަރުކޮށްދެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.