بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަފުޅަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދައުލަތުގެ ވަޒީރުން، އޭ.އީ.އެޗް.ގެ ސީ.އީ.އޯ. ޑޮކްޓަރ މުޙައްމަދު ޞާލިޙް، އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރު ފާޠިމަތު ޢާމިރާ، ސިޓީ ކައުންސިލްގެ މެންބަރުން، މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ ދައުލަތުގެ އިސްވެރިން، އޭ.އީ.އެޗް.ގެ ހީވާގި މުވައްޒަފުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލަކީ، މިއީ އައްޑޫ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ތަނެއް. އާދެ، މުޅި ސަރަޙައްދަށްވެސް، މި ހޮސްޕިޓަލްގެ ޚިދުމަތްތައް ބޭނުންވާނެ. އާދެ، އަޅުގަނޑުމެން އެންމެ ފުރަތަމަ ޤަބޫލުކުރަންޖެހޭނީ، ރައްޔިތުންގެ ކަންބޮޑުވުންތައް، ރައްޔިތުން ބޭނުންވާ ކަންތައްތަކުގެ ވާހަކަ، އެ ބޭނުންވާ ގޮތަށް، ރައްޔިތުން ދައްކާނެ. އެއްވެސް ކަމެއް ގޯސްކޮށްދާކަމަށްވަންޏާ، އެ ވާހަކަވެސް ރައްޔިތުން ދައްކާނެ.

އާދެ، ހޮސްޕިޓަލަކީ އެހެނިހެން މުއައްސަސާތަކާއި، އެހެނިހެން ތަންތަނާ ވަރަށް ތަފާތު ތަނެއް. ހޮސްޕިޓަލަށް އަންނާނީ ކޮންމެވެސް ބައްޔަކަށް ފަރުވާއަކަށް ބޭނުންވެގެން. އެ އަންނައިރު، ދެންމެ ޑޮކްޓަރ ޞާލިޙް އެ ވިދާޅުވިގޮތަށް، ހަމައެކަނި ބޭނުންވަނީ ޑޮކްޓަރުގެ ފަރާތުން ލިބޭ ފަރުވާ އެކަންޏެއް ނޫން. ބަލިމީހާ ހޮސްޕިޓަލަށް ވަނުމުން، އެހިސާބުން ފެށިގެން ބަލިމީހާ ނުކުމެގެން ދިޔުމާ ދޭތެރޭގައި ހިނގާ ކޮންމެ ކަމެއްގެ ތެރޭގައި، ވަރަށް އޯގާތެރިކަމާއެކު، ވަރަށް ކުލުނާއެކު މުޢާމަލާތް ކުރެވެންޖެހޭނެ. އެހީތެރިވެދޭން އެބަޖެހޭ.

އާދެ، ސަރުކާރުގެ ސިޔާސަތު ޑީސެންޓްރަލައިޒް ނިޒާމަކީ، ރާއްޖޭގެ ރައްޔިތުން ޒަމާނުއްސުރެ ފެށިގެން އުފުލަމުންދިޔަ ތަކުލީފުތަކުން، ލާމަރުކަޒުވެގެންދާއިރު، ރައްޔިތުން ސަލާމަތްކުރުން. އާދެ، މުޅި ހުރިހާ އަތޮޅުތަކަށް، ރަށްތަކަށް ބަލާއިރުވެސް، އެންމެ ބޮޑު، ދަތި އުނދަގުލެއް ރައްޔިތުންނަށް ކުރިމަތިވަނީ، އެންމެ ބޮޑު ހިތްދަތިކަމަކަށް ރައްޔިތުންނަށް ވެފައި އޮތީ، ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި އަބަދުވެސް ދަތުރުކުރަންޖެހޭކަން. އާދެ، ޚާއްޞަގޮތެއްގައި މާލެއަށް ދަތުރު ކުރަންޖެހޭ، އެ ދިގު ދަތުރާއި އަދި މާލެ ގޮސްފައި، ފަރުވާ ލިބިގަތުމަށްޓަކައި އެ އުފުލަންޖެހޭ ތަކުލީފު.

އާދެ، ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް ޓާޝަރީ ހޮސްޕިޓަލްތައް ހުޅުވިގެން މިދަނީ. މިދާއިރު ފުރިހަމަގޮތެއްގައި ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތް ކުރަން އެބަޖެހޭ. އާދެ، އަޅުގަނޑުމެންނަށް ކަންކަން ހޯދަން ޖެހިފައި ހުރި ނަމަވެސް، އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ، ކޮންމެ ދުވަހަކީވެސް ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި، އިމްޕްރޫވް ކުރުމަށްޓަކައި މަސައްކަތް ކުރާ ދުވަހަކަށް ހެދުން.

އާދެ، އަޅުގަނޑުމެން މި ޤަބޫލުކުރަނީ، ހުރިހާ ކަމެއްވެސް ގުޅިފައި ހުންނަނީކީ ފައިސާއަކާވެސް ނޫންކަން. އަޅުގަނޑުމެންނަށް ފައިސާއާނުލައިވެސް ކުރެވޭނެ ކަންކަން ހުންނާނެ. ހޮސްޕިޓަލަކުން ޚިދުމަތްތައް ދިނުމަށް، ފަހަތަށް އަޅުގަނޑުމެން ފިޔަވަޅު އަޅައިގެން ނުވާނެ. އަބަދުވެސް އަޅުގަނޑުމެން ޖެހޭނީ، ކުރިއަށް ފިޔަވަޅު އަޅަން. އާދެ، މިގޮތަށް ކަންތައްތައް ކުރުމުގައި ވަރަށް މުހިންމު ބައެއް އެބައޮވޭ. ހޮސްޕިޓަލެއްވިޔަސް އަދި އެނޫން ތަނެއްވިޔަސް، އަޅުގަނޑުމެންގެ ޓީމް ވާރކް ވަރުގަދަކުރަން އެބަޖެހޭ. އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ރައްޔިތުންނާއި އަދި އަޅުގަނޑުމެންގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނާ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކުރަން އެބަޖެހޭ. އެއްވެސް ކަމަކީ އެއީ ޑޮކްޓަރަކަށްވިޔަސް، ކިތަންމެ މޮޅު ޑޮކްޓަރަކަށްވިޔަސް، ޑޮކްޓަރަކަށް އެކަނި ކަމެއްކޮށްލައިގެން ނިމޭނެ ކަމެއް ނޫން. ޑޮކްޓަރާއެކު ޑޮކްޓަރަށް އެހީތެރިވާން ޑޮކްޓަރުގެ ޓީމެއް އޮވޭ. ހަމަ އެގޮތަށް، ހޮސްޕިޓަލްގެ އެކިއެކި ދާއިރާތަކުން، އެކިއެކި ޑިޕާޓްމަންޓްތަކުގެ ވެރިން އަދި ހުރިހާ މުވައްޒަފުންގެ މެދުގައި ރަނގަޅު ގުޅުމެއް އޮވެގެން މަސައްކަތްކޮށްފި ކަމުގައިވަންޏާ، ރައްޔިތުން ބޭނުންވާގޮތަށް، ރައްޔިތުންގެ ހެޔޮބަސް އަބަދުވެސް ލިބޭގޮތަށް، އަޅުގަނޑުމެންނަށް ކަންތައްތައް ކުރެވޭނެ.

އާދެ، އަޅުގަނޑުމެން މި މަސައްކަތްތައް ކުރަމުންދާއިރު، އަޅުގަނޑު ހަމަ ކުރުގޮތަކަށް ފާހަގަކޮށްލަން ބޭނުންވޭ، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނަށް ގިނަ ކަންތައްތަކެއް ކުރެވޭކަން. އަޅުގަނޑުމެން ދުވަހަކުވެސް ހިއެއްނުކުރަން، މިފަދަ މުޞީބާތުގެ ވަގުތެއް، މިފަދަ ދަތި އުނދަގޫ ވަގުތެއް އަޅުގަނޑުމެންނަށް ކުރިމަތިވާނެ ކަމަކަށް. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެން އުފާކުރާ ކަމަކީ، ޤައުމުގެ މަސައްކަތްތައް، ޚާއްޞަ ގޮތެއްގައި ޤައުމަށް ފައިސާ ވަންނަންހުރި ހުރިހާ ދޮރުތަކެއް އެއްކޮށް ބަންދުވެގެންދިޔައިރުވެސް، މުޅި ދުނިޔެ ހުއްޓިގެންދިޔައިރުވެސް، ރައީސުލްޖުމްހޫރިއްޔާގެ ދުރު ވިސްނުންފުޅުގެ ތެރެއިން ޤައުމު ހިންގެވިކަން. ރައްޔިތުންގެ ކަންތައްތައް ގާތުން ބެލެހެއްޓެވި. އެކިވަރުގެ އެކިކަހަލަ އެހީތެރިކަން، ވަޒީފާގައި ތިބި ފަރާތްތަކަށާއި، ވަޒީފާ ގެއްލިގެންދިޔަ ފަރާތްތަކަށާއި، އެކިވަރުގެ ވިޔަފާރިތަކަށް، އެ އެހީތެރިކަން ފޯރުކޮށްދެއްވި. މިއީ އަޅުގަނޑުމެން މިއަދު ފާހަގަކުރަންޖެހޭ ކަމެއް.

ހަމަ މިއާއެކު، މިފަދަ ދަތި ދަނޑިވަޅެއްގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް ވަރުގަދަ ބިޔަ ބޮޑު މަޝްރޫޢުތައް ފެށިގެންދިޔަކަން. ކުދިކުދި ކަންތައްތައްވެސް، ރައްޔިތުންނަށް ބޭނުންވާ ކަމަށްވަންޏާ، އެއީ ކިތަންމެ ކުޑަ ކަމެއްވިޔަސް، އަޅުގަނޑުމެން ކުރަންޖެހޭނެ. ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، މަގު ހެދުމާއި، ފެނާއި، ނަރުދަމާ ނިޒާމާއި، ހޮސްޕިޓަލާއި، ހެލްތު ސެންޓަރުތައް ތަރައްޤީ ކުރުމާއި، އިންޖީނުތައް ބަދަލުކުރުމާއި، އިންޖީނުގެ ބޮޑުކުރުމާއި، ކޭބަލްތައް އެޅުމާ، މިހެންގޮސް ސްކޫލްތަކުގައި ކްލާސްރޫމްތައް އެޅުމާއި، ސްކޫލްތަކުގެ ވަސީލަތްތައް ޤާއިމުކުރުމާއި، މިސްކިތްތައް އެޅުމާއި، މިއީ މެދުކެނޑުމެއްނެތި ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ހިނގަމުންދިޔަ މަސައްކަތްތައް. ޚާއްޞަކޮށް، މިފަދަ ނާޒުކު ވަގުތެއްގައި މި މަސައްކަތްތައް ގެންދެވިކަން އެއީ އަޅުގަނޑުމެން ވަރަށް އުފާކުރަންޖެހޭ ކަމެއް.

އާދެ، އަޅުގަނޑުމެން 2018 ގައި ދެއްކިން މި ވާހަކަ. އައްޑޫގައިވެސް އަޅުގަނޑުމެން ދެއްކިން. އަޅުގަނޑުމެންގެ އުންމީދަކީ، އިރާދަކުރެއްވިއްޔާ މިހާރު ދިވެހިރާއްޖޭގެ އިޤްތިޞާދު މިދާގޮތަށް އާދެ، ރިޒޯޓުތައް ހުޅުވި، ވިޔަފާރި ފެށި، އަޅުގަނޑުމެންނަށް ފަސޭހަ ދުވަސްތަކެއް އިތުރަށް ފެނިގެންދިޔުން. އާދެ، އަޅުގަނޑުމެން ބަލައިލަންވީ އަޅުގަނޑުމެން ވަށައިގެންވާ މާޙައުލަށް. ތަފްޞީލު އަޅުގަނޑު ނުދެންނެވި ނަމަވެސް، އެބަ އެނގޭ ޙާލަތު. އަޅުގަނޑުމެން ދޮރުތައް ހުޅުވައިގެން، ކޯވިޑް މެނޭޖް ކުރަމުން، އަޅުގަނޑުމެން އިޤްތިޞާދު ހިންގަމުން، ސްކޫލްތައްވެސް ހުޅުވައިގެން، ރެސްޓްރިކްޝަންތަކާއި ގައިޑްލައިންތަކާ އެއްކޮށް މަސައްކަތް ކުރަމުން މި އަންނަނީ. އެހެން ނަމަވެސް، މުޅި ޤައުމު އެއްކޮށް ލައްޕައިގެން، ދޮރުތައް ބަންދުކޮށްގެން، ފްލައިޓްތަކުގެ ދަތުރުތައް ނުކުރާ ޤައުމުތައް ހުރިކަން ތިޔަބޭފުޅުން ދެކެވަޑައިގަންނަވާނެ. އެހެންވެ މިއަދު މި ހޮސްޕިޓަލުގެ ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ ކުރިމަތީގައި ހުރެ އަޅުގަނޑު ބޭނުންވޭ، ކޯވިޑް މެނޭޖް ކުރުމަށްޓަކައި، ޚާއްޞަކޮށް، ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި އަދި ގުޅިގެން މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އޭ.އީ.އެޗް.ގެ މަސައްކަތްތަކާއި އަދި ޓާޝަރީ ހޮސްޕިޓަލްތަކުގެ މަސައްކަތްތަކާ، މި ކަންތައްތަކާ ވަރަށް ގާތުން މަސައްކަތް ކުރައްވާ ބޭފުޅެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް. އާދެ، އަޅުގަނޑުމެންގެ ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއްދޭ ކަމެއް، ކުރީގައިވެސް އަޅުގަނޑު މިދެންނެވި ގޮތަށް، އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގެ ފެންވަރު، ދުވަހެއް ދުވަހަކަށް ރަނގަޅުކޮށް، ރައްޔިތުން ހިތްހަމަޖެހޭ، ރައްޔިތުން ބޭނުންވާގޮތަށް ގިނަގުނަ ޚިދުމަތްތަކެއް ލިބިގެން ދިޔުމަކީ. އާދެ، ދެންމެ ޑޮކްޓަރ ޞާލިޙުގެ ވާހަކަފުޅުގައިވެސް ފާހަގަކުރައްވައިފި، އިތުރު ކަންތައްތަކެއް. އަޅުގަނޑު ހަމަ ނިންމާލަމުންވެސް ދަންނަވާލަން އޮތީ، މި ޓްރެއިނިންގ ޕްރޮގްރާމްތަކުގެ ބޭނުންތަކެއްވާނެއޭ. އަޅުގަނޑުމެން މި ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވެ، ދަސްކުރާ އެއްޗެއްގެ ބޭނުންވެސް ވަރަށް ރަނގަޅަށް އަޅުގަނޑުމެން ހިފަންޖެހޭނެ. އެއްކަމަކަށް އަޅުގަނޑު ހަމަ ދަންނަވަން އޮތީ، ޓީމް ވާރކް ރަނގަޅު ކުރަންވާނެއޭ. އަންނަ ކޮންމެ މީހަކަށްވެސް ވެދެވެން އޮތް އެންމެ ރަނގަޅަކަށް އަޅުގަނޑުމެން ޚިދުމަތްދޭންވާނެއޭ.

އާދެ، އަޅުގަނޑުމެން ރީތިކޮށް މުޢާމަލާތް ކުރުމަކުން، މީހަކަށް ހީލުމަކުން، ހިނިތުންވުމަކުން، އެއިން އަޅުގަނޑުމެންނަށް ގެއްލޭނެ އެއްވެސް އެއްޗެއް ނޯންނާނެ. ލިބޭނީ ޘަވާބު. އެހެން އެއްވެސް އެއްޗެއް ނުލިބޭނެ. ހަމަ ދަރުމައާއި ޘަވާބު ލިބޭނީ. އިސްލާމިކް މިނިސްޓަރ އަބަދުވެސް އެ ވާހަކަ ދައްކަވާ. އެހެންވީމާ، އަޅުގަނޑު ހަމަ ހުރިހާ ބޭފުޅުންނަށްވެސް ދަންނަވާލަން އޮތީ، ކަމެއް ރަނގަޅު ވާނީ އެންމެން ކުރާ މަސައްކަތުންނޭ. އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ޚަރަދުކޮށްފައި، ރައްޔިތުންނަށް އަޅުގަނޑުމެން ޖެހޭނެ، އެ ކުރި ޚަރަދުގެ ބަދަލު ހޯދައިދޭން. އެ މަސައްކަތް ކުރުމުގެ ހުރިހާ ޒިންމާއެއް މިއަދު އޮތީ އަޅުގަނޑުމެން އެންމެންގެ ކޮނޑުގައި އެޅިފައި. އެހެންވީމާ، އެ މަސައްކަތުގައި، އާ ހިތްވަރެއްލައި، އަޅުގަނޑުމެން މަސައްކަތްކޮށް، އެހެން ތަންތަނަށް ޗާރޓަރ ފްލައިޓްތަކާއި، އެނޫން ގޮތްގޮތަށްވެސް ތަންތަނަށް ދިޔުން މަދުކޮށްފައި، އަވަސް ފަރުވާ ހޯދައިދިނުމަށްޓަކައި، އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ ވާހަކަ ދަންނަވާލަން.

އާދެ، މި ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި އަޅުގަނޑު ހަމަ އުފާކުރަން. މިކަމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅުންތަކެއް އެބަ ތިއްބެވި. އަޅުގަނޑު ޖުމްލަކޮށް، ހުރިހާ ފަރާތްތަކަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ކެބިނެޓް ސެކްރެޓަރީ އަޙްމަދު ޙަސަންދީދީ ވަރަށް މަސައްކަތްތަކެއް މީގައި ކޮށްދެއްވި. އަދި ހަމަ އެއާއެކީ، ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން، ސިވިލް ސަރވިސް އިންސްޓިޓިއުޓްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް އަޅުގަނޑުމެންނަށް ލިބިގެންދިޔަ. އަދި ހަމަ އެއާއެކު، އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުން މިކަމުގައި އެބަ ވަރަށް މަސައްކަތް ކުރައްވާ. ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށް އަޅުގަނޑު މިކަމުގައި ޝުކުރު އަދާކޮށްލަން. ހަމައެއާއެކު، ބޯޑުގެ ޗެއަރ ވަރަށް ގާތް ގުޅުމެއް އަޅުގަނޑުމެންނާ ބޭއްވެވި. މި ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި ބޯޑުގެ ޗެއަރގެ ފަރާތުން އަޅުގަނޑުމެންނަށް ލިބޭ އެހީތެރިކަމަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން، އަޅުގަނޑު ވާހަކަކޮޅު ނިންމާލާނީ. އަޅުގަނޑުމެންވެސް ދެކެން ބޭނުންވަނީ، އައްޑޫ ރައްޔިތުން ދެކެން ބޭނުންވާ ދުވަސް. މިތަނަށް އަޅުގަނޑުމެން ވަދެ، ޑޮކްޓަރ ޞާލިޙް ވިދާޅުވިގޮތަށް، އާދެ، އޭ.އީ.އެޗް.އިން އަޅުގަނޑުމެން ބޭނުންވަނީ އެންމެ ފެންވަރު ރަނގަޅު ޚިދުމަތްތައް ވީހާވެސް އަވަހަކަށް ލިބޭނެ ދުވަހެއް އައުން. އެއީ އަޅުގަނޑުގެ އުންމީދަކީވެސް.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ވަތަޢާލާ ބަރަކާތް ލައްވައި، އަދި އެކުގައި މަސައްކަތް ކުރުމުގެ ހެޔޮ ތައުފީގު އަޅުގަނޑުމެން އެންމެންނަށް މިންވަރުކުރެއްވުން. އައްޑޫ ރައްޔިތުންނަށް އަދި މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔަތުންނަށް އަމާން ފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި.