بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

ދައުލަތުގެ ވަޒީރުން، ފުވައްމުލަކުގެ މޭޔަރ އިސްމާޢިލް ރަފީޤް، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކުގެ މެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން މުޙައްމަދު، ހޮސްޕިޓަލްގެ މެނޭޖަރ މުހަންމަދު ޟިރާރު، ކައުންސިލް މެންބަރުން، ހޮސްޕިޓަލްގެ މުވައްޒަފުން އަދި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެނގިވަޑައިގަންނަވާނެ، ދިވެހި ސަރުކާރުން، އަދުގެ ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރޭގެ އެންމެ އިސްކަމެއް ދެއްވާ ކަމަކީ، ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު ރަނގަޅު ކުރުން. އާދެ، އަތޮޅާއި ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދައިދިނުމަކީ އެއީ މުޅި ސަރުކާރުން ކުރެވޭ އެންމެ މުހިންމު މަސައްކަތްތައް. އާދެ، މީގެ ނަތީޖާއެއްގެ ގޮތުންމި ކުރެވޭ މަސައްކަތުގެ ނަތީޖާއަކީ، ރާއްޖޭގެ އެކި ހިސާބުތަކުގެ ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ތަފާތު ގިނަގުނަ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދިޔުން. އާދެ، ރާއްޖޭގެ އުތުރުން ފެށިގެން އެންމެ ދެކުނަށް ބަލައިލާއިރު ޚާއްޞަކޮށް، މަތީ ފެންވަރުގެ ޚިދުމަތްތައްދޭ ހޮސްޕިޓަލްގެ ވަސީލަތްތައް ވަރަށްބޮޑުތަން މިހާރުވެސް މިވަނީ އިތުރުކުރެވިފައި.

އާދެ، އަޅުގަނޑަށް ހީވަނީ އަޅުގަނޑު ދަންނަވާލަން ޖެހޭނެހެން، މިއަދު މި އިމާރާތުގެ ކަންތައްތައް ފެށިގެންދިޔަގޮތްވެސް. އާދެ، ދެންމެ މޭޔަރ ވިދާޅުވިގޮތަށް، އަޅުގަނޑުމެން އެންމެފަހުން ރަށަށް ކުރި ދަތުރުގައި، ހޮސްޕިޓަލްގެ މުވައްޒަފުން، ހޮސްޕިޓަލްގައި މިވަގުތަށް ހުރި ދަތިތަކުގެ ވާހަކަތައް ދެއްކެވި. އޭގެ ތެރެއިން އެއްކަމެއްގެ ގޮތުގައި، އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ލެބޯޓްރީގެ ދަތިކަން. އަދި ހަމަ އެއާ ގުޅޭ އެހެނިހެން ބައެއް ކަންތައްތައްވެސް ފެނިވަޑައިގަންނަވާނެ، މީގައި ސްޕެޝަލިސްޓް އޯ.ޕީ.ޑީ. އަދި ސްޕީޗް ތެރަޕީ. އެނގިވަޑައިގަންނަވާނެ، ނުކުޅެދުންތެރިކަން ހުންނަ ސްޕެޝަލް ނީޑް ކުދިންނަށް ވަރަށް މުހިންމު ކަމެއް މިއީ. އެކަންތައްވެސް ހިމެނޭގޮތަށް އަދި ފިޒިއޮތެރަޕީ ލެބޯޓްރީގެ މި އިމާރާތް މި ކުރެވިގެން މިދަނީ މި ހުރިހާ ވަސީލަތްތަކާއި ޚިދުމަތްތަކާ އެކުގައި.

އާދެ، އެދުވަހު އެގޮތަށް ވިދާޅުވުމުން އަޅުގަނޑަށް ހީވަނީ ގާތްގަނޑަކަށް އަޅުގަނޑުމެންނަށް ހަމަ ތިބެވުނީ މިތާނގައިހެން. އެ ވަގުތުން ވަގުތަށް އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިން، ފުވައްމުލަކު ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށް މިއީ. ވަގުތުން، އެ ވަގުތު ރައީސް ޖަވާބުދެއްވީ ކުރިޔަށް ގެންދަން. އެހެންވީމާ، އަޅުގަނޑުމެން އެދުވަހު ރަށުން ފުރައިގެން ދިޔައީ، މި މަސައްކަތް ކުރަން ނިންމާފައި. އަޅުގަނޑު މި ފުރުޞަތުގައި، ޚާއްޞަ ޝުކުރެއް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަން. ފުވައްމުލަކުގެ ހުރިހާ ރައްޔިތުންގެ ނަމުގައި.

އާދެ، މި މިސައްކަތް ކުރެވެމުންދާއިރު، މިހާރުވެސް މިނިސްޓްރީގައި ޑިޒައިން މަރުޙަލާގައި، އާދެ، ދެން އިރާދަކުރެއްވިއްޔާ، އެ މަސައްކަތް އަޅުގަނޑުމެންނަށް މާ ދުރުނޫން މުސްތަޤްބަލެއްގައި އަނެއްކާވެސް ފެށިގެންދާނީ، މި ރަށުގެ ހޮސްޕިޓަލްގެ އައު އިމާރާތް. އާދެ، އަޅުގަނޑު ޤަބޫލުކުރަނީ މިއަދު މި އިމާރާތް ކުރެވޭ ތަނުން ލިބޭ ޚިދުމަތުގެ އިތުރުން، މާގިނަ ކަންތައްތަކެއް އިރާދަކުރެއްވިއްޔާ، އައު އިމާރާތުން ލިބިގެންދާނެ. ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ.

އާދެ، އަޅުގަނޑުމެންގެ މި ސަރުކާރުން ތަކުލީފު ކުޑަކުރުމަށްޓަކައި އަޅުގަނޑު ކުރީގައިވެސް ދެންނެވިގޮތަށް، މި މަސައްކަތްތަކެއް މި ކުރެވެނީ. އާދެ، މިރަށަށް އަޅުގަނޑުމެން ބަލައިލާއިރު، ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އަޅުގަނޑުމެން ފާހަގަކުރަންޖެހޭ. އާދެ، ހޮސްޕިޓަލްގެ އިމާރާތެއްވެސް، މި ސަރުކާރު އައިފަހުން މިއީ ފުރަތަމަފަހަރަކަށް ނޫން، މީގެ ކުރިންވެސް ހަމަ ރަށުގެ ރައްޔިތުންނަށް ބޭނުންޖެހިގެން، ހަމަ ވަގުތުން ވަގުތަށް ނިންމާފައި، އެ އިމާރާތުގައި ޚިދުމަތާއި، އެ ފަސޭހަކަން މިހާރުވެސް ރައްޔިތުންނަށް ލިބެމުން އެބަދޭ.

އާދެ، ފުވައްމުލަކަށް ބަލައިފި ކަމަށްވަންޏާ، ސްކޫލްތަކުގައި އެކަނިވެސް 46 ކްލާސްރޫމް، އެކި ސްކޫލްތަކުގައި މިހާރު މަސައްކަތް ކުރެވެމުންދާ ތަންތަނާއި އަދި މިހާރު ޓެންޑަރއަށް ލާފައި ހުރި މަސައްކަތާއެކު އެބަ ހިމެނޭ. އޭގެ އިތުރަށްވެސް ސްކޫލްތަކުގެ ވަސީލަތްތައް ރަނގަޅުކުރުމާއި، ވަށާޖެހޭ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، ތަޢުލީމު ދިނުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް އެބަ ކުރެވޭ. ހަމަ އެއާއެކު، ސަރަޙައްދުގެ މޮޑެލް ސްކޫލެއްގެ ގޮތުގައި މިއަދު އަޅުގަނޑުމެންނަށް މިވަނީ ޏ. އޭ.އީ.ސީ.ގެ އެ މަސައްކަތްތައް ކުރާނެ، އިތުރުކުރާނެ އިމާރާތެއް، އިތުރުކުރާނެ ކަންތައްތަކުގެ ގާތްގަނޑަކަށް ފައިނަލް ކުރެވިފައި. މިއީވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ޤަބޫލުކުރަނީ ވަރަށް އަވަހަށް ފެށިގެންދާނެ މަސައްކަތެއް ކަމަށް. ނަތީޖާއަކަށްވަނީ ރަނގަޅު ދަރިންތަކެއް، މަސައްކަތްތެރި، ފަންނުވެރި މަސައްކަތް ކުރެވޭފަދަ ދަރިންތަކެއް، މީގެތެރެއިން ތައްޔާރުވެގެންދިޔުން.

އާދެ، ފުވައްމުލަކު ރައްޔިތުންނަށް، ފުވައްމުލަކުގެ މަގު ހެދުމުގެ ޕްރޮޖެކްޓަކީ ތިޔަބޭފުޅުންނަށް ފެނިވަޑައިންނަވާނެ، އެންމެ ދަތި އުނދަގޫ، ކޯވިޑުގެ އެންމެ ދަތި ހާލުގައި އޮތްއިރުވެސް، މަސައްކަތް ނުހުއްޓި، އެކަންތައްތައް ކުރިއަށް ގެންދެވުނު. އިރާދަކުރެއްވިއްޔާ މި މަސައްކަތް ނިމޭއިރު، އަޅުގަނޑު ދަންނަވާނީ، ފުވައްމުލަކު ރައްޔިތުންނަށް އެކަމެއް ކުރުމުން، އެންމެ ބޮޑު ފަސޭހަކަމެއް ލިބިގެންދާނީ، މިރަށުގެ މަގުތަކުގައި ތާރުއެޅި، ޒަމާނީ ފެންވަރަށް ތައްޔާރުކުރެވުނީމައޭ. އެ މަސައްކަތް އިރާދަކުރެއްވިއްޔާ ހުއްޓުމެއްނެތި، އަޅުގަނޑު މި ދަންނަވާލަނީ ހުއްޓުމެއްނެތި ބާރަށް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ.

އާދެ، ހަމަ އެއާއެކު، އެނގިވަޑައިގަންނަވާނެ، މި ސަރުކާރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށް ބޮޑު އަހަންމިޔަތުކަމެއް ދޭ. ސަރުކާރަށް އެންމެ މުހިންމީ ސަލާމަތްތެރިކަން. ރައްޔިތުންނަށް ރައްކާތެރިކަން. އާދެ ފުވައްމުލަކަކީ ވަރަށް ހިތާމަވެރި ހާދިސާތައް، އަޅުގަނޑުމެން ހަނދާން ނެތް ހިސާބުން ފެށިގެންވެސް ޚާއްޞަކޮށް، ކަނޑުގައި ވަރަށް ނުރައްކާތެރި ހިތާމަވެރި ކަންތައްތައް ހިނގާފައި ހުރި ރަށެއް. އަޅުގަނޑު ހަނދާން އެބަހުރި، އެންމެފަހުން މިފަދަ ކަމެއް ހިނގައިގެންދިޔަ ރޭ، އަޅުގަނޑަށް ރަށުން ވަރަށް ގިނަ މީހުން ގުޅުއްވި. އޭގެ ތެރެއިން އެއް ބޭފުޅެއް، އަޅުގަނޑުމެންގެ މުފީދު. އެނގިވަޑައިގަންނަވާނެ، މުފީދު އަޅުގަނޑާ ގުޅުއްވާފައި، އަޅުގަނޑު ކައިރީގައި ވިދާޅުވި، ނެރުތައް ބައްދައިދޭށޭ. އަޅުގަނޑު ދެންނެވިން، ކުޑަކުޑަ ވަގުތުކޮޅެއް އަޅުގަނޑަށް ދޭށޭ. ގާތްގަނޑަކަށް ދިހަވަރަކަށް މިނިޓް ތެރޭގައި އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައި، މުފީދަށް އޮންނާނީ ޖަވާބުދީފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަޅުގަނޑުމެން އެ މަސައްކަތް ފަށާނެ ވާހަކަ.

މިއަދު އަޅުގަނޑުމެންނަށް މައި ނެރެއް، ނެރު ފުރަތަމަ ބެއްދުމުގެ މަސައްކަތް ފުރަތަމަ ކުރިއަށްދާނެ. އަޅުގަނޑު ދަންނަވާލަން ބޭނުން، މަގުތައް ހެދި، ޒަމާނީ ވަސީލަތްތައް ޤާއިމުކުރެވި، ފަސޭހަކަން ލިބިގެންދާއިރު، އަޅުގަނޑުމެން ވިސްނަންޖެހޭނެ، ނުރައްކާތެރި ކަންތައްތަކުން ދުރުހެލިވުމަށްޓަކައި. މިއީ އަދުގެ ޒުވާނުން ވަކިން ޚާއްޞަކޮށް ވިސްނަންޖެހޭ ކަމެއް. މަގުތައް ހެދިގެންދާއިރު ލިބިގެންދާ ފަސޭހަކަމާއެކު، އަޅުގަނޑުމެން ވިސްނައިވެސްނުލައި އަނެއްކާވެސް ބާރުބާރަށް ދުއްވައި، ބަލަންޖެހޭވަރަށް ނުބަލައިފި ކަމަށްވަންޏާ، އަޅުގަނޑުމެން ކިތަންމެ ހޮސްޕިޓަލް ބޮޑުކުރިޔަސް، ސީ.ޓީ. ސްކޭން މެޝިން ބެހެއްޓިޔަސް، އެހެނިހެން ވަސީލަތްތައް ޤާއިމުކުރިޔަސް ވަރަށް ދެރަ ހިތްދަތި ކަންތައްތައް ކުރިމަތިވާނެ. އަޅުގަނޑު މިއަދު ހުރިހާ ރައްޔިތުންނަށް ގޮވާލަން، ޚާއްޞަކޮށް، ކައުންސިލަށް އަދި ކަމާބެހޭ ހުރިހާ ފަރާތްތަކަށް މިކަމަށް ހޭލުންތެރި ކުރުވައި، ޚާއްޞަކޮށް، ޓްރެފިކް ޕޮލިސްގެ އިރުޝާދާ އެއްގޮތަށް، އެ ޤާނޫނުތަކާ އެއްގޮތަށް އަޅުގަނޑުމެންގެ މަގުމަތީގެ ދުއްވުމާ ކަންތައްތައް ބަހައްޓަން.

އާދެ، ވަރަށްގިނަ ކަންތައްތައް އެބަހުރި، އަޅުގަނޑު މިގޮތަށް ވާހަކަ ދައްކަން ފަށައިފި ކަމަށްވަންޏާ، ވަރަށްގިނައިރު ހުންނަން ޖެހިދާނެ. ކުރުގޮތަކަށް އަޅުގަނޑު މިއަދު ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ، ފުވައްމުލައް، ސިޓީއެއްގެ ގޮތުގައި ބޭނުންވާ ހަމަ ހުރިހާ ކަންތައްތަކެއް ފުއްދައިދިނުމަށް. އެކަންތައް އިރާދަކުރެއްވިއްޔާ ފެނިގެންދާނެ. އަޅުގަނޑުމެންނަށް މިއަދު ފެންނަނީ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ކައުންސިލްތަކުގެ މޭޔަރުން، ކައުންސިލަރުން އެއްކޮށް މަސައްކަތް ކުރެވި، ރައްޔިތުން ބޭނުންވާގޮތަށް، ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ ކަންތައްތައް އަޅުގަނޑުމެންނަށް ކުރެވެމުންދާ މަންޒަރު. އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ތާނގައިވެސް ތަރައްޤީ ބޭނުންވާ ކަންތައްތައް އެއީ އެންމެންނަށް ބޭނުންވާ ކަންތައްތަކަކަށްވީހިނދު، އެކަން ކުރުމުގައި އަޅުގަނޑުމެން އެންމެން އަތުގުޅާލާފައި މަސައްކަތްތައް ކުރުން.

އާދެ، މިއަދު ހޮސްޕިޓަލް މުވައްޒަފުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުން. އަޅުގަނޑުމެންނަށް އިމާރާތެއް އެޅިދާނެ. އަދި ބޮޑު ހޮސްޕިޓަލެއްވެސް އެޅިދާނެ. އެހެންނަމަވެސް އެންމެ މުހިންމު ކަމަކީ، ކޮންމެ މުއައްސަސާއެއްގައިވެސް ވަކިން ޚާއްޞަކޮށް، ހޮސްޕިޓަލް ވަރަށް މުހިންމު ތަނެއް. ހޮސްޕިޓަލަށް އަންނަ ފަރާތްތަކަށް ވީހާވެސް އޯގާތެރިކަމާއެކު، ކުލުނާއި ލޯތްބާއެކުހިތައި، އެ ބަލިމީހުންނަށް އެގޮތުންވެސް ފަސޭހަކަމެއް ލިބޭތޯ، އެގޮތަށް މަސައްކަތް ކުރުމަކީ އެއީ ވަރަށް މުހިންމު ކަމެއް. ބަލިވެގެން އަންނަ މީހާއަށް ވަގުތެއް ނޯންނާނެކަން އަޅުގަނޑުމެން ޤަބޫލުކުރަންވާނެ. އަވަސް ފަރުވާ އެންމެ ފުރަތަމަ އެއީ ފަށަންޖެހޭނެ ކަންތައްތައް. އަޅުގަނޑު ބޭނުން ހަމަ ދަންނަވަން. ޓީމް ވާރކަކީ އެއީ ކޮންމެ ކަމެއްގައިވެސް އެ މަސައްކަތެއްގެ ނަތީޖާއަކަށްވާނީ ޓީމް ވާރކް. ތަފާތު ޚިޔާލުތައް ހުރެދާނެ. އަޅުގަނޑުމެން ބޭނުންވާ މީހާ، ބޭނުންވާ މީހަކު އަޅުގަނޑުމެންނަށް އެންމެން ބޭނުންވާ ގޮތަކަށް އެކަން ފުރިހަމަ ނުކުރެވިދާނެ. އެއީ ދުވަހަކުވެސް ވާނޭ ކަމަކަށް ނުވެދާނެ. ހިތްނޭދޭ މީހާއާއެކުވެސް މަސައްކަތް ކުރައްވާއިރު، އެއީ ރައްޔިތުންނަށްޓަކައި ކުރާ ކަމަކަށްވީތީވެ އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރަންވާނެ.

އަޅުގަނޑު މިއަދު ހަމަ ހޮސްޕިޓަލްގެ ހުރިހާ މުވައްޒަފުންނަށް ދަންނަވާލަން ބޭނުންވަނީ، މި މަސައްކަތް ފެށުމުގެ މި އުފާވެރިކަމުގެ ތެރޭގައި އަޅުގަނޑަށް ބައިވެރިވެވޭއިރު، އެއަށްވުރެ މާބޮޑު އުފާވެރިކަމެއް އަޅުގަނޑަށްވެސް ލިބިގެންދާނެއޭ، މި ދެންނެވިގޮތަށް ހުރިހާ ބޭފުޅުން އެކުގައި މަސައްކަތް ކޮށްގެން، ރައްޔިތުންނާ ގާތުން މަސައްކަތްކުރެވި، އޯގާތެރިކަމާއި ކުލުނާއެކު މަސައްކަތް ކުރެވި، ޚާއްޞަކޮށް، ބަލިމީހުންނަށް ވަރަށް ބޮޑަށް އަޅައިލެވި، އަވަހަށް ކުރަންޖެހޭ ކަންތައްތައް ކުރެވިގެން ދިޔުމަށް.

އަޅުގަނޑުމެންގެ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވަރަށް މަސައްކަތް ކުރައްވާ މި ކަންތައްތައް ރަނގަޅު ކުރެއްވުމަށްޓަކައި. ގިނަ މަސައްކަތްތަކެއް ކުރައްވާ. ކަންދިމާކުރިގޮތުން، ފަހުވަގުތު ވަޑައިނުގެންނެވުނީ. އެހެން ނަމަވެސް، ވަރަށް އަވަހަށް މި ރަށަށް ވަޑައިގެން، ހޮސްޕިޓަލް މުވައްޒަފުންނާ ބައްދަލުކުރައްވާނެ. އަދިވެސް އެބަހުރި ޙައްލުކުރަންޖެހޭ، ވަގުތުން ވަގުތަށް ޙައްލުކުރަންޖެހޭ ކަންތައްތައް. މެންބަރު ވިދާޅުވިގޮތަށް، މިއީކީ ނިމުމެއްވެސް އަންނާނެ ކަމެއްނޫން. އަބަދުވެސް އިމްޕްރޫވް ކުރުން، ރަނގަޅު ކުރުމަކީ އަޅުގަނޑުމެން ކުރިމަތީ އަބަދުވެސް އޮންނާނެ ކަމެއް.

އެހެންވީމާ، އަޅުގަނޑު ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އެއްވެސް ކަމަކާ ފަހަތަށްނުޖެހޭނެކަން. އަޅުގަނޑުމެންގެ ކަންފަތްތަކަށް އަޑުއިވޭނެކަން. ލޮލަށް އިރާދަކުރެއްވިއްޔާ ފެންނާނެކަން ތިޔަބޭފުޅުންނަށް ފެނިގެންދާނެ. ކުރެވޭ މަސައްކަތްތަކުން ތިޔަބޭފުޅުންނަށް ފެނިގެންދާނެ. މަސައްކަތެއް ނުކުރެވި ހުއްޓިފައި އޮންނަ ހަމަ އެންމެ ދުވަހެއްވެސް ނުދޭ. އިރާދަކުރެއްވިއްޔާ ނުވެސްދާނެ.

އަޅުގަނޑު އެދެނީ، މިއަދު ފެށޭ މަސައްކަތް ވީހާވެސް އަވަހަކަށް ނިމި، ރައްޔިތުންނަށްވެސް މީގެ ފަސޭހަކަން ލިބި، މާލެ ނުވަތަ އައްޑޫ، ނޫނީ އެހެން ހިސާބަކަށް އިތުރު ފަރުވާއަކަށް، އެއްވެސް ދިމާއަކަށް ދާންޖެހޭ ޢަދަދު މަދުވެ، އެ ތަކުލީފު ކުޑަވެގެންދިޔުން. އަޅުގަނޑު އުންމީދު ކުރަން، މި ދެންނެވި ގޮތަށް، މުޅި ހުރިހާ މުއައްސަސާތަކެއް ގުޅިގެން ރަށުގައި މިހާރު މި ހިންގޭ ހުރިހާ ޕްރޮޖެކްޓްތަކެއް ރައްޔިތުން އެންމެ އެދޭގޮތަށް ކުރެވޭނެ ކަމަށް. އާދެ، ކޮންމެ ކަމެއްވެސް އަޅުގަނޑުމެން މިއަދު ކުރަންވާނީ، ރައްޔިތުން ބޭނުންވާގޮތަށްކަންވެސް އަޅުގަނޑު ހަމަ ހަނދުމަފުޅުކޮށް އަރުވަން ބޭނުންވޭ. މާޒީގެ ތަޖުރިބާގައި ކުރެވިފައި ހުރި ކަންތައްތައް އެންމެ ރަނގަޅަށް ބެލިގެން، ސުޕަރވައިޒް ކުރެވިގެން، އެންމެ ރަނގަޅަށް އެކަން ނުކުރެވި އޮތުމުގެ ސަބަބުން ދިމާވާ ދަތި އުނދަގޫތައް އަޅުގަނޑުމެންނަށް އެބަ ފެނޭ.

އެހެންވީމާ، މިއަދު މިކުރާ މަސައްކަތްތައް ރަނގަޅަށް ކުރެވޭނީ، އެންމެން އެކަމުގައި ކޮންޓްރިބިއުޝަން އޮވެގެން. އެހެންވީމާ، އަޅުގަނޑު ހަމަ ދަންނަވާލަން، އަޅުގަނޑުމެން އަޑުއަހާނަން. ރައްޔިތުން ކޮންމެ ވާހަކައެއް ދެއްކިޔަސް، އެ ވާހަކަ އަޑުއެހުމުގެ ޤާބިލުކަންވެސް އަޅުގަނޑުމެންގެ ހުންނާނެ. އެ ވާހަކަތައް އަޑުއަހާފައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަންތައްތައް ރަނގަޅުކުރާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ހުރިހާ އެންމެންނަށް ފުރިހަމަ ޞިއްޙަތެއް اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. އަދި އަޅުގަނޑުމެންނަށް އަދަށްވުރެ ފަހި، އުފާވެރި، ފާގަތި ދުވަސްތަކެއް މިންވަރު ކުރެއްވުން.