بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަފުޅަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޢަލީ، ދައުލަތުގެ ވަޒީރުން، ފުވައްމުލަކު ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ފަޔާޟް، ސިޓީ ކައުންސިލްގެ މޭޔަރ އިސްމާޢީލް ރަފީޤު، ފުވައްމުލަކު މެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން މުޙައްމަދު، ސިޓީ ކައުންސިލްގެ މެންބަރުން، އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން، އަދި މި ސްކޫލްގެ އެންމެހައި ހީވާގި މުވައްޒަފުންނާއި، އަޅުގަނޑުމެންގެ ލޮބުވެތި ދަރިވަރުން، އަދި އެ ކުދިންގެ ބެލެނިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، މި ސްކޫލްގެ ފެށުމާ ގުޅޭގޮތުން އެއްޗެއް ދަންނަވާލުން. އާދެ، މީގެ ގާތްގަނޑަކަށް 42 އަހަރު ކުރި އަޅުގަނޑުމެން ހަނދާން ހުންނަނީ. އޭރުވެސް ފުވައްމުލަކު ސްކޫލް، މި ދޫޑިގަން އަވަށުގައި ހުރި. އާދެ، ސްކޫލްގެ ފެށުމާއި، ސްކޫލްގެ ދިރުމާއި، ސްކޫލް މިހާހިސާބަށް ގެނައުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް، އެ މަސައްކަތް ފުވައްމުލަކު ރައްޔިތުންގެ ޙައްޤުގައި، ތަޢުލީމު އުނގަންނައިދިނުމުގެ ނިޔަތުގައި އެ މަސައްކަތް ކުރެއްވި ބޭފުޅަކީ، އަޅުގަނޑުމެންގެ އުސްތާޛު ޢަބްދުލްޙަމީދު ޢަލީދީދީ. އާދެ، އަޅުގަނޑުގެވެސް ފުރަތަމަ އުސްތާޛު. އަޅުގަނޑަށް މިއަދު ތަންކޮޅެއް އުނދަގޫވެސްވޭ މި ވާހަކަ ދައްކައިލަން. މި ތުއްތުކުދިންނަށްވުރެ، އަޅުގަނޑު ކުޑަވާނެ، މި ސްކޫލަށް އައިއިރު. އަޅުގަނޑުގެ ހަނދާނުގައި ހުރޭ، އަޅުގަނޑު ސްކޫލަށް އަންނާނީ ބައިސްކަލެއްގެ ދަގަނޑުގެ މަތީގައި އިށީނދެގެން އިނދެ. އަޅުގަނޑުގެ ބޭބެއެއް އަޅުގަނޑު މި ސްކޫލަށް ގެންނަނީ. ރީނދޫކުލައިގެ ރެޑްމޭން ޖޫސްފުޅިއެއް ވައްތަރު އެއްޗެއް އަޅުގަނޑުގެ ކަރުގައި އަޅުވައިގެން އަންނަނީ.

އާދެ، އެއީ އަޅުގަނޑުމެންގެ މަދަރުސީ ޙަޔާތުގެ ފެށުން. އަޅުގަނޑު އެ ދުވަހު ތަޖުރިބާ ކުރީ ބޯޑިންގއެއް. ހެނދުނު އަންނަގޮތަށް އަޅުގަނޑުމެންގެ ހަވީރާ ހަމައަށް، މެންދުރުގެ ކެއުމާ އެއްކޮށް، އަޅުގަނޑަށް ލިބެނީ ޙަމީދުބޭބެގެ ގެއިން. އަޅުގަނޑުމެން މެންދުރު ނަމާދު ކުރަނީ ރައިވެރިޔާ މިސްކިތުގައި. އެއީ ވަރަށް ކުޑައިރު.

އާދެ، ދަންނަވަން މިއުޅޭ ވާހަކައަކީ، އެދުވަހު ވަރަށް ބުރަ މަސައްކަތްތަކެއް ޙަމީދުބޭބެ ކުރެއްވިއޭ. މީގެ ނަތީޖާ، ދޫޑިގަން އަވަށަށް ބެލިނަމަވެސް، އަދި މުޅި ރަށަށް ބެއްޔަސް، ތަޢުލީމީ ވަރަށްގިނަ ބަޔަކު މި ރަށުގައި އުފެއްދެވި، އޭގެ އެންމެ އިސް މޭސްތިރިއަކީ، އުސްތާޛަކީ ހަމަގައިމުވެސް އެދުވަސްވަރު ޙަމީދުބެ. އެކަމަށްޓަކައި މިއަދު އަޅުގަނޑުމެންގެ މި ސްކޫލްގެ ހުރިހާ ހީވާގި މުވައްޒަފުންނާއި، އަދި އަޅުގަނޑުމެން ފުވައްމުލަކުގެ ހުރިހާ ރައްޔިތުންނާއި، މިތަނުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ ނަމުގައި އަޅުގަނޑު ވަރަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް އަޅުގަނޑުމެންގެ ޙަމީދު ބޭބެއަށް ދަންނަވަން.

އާދެ، އެނގިވަޑައިގަންނަވާނެ، ސަރުކާރުގެ ތަޢުލީމީ މުޅި ސިޔާސަތަކީ، ވަށައިޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުން. އާދެ، ދަރިވަރުންނަކީ، ސްކޫލް ނިންމާފައި ނުކުންނައިރު، މަސައްކަތަށް ފަރިތަ، ދިރިއުޅުމެއް ދަސްވެފައިވާ، ދިރިއުޅުމަކަށް އަހުލުވެރި ދަރިންތަކެއްގެ ގޮތުގައި އުފެއްދުން. އާދެ، އަޅުގަނޑުމެން ހަމައެކަނި މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ހަމައެކަނި ކުރައްވާ ކަމަކީ، ސްކޫލްތަކަށް ބޭނުންވާ ކްލާސްރޫމް ނުވަތަ އަދި އެނޫން ތަންތަން، ޢިމާރާތް ކުރެއްވުން އެކަންޏެއް ނޫން. ހަމައެއާއެކު، ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް، ތަމްރީނު ކުރުން، މުދައްރިސުން އުފެއްދުން، ދުވަހެއް ދުވަހަކަށް ކަންތައްތައް ރަނގަޅުކުރުމުގެ މަސައްކަތަކީ، އެއީ މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ، އިސްކަމެއް ދެއްވާ ކަމެއް.

އާދެ، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް މި ސަރުކާރު ފެށުމާއެކު، މިވަނީ އިންޓްރޮޑިއުސް ކުރެވި، އެ ކަންތައްތައް ފެށިފައި. އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ ހުއްޓުމެއްނެތި، މަޑުޖެހުމެއްނެތި، އަޅުގަނޑުމެންނަށް ބޭނުންވާ ދަތި ކަންތައްތައް ޙައްލުކުރުމަށްޓަކައި މި ސަރުކާރުން އެ މަސައްކަތް ކެނޑިނޭޅި އިރާދަކުރެއްވިއްޔާ ކުރަމުންދާނެ.

މިރަށަށް އެކަނި ބަލައިލި ކަމުގައިވިޔަސް، ގާތްގަނޑަކަށް 46 ކްލާސްރޫމް، މުޅި މި ރަށުގެ ހަތަރު އަވަށުގައި ހިމެނޭ ހަތަރު ސްކޫލެއްގައި އިތުރުވެގެން މިދަނީ. އަވަށުގައި އެޅިގެން މިދަނީ. ދެން މި ސްކޫލުގައި ދެ ކްލާސްރޫމް، އެއީ ވަރަށް މަދު ޢަދަދެއް. ކުޑަ ދެ ކްލާސްރޫމް އެއީ. އެހެންނަމަވެސް، ޙަޤީޤަތަކީ އެ ދެ ކްލާސްރޫމް ބޭނުންމިވާ ސަބަބަކީ، މިވަގުތަށް ދެ ކްލާސްރޫމް ލިބުމުން، އެއް ދަންފަޅިއަށް ބަދަލުކުރެވޭތީ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ވިސްނުމަކީ މާފުޅާ ވިސްނުމެއް. އެކަންތައްތައް އިރާދަކުރެއްވިއްޔާ، މި ސަރުކާރުން ފުރިހަމަކުރާނަން. ފަސޭހަކަމާއެކު ރަނގަޅު މާޙައުލެއްގައި ކިޔަވައިދިނުމުގެ ފުރުޞަތު ހޯދައިދީ، އަދި މުވައްޒަފުންނަށްވެސް އެކަންތައް ކުރެވޭނޭފަދަ މާޙައުލެއް ޤާއިމުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މި ސަރުކާރުން މެދުކެނޑުމެއްނެތި ކުރަމުންދާނަން.

ތަންކޮޅެއް މޫސުންވެސް ގޯސްވެއްޖެ. އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނަން. އެހެންނަމަވެސް، އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ޓީޗަރުންނާއި، ހުރިހާ މުވައްޒަފުން ގުޅިގެން އަޅުގަނޑުމެން އެކުގައި މަސައްކަތްކޮށް، ރަނގަޅު ދަރިންތަކެއް އުފެދުމަކީ އެއީ ހަމަ ސަތޭކަ ޕަސެންޓް ކަމެއް. އެއީ ޓީމް ވާރކް. ބެލެނިވެރިންނާއި، މުދައްރިސުންނާއި، މުޅި މުޖުތަމަޢާއެކީ އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން ބޭނުންވާފަދަ ދަރިންތަކެއް އަޅުގަނޑުމެންނަށް ނެރެވޭނެ.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ވަތަޢާލާ ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ ދަރިންނަކީ، މުޅި ޤައުމަށް ފައިދާހުރި، ހޭލުންތެރި، ރަނގަޅު ދަރީންތަކެއްގެ ގޮތުގައި ލެއްވުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.