ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިޒް ޕެޓްރީޝިއާ އޭ. ބުޓެނިސްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އެމެރިކާއަކީ ރާއްޖޭގެ ތަރައްޤީގައި ވަރަށް މުހިންމު ޙިއްޞާއެއްވެދޭ ޤައުމެއްކަމަށް ވިދާޅުވިއެވެ. އަދި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތާބެހޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ދަތިތކާބެހޭގޮތުން ސަފީރަށް މަޢްލޫމާތު ދެއްވިއެވެ. މީގެއިތުރުން ރާއްޖެއަށް އެމެރިކާއިން އެހީތެރިވެދެއްވިދާނެ އެހެން ބައެއް ދާއިރާތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.
މިޒް ޕެޓްރީޝިއާ އޭ. ބުޓެނިސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދުގައި އޮންނަނީ ވަރަށް ގާތް ރަޙްމަތްތެރި ގުޅުމެއް ކަމަށް ވިދާޅުވެ، މިގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ހާމަކުރެއްވިއެވެ. އަދި، ކުރިއަށް އޮތް ތާނގައިވެސް، އެމެރިކާ ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ތަފާތު އެހީތައް ވެދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.