بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަޙްމަދު ޒާހިރު ޢަލީ، ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ނިހާދު، ކައުންސިލް މެންބަރުން، އިސްލާމިކް މިނިސްޓްރީ އަދި ޤުރްއާނާބެހޭ މަރުކަޒުގެ އިސްވެރިން، މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ ޢިލްމުވެރިން، ޙިފްޡު ކޮމިޓީގެ މެންބަރުން، އަދި ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް މިފަދަ މާތް ކަމެއް ފެށުމުގެމި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި އިސްލާމިކް މިނިސްޓަރަށާއި އަދި އައްޑޫ ސިޓީގެ މޭޔަރަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އެއްވެސް ޝައްކެއްނެތް، ޤުރްއާން ހިތުދަސްކުރުމަކީ ވަރަށް ބުރަ، ވަރަށް މާތް މަތިވެރި މަސައްކަތެއް. އާދެ، އަޅުގަނޑުމެން ޤުރްއާން ކިޔަވާއިރު، އަބަދުވެސް ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ކަންތައްތައް އަޅުގަނޑުމެން ބަލައި ދެނެގަންނަން އެބަޖެހޭ.

އާދެ، މި ރަސްމިއްޔާތު ފެށުމުގެ ގޮތުން، ޤާރީ ޙުސައިން ޒާހިރުއެ ވިދާޅުވި އާޔަތްތަކުންވެސް އަޅުގަނޑުމެންނަށް އެނގެނީ، ޤުރްއާނުގެ މަތިވެރިކަން. އަޅުގަނޑުމެން ކަންކަމަށް ބިރުވެތިވާންޖެހޭކަން. އާދެ، އަބަދުވެސް އަޅުގަނޑުމެން އެބަޖެހޭ، މުސްލިމުންގެ ގޮތުގައި ތިބެ، އެކަކު އަނެކަކަށް އެހީތެރިވުމަށް މަގުދައްކައިދިނުމަށްޓަކައި މަސައްކަތް ކުރަން. އާދެ، ކޮންމެ މީހެއްގެވެސް ޒިންމާއެއްގެ ގޮތުގައި މި މަސައްކަތް ކުރުމަކީ އެއީ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ އިސްލާމްދީނުންވެސް އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ބާރުއަޅާ އެއްކަމަކީ، އެކަކު އަނެކަކަށް އެހީތެރިވުމާއި، އިޙްތިރާމް އަދާކުރުމާއި، މީހުންގެ މައްޗައް އޯގާތެރިވުން.

އާދެ، މޭޔަރުގެ ވާހަކަފުޅުގައިވެސް އަދި އިސްލާމިކް މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ވިދާޅުވެއްޖެ، މި ސަރުކާރުން އާދެ، ދީނީ ކަންތައްތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ވާހަކަ. ވޭތުވެދިޔަ ދުވަސްތަކުގައި، އެކި ކަންކަމުގައި ސަރުކާރުން ހިންގާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުންނާއި އަދި އެނޫންވެސް މަސައްކަތްތަކުގައި ވަރަށްގިނަފަހަރުމަތިން ޚާއްޞަކޮށް، ދީނީ ޢިލްމުވެރިންނާއި އަޅުގަނޑުމެންނާ ބައްދަލުވެ، މަޝްވަރާ ކުރެވި، ކަންތައްތައް ނިންމުމުގެ ކުރިން، ވަރަށް ބޮޑަށް ވާހަކަ ދެކެވޭ. އާދެ، އަޅުގަނޑުމެން މި ސަރުކާރުން އިރާދަކުރެއްވިއްޔާ، ކަންތައްތައް ކުރުމުގައި އަބަދުވެސް ރައުޔު، މަޝްވަރާ އެއީ، އެންމެ އިސްކަމެއްގެ ގޮތުގައި އަޅުގަނޑުމެން ބަލާނެ ވާހަކަ އަދިވެސް ދަންނަވާލަން ބޭނުން.

އާދެ، އެނގިވަޑައިންނަވާނެ، ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް، ރައްޔިތުންނަށް ފަސޭހަގޮތަށް ކަންތައްތައް ހަމަޖެއްސުމަށް. އެއީ، ސަރުކާރުގެ މައިގަނޑު އެއް ޕޮލިސީ. އާދެ، ޒަމާނުއްސުރެ ފެށިގެން ވަކިގޮތަކަށް އަޅުގަނޑުމެން ފަރިތަވެފައި ތިބި ނަމަވެސް، އާދެ، މިއަދު ޚާއްޞަކޮށް، ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށާއި އަދި ރައްޔިތުންނަށް ވަރަށް ބޮޑެތި ޙައްޤުތަކެއް ލިބިގެން އެބަދޭ. އެގޮތުން، ރަށުގައި ތިބެގެން ފަސޭހަކަން ލިބޭނެ މަގު އަޅުގަނޑުމެން ފަހިކުރަން އެބަޖެހޭ. އާދެ، އެކިއެކި ކަންތައްތަކުގައި އެއީ ޞިއްޙީ ކަންތައްތަކާއި، ތަޢުލީމީ ކަންތައްތަކާއި، އަދި ވަޒީފާގެ ފުރުޞަތުތައްވިޔަސް، ކުރީގައި ލިބިފައި ނެތް ފުރުޞަތުތަކަށް މަގުފަހިކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހޭ.

އަޅުގަނޑުމެންނަކީ އަބަދުވެސް ޤުރްއާނަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ، ސައްތައިންސައްތަ މުސްލިމް ޤައުމެއް. އަދި ޤުރްއާން ހިތުދަސްކުރުމަކީ އަޅުގަނޑުމެން މި މުސްލިމް ޤައުމުގެ ރައްޔިތުންގެ ހިތުގައި ވަރަށް ބޮޑު ޝައުޤުވެރިކަމެއް އުފެދިފައިވާ ކަމެއް. ވަރަށް ގިނަ ބަޔަކު ބޭނުންވާ ކަމެއް. އާދެ، ތަކުލީފުތަކުގެ ވާހަކަ ދައްކަވައިފި. މިފަދަ މާތް މަތިވެރި މަސައްކަތެއް، އާދެ، މިކަން ވުމަށްފަހު، ދެން އެ އުފުލަންޖެހޭ ބުރަޔަށް އަޅުގަނޑު ޤަބޫލުކުރަނީ، މިއަދު މިކަމުގެ ސަބަބުން ފަސޭހަތަކެއް ވެގެންދާނެކަމަށް.

އާދެ، އެހާ ގިނަ ވާހަކައެއް އަޅުގަނޑު މި ވަގުތު ދައްކާކަށްނެތިން. އެހެން ނަމަވެސް، އަޅުގަނޑު ޚާއްޞަކޮށް، އައްޑޫގެ ލޮބުވެތި ރައްޔިތުންނަށްވެސް ދަންނަވާލަން އޮތީ، މިއަދުގެ ސަރުކާރުން ދަތި އުނދަގޫ ވަގުތެއްގައިވެސް، ހުއްޓުމެއްނެތި ރައްޔިތުންނަށްޓަކައި ތަރައްޤީގެ ކަންތައްތަކާއި، އެކިއެކި މަސައްކަތްތައް މަޑުޖެހުމެއްނެތި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ސަރުކާރުން ކުރިއަށްގެންދާނެއޭ. އަދި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުތަކާއެކު އިރާދަކުރެއްވިއްޔާ، އުތުރުން ދެކުނަށް، މި މަސައްކަތްތައް އަޅުގަނޑުމެން ކުރަމުންދާނަން. ޚާއްޞަގޮތެއްގައި، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ކަންތައްތަކަށް އިސްކަންދީގެން އިރާދަކުރެއްވިއްޔާ، މަޑުޖެހުމެއްނެތި އަޅުގަނޑުމެން މަސައްކަތްތަކައިގެން ކުރިއަށްދާނަން.

އާދެ، އަޅުގަނޑުގެ އުންމީދަކީ، މިއަދު މިކަމުގެ ސަބަބުން ފަސޭހަތަކެއް ރައްޔިތުންނަށް ލިބިގެންދިޔުން. އަދި މި ފުރުޞަތުގައި ގެ ވާގިފުޅާއެކު އާދެ، މިކަންތައްތައް އިފްތިތާޙުކޮށް އަދި މި ޝަރަފު އަޅުގަނޑު ލިބިގަންނަން. އަދި މި މަސައްކަތް ފަށްޓަވައިދެއްވުން އެދި ދަންނަވަމުން އަޅުގަނޑު ނިންމާލާނީ.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަކީ، އަޅުގަނޑުމެން ހުރިހާ އެންމެންނަކީ، ދީނަށް ލޯބިކުރާ، އަބަދުވެސް ހެޔޮގޮތުގައި ދިރިއުޅޭ، ހެޔޮވިސްނުން ލިބިގެންވާ ބައެއްގެ ގޮތުގައި اللهُ سُبْحَانَهُ وَتَعَالَى ލެއްވުން. ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށް އުފާފާގަތި ދުވަސްތަކެއް މިންވަރު ކުރެއްވުން.